ޣައްޒާ ހިފުމަށް އިސްރާއީލުން ދެމުންދާ ހަމަލާތައް

  • ނަސްރު ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ހަމާސްގެ ވެރިޔާ ބުނެފި
  • ހަމާސްގެ އަތްދަށުގައި ހުރި އަސީރެއް މަރުވެފައި އޮއްވާ ފެނިފައިވާކަމަށް އިސްރާއީލުން ބުނެފި
  • އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ފަހުން ފަލަސްތީނުގެ 2760 ރައްޔިތުން އިސްރާއީލުން ހައްޔަރުކޮށްފި
 
Writer Profile Picture
އާއިޝަތު ޝިއުރާ
ނަސްރު ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ހަމާސްގެ ވެރިޔާ ބުނެފި

އިސްރާއީލުން ޣައްޒާ ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ހަމާސް އަށް ނަސްރު ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ހަމާސްގެ ވެރިޔާ އިސްމާއީލު ހަނިއްޔާ ބުނެފިއެވެ.

ހަނިއްޔާ ބުނީ އިސްރާއީލުން ބޭނުންވަނީ ހަނގުރާމަ ދިގުދަންމަން ކަމަށްވާނަމަ އެކަމަށްވެސް ތައްޔާރުކަމަށާއި އެކަމުގެ ގާބިލުކަން އެބަހުރިކަމަށެވެ. ހަނިއްޔާ ބުނީ ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ ޕްލޭންތައް ނާކާމިޔާބުކޮށްލާފައިވާކަމަށެވެ.

އިސްރާއީލަށް ޣައްޒާގައި ހާސިލުކުރަން ބޭނުންވާ އެއްވެސް ކަމެއް ހާސިލުނުވާކަމަށާއި އަސީރުންވެސް މިނިވަންކޮށްގެން ނުގެންދެވޭކަމަށް ހަނިއްޔާ ބުންޏެވެ.

17 ނޮވެންބަރ 2023 | ހުކުރު 03:14
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމާސްގެ އަތްދަށުގައި ހުރި އަސީރެއް މަރުވެފައި އޮއްވާ ފެނިފައިވާކަމަށް އިސްރާއީލުން ބުނެފި

ހަމާސްގެ އަތްދަށުގައި ހުރި އަސީރެއް އައްޝިފާ ހޮސްޕިޓަލާއި ކައިރީގައި ހުރި އިމާރާތެއްގައި މަރުވެފައި އޮއްވާ ފެނިފައިވާކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލު އަސްކަރިއްޔާގެ ސްޕޯކްސްމަން ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 60ގެ އަހަރުތައް ގުނަމުންދާ އަންހެނެއްކަމަށެވެ. އެމީހާ މަރުވީ ކިހިނެއްކަމެއް އިސްރާއީލުން ބުނެއެވެ.

17 ނޮވެންބަރ 2023 | ހުކުރު 03:09
Writer Profile Picture
އާއިޝަތު ޝިއުރާ
އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ފަހުން ފަލަސްތީނުގެ 2760 ރައްޔިތުން އިސްރާއީލުން ހައްޔަރުކޮށްފި

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ފަހުން މިހާތަނަށް އިސްރާއީލުން ފަލަސްތީނުގެ 2760 ރައްޔިތުން ހައްޔަރުކޮށްފައިވާކަމަށް ފަލަސްތީނިއަން ޕްރިޒަނަރސް ސޮސައިޓީން ބުނެފިއެވެ.

މީގެތެރޭގައި ހިމެނެނީ އެމީހުންގެ ގެތަކުގައި ތިއްބާ ގޮސް ހައްޔަރުކުރި މީހުންނާއި، ޗެކް ޕޮއިންޓްތަކުން ހައްޔަރުކުރި މީހުންނާއި ހައްޔަރުވާން މަޖުބޫރުކޮށްގެން ހައްޔަރުކޮށްފައިވާ މީހުންނެވެ.

17 ނޮވެންބަރ 2023 | ހުކުރު 03:06
Writer Profile Picture
އާއިޝަތު ޝިއުރާ
ނަތަންޔާހޫ އިސްތިއުފާ ދިނުމަށް އިދިކޮޅު ލީޑަރު ޔައިރު ލަޕިޑު ގޮވާލައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އިސްތިއުފާ ދިނުމަށް އިދިކޮޅު ލީޑަރު ޔައިރު ލަޕިޑު ގޮވާލައިފިއެވެ.

މިއީ ހަނގުރާމަ ފެށި ފަހުން އިސްރާއީލުގެ އިދިކޮޅު މީހަކު މިހާ ފާޅުކަން ބޮޑުގޮތެއްގައި ނަތަންޔާހޫ އިސްތިއުފާ ދިނުމަށް ގޮވާލި ފުރަތަމަ ފަހަރެވެ.

ލަޕިޑު ބުނީ އިސްރާއީލު ސަރުކާރު ނުހިނގާކަމަށާއި ނަތަންޔާހޫ އަށް ބޮޑުވަޒީރުކަމުގައި ނުހުރެވޭނެކަމަށެވެ.

16 ނޮވެންބަރ 2023 | ބުރާސްފަތި 05:08
Writer Profile Picture
އާއިޝަތު ޝިއުރާ
ޝިފާ ހޮސްޕިޓަލުގެ ދެ އިންޖިނިއަރުން އިސްރާއީލުން ހައްޔަރުކޮށްފި

އިސްރާއީލުން އައް ޝިފާ ހޮސްޕިޓަލަށް ވަދެގަނެ ހިންގަމުންދާ ޖަރީމާތަކުގައި އެ ހޮސްޕިޓަލުގެ ދެ އިންޖިނިއަރުން ހައްޔަރުކޮށްފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ދެ މީހުންވެސް ހައްޔަރުކޮށްފައިވަނީ ހޮސްޕިޓަލުގައި ތިއްބައެވެ.

16 ނޮވެންބަރ 2023 | ބުރާސްފަތި 02:10
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލު އަސްކަރިއްޔާގެ އަމާޒު މިހާރު ހުރީ ޣައްޒާގެ ދެކުނަށް

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލު އަސްކަރިއްޔާގެ އަމާޒު މިހާރު ހުރީ ޣައްޒާގެ ދެކުނަށެވެ.

އެގޮތުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސް އަށް އަމާޒުކޮށް އިސްރާއީލުން ގިނަ ހަމަލާތަކެއް ދެމުްނ އަންނަކަމަށް ވަނީ ބުނެފައެވެ. އިސްރާއީލުން އަންނަނީ ޣައްޒާގެ ދެކުނަށް އިތުރަށް ވަނުމަށް މަސައްކަތްކުރަމުންނެވެ.

ޣައްޒާގެ އުތުރުގައި އުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ދެކުނަށް ބަދަލުވެފައެވެ. އަދި އިސްރާއީލުން ބުނެފައިވާ ގޮތުގައި ޣައްޒާގެ ދެކުނަކީ ރައްކާތެރި ސަރަހައްދެވެ.

16 ނޮވެންބަރ 2023 | ބުރާސްފަތި 02:07
Writer Profile Picture
އާއިޝަތު ޝިއުރާ
އދ ގެ ސަލާމަތީ މަޖިލީހުން "ހިޔުމަނިޓޭރިއަން ޕޯސް" ގެނައުމަށް ފާސްކޮށްފި

އދ ގެ ސަލާމަތީ މަޖިލީހުގައި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް މެދުކަނޑާލާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފާސްކޮށްފިއެވެ.

15 މެމްބަރު ގައުމު ހިމެނޭ ސަލާމަތީ މަޖިލީހުގެ 12 ގައުމުން ގަރާރާއި އެއްކޮޅަށް ވޯޓުދިން އިރު އެއްވެސް ގައުމަކުން އެކަމާ ދެކޮޅަށް ވޯޓެއް ނުދެއެވެ. އެއްވެސް ކޮޅަކަށް ވޯޓު ނުދެނީ އެމެރިކާ، އިނގިރޭސިވިލާތް އަދި ރަޝިޔާއެވެ.

16 ނޮވެންބަރ 2023 | ބުރާސްފަތި 02:02
Writer Profile Picture
އާއިޝަތު ޝިއުރާ
އެމެރިކާގެ 68 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލަންޖެހޭ

ރޮއިޓަރސް އިން އެންމެ ފަހުން ކުރިޔަށްގެންދިޔަ ޕޯލުން ދައްކާގޮތުގައި އެމެރިކާގެ 68 އިންސައްތަ މީހުން ބޭނުންވަނީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތައް ހުއްޓާލާ މަޝްވަރާއަށް ދިޔުމަށެވެ.

32 އިންސައްތަ މީހުން ގަބޫލުކުރަނީ އެމެރިކާއިން އިސްރާއީލަށް މި ހަނގުރާމައިގައި އެހީތެރިވާން ޖެހޭނެކަމަށެވެ. އޮކްޓޯބަރ 12ން 13ށް ކުރިޔަށް ގެންދިޔަ ޕޯލުން ދެއްކީ އެމެރިކާއިން އިސްރާއީލަށް އެހީތެރިވާންޖެހޭކަމަށް 41 އިންސައްތަ މީހުންނެވެ.

4 އިންސައްތަ މީހުން ގަބޫލުކުރާގޮތުގައި އެމެރިކާއިން ފަލަސްތީނަށް އެހީތެރިވާންޖެހޭނެއެވެ. އަދި 15 އިންސައްތަ މީހުން ގަބޫލުކުރާ ގޮތުގައި އެމެރިކާއިން މިހަނގުރާމައިގައި ބައިވެރިވާކަށް ނުޖެހެއެވެ.

16 ނޮވެންބަރ 2023 | ބުރާސްފަތި 01:58
Writer Profile Picture
އާއިޝަތު ޝިއުރާ
ފަލަސްތީނަކީ ދައުލަތެއް ކަމަށް ޔޫރަޕުން ބަލައިގަތުމަށް މަސައްކަތްކުރާނެކަމަށް ސްޕެއިނުން ބުނެފި

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލު އާންމު ހުއްޓާލުމަށް އިސްރާއީލަށް ސްޕެއިންގެ ބޮޑުވަޒީރު ގޮވާލައްވައިފިއެވެ.

ފަލަސްތީނަކީ ދައުލަތެއްކަމަށް ސްޕެއިން ގަޔާއި ޔޫރަޕްގައިވެސް ބަލައިގަތުމަށް މަސައްކަތްކުރާނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

16 ނޮވެންބަރ 2023 | ބުރާސްފަތި 01:54
Writer Profile Picture
އާއިޝަތު ޝިއުރާ
އެއްގަމު މަގުން ކުރަމުންދާ ހަނގުރާމައިގައި މަރުވި އިސްރާއީލު ސިފައިންގެ އަދަދު 51ށް އަރައިފި

ފާއިތުވި 24 ގަޑިއިރުތެރޭގައި އިސްރާއީލު ސިފައިންގެ 2 މީހަކު މަރާލާފައިވާކަމަށާއި އެއްގަމު މަގުން ކުރަމުންދާ ހަނގުރާމައިގައި މަރުވި އިސްރާއީލު ސިފައިންގެ އަދަދު 51ށް އަރާފައިވާކަމަށް އިސްރާއީލުން ބުނެފިއެވެ.

16 ނޮވެންބަރ 2023 | ބުރާސްފަތި 01:49
Writer Profile Picture
އަހްމަދު ދާއޫދު
އިސްރާއީލުގެ ހަނގުރާމަވެރިން މަސައްކަތް ކުރަނީ ޣައްޒާގެ ދެކުނުގެ ސަރަހައްދާ ދިމާލަށް ދާން

އިސްރާއީލުގެ ހަނގުރާމަވެރިން މިހާރު މަސައްކަތް ކުރަނީ ޣައްޒާގެ ދެކުނުގެ ސަރަހައްދާ ދިމާލަށް ދާންކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

ޣައްޒާގެ ދެކުނުގެ ޚާން ޔުނިސްއިން ރިޕޯޓްކުރާ އަލްޖަޒީރާގެ ތާރިގު އަބޫ އަޒްޒޫމް ވިދާޅުވީ ހަމަލާތައް ދެމުންދާތީ އިސްރާއީލުގެ އަސްކަރިއްޔާގެ ސަމާލުކަން މިހާރު ވަނީ "ދެކުނުގެ ސަރަހައްދުތަކަށް" އަމާޒުވެފައި ކަމަށެވެ.

އަބޫ އަޒްޒޫމް ވިދާޅުވީ ފާއިތުވި ދެ ގަޑިއިރުގެ ތެރޭގައި ޚާން ޔުނިސް ސިޓީގައި މީހުން ދިރިއުޅޭ ތިން ގެއަކަށް ބޮން އަޅާފައިވާ ކަމަށެވެ.

ޣައްޒާގެ އިރުމަތީ ސަރަހައްދުގައި އިސްރާއީލު ގެ ހަނގުރާމަ ވެރިންނާއި ފަލަސްތީނުގެ ހަނގުރާމަވެރިންނާ ދެމެދު ކުރިމަތިލުންތައް ހިނގަމުންދާއިރު، އިސްރާއީލު ސިފައިން މަސައްކަތް ކުރަމުން ދަނީ ޣައްޒާގެ ދެކުނުގެ ސަރަހައްދަށް ދިއުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

16 ނޮވެންބަރ 2023 | ބުރާސްފަތި 00:49
Writer Profile Picture
އަހްމަދު ދާއޫދު
ޣައްޒާއަށް ހާއްސަ އެހީތަކެއް ހިފައިގެން ގަތަރުގެ މަތިންދާބޯޓުތައް ފުރައިފި

ހޮސްޕިޓަލްތަކަށް ބޭނުންވާ ސާމާނާއި ޣައްޒާގެ މީހުންނަށް އެހީތެރިވުމަށް ހާއްސަ އެހީތަކެއް ހިފައިގެން ގަތަރުގެ ދެ މަތިންދާބޯޓެއް މިސްރުގެ އެލް އަރީޝްއަށް ދަތުރުކުރަމުންދާ ކަމަށް ގަތަރުގެ ފޮރިން މިނިސްޓްރީން އެކްސްގައި ބުނެފި އެވެ.

ޤަތަރުން އެހީގެ ތަކެތި ހިފައިގެން މިސުރުގެ ބޯޑަރު ސަރަޙައްދަށް ދިޔަނަމަވެސް އެތަކެތި ޣައްޒާއަށް ވެއްދޭނީ އިސްރާއީލްގެ ޓެރެރިސްޓް ހަނގުރާމަވެރިންގެ ހުއްދަ ލިބިގެންނެވެ.

14 ނޮވެންބަރ 2023 | އަންގާރަ 12:58
Writer Profile Picture
އަހްމަދު ދާއޫދު
ރަފާހް ބޯޑަރު ކައިރީގައި އިސްރާއީލް ހަނގުރާމަވެރިން ހިންގާ އޮޕަރޭޝަނެއްގެ ސަބަބުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެ

ރަފާހް ބޯޑަރު ކައިރީގައި އިސްރާއީލް ހަނގުރާމަވެރިން ހިންގާ އޮޕަރޭޝަނެއްގެ ސަބަބުން ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

މިސްރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ އިސްރާއީލުން "ބޯޑަރުގެ އަނެއް ފަރާތުގައި" ހިންގާ އަމަލުތަކުގެ ސަބަބުން ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ދިނުން ލަސްވަމުންދާ ކަމަށެވެ.

"ރަފާ ކްރޮސިން އޮތީ ހުޅުވިފައި، ހަމަނުޖެހުންތައް ފެށުނީއްސުރެ އެއްވެސް މަރުހަލާއެއްގައި ބަންދުކޮށްފައެއް ނުވޭ. އެހެންނަމަވެސް އިސްރާއީލްގެ ހަނގުރާމަވެރިންގެ އަމަލުތަކުގެ ސަބަބުން އެހީ ފޯރުކޮށްދިނުމަށް އަބަދުވެސް ދަނީ ހުރަސްތައް ކުރިމަތިވަމުން، އެކްސްގައި އޭނާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެ އެވެ.

14 ނޮވެންބަރ 2023 | އަންގާރަ 06:33
Writer Profile Picture
އާއިޝަތު ޝިއުރާ
ޖަބާލިއާ ރެފިޔުޖީ ކޭމްޕަށް މިރޭ އިސްރާއީލުން ދިން ހަމަލާތަކުގައި 30 މީހުން ޝަހީދުކޮށްލައިފި

ޖަބާލިއާ ރެފިޔުޖީ ކޭމްޕަށް އިސްރާއީލުން މިރޭ ވައިގެ މަގުން ދިން ހަމަލާތަކުގައި 31 މީހެއްގެ ހަށިގަނޑު އިމާރާތްތަކުގެ ދަށުން ނަގާފައިވާކަމަށް ފަލަސްތީނިއަން ސްޓޭޓް ނިއުސް އެޖެންސީ ވަފާއިން ބުނެފިއެވެ.

މިހަމަލާތައް އަމާޒުކޮށްފައިވަނީ އެ ރެފިޔުޖީ ކޭމްޕްގެ 12 ގެއަކަށެވެ. ޖަބާލިއާ ރެފިޔުޖީ ކޭމްޕަކީ އިސްރާއީލުން އެންމެ ވަރުގަދައަށް ހަމަލާތައް އަމާޒުކުރަމުން އަންނަ އެއްތަނެވެ.

14 ނޮވެންބަރ 2023 | އަންގާރަ 00:51
Writer Profile Picture
އާއިޝަތު ޝިއުރާ
އަސީރުން މިނިވަންކުރުމުގެ ކަންކަން އިސްރާއީލުން އަންނަނީ ގަސްތުގައި ލަސްކުރަމުން

އަސީރުން މިނިވަންކުރުމުގެ ކަންކަމުގައި ގަތަރުން އަންނަނީ މަސައްކަތްކުރަމުން ކަމަށާއި ނަމަވެސް އިސްރާއީލުން އަންނަނީ އެކަން ލަސްކުރަމުންކަމަށް ހަމާސް އިން ބުނެފިއެވެ.

ހަމާސްގެ ބައްސާމް ބްރިގޭޑުގެ ސްޕޯކްސްޕާސަން އަބޫ އުބައިދާ ބުނީ ވާހަކަތައް ދެކެވެމުންދަނީ އިސްރާއީލު ޖަލުތަކުގައި ތިބި 200 ފަލަސްތީނު ކުޑަކުދިންނާއި 75 އަންހެނުން މިނިވަންކުރުމަށެވެ. އޭގެ ބަދަލެއްގެ ގޮތުން އަސީރުންގެ 50 އާއި 70 އާ ދެމެދު މީހުން މިނިވަންކުރާނެއެވެ.

ނަމަވެސް އިސްރާއީލުން އެދިފައިވަނީ 100 އަސީރުން ދޫކޮށްލުމަށްކަމަށާއި އެކަމުގެ ބަދަލެއްގެ ގޮތުގައި 5 ދުވަހަށް ހަމަލާ ދިނުން މެދުކަނޑާލުމަށް ހަމާސް އިން އެދުނުކަމަށެވެ.

ނަމަވެސް އެކަމަށް އިސްރާއީލުން އެއްބަސްނުވެ ހަމަލާތައް ދެމުންދާއިރު ހަމައެކަނި ގެއްލެނީ ފަލަސްތީނުގެ ރައްޔިތުންގެ މީހުންގެ ފުރާނަ ނޫންކަމަށާއި އަސީރުންގެ ފުރާނަވެސް ގެއްލެމުންދާކަމަށް ވަނީ ބުނެފައެވެ. އެގޮތުން ހަމާސްގެ އަތްދަށުގައި ހުރި އަންހެނެއް އިސްރާއީލުގެ ހަމަލާތަކުގައި މަރުވެފައިވާކަމަށް އަބޫ އުބައިދާ ބުނެފައިވެއެވެ.

14 ނޮވެންބަރ 2023 | އަންގާރަ 00:48
Writer Profile Picture
އަހްމަދު ދާއޫދު
ޚަލީލު ސަހަރު ކައިރީގައި އޮންނަ ގަވަރުނަރޭޓްގެ ޔައްޓާ ސިޓީއަށް އިސްރާއީލް ސިފައިން ވަދެއްޖެ

ޚަލީލު ސަހަރު ކައިރީގައި އޮންނަ ގަވަރުނަރޭޓްގެ ޔައްޓާ ސިޓީއަށް އިސްރާއީލް ސިފައިން ހަތިޔާރާއެކު ވަންނަ މަންޒަރު އަލްޖަޒީރާގެ ނޫސްވެރިންނަށް ފެނިއްޖެއެވެ.

އަލްޖަޒީރާ އަރަބިކް އިން އެކްސްގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އިސްރާއީލު ސިފައިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ޚަލީލު ސަރަހަރުގެ ގަވަރުނަރޭޓްގެ ޔައްޓާ ސިޓީއަށް ވަދެއެވެ.

ހަތިޔާރު އެޅި ސިފައިންގެ ކައިރީގައި އިޒްރޭލުގެ ދިދަ ޖަހާފައިވާ އާމާޑް ވެހިކަލެއް ވެސް ވީޑިއޯއިން ފެނެ އެވެ.

އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ ޙަމަލާތަކުގައި މަހެއްހާ ދުވަހުގެ ތެރޭގައި ފަލަސްޠީނުގެ 185 މީހުން ޝަހީދުވެ، 2500 މީހުން ޒަޚަމްވެފައިވާކަމަށް ފަލަސްޠީނުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

13 ނޮވެންބަރ 2023 | ހޯމަ 06:15
Writer Profile Picture
އާއިޝަތު ޝިއުރާ
ލުބުނާނާއި އިސްރާއީލު ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަލާތައް ވަރުގަދަވާން ވަނީ ފަށާފައި

ޣައްޒާ ހިފުމަށް އިސްރާއީލުން މެދުނުކެނޑި ދެމުންދާ ހަމަލާތަކުގައި އިސްރާއީލާއި ލުބުނާން ގުޅޭ ބޯޑަރު ސަރަހައްދުގައި ހަމަލާ ބަދަލުކުރުންތައް އަންނަނީ ވަރުގަދަވަމުންނެވެ.

އެގޮތުން ހިޒްބުﷲ އިން ދިން ހަމަލާތަކުގައި އިސްރާއީލު ސިފައިންގެ ހަތް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް އިސްރާއީލު އަސްކަރިއްޔާއިން ވަނީ ބުނެފައެވެ. އިސްރާއީލު އަސްކަރިއްޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހަތް މީހަކަށް އަނިޔާވެފައިވާކަމަށެވެ.

އަދި ފާއިތުވި ގަޑިއިރު ތެރޭގައި ލުބުނާނާ ވީ ދިމާލުން 15 ހަމަލާއެއް އިސްރާއީލަށް އަމާޒުކޮށްފައިވެއެވެ.

13 ނޮވެންބަރ 2023 | ހޯމަ 00:20
Writer Profile Picture
އާއިޝަތު ޝިއުރާ
ޖަބާލިއާ ރެފިޔުޖީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާގައި މަދުވެގެން 15 މީހުން ޝަހީދުވެއްޖެ

ޖަބާލިއާ ރެފިޔުޖީ ކޭމްޕަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާތަކުގައި މަދުވެގެން 15 މީހުން ޝަހީދުވެފައިވާކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

ޖަބާލިއާ ރެފިޔުޖީ ކޭމްޕަކީ ޣައްޒާގައި އެންމެ ބައިބޯ ސަރަހައްދެވެ. މީގެކުރިންވެސް ޖަބާލިއާ ރެފިޔުޖީ ކޭމްޕަށް އަމާޒުކޮށް އިސްރާއީލުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ.

13 ނޮވެންބަރ 2023 | ހޯމަ 00:16
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ އުތުރުގައި މިވަގުތު ޚިދުމަތްދެމުން އަންނަ ހަމައެކަނި ހޮސްޕިޓަލީ އަލް އަހުލީ ހޮސްޕިޓަލު

ޣައްޒާގެ އުތުރުގައި ހުރި ހޮސްޕިޓަލުތަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތައް ދެމުން ގެންދާއިރު މިހާރު ޚިދުމަތް ދެމުންދާ ހަމައެކަނި ހޮސްޕިޓަލަކީ އަލް އަހުލީ ހޮސްޕިޓަލުކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެހޮސްޕިޓަލުން ބުނީ އެހެން ހޮސްޕިޓަލުތަކުން ޚިދުމަތްދެމުންނުދާތީ އެހޮސްޕިޓަލަށް ގިނަ އަދަދެއްގެ ބަލި މީހުން މިހާރު އަންނަމުންދާކަމަށެވެ.

13 ނޮވެންބަރ 2023 | ހޯމަ 00:13
Writer Profile Picture
އަހްމަދު ދާއޫދު
އިސްރާއީލުން ޚާން ޔޫނުސް، ރަފާހް އަދި ޣައްޒާގެ މެދުތެރެއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި

އިސްރާއީލުން ޚާން ޔޫނުސް، ރަފާހް އަދި ޣައްޒާގެ މެދުތެރެއަށް ދޭ ހަމަލާތައް ވަރުގަދަކޮށްފި ކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

އަލްޖަޒީރާގެ ނޫސްވެރިން ބުނީ ޚާން ޔުނިސްގެ އިރުމަތީ ފަރާތުގައި ހުރި މީހުން ދިރިއުޅޭ އިމާރާތަކަށް އަމާޒުކޮށް ހަމަލާތަކެއްދީ އެ އިމާރާތް ބިމާ ހަމަކޮށްލާފައިވާ ކަމަށެވެ.

އަދި އެ ހަމަލާގައި ތިން މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މަރުވި މީހުންގެ ތެރެއިން އެކަކު އޮތީ ވަރަށް ބޮޑަށް ކުދިކުދިވެފައި، އޭނާގެ ހަށިގަނޑު ގެންދިޔައީ ސީދާ މޯޗަރީއަށް ޕްލާސްޓިކް ކޮތަޅެއްގެ ތެރޭގައި ކަމަށް މަންޒަރުދުށް މީހުންނާއި ހަވާލާދީ އަލްޖަޒީރާއިން ބުނެއެވެ.

މި ހަމަލާ ދީފައި ވަނީ އެ ސަރަހައްދުގައި ދެ ގަޑިއިރެއްހާއިރު ހަމަލާތައް މަޑުޖެހިފައި އޮތުމަށްފަހު އެވެ. ނަމަވެސް މިއަދު ހެނދުނާއި ރޭގެ ދަންވަރުގެ ވަގުތެއްގައި ރަފާހް، ޚާން ޔޫނުސް އަދި ޣައްޒާގެ މެދުތެރެއަށް ތަކުރާރުކޮށް އެކި ވައިގެ ހަމަލާތަކާއި ވަރުގަދަ ބޮމުގެ ހަމަލާތައް ދީފައިވެއެވެ.

12 ނޮވެންބަރ 2023 | އާދީއްތަ 13:35
Writer Profile Picture
އަހްމަދު ދާއޫދު
ހަމާސްގެ ގައިދީން ދޫކޮށްލުމަށް ގޮވާލައި ތެލްއަވީވްގައި އެތައް ހާސް ބަޔަކު އެއްވެއްޖެ

ހަމާސް ޖަމާއަތުން ޣައްޒާގައި ބަންދުކޮށްފައި ތިބި އިސްރާއީލާއި އެެހެނިހެން ޤައުމުތަކުގެ އަސީރުން ދޫކޮށްލުމަށް ގޮވާލައި އިސްރާއީލުގެ ތެލްއަވީވްގައި ރޭ އެތައް ހާސް ބަޔަކު އެއްވެއްޖެ އެވެ.

އިހުތިޖާޖު ކުރި މީހުންގެ ތެރޭގައި ގައިދީންގެ ރަހުމަތްތެރިންނާއި އާއިލާގެ މީހުން ވެސް ހިމެނެ އެވެ.

ޣައްޒާ ތަޅާ ސުންނާފަތި ކުރުމުގެ ބަދަލުގައި އަސީރުން މިނިވަން ކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް މުޒާހަރާގެ ބައިވެރިން އިސްރާއީލްގެ ބޮޑުވަޒީރަށާއި، އަސްކަރިއްޔާއަށް ވަނީ ގޮވާފާ ކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ ހާރެޓްޒް އިން ބުނެފައިވެ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިން އިސްރާއީލުގެ ދެކުނުގެ ސަރަހައްދަށް ދިން ކުއްލި ހަމަލާގައި 240 އަށް ވުރެ ގިނަ މީހުން ވަގަށް ނަގާފައިވާ ކަމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނެ އެވެ.

12 ނޮވެންބަރ 2023 | އާދީއްތަ 06:10
Writer Profile Picture
އަހްމަދު ދާއޫދު
ޣައްޒާގެ ދެކުނުގެ ހޮސްޕިޓަލްތަކުގެ ހާލަތު ވަރަށް ގޯސް: އަލްޖަޒީރާގެ ނޫސްވެރިން

އަލްޖަޒީރާގެ ނޫސްވެރިން ބުނީ ދެކުނުގެ ހޮސްޕިޓަލްތަކުގެ ހާލަތު ވަރަށް ގޯސްވެއްޖެ ކަމަށާއި، އަލްނަޖަރު ހޮސްޕިޓަލުން މިހާރުވެސް ތެޔޮ ހުސްވަމުން ދާކަމަށެވެ.

ހޮސްޕިޓަލުގެ ބައެއް ޑިޕާޓްމަންޓްތަކުގައި މަސައްކަތް ކުރަމުން އަންނަ ސެކަންޑަރީ ޖަނަރޭޓަރުތަކާއި ސޯލާ ޕެނަލްތަކުގެ ހާލަތު ވަރަށް ގޯސް ކަމަށް އެ ނޫސްވެރިން ބުނެއެވެ.

އިސްރާއިލްގެ ހަނގުރާމަވެރިން ދެކުނުގައި ދެމުންދާ ބޮމުގެ ހަމަލާތަކުން ލިބޭ ގެއްލުންތަކުން އަރައިގަނެވޭނެ މެޑިކަލް ވަސީލަތްތައް އެމީހުންގެ ކިބައިގައި ނެތް ކަމަށް އަލްޖަޒީރާގެ ނޫސްވެރިން މައުލޫމާތު ދެއެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 18:59
Writer Profile Picture
އާއިޝަތު ޝިއުރާ
އައް ޝިފާ ހޮސްޕިޓަލުގެ ތެރޭގައި ތިބި ނޫސްވެރިންނާ ޑޮކްޓަރުންނާ މުވާސަލާތީ ގުޅުން ކެނޑިއްޖެ

އައް ޝިފާ ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުންނާއި މުވާސަލާތުނުކުރެވޭކަމަށް ޑޮކްޓަރސް ވިތައުޑް ބޯޑާސް އިން ބުނެފިއެވެ. އަދި ހޮސްޕިޓަލުގައި ތިބި އަލްޖަޒީރާ ނޫސްވެރިންނާ މުވާސަލާތުނުކުރެވޭކަމަށް އަލް ޖަޒީރާއިން ވަނީ ބުނެފައެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 09:24
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމާސްގެ އަތްދަށުގައި ތިބި އަސީރުން މިނިވަންކުރުމާ ގުޅޭ ދެ ހުށަހެޅުމަކަށް އަންނަނީ މަޝްވަރާކުރަމުން

ހަމާސްގެ އަތްދަށުގައި ތިބި އަސީރުން މިނިވަންކުރުމާއި ގުޅޭ ދެ ހުށަހެޅުމަކާއި ގުޅޭ މަޝްވަރާތައް ހަމާސް އާއި އިސްރާއީލާ ދެމެދު ހިނގަމުންދާކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފިއެވެ.

އޭގެން އެއް ހުށަހެޅުމުގައި މަދު އަދަދަކަށް އަސީރުން މިނިވަންކުރުމަށް ހުށަހަޅާއިރު އަނެއް ހުށަހަޅުމުގައި 100 އާ ގާތްކުރާ އަދަދަކަށް އަސީރުން މިނިވަންކުރުމަށް ވަނީ ހުށަހަޅާފައެވެ.

ފުރަތަމަ ހުށަހެޅުމުގެ ދަށުން ހަމާސްއިން މިނިވަންކުރާނީ 10 އާއި 20 އާ ދެމެދު އަދަދެއްގެ އަސީރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އިސްރާއީލުގެ އަންހެނުންނާއި ކުޑަކުދިންނާއި ބޭރުގެ ގައުމުތަކުގެ ރައްޔިތުންނެވެ. އެމެރިކާ ރައްޔިތުންވެސް ހިމެނޭގޮތުންނެވެ. އޭގެ ބަދަލެއްގެ ގޮތުން ހަނގުރާމަ މެދުކަނޑާލާނެއެވެ.

އަދި އެއާ އެއްގޮތަށް ކަންކަން ކުރިޔަށްދާނަމަ 100 އާ ގާތްކުރާ އަދަކަށް އަސީރުން މިނިވަންކުރާނެއެވެ. އޭގެ ބަދަލެއްގެ ގޮތުން ޣައްޒާއަށް އިންސާނީ އެހީ ތެޔޮ ހިމެނޭހެން އެތެރެކުރުމާއި، އިސްރާއީލުގެ ޖަލުތަކުގައި ތިބި އަންހެނުންނާއި ކުޑަކުދިން މިނިވަންކުރަން ޖެހޭނެއެވެ.

ނަމަވެސް މިކަމަށް އިސްރާއީލުން އެއްބަސްވާނެކަމެއް އަދި ޔަގީނެއް ނޫނެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 06:44
Writer Profile Picture
އާއިޝަތު ޝިއުރާ
އައްޝިފާ ހޮސްޕިޓަލުން ކަރަންޓް ކަނޑައިގެންގޮސްފި

އިސްރާއީލުން އެތައް ހަމަލާތަކެއް އަމާޒުކުރަމުން އަންނަ އައްޝިފާ ހޮސްޕިޓަލުން ކަރަންޓް ކަނޑައިގެންގޮސްފައިވާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފިއެވެ.

އެތަނުގައި އެތައް ސަތޭކަ ބަލި މީހުންނެއް އަންނަނީ ފަރުވާ ހޯދަމުންނެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 05:42