Advertisement
ކ. މާލެ
|
19 އޮކްޓޯބަރ 2025 | އާދީއްތަ 06:39
އެލްއެންޖީ ގޭސް ޓޭންކަރެއް ދަތުރު ކުރަނީ
އެލްއެންޖީ ގޭސް ޓޭންކަރެއް ދަތުރު ކުރަނީ
ގެޓީއިމޭޖަސް
ޔަމަން
ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ އެލް.އެން.ޖީ ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ
ޔަމަނުގެ ސަރަހައްދުން ދަތުރުކުރަމުންދިޔަ އެލް.އެން.ޖީ ޓޭންކަރެއްގައި އެއްޗެއް ގޮވައި އަލިފާންރޯވެ، އުޅަނދުގެ 26 ފަޅުވެރިންގެ ތެރެއިން 24 މީހުން ސަލާމަތްކުރެވުނު ނަމަވެސް 2 މީހުން ވަނީ ގެއްލިފައެވެ. ޙޫޘީ ޖަމާޢަތުން މި ހާދިސާގެ ޒިންމާ ނަގާފައި ނުވާއިރު، މިއީ އާންމުކޮށް އެ ޖަމާޢަތުން ހަމަލާދޭ ބާވަތުގެ އުޅަނދެއް ނޫންކަމަށް ބެލެވެއެވެ.

ޔަމަނުގެ ސަރަހައްދުން ދަތުރު ކުރަމުން ދިޔަ ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ) ޓޭންކަރެއް ގޮވައި އަލިފާން ރޯވެއްޖެ އެވެ.

ބްރިޓިޝް މެރިޓައިމް ސެކިއުރިޓީ ކުންފުންޏެއް ކަމަށްވާ އެމްބްރީ އަދި ޔޫރަޕިއަން ޔޫނިއަންގެ ކަނޑުގެ ބާރުން މަޢުލޫމާތު ދޭގޮތުގައި، ޓޭންކަރުގައި އެއްޗެއް ގޮވައި ރޯވި އިރު ޓޭންކަރު ދުއްވަމުން ދިޔައީ އަދަން ކަނޑު ގައެވެ.

އެމްބްރީ އިން ހާމަ ކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު އަދަން ކަނޑުގައި، ޔަމަނުގެ އައްސޭރީގައިވާ އަހްވާރުގެ ދެކުނުން 60 ނޯޓިކަލް މޭލު (110 ކިލޯމީޓަރު) ދުރުގައެވެ.

ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫ.ކޭ.އެމް.ޓީ.އޯ) އިން ބުނެފައި ވަނީ އުޅަނދުގައި "ގޮތް ނޭނގޭ އެއްޗެއް ޖެހި، އޭގެ ސަބަބުން އަލިފާން ރޯވެފައިވާ" ކަމަށެވެ. "އޮތޯރިޓީތަކުން މިކަން ތަޙުޤީޤު ކުރަމުން،" ގެންދާ ކަމަށް އެފަރާތުން ބުނެފައިވެއެވެ.

އެމްބްރީ އިން މި އުޅަނދާ ބެހޭ ގޮތުން ބުނީ މިއީ ކެމަރޫނުގެ ދިދަ ނަގާފައިވާ، އޮމާނުގެ ސޮހާރުން ޖިބޫތީއަށް ދަތުރު ކުރަމުންދިޔަ ޓޭންކަރެއް ކަމުގައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކަނޑުގެ ބާރު އެސްޕީޑްސް އިން ބުނެފައި ވަނީ ގޮވުމުގެ ސަބަބު އަދި ސާފުނުވާ ކަމަށެވެ. އެފަރާތުން އިތުރަށް ބުނެފައި ވަނީ ފުރަތަމަ ލިބުނު މަޢުލޫމާތު ތަކަށް ބަލާއިރު، އުޅަނދުގެ 15 އިންސައްތައިގައި އަލިފާން ރޯވެފައިވާ ކަމަށެވެ.

އެފަރާތުން ބުނެފައި ވަނީ އެމް.ވީ ފަލްކަންގެ 26 ފަޅުވެރިންގެ ތެރެއިން 24 މީހުން ސަލާމަތް ކުރެވިފައިވާ ކަމަށާއި، 2 މީހުން ގެއްލިފައިވާކަމަށް ރިޕޯޓުކުރެވިފައިވާ ކަމަށެވެ. ސަލާމަތް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެފަރާތުން ބުނެފައިވެއެވެ.

އެމްބްރީ އިން ފާހަގަކޮށްފައި ވަނީ މި އެލް.އެން.ޖީ ޓޭންކަރަކީ އާންމުކޮށް އެ ސަރަޙައްދުގައި ޔަމަނުގެ ޙޫޘީ ޖަމާއަތުން ހަމަލާދޭ ބާވަތުގެ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ އުޅަނދެއް ނޫން ކަމަށެވެ.

ސަބާ ނިއުސް އޭޖެންސީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ޙޫޘީންގެ ދިފާޢީ ވުޒާރާގެ އޮފިޝަލެއް ބުނެފައިވަނީ ހޮނިހިރު ދުވަހު ހިނގި މި ހާދިސާއާ އެ ފަރާތުގެ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ކުރީގައި ޙޫޘީ ޖަމާޢަތުން ވަނީ ރަތްކަނޑުގައި ދުއްވާ އުޅަނދުތަކަށް އަސްކަރީ ޙަމަލާތަކެއް ދީފައެވެ. މިއީ އިސްރާއީލުން ޣައްޒާ ގައި ހިންގަމުން ދިޔަ ހަނގުރާމައާ ގުޅިގެން ފަލަސްތީނު ރައްޔިތުންނާ އެއްބައިވަންތަ ކަން ހާމަ ކުރުމުގެ ގޮތުން ދެމުން ދިޔަ ހަމަލާތަކެއް ކަމަށް އެ ޖަމާއަތުން ބުނެފައިވެއެވެ.

2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މި ޖަމާޢަތުން ވަނީ ރަތްކަނޑުގައި ދުއްވާ އުޅަނދުތަކަށް ގިނަ ޙަމަލާތަކެއް ދީފައެވެ. އެ ޖަމާޢަތުން ހަމަލާ ދިން ކަމަށް ބުނަނީ އިސްރާއީލާ ގުޅުން ހުރި ކަމަށް ނުވަތަ އިސްރާއީލަށް އެހީތެރިވާ ކަމަށް އެ ފަރާތުން ދެކޭ އުޅަނދުތަކަށެވެ.

ނަމަވެސް އޮކްޓޯބަރު 10 ގައި ޣައްޒާގައި އިސްރާއީލާއި ޙަމާސްއާ ދެމެދު ހަނގުރާމަ ހުއްޓުނު ފަހުން އެއްވެސް ޙަމަލާއެއްގެ ޒިންމާ އެ ޖަމާޢަތުން ނަގާފައެއް ނުވެއެވެ.

އެ ޖަމާޢަތުން އެންމެ ފަހުން ދިން ޙަމަލާގައި ސެޕްޓެމްބަރު 29 ގައި ނެދަލޭންޑްސްގެ ދިދަ ނަގާފައިވާ އާގު ބޯޓަކަށް ދިން ހަމަލާގައި، އެ އުޅަނދުގެ ފަޅުވެރިއެއް މަރުވެ، އިތުރު ފަޅުވެރިއަކު ޒަޚަމްވިއެވެ. ކަނޑުގައި ދުއްވާ އުޅަނދުތަކަށް ޙޫޘީން ދިން ޙަމަލާތަކުގައި މަދުވެގެން 9 ފަޅުވެރިން މަރުވެފައިވާއިރު، 4 އުޅަނދު ފެތިފައިވެއެވެ.

ފާއިތުވި މަސްތަކުގައި އިސްރާއީލުން ވަނީ ޙޫޘީންގެ އަމާޒުތަކަށް ކަމަށް ބުނެ ޔަމަނަށް ތަކުރާރުކޮށް ޙަމަލާދީފައެވެ. މި ޙަމަލާތަކުގައި ގިނަ އަދަދަކަށް ޔަމަނުގެ އާންމުން މަރުވެފައިވެއެވެ. ޙޫޘީން ވަނީ އިސްރާއީލަށް މިސައިލްތައް ފޮނުވާފައެވެ. އޭގެ ގިނަ މިސައިލްތައް އިންޓަސެޕްޓް ކުރެވުނު ނަމަވެސް، ބައެއް މިސައިލްތައް ވަނީ އިސްރާއީލަށް އެމެރިކާ އިން ފޯރުކޮށްދީފައިވާ ވައިގެ ދިފާޢީ ނިޒާމުތައް ފަހަނައަޅައި ގޮސް، އެ ޤައުމުގެ ވައިގެ ބަނދަރުތަކަށް ގެއްލުން ދީ، އެތައް ބަޔަކު ޒަޚަމްވެފައެވެ.

ބުރާސްފަތި ދުވަހު އިސްރާއީލުން ވަނީ ޙޫޘީ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް މުޙައްމަދު ޢަބްދުލްކަރީމް އަލްޣަމާރީ ޝަހީދު ކޮށްލުމުގެ ޒިންމާ ނަގާފައެވެ.

މި ހާދިސާ އާ ގުޅިގެން ޙޫޘީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިސްރާއީލާ އެކު އޮތް ހަނގުރާމަ ނިމިފައި ނުވާ ކަމަށާއި، އިސްރާއީލުން ކޮށްފައިވާ ކުށްތަކަށް "ބިރުވެރި އަދަބު" އެ ޤައުމަށް ލިބޭނެ ކަމަށެވެ.

އޯގަސްޓު މަހު އިސްރާއީލުން ޔަމަނަށް ދިން ޙަމަލާ ތަކުގައި ޙޫޘީން ހިންގާ ސަރުކާރުގެ ބޮޑުވަޒީރާއި އެހެން ބައެއް ވަޒީރުން އަވަހާރަވިއެވެ.

- ކޮމެންޓް