ކ. މާލެ
|
22 ޖުލައި 2025 | އަންގާރަ 09:38
 މި ފައިލް ފޮޓޯއިން ފެންނަނީ އިސްރާއީލުގެ އަޔަން ޑޯމް އެންޓި މިސައިލް ސިސްޓަމް މަސައްކަތް ކުރަމުންދާ ތަނެވެ.
މި ފައިލް ފޮޓޯއިން ފެންނަނީ އިސްރާއީލުގެ އަޔަން ޑޯމް އެންޓި މިސައިލް ސިސްޓަމް މަސައްކަތް ކުރަމުންދާ ތަނެވެ.
ރޮއިޓަރސް
އިސްރާއީލް-ޔަމަން ހަމަނުޖެހުން
އިސްރާއީލުން ޔަމަނަށް ބޮން އެޅުމާ އެކު ޔަމަނުން އިސްރާއީލަށް މިސައިލް ހަމަލާ އެއް ދީފި
އިސްރާއީލުން ޔަމަނުގެ ހުދައިދާ ބަނދަރަށް ހަމަލާދިނުމާ ގުޅިގެން، ޔަމަނުން އިސްރާއީލަށް ދިން ހަމަލާ އާ އެކު އިސްރާއީލުގެ ބޮޑު ސަރަހައްދަކަށް ސައިރަން އިންޒާރު ވަނީ ދީފައެވެ. ޣައްޒާގެ ހަނގުރާމައިގައި ފަލަސްތީނާއެކު އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން ހޫތީން މިފަދަ ހަމަލާތައް ދެމުން ދާއިރު، އިސްރާއީލުން ވެސް ޔަމަނުގެ އަމާޒުތަކަށް ހަމަލާތައް ދެމުން ގެންދެއެވެ.

އިސްރާއީލުން ޔަމަނުގެ ހުދައިދާ ބަނަދަރަށް ބޮން އެޅުމާ އެކު ޔަމަނުން އިސްރާއީލަށް މިސައިލް ހަމަލާ އެއް ދީފި އެވެ،

އިސްރާއީލު ސިފައިން އަންގާރަ ދުވަހު ބުނެފައި ވަނީ، ހޫތީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައިވާ ހުދައިދާ ބަނދަރަށް އިސްރާއީލުން ވައިގެ ހަމަލާތަކެއް ދިންތާ އެއްދުވަސް ފަހުން، ޔަމަނުން ފޮނުވާލި މިސައިލެއް ހުއްޓުވާލެވިފައިވާ ކަމަށެވެ.

އިސްރާއީލު ސިފައިން ޓެލެގްރާމްގައި ޝާއިޢުކުރި ބަޔާނެއްގައި ބުނެފައި ވަނީ، ހަމަލާ އާ ގުޅިގެން "އިސްރާއީލުގެ ބޮޑު ސަރަހައްދަކަށް ސައިރަންގެ އަޑު އިވުމަށްފަހު، ޔަމަނުން ފޮނުވާލި މިސައިލެއް އިސްރާއީލުގެ ވައިގެ ސިފައިން ހުއްޓުވައިފި،" ކަމަށެވެ.

މި ހަމަލާ އާ ބެހޭ ގޮތުން ހޫތީން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

އިރާނުގެ މަދަދު ލިބޭ ޔަމަނުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރާ ހޫތީ ޖަމާއަތުން އިސްރާއީލަށް މިސައިލާއި ޑްރޯން ހަމަލާ ދޭން ފެށިފަހުން، ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކަށް އިސްރާއީލުން ތަކުރާރުކޮށް ހަމަލާ ދީފައި ވެއެވެ. ހޫތީން ބުނެފައި ވަނީ އެ މީހުން ދޭ ހަމަލާތަކަކީ ޣައްޒާ ހަނގުރާމައިގައި ފަލަސްތީނު ރައްޔިތުންނާ އެއްބައިވަންތަކަން ފާޅުކުރުމުގެ ގޮތުން ދޭ ހަމަލާތަކެއް ކަމަށެވެ.

އިސްރާއީލުގެ ދިފާޢީ ވަޒީރު ޔޯއާވް ގައްލަންޓް ހޯމަ ދުވަހު ބުނެފައި ވަނީ، ހުދައިދާ ބަނދަރުގައި ހުރި ހޫތީ ޓެރަރިސްޓު ސަރުކާރުގެ ތަންތަނަށް ދިން ހަމަލާތަކުގެ މަޤްޞަދަކީ، ކުރިން ހަލާކުކޮށްލާފައިވާ އިންފްރާސްޓްރަކްޗަރ އަލުން ބިނާކުރުމަށް ކުރާ ކޮންމެ މަސައްކަތެއް ހުއްޓުވުން ކަމަށެވެ. އަދި "ޔަމަނަށް ވެގެންދާނީ ތެހެރާނަށް ވެގެން ދިޔަ ގޮތް" ކަމަށް ވެސް ބުނެފައި ވެއެވެ.

ނަން ނުޖެހުމަށް ޝަރުޠުކޮށް އެއެފްޕީއަށް މައުލޫމާތު ދިން ހޫތީ ސަލާމަތީ އޮފިޝަލެއް ބުނެފައިވަނީ، "ކުރިން ދިން ހަމަލާތަކަށްފަހު އަލުން ބިނާކޮށްފައިވާ ބަނދަރުގެ ޑޮކް، މިފަހަރު ބޮން އެޅުމުގެ ސަބަބުން ހަލާކުވެފައިވާ" ކަމަށެވެ.

ޣައްޒާ ގައި ކުރާ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް އިސްރާއީލަށް ބާރު އެޅުމުގެ ގޮތުން، އިސްރާއީލާ ގުޅުންހުރި ކަމަށް ތުހުމަތުކުރާ ބޯޓު ފަހަރަށް އަމާޒުކޮށް، ރަތްކަނޑާއި އަދަން ކަނޑުގައި ހޫތީން ވަނީ މި ފަހަކަށް އައިސް ވަރަށް ގާތްގާތުގައި ގެއްލުން ބޮޑު ހަމަލާތައް ދޭން ފަށާފައެވެ.

- ކޮމެންޓް