ޣައްޒާ ހިފުމަށް އިސްރާއީލުން ދެމުންދާ ހަމަލާތައް

  • ޣައްޒާގައި ތިބި އެހީދޭ ގިނަ ޖަމާއަތްތަކާއި ގުޅުން ކެނޑިއްޖެ
  • އިސްރާއީލާ ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ތިން ސަރަހައްދެއްގައި އަންނަނީ ބަދަލުކުރަމުން
  • އިސްރާއީލާއެކު އެއްވެސް މަޝްވަރާއެއް ކުރިޔަށްނުދާކަމަށް ހަމާސް އިން ބުނެފި
 
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގައި ތިބި އެހީދޭ ގިނަ ޖަމާއަތްތަކާއި ގުޅުން ކެނޑިއްޖެ

ޣައްޒާގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ގިނަ ޖަމާއަތްތަކުގެ މުވައްޒަފުންނާއި ގުޅުން ކެނޑިފައިވާކަމަށް އެޖަމާއަތްތަކުން ބުނެފިއެވެ.

އެގޮތުން ފަލަސްތީން ރެޑް ކްރެސެންޓް، ޑޮކްޓާސް ވިތައުޓް ބޯރޑަސް، އެކްޝަން އެއިޑް ޔޫކޭ ފަދަ ތަންތަނުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަނެއްކޮޅުން ޑަބްލިޔުއެޗްއޯގެ ޗީފް ޓެޑްރޯސްވެސް ވަނީ ޑަބްލިޔުއެޗްއޯގެ މުވައްޒަފުންނާއި ގުޅުން ކެނޑިފައިވާކަން ހާމަކޮށް ބަލި މީހުންގެ ރައްކާތެރިކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 03:55
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލާ ހަމާސްގެ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ތިން ސަރަހައްދެއްގައި އަންނަނީ ބަދަލުކުރަމުން

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި ހަމާސްގެ އަލް ޤައްސާމް ބްރިގޭޑް އާއި އިސްރާއީލު ސިފައިންނާ ދެމެދު ވަރުގަދަ ހަމަލާ ބަދަލުކުރުންތަކެއް ތިން ސަރަހައްދެއްގައި އަންނަނީ ހިނގަމުންނެވެ.

މީގެކުޑަވަގުތުކޮޅެއް ކުރިން ހަމަލާތައް މެދުކެނޑުނުނަމަވެސް މިހާރު އަނެއްކާ ބޯޑަރު ސަރަަހައްދުގައި ވަރުގަދަ ހަމަލާތައް ދެމުންދާކަމަށް ބުނެފައިވެއެވެ.

އެގޮތުން ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދެމުންދާކަމަށް ބުނެފައިވެއެވެ. ހަމާސްއާ ހަވާލާދީ ބުނެފައިވަނީ ބޯޑަރު ސަރަހައްދުގައި ތިން ދިމާލެއްގައި ހަމަލާތައް ކުރިޔަށްދާކަމަށެވެ. އެއީ އިރުމަތީ ސަރަހައްދާއި ޣައްޒާ ސިޓީގެ އިރުމައްޗާއި ޣައްޒާ ސްޓްރިޕްގެ އުތުރު ސަރަހައްދެވެ.

ހަމަލާތައް ވަރަށް ވަރުގަދަކަމަށްވެސް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 03:48
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލާއެކު އެއްވެސް މަޝްވަރާއެއް ކުރިޔަށްނުދާކަމަށް ހަމާސް އިން ބުނެފި

ހަނގުރާމަ ހުއްޓާލުމަށާއި ޖަލުގައި ތިބި މީހުން ދޫކޮށްލުމާއި ގުޅޭގޮތުން އިސްރާއީލާ އެކު އެއްވެސް މަޝްވަރާއެއް މިހާރު ކުރިޔަށްނުދާކަމަށް ހަމާސްގެ ސްޕޯކްސްމަން އުސާމާ ހަމްދާން ބުނެފިއެވެ.

އެފަދަ ވާހަކަތަކެއް ކުރިން ދެކެވުނު ކަމަށާއި ނަމަވެސް ޣައްޒާއަށް އިސްރާއީލުން ދޭ ހަމަލާތައް ވަރުގަދަވުމާއެކު މިހާރު ވާހަކަތައް ކުރިޔަށްނުދާކަމަށް ވަނީ ބުނެފައެވެ.

ހަމްދާން އިތުރަށް ބުނީ އިސްރާއީލުގެ ސިފައިންގެ ފައުޖުތައް އަންނަނީ ޣައްޒާގެ ބޯޑަރު ސަރަަހައްދާ އެކި ދިމަދިމާލުން ކައިރިވަމުންނެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 03:44
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުގެ ދެކުނު ސިޓީ ސައިރަންގެ އަޑުން ގުގުމާލާފައި

އިސްރާއީލުން ދެމުންދާ ހަމަލާތައް މިރޭ ވަރުގަދަވެފައިވާއިރު އިސްރާއީލުގެ ދެކުނުގައި އޮންނަ ސިޓީއެއްކަމުގައިވާ އެޝްކެލޮން އަށް އަމާޒުކޮށް އަންނަ ރޮކެޓް ހަމާލަތަކުގެ ސަބަބުން ސައިރަންގެ އަޑު ގަދަވެފައިވާކަމަށް އެސިޓީގައި ހުންނަ ބީބީސީގެ ރިޕޯޓަރ ބުނެފިއެވެ.

ބީބީސީގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެހެން ރޭ ތަކާއި ޚިލާފަށް މިރޭ އެޝްކެލޮން އިން ހަނގުރާމަ މަތީ ބޯޓުތައް ދަތުރުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. އަދި އެޝްކެލޮންގެ ހޮޓެލެއްގައި ތިބި އެތައް ސަތޭކަ ބަޔަކު ވަނީ އެތަނުން ހުސްކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިކަމަށް ބީބީސީން ރިޕޯޓްކޮށްފައިވެއެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 03:41
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުގެ އަސްކަރިއްޔާ ޣައްޒާއަށް އެތެރެވެފައިވާކަމަށް އިސްރާއީލުން ބުނެފި

އިސްރާއީލުގެ ބައެއް ޓޭންކަރުތައް ޣައްޒާ ތެރެއަށް ވަދެފައިވާކަމަށް ނިއު ޔޯރކްޓައިމްސް އާ ވާހަކަދައްކަމުން އިސްރާއީލުގެ އަސްކަރިއްޔާގެ ސްޕޯކްސްމަން ބުނެފިއެވެ.

ހަމަލާތައް މިރޭ ވަރުގަދަކޮށްފައިވާއިރު އިސްރާއީލުގެ އަސްކަރިއްޔާގެ ފައުޖުތައް ޣައްޒާއަށް އެއްގަމު މަގުން ވަދެފައިވާކަމަށް އިސްރާއީލުން ބުނިނަމަވެސް މިއީ އެއްގަމު މަގުން އެރުމަށް އިސްރާއީލުން ހިންގާ އޮޕަރޭޝަންގެ ފެށުންކަމަށް ސްޕޯކްސްމަން ނުބުނާކަމަށް ރިޕޯޓްތައް ބުނެއެވެ.

ނިއު ޔޯރކް ޓައިމްސް ގައި ބުނެފައިވަނީ އިސްރާއީލުގެ ސިފައިންގެ ފައުޖުތަކާއި ޓޭންކުތައް އިއްޔެއިން ފެށިގެން ޣައްޒާގެ އެތެރޭގައި ތިބިކަމަށެވެ.

ހަމާސް އިން މިރޭ ބުނެފައިވަނީ ޣައްޒާގެ އުތުރުގެ ދެ ސަރަހައްދެއްގައި އިސްރާއީލުގެ އަސްކަރިއްޔާ އާ ދެމެދު ވަރުގަދަ ހަމަލާ ބަދަލުކުރުންތަކެއް ކުރިޔަށްދާކަމަށެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 03:32
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން ޣައްޒާއަށް ވަދެގަތުމަށް ދޭ ހަމަލާތަކަށް ފަލަސްތީނުގެ ފައުޖުތައް އޮތީ ތައްޔާރަށްކަމަށް ހަމާސް އިން ބުނެފި

އިސްރާއީލުން ޣައްޒާގެ އެތެރެއަށް ވަދެގަތުމަށް ކުރަމުންދާ މަސައްކަތްތައް ނާކާމިޔާބުކޮށްލުމަށް ހަމާސްގެ އަލް ޤައްސާމް ބްރިގޭޑާއި ފަލަސްތީނުގެ ހުރިހާ ފައުޖުތައް އޮތީ ތައްޔާރަށްކަމަށް ހަމާސްގެ ސިޔާސީ އޮފިޝަލެއް ކަމުގައިވާ އިއްޒަތު އަލް-ރާޝިގް ބުނެފިއެވެ.

އިއްޒަތު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަމާސްގެ އަސްކަރީ ގޮފި އޮތީ އިސްރާއީލުގެ ހަމަލާތަކަށް ރައްދުދިނުމަށް ވަރުގަދަ އަށް ތައްޔާރުވެގެންނެވެ. އަދި ނަތަންޔާހޫ އާއި އޭނާގެ ފައުޖުތަކަށް އެމީހުން ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލުނުވާނެކަމަށްވެސް ބުނެފައިވެއެވެ.

އަދި އިސްރާއީލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ހަމަލާދެމުންދާއިރު ފޯނާއި އިންޓަރނެޓްގެ ޚިދުމަތް މެދެކނޑާލާ، ފެނާއި ކާނާއި ތެޔޮ އެތެރެކުރުން ހުއްޓުވާފައި އޮތްއޮތުމަކީ ހުޅަނގުން ވާގިވެރިވެގެން އިސްރާއީލުން ހިންގާ ހަނގުރާމައިގެ ޖަރީމާކަމަށްވެސް ބުނެފައިވެއެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 03:25
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުގެ ގިނަ ހަމަލާތަކެއް އަލް-ޝިފާ ހޮސްޕިޓަލާއި އިންޑޮނޭޝިއަން ހޮސްޕިޓަލާ ކައިރި ހިސާބުތަކަށް އަމާޒުކޮށްފި

އިސްރާއީލުން ޣައްޒާއަށް މެދު ކެނޑުމެއްނެތި ހަމަލާތައް ދެމުންދާއިރު ގިނަ ހަމަލާތަކެއް ޣައްޒާގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލާއި އިންޑޮނޭޝިއަން ހޮސްޕިޓަލް އަދި ބްރެއިޖް ރެފިޔުޖީ ކޭމްޕާ ކައިރި ހިސާބުތަކަށް އަމާޒުކުރަމުންދާކަމަށް އަލް ޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

މުޅި ޣައްޒާއިން މުވާސަލާތީ ޚިދުމަތް މެދުކެނޑިފައިވާއިރު ހަމަލާތަކުގައި ޒަޚަމްވާ މީހުންނަށް އެމަރޖެންސީ ޚިދުމަތް ހޯދުމަށް ގުޅޭނެ ގޮތެއް ވަނީ ނެތިފައެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 03:06
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ ތިބި ސިއްހީ ޚިދުމަތްތެރިންނާ ގުޅުން ކެނޑިފައިވާކަމަށް އިންޓަރނޭޝަނަލް މެޑިކަލް ޗެރިޓީ ޑޮކްޓާސް ވިތައުޓް ބޯޑަރސް އިން ބުނެފި

ޣައްޒާގެ މިހާރުގެ ހާލަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވާކަމަށް އިންޓަރނޭޝަނަލް މެޑިކަލް ޗެރިޓީ ޑޮކްޓާސް ވިތައުޓް ބޯޑަރސް އިން ބުނެފިއެވެ.

އެޖަމާއަތުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޣައްޒާގައި ހަރަކާތެރިވާ ސްޓާފުންނާ ގުޅުން ކެނޑިފައިވާކަމަށެވެ. އަދި ބަލި މީހުންނާއި މެޑިކަލް ސްޓާފުންނާއި އަލް ޝިފާ ހޮސްޕިޓަލުގައި ބޯހިޔާވަހިކަން ހޯދަމުންދާ އެތައް ހާސް އާއިލާއެއްގެ ރައްކާތެރިކަމާމެދު ކަންބޮޑުވާކަމަށެވެ. މީގެއިތުރުން ޣައްޒާގެ އާންމު ރައްޔިތުންނާއި ސްޓާފުންނާއި ސިއްހީ ޚިދުމަތްތެރިންނަށް ރައްކާތެރިކަން ދިނުމަށް ވަނީ ގޮވާލާފައެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 03:02
Writer Profile Picture
އާއިޝަތު ޝިއުރާ
ލުބުނާންގައި ތިބި އެމެރިކާގެ ރައްޔިތުން މިހާރުން މިހާރަށް ލުބުނާން ދޫކޮށްދާން ލުބުނާންގައި ހުންނަ އެމެރިކާގެ އެމްބަސީން އަންގައިފި

ލުބުނާންގައި ތިބި އެމެރިކާގެ ރައްޔިތުން މިހާރުން މިހާރަށް ލުބުނާން ދޫކޮށްދާން ލުބުނާންގައި ހުންނަ އެމެރިކާގެ އެމްބަސީން އަންގައިފިއެވެ.

އިސްރާއީލުން ޣައްޒާއަށް ހަމަލާދެމުންދާއިރު ލުބުނާންގައި ހަރަކާތްތެރިވާ ހިޒްބުﷲ ޖަމާއަތާއި އިސްރާއީލާ ދެމެދުވެސް ހަމަލާ ބަދަލުކުރުންތައް ވަނީ ކުރިޔަށްދާން ފަށާފައެވެ. އަދި އެކަން ވަނީ ފުޅާވާން ފަށާފައެވެ.

އެކަމާއި ގުޅިގެން އެމެރިކާގެ ސަރުކާރުން ވަނީ ހާލަތު އިތުރަށް ގޯސްވެ ކޮމާޝަލް ފްލައިޓް ތައް އޮޕަރޭޓްނުކުރެވޭ ވަރަށް ހާލަތު ގޯސްނުވަނީސް ވީ އެންމެ އަވަހަކަށް ލުބުނާން ދޫކޮށްދިޔުމަށް އަންގާފައެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 02:55
Writer Profile Picture
އާއިޝަތު ޝިއުރާ
މިރޭގެ ހަމަލާތަކަކީ އެއްގަމު މަގުން ހިންގާ އޮޕަރޭޝަނަށް ފަސޭހަވާގޮތަށް ކަންކަން ބައްޓަންކުރުމަށް ދޭ ހަމަލާތަކެއްކަމަށް އިސްރާއީލުން ބުނެފި

އިސްރާއީލުގެ އަސްކަރިއްޔާގެ ސްޕޯކްސްޕާސަން އޭބީސީ ނިއުސް އާ ވާހަކަދައްކަމުން ބުނީ މިރޭގެ ހަމަލާތަކަކީ ޣައްޒާއަށް އެއްގަމު މަގުން ހަމަލާދިނުމަށް ކަންކަން ފަސޭހަކުރުމަށް ކުރިޔަށްގެންދާ ހަމަލާތަކެއްކަމަށެވެ.

އެގޮތުން ހަމާސްގެ ހަނގުރާމަވެރިން ތިބޭ ތަންތަނާއި ހަނގުރާމަވެރިން އިސްރާއީލުގެ ހަރަކާތްތައް ދެނެގަންނަ ތަންތަން އަމާޒުކޮށް މިރޭގެ ހަމަލާތައް ދީފައިވާކަމަށް ބުނެފައިވެއެވެ. އަދި އެއްގަމު މަގުން އަރާއިރު ފަސޭހައިން އެއޮޕަރޭޝަން ކުރިޔަށްގެންދިޔުމަށް މަގުފަހިކުރުމަށް ނުރައްކާ ދިމާވާނެ ދިމަދިމާ ނައްތާލުމަށް ކުރިޔަށްގެންދާ ހަމަލާތަކެއްކަމަށްވެސް ބުނެފައިވެއެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 02:37
Writer Profile Picture
އާއިޝަތު ޝިއުރާ
އދ ގެ ގަރާރަށް ހަމާސް އާއި ފަލަސްތީނިއަން އޮތޯރިޓީން މަރުޚަބާ ކިޔައިފި

ހަނގުރާމަ ހުއްޓާލާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ އދ ން މިރޭ ފާސްކުރި ގަރާރަށް ހަމާސް އާއި ފަލަސްތީނިއަން އޮތޯރިޓީން މަރުހަބާ ކިޔައިފިއެވެ.

ހަމާސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގަރާރުގައި ބުނެފައިވާ ގޮތަށް ވަގުތުން އަމަލުކޮށް ތެލާއި އިންސާނީ އެހީތެރިކަން ޣައްޒާއަށް ފޯރުކޮށްދިނުމަށް ގޮވާލާކަމަށެވެ.

ފަލަސްތީނިއަން އޮތޯރިޓީން ބުނީ އިސްރާއީލުގެ އަނިޔާވެރިކަން އިތުރު ލެވެލް އަކަށް ގޮސްފައިވާކަމަށާއި ބައިނަލްއަގްވާމީ މުޖުތަމައުން އިސްރާއީލުގެ އަނިޔާވެރިކަމާއި ދެކޮޅު ހަދާފައިވާކަމަށެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 02:33
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގައި ތިބި ޔުނިސެފްގެ ސްޓާފުންނާ ގުޅުން ކެނޑިފައިވާކަމަށް ޔުނިސެފުން ބުނެފި

ޔުނިސެފްގެ ޗީފް ކެތެރިން ރަސަލް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޣައްޒާގައި ތިބި އެޖަމިއްޔާގެ ސްޓާފުންނާ ގުޅުންކެނޑިފައިވާކަމަށެވެ.

އަދި ޣައްޒާގައި ދިރިއުޅޭ 1 މިލިއަން ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 02:24
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ އުތުރުގައި އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް މަދު: އަލްޖަޒީރާ

އަލްޖަޒީރާއިން ރިޕޯޓްކުރާ ގޮތުގައި އިސްރާއީލުގެ އަސްކަރީ ހަރަކާތްތައް ޣައްޒާގެ އުތުރުގައި މިވަގުތު ވަނީ މަދުވެފައެވެ.

ވައިގެ މަގުން ޣައްޒާގެ އުތުރަށް ދޭ ހަމަލާތައް އިސްރާއީލުން ވަނީ ވަރުގަދަކޮށްފައެވެ. ނަމަވެސް މިއީ އިސްރާއީލުން ޣައްޒާއަށް އެއްގަމު މަގުން އެރުމަށްވާ ތައްޔާރީތަކެއްގެ ގޮތުގައި ނުބެލެވޭކަމަށް ޣައްޒާގައި ހުރި ރިޕޯޓަރާއި ހަވާލާދީ އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ނަމަވެސް އަދި އިސްރާއީލުން ކުރަން އުޅޭކަމެއް ނޭންގޭކަމަށާއި އެކަން ދެނެގަންނަން ވަގުތުނަގާނެކަމަށް ވަނީ ބުނެފައެވެ.

އިސްރާއީލުގެ ވަރުގަދަ ހަމަލާތަކެއް މިރޭ ޣައްޒާއަށް ދެ ގަޑިއިރަށްވުރެ ގިނައިރު ވަންދެން ވަނީ ދީފައެވެ. އަދި މުޅި ޣައްޒާއިން މޯބައިލް ފޯނާއި އިންޓަރނެޓްގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 02:17
Writer Profile Picture
އާއިޝަތު ޝިއުރާ
ރޮއިޓަރސް އާއި އޭއެފްޕީގެ ނޫސްވެރިންނަށް ރައްކާތެރިކަން ދެވޭނެކަމުގެ ޔަގީންކަންނުދެވޭނެކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފި

އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ހަރަކާތްތެރިވާ ރޮއިޓަރސް އާއި އޭއެފްޕީގެ ނޫސްވެރިންނަށް ރައްކާތެރިކަން ދޭނެކަމުގެ ޔަގީންކަންނުދެވޭނެކަމަށް ބުނެފިއެވެ.

އިސްރާއީލުން ވަރުގަދަ ވައިގެ ހަމަލާތަކެއް ޣައްޒާއަށް ދެމުންދާއިރު އެއްގަމު މަގުން ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންދިޔުމަށް ރާވަމުންދާކަމަށް އިސްރާއީލު އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އެއާގުޅިގެން އިސްރާއީލު އަސްކަރިއްޔާއިން ރޮއިޓަރސް އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ އެ މީޑިޔާ އޯގަނައިޒޭޝަންގެ މުވައްޒަފުންނަށް ސަލާމަތާއި ރައްކާތެރިކަން ދެވޭނެކަމުގެ ޔަގީންކަން ނުދެވޭނެކަމަށާއި ނަމަވެސް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަށް ވަނީ އެދިފައެވެ.

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ފަހުން މިހާތަނަށް 29 ނޫސްވެރިއަކު ވަނީ ހަމަލާތަކުގައި މަރުވެފައެވެ. އޭގެތެރޭގައި ރޮއިޓަރސްގެ ނޫސްވެރިއެއްކަމުގައިވާ އިސާމް އަބްދުﷲވެސް ހިމެނެއެވެ.

އިސްރާއީލުގެ ހަމަލާތައް އަމާޒުކުރަމުންދަނީ ހަމައެކަނި ނޫސްވެރިންނަކަށް ނޫނެވެ. އެމީހުންގެ އާއިލާތަކަށް އަމާޒުކޮށްވެސް އަންނަނީ ހަމަލާދެމުންނެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 02:10
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ އުތުރަށް އެއްގަމު މަގުން އަރަން އިސްރާއީލުން ކުރާ މަސައްކަތް ނާކާމިޔާބުކޮށްލާފައިވާކަމަށް ހަމާސް އިން ބުނެފި

ހަމާސްގެ އަސްކަރީ ވިިންގު، ބައްސާމް ބްރިގޭޑްސް އިން ބުނާގޮތުގައި ޣައްޒާގެ އުތުރަށް އިސްރާއީލުން އެއްގަމު މަގުން އަރަން ކުރާ މަސައްކަތް ވަނީ ނާކާމިޔާބުކޮށްލާފައެވެ. އެސަރަހައްދުގައި ވަރުގަދަ ހަމަލާބަދަލުކުރުންތަކެއް ކުރިޔަށްދާކަމަށް ހަމާސް އިން ބުނެއެވެ.

ހަމާސްގެ ސީނިއަރ އޮފިޝަލް އޮސާމާ ހަމްދާން ބުނީ އިސްރާއީލުން މަސައްކަތްކުރަމުންދަނީ ޚިޔާލީ ނަސްރެއް ހޯދުމަށް އެމަންޒަރު ދެއްކުމަށްކަމަށެވެ. އަދި މުޅި ޣައްޒާއިން ފޯނާއި އިންޓަރނެޓްގެ ޚިދުމަތް ކަނޑާލީ އިސްރާއީލުން ޣައްޒާއަށް ހިންގަމުންދާ ލާއިންސާނީ އަމަލުރައް ދުނިޔެއަށް ފޮރުވާ ޖަވާބުދާރީކުރެވޭނެ ހުރިހާ ގޮތްތަކެއް ބަންދުކުރުމަށްކަމަށްވެސް ހަމްދާން ބުންޏެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 02:04
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓާލާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ ގަރާރެއް އަދ ން ފާސްކޮށްފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލާ ގަރާރެއް އަދ ން ފާސްކޮށްފިއެވެ. އުރުދުން އިން ހުށަހެޅި މިގަރާރު ފާސްވެފައިވަނީ 120 ވޯޓުންނެވެ. ގަރާރާ ދެކޮޅަށް 14 ގައުމަކުން ވޯޓު ދީފައިވާއިރު އެއްވެސް ކޮޅަކަށް ވޯޓު ނުދޭތިބީ 45 ގައުމެވެ.

މިގަރާރުގައި ގޮވާލާފައިވަނީ ހަނގުރާމަ ހުއްޓާލާ ވީއެންމެ އަވަހަކަށް އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދިނުމަށެވެ. އެގޮތުން ފެނާއި ކާނާއި ތެޔޮ އެތެރެކުރުމަށްވެސް ގޮވާލާފައިވެއެވެ. ތެޔޮ ޣައްޒާއަށް އެތެރެކުރުން އިސްރާއީލުން ވަނީ މަނާކޮށްފައެވެ.

ގަރާރާ ދެކޮޅަށް ވޯޓު ދިން ގައުމުތަކުގެ ތެރޭގައި ހިމެނެނީ އެމެރިކާ، އިސްރާއީލު، އޮސްޓްރިއާ، ކްރޮއޭޝިޔާ، ޗެކް ރިޕަބްލިކް، ގުއާޓަމާލާ، ހަންގޭރީ، މާރޝަލް އައިލެންޑްސް، ޕެރަގުއޭ، ޓޮންގޯ އެވެ.

އެއްވެސް ކޮޅަކަށް ވޯޓުނުދޭ ގައުމުތަކުގެ ތެރޭގައި ޖަރމަނީ، އިނގިރޭސިވިލާތް އަދި ކެނެޑާ ހިމެނެއެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 01:54
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމަލާތައް ހުއްޓާލައިގެން ނޫނީ ގައިދީން މިނިވަނެއް ނުކުރެވޭނެ: ހަމާސް
28 އޮކްޓޯބަރ 2023 | ހޮނިހިރު 01:45
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާއިން މޯބައިލް ފޯނާއި އިންޓަރނެޓްގެ ޚިދުމަތް މެދުކެނޑިފައި

އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާއިރު މުޅި ޣައްޒާއިން މޯބައިލާއި އިންޓަރނެޓްގެ ޚިދުމަތް މެދުކެނޑިއްޖެއެވެ. އިސްރާއީލުގެ ހަމަލާތައް މިރޭ ވަނީ ވަރަށް ވަރުގަދަކޮށްފައެވެ.

28 އޮކްޓޯބަރ 2023 | ހޮނިހިރު 01:34