ޣައްޒާ ހިފުމަށް އިސްރާއީލުން ދެމުންދާ ހަމަލާތައް

  • "ބައިޑަން، ޔޫ ކާންޓް ހައިޑް" - ވޮޝިންޓަން ޑީސީގައި އެތައް ހާސް ބަޔަކު އެއްވެއްޖެ
  • އިނގިރޭސިވިލާތާއި އެމެރިކާގައި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ވަރުގަދަ މުޒާހަރާތަކެއް
  • ސިއްހީ ވަސީލަތްތަކާއި ތެޔޮ ނެތުމުން ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ކަންބޮޑުވުން ފާޅުކޮށްފި
 
Writer Profile Picture
އަހްމަދު ދާއޫދު
"ބައިޑަން، ޔޫ ކާންޓް ހައިޑް" - ވޮޝިންޓަން ޑީސީގައި އެތައް ހާސް ބަޔަކު އެއްވެއްޖެ

ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ތާއީދު ކުރައްވާތީ ވޮޝިންޓަން ޑީސީގައި ބޭއްވި ބޮޑު މުޒާހަރާއެއްގައި އެތައް ހާސް ބަޔަކު ނުރުހުން ފާޅުކޮށްފި އެވެ.

"ބައިޑަން، ބައިޑަން، ތިޔަބޭފުޅުންނަކަށް ސިއްރެއް ނުކުރެވޭނެ. އަޅުގަނޑުމެން ތިޔަބޭފުޅުންގެ މައްޗަށް ޖެނޯސައިޑްގެ ދައުވާ އުފުލަނީ،" މުޒާހަރާގެ ބައިވެރިން ހޮނިހިރު ދުވަހު އަޑުއުފުލި އެވެ.

މި މުޒާހަރާތައް ފަށާފައި މިވަނީ އިންސާނީ ހުއްޓުމެއް އަންނާނެ ކަމުގެ އުއްމީދުގައި އެއްވެސް ކުރިއެރުމެއް ލިބިފައިވޭތޯ ނޫސްވެރިން ސުވާލު ކުރުމުން ބައިޑަން "އާނއެކޭ" ވިދާޅުވެފައިވަނިކޮށެވެ.

މުޒާހަރާގެ ބައިވެރިން އަޑުއުފުލަނީ
5 ނޮވެންބަރ 2023 | އާދީއްތަ 07:37
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
އިނގިރޭސިވިލާތާއި އެމެރިކާގައި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ވަރުގަދަ މުޒާހަރާތަކެއް

އިނގިރޭސިވިލާތާއި އެމެރިކާގައި ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ވަރުގަދަ މުޒާހަރާތަކެއް ކޮށްފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުން ދަނީ ފަލަސްތީނާއި އެކު ތިބިކަން އަންގާދިނުމަށް އަޑު އުފުލަމުންނެވެ. ޔޫރަޕްގެ ގައުމުތަކުގައި ހޮނިހިރު ދުވަހުކުރި މުޒާހަރާތަކުގައި މުސްލިމުން ވަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ގޮވާލާފައެވެ.

އަދި ފަލަސްތީނުގެ އާއްމުންނާއި ދެކޮޅަށް ހިންގާ ލާ އިންސާނީ ޢަމަލުތަކާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ.

5 ނޮވެންބަރ 2023 | އާދީއްތަ 07:04
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ސިއްހީ ވަސީލަތްތަކާއި ތެޔޮ ނެތުމުން ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ކަންބޮޑުވުން ފާޅުކޮށްފި

އެކަށީގެންވާ ސިއްހީ ވަސީލަތްތަކާއި ތެޔޮ ނެތުމުން ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ތެލާއި ސިއްހީ ވަސީލަތްތައް ނުލިބި ފަލަސްތީނުގެ ހާލަތު ނާޒުކުރު ފައްތަރަކަށް ދާކަން އެ ގައުމުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ހާމަކުރި ނަމަވެސް އެކަމަށް ބައިނަލްއަޤުވާމީ މަޝްރަހުގައި އެކަށީގެންވާ އިޖާބަ އެއް ނުލިބެއެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް ޣައްޒާފައި 150 މެޑިކަލް އޮފިސަރުން ވަނީ މަރާލާފައެވެ. އަދި 16 ހޮސްޕިޓަލާއި 32 ޕްރައިމަރީ ހެލްތް ކެއަރ ވަސީލަތް ވަނީ އެއްކޮށް ހުއްޓުމަކަށް އައިސްފައި ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

5 ނޮވެންބަރ 2023 | އާދީއްތަ 07:00
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ޣައްޒާ އިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފި

ޣައްޒާ އިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ފޮނުވާލައިފިއެވެ.

ސީއެންއެންގެ ނޫސްވެރިންނާއި ހަވާލާދީ އެ ނޫހުގައި ބުނެފައި ވަނީ އަށް ރޮކެޓް ހަމަލާ ޣައްޒާއިން އިސްރާއީލަށް ފޮނުވާލާފައިވާ ކަމަށެވެ. އެހެންނަމަވެސް އޭގެ ތެރެއިން 6 ހަމަލާ ވީ ނާކާމިޔާބެވެ. ސަބަބަކީ އިސްރާއީލުން އެ ރޮކެޓްތައް ވައްޓާލުމެވެ.

5 ނޮވެންބަރ 2023 | އާދީއްތަ 06:56
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ޣައްޒާގެ އާއްމުންނަށް ދެކުނުގެ ސަރަހައްދުތަކަށް ދާން ލިބޭނީ 4 ގަޑި އިރު - އައިޑީއެފް

އިސްރާއީލްގެ ލާއިންސާނީ ހަމަލާތަކުން ސަލާމަތްވުމަށް، ޣައްޒާގެ އާއްމުންނަށް ދެކުނުގެ ސަރަހައްދުތަކަށް ދާން ލިބޭނީ 4 ގަޑި އިރުކަމަށް އިސްރާއީލްގެ ޑިފެންސް ފޯރސް އިން ބުނެފިއެވެ.

ޣައްޒާގެ ދެކުނަށް ދާ އާއްމުންނަށް ބައެއް މަގުތަކުން ދިއުމަށް ފުރުސަތު ދޭނެ ކަމަށާއި، އަމިއްލަ ނަފްސާއި މެދު ވިސްނާ ނަމަ އުތުރު ޢައްޒާ ދޫކޮށް ދިއުމަށް އިސްރާއީލުން ވަނީ އިންޒާރުދީފައެވެ.

5 ނޮވެންބަރ 2023 | އާދީއްތަ 06:53
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ޖަލަބިއްޔާ ކޭމްޕަށް ބޮން އެޅުން - މަދުވެގެން 15 މީހުން މަރުވި

ޔަހޫދީ ޒަޔަނިސްޓުން އުފައްދައިގެން އުޅޭ އިސްރާއީލޭ ކިޔުނު ދައުލަތުން، އެންމެ ހަފުތާއެއްގެ ތެރޭގައި ތިންވަނަ ފަހަރަށް ޣައްޒާގެ ޖަބަލިއްޔާ ރެފިއުޖީ ކޭމްޕަށް ބޮން އަޅާފައި ވަނީ ހޮނިހިރު ދުވަހުއެވެ. އެ ހަމަލާގައި މަދުވެގެން 15 މީހުން ވަނީ މަރާލާފަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

5 ނޮވެންބަރ 2023 | އާދީއްތަ 06:50
Writer Profile Picture
ނަޒާހަތު އިބްރާހިމް ރަޝީދު
ފަލަސްތީނުގައި މަރުވި މީހުންގެ އަދަދު 9448 އަށް އަރައިފި

ފަލަސްތީނުގައި މަރުވި މީހުންގެ އަދަދު 9448 އަށް އަރައިފިއެވެ. އެކަން ހާމަކުރީ ފަލަސްތީނުގެ ސިއްހަތާއި ބެހޭ ވުޒާރާއިންނެވެ. ފަލަސްތީނުގައި ހިނގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ދެކޮޅަށް އެތައް ހާސް ބަޔަކު ދަނީ އަޑު އުފުލަމުންނެވެ.

5 ނޮވެންބަރ 2023 | އާދީއްތަ 06:47
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން ރޭވެސް ވަރުގަދަ ހަމަލާތަކެއް ޣައްޒާގެ އެކި ތަންތަނަށް އަމާޒުކޮށް ދީފި

އިސްރާއީލުން ވައިގެ މަގުން ރޭގައިވެސް ޣައްޒާގެ އެކި ތަންތަނަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

ފަލަސްތީނިއަން ސްޓޭޓް ނިއުސް އެޖެންސީ ވަފަރ އިން ބުނެފައިވާ ގޮތުގައި ޣައްޒާގެ ހުޅަނގުގައި އޮންނަ އަލް ނަސްރް، ޖަބާލިޔާ، ބެއިތު ހަނޫނު، އަދި އުތުރުގައި އޮންނަ ބެއިތު ލަހިޔާ އާއި ޣައްޒާ ސިޓީގައި އޮންނަ ތަނަކަށް އަމާޒުކޮށް ހަމަލާދީފައިވެއެވެ.

މީގެއިތުރުން އިންޑޮނޭޝިއަން ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާދީފައިވާއިރު މީހުން ބޯހިޔާވަހިކަން ހޯދަމުން އަންނަ ނުސްރަތު އަދި ބުރުޖު ކޭމްޕަށް އަމާޒުކޮށްވެސް ހަމަލާތައް ދީފައިވެއެވެ.

އަދި ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސް އަށް ހަމަލާދީފައިވެއެވެ.

ވަފަރ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިހަމަލާތަކުގައި އެތައް ބަޔެއްގެ ފުރާނަ ގެއްލިފައިވާއިރު އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ނަމަވެސް އަދަދެއް ހާމަކޮށްފައެއްނުވެއެވެ.

4 ނޮވެންބަރ 2023 | ހޮނިހިރު 09:09
Writer Profile Picture
އާއިޝަތު ޝިއުރާ
ވަރަށް އަވަހަށް އިސްރާއީލުގެ ހަމަލާތައް މަދުވާނެކަމަށް ބެލެވޭ: ސީއެންއެން

އެމެރިކާގެ ސީނިއަރ އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލު އަސްކަރިއްޔާއިން ޣައްޒާއަށް އަމާޒުކޮށް ދޭ ހަމަލާތައް ވަރަށް އަވަހަށް މަދުވާނެކަމަށް ބެލެވެއެވެ.

ވައިގެ ހަމަލާތައް މަދުކޮށް ޣައްޒާއަށް އެއްގަމު މަގުން އެތެރެވުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކުރާނެކަމަށް ވަނީ ބުނެފައެވެ.

4 ނޮވެންބަރ 2023 | ހޮނިހިރު 05:51
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން ހަމަލާދިން އެމްބިޔުލަންސް ބޭނުންކުރަނީ ހަމާސް އިންކަމަށް އިސްރާއީލުން ބުނާ ބުނުން ޣައްޒާއިން ދޮގުކޮށްފި

އަލް ޝިފާ ހޮސްޕިޓަލުގެ ގޭޓްކައިރީގައި އޮތް އެމްބިޔުލަންސަކަށް އަމާޒުކޮށް ހަމަލާދިނުމަށްފަހު އެއީ ހަމާސް އިން ބޭނުންކުރާ އެމްބިޔުލަންސް އެއްކަމަށް އިސްރާއީލުން ބުނި ބުނުން ޣައްޒާގެ ހެލްތު މިނިސްޓްރީގެ ސްޕޯކްސްމަން ދޮގުކޮށްފިއެވެ.

ހެލްތު މިނިސްޓްރީގެ ސްޕޯކްސްމަން ވިދާޅުވީ އެއީ ހަމާސްއިން ބޭނުންކުރާ އެމްބިޔުލަންސް އެއް ނޫންކަމަށާއި މިއަދު އެކަނިވެސް ދެ އެމްބިޔުލަންސަކަށް އިސްރާއީލުން ހަމަލާދީފައިވާކަމަށެވެ.

ފުރަތަމަ ހަމަލާ އަމާޒުކޮށްފައިވަނީ ޣައްޒާ ސިޓީގައި އޮތް އެމްބިޔުލަންސަކަށެވެ. އެހަމަލާގައި ޑްރައިވަރާއި ޕެރަމެޑިކް އަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އަދި ޕެރަމެޑިކަށް ލިބުނު ސީރިއަސް އަނިޔާތަކާއި ގުޅިގެން އޭނާއަށް އަންނަނީ ފަރުވާދެމުންނެވެ.

އޭގެފަހުން ދެވަނަ އެމްބިޔުލަންސަށް ހަމަލާދިނީ އަލް ޝިފާ ހޮސްޕިޓަލުގެ ގޭޓްކުރިމަތީގައި އޮއްވައެވެ. އެހަމަލާގައި 15 މީހުން ޝަހީދުވިއިރު 16 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

4 ނޮވެންބަރ 2023 | ހޮނިހިރު 02:36
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ އުތުރަށް ދެމުންދާ ހަމަލާތަކުން ސަލާމަތްވުމަށް ދެކުނަށް ދަތުރުކުރަމުންދިޔަ ބަޔަކަށް އިސްރާއީލުން ހަމަލާދީ 14 މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ އުތުރަށް މެދުކެނޑުމެއްނެތި އިސްރާއީލުން ދެމުންދާ ހަމަލާތަކުން ސަލާމަތްވުމަށް ދެކުނަށް ދަތުރުކުރަމުންދިޔަ ބަޔަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދީ 14 މީހުން ޝަހީދުކޮށްލައިފިއެވެ.

ވީޑިއޯ ސޯޝަލް މީޑިޔާގައި އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަނީ މަގުމަތީގައި އެކި ހިސާބުތަކުގައި މަރުވެފައިވާ މީހުންގެ ހަށިގަނޑުތަކެވެ. އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

4 ނޮވެންބަރ 2023 | ހޮނިހިރު 02:18
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމަލާތަކުގެ ސަބަބުން އެންމެ ބޮޑެތި ޒަޚަމްތައް ލިބިފައިވާ 800 މީހުންނަށް މިހާރުން މިހާރަށް ޣައްޒާއިން ބޭރުގައި ފަރުވާލިބެންޖެހޭ

އިސްރާއީލުން މެދުކެނޑުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އެންމެ ބޮޑެތި ޒަޚަމްތައް ލިބިފައިވާ 800 މީހުންނަށް ޣައްޒާގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ދެން އިތުރު ފަރުވާއެއް ނުދެވޭނެކަމަށާއި އެމީހުން މިހާރުން މިހާރަށް ޣައްޒާއިން ބޭރުކުރެވޭނެ ގޮތެއް ހޯދަންޖެހޭކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ބޮޑެތި ޒަޚަމްތައް ލިބިފައިވާ މީހުންނަށް އެދެވޭ ފަރުވާއެއް ނުލިބުމުގެ ސަބަބުން އަންނަނީ މަރުވަމުންނެވެ.

4 ނޮވެންބަރ 2023 | ހޮނިހިރު 02:02
Writer Profile Picture
އާއިޝަތު ޝިއުރާ
އިމާރާތްތަކުގެ ދަށުގައި 1200 ކުޑަކުދިން ތިބިކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފި

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި އަދިވެސް 1200 ކުޑަކުދިންވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީގެ ސްޕޯކްސްޕާސަން ބުނެފިއެވެ.

މިހާތަނަށް އައިއިރު 25 އެމްބިޔުލަންސެއް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު 126 ހޮސްޕިލަކަށް އަމާޒުކޮށް އިސްރާއީލުން ވަނީ ހަމަލާތައް ދީފައެވެ.

4 ނޮވެންބަރ 2023 | ހޮނިހިރު 01:57
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަންވަންދެން ހަނގުރާމަ ހުއްޓާނުލުމަށް އެމީހުންގެ އާއިލާތަކުން ގޮވާލައިފި

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަންވަންދެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާނުލުމަށް އެ މީހުންގެ އާއިލާތަކުން ގޮވާލައިފިއެވެ.

އިސްރާއީލުން އެންމެ ފަހުން ބުނެފައިވަނީ ހަމާސްގެ ބެލުމުގެ ދަށުގައި 241 މީހުން ތިބިކަމަށެވެ. އެމީހުންގެ އާއިލާތަކުން އަންނަނީ ސަލާމަތުން އެމީހުން އަނބުރާ ގެނައުމަށް އިސްރާއީލުގެ ސަރުކާރަށް ގޮވާލަމުންނެވެ.

4 ނޮވެންބަރ 2023 | ހޮނިހިރު 01:54
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް 1.2 ބިލިއަން ޑޮލަރުގެ އެހީ ބޭނުންވޭ: އދ

ހުޅަނގު އައްސޭރި އާއި ޣައްޒާގައި ދިރިއުޅޭ 2.7 މިލިއަން މީހުންނަށް އެހީގެ ގޮތުގައި 1.2 ބިލިއަން ޑޮލަރު ބޭނުންވާކަމަށް އދން ބުނެފިއެވެ.

އދ ގެ ހިޔުމެނިޓޭރިއަން އޮފީހުން ބުނެފައިވަނީ ޣައްޒާގެ ހާލަތު އަންނަނީ އިތުރަށް ގޮސްވަމުންނެވެ. އެންމެ ކުރިން އޮކްޓޯބަރ މަހުގެ 12 ވަނަ ދުވަހު އެޖަމާއަތުން ވަނީ 294 މިލިއަން ޑޮލަރު އެހީގެ ގޮތުގައި ބޭނުންވާކަމަށް ބުނެފައެވެ.

4 ނޮވެންބަރ 2023 | ހޮނިހިރު 01:51
Writer Profile Picture
އިދުހާމް ނަޢީމް
ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާ ދީފި

ޣައްޒާގެ އިންޑޮނޭޝިއަން ހޮސްޕިޓަލަށް އަމާޒުކޮށް ޔަހޫދީ އިސްރާއީލުން ހަމަލާ ދީފިއެވެ. އެ ސަރަހައްދަން ދިން ބޮމުގެ ހަމަލާގައި ގިނަ ބަޔަކު މަރާލާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓު ކުރޭ. މިއީ ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ސަރަހައްދެއް.

3 ނޮވެންބަރ 2023 | ހުކުރު 21:57
Writer Profile Picture
އިދުހާމް ނަޢީމް
ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލަށް ދިން ހަމަލާގައި އެތައް ބަޔަކު މަރާލައިފި

ޣައްޒާގެ އަލްޝިފާ ހޮސްޕިޓަލަށް ދިން ހަމަލާގައި އެތައް ބަޔަކު މަރާލައިފިއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ރަފަހް ބޯޑަރު ހުރަސްކޮށް މިސްރަށްދާ އެމްބިއުލާންސްތަކަށް އަމާޒުކޮށްގެން.

3 ނޮވެންބަރ 2023 | ހުކުރު 21:47
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާއަށް އެއްގަމު މަގުން އެރުމަށް ދެމުންދާ ހަމަލާތަކުގައި މަރުވި އިސްރާއީލު ސިފައިންގެ އަދަދު 23ށް އަރައިފި
3 ނޮވެންބަރ 2023 | ހުކުރު 10:02
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުގެ ހަމަލާތައް އަލް ގުދުސް ހޮސްޕިޓަލަށް އަމާޒުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެފި

އިސްރާއީލުން މިއަދުގެ ހަމަލާތައް އަލް ގުދުސް ހޮސްޕިޓަލަށް އަމާޒުކޮށްފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

މިއީ ޣައްޒާ ސިޓީގެ ހުޅަނގުގައި ހުންނަ ތަނެކެވެ. ހަމަލާތައް ދޭން ފެށިފަހުން އެތައް ފަހަރަކު އެތަނަށް އަމާޒުކޮށް ހަމަލާދީފައިވެއެވެ.

3 ނޮވެންބަރ 2023 | ހުކުރު 09:10
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ހޯދުމަށް އެމެރިކާއިން ޣައްޒާގެ މަތީގައި ޑްރޯން ދުއްވާތާ ހަފްތާއެއްވެއްޖެ

ހަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން ހޯދުމަށް އެމެރިކާއިން ޣައްޒާގެ މަތީގައި ސަރވިއަލަންސް ޑްރޯން ދުއްވާކަމަށް އެމެރިކާއިން ބުނެފިއެވެ.

އެމެރިކާގެ އޮފިޝަލުން ރޮއިޓަރސް އަށް މައުލޫމާތު ދެމުންބުނީ ޑްރޯން ޣައްޒާ މަތިން އުދުއްސާތާ ހަފްތާއަކަށްވުރެ ގިނަ ދުވަސްވެފައިވާކަމަށެވެ.

އެމެރިކާގެ 10 ރައްޔިތުން އަދިވެސް ހަމާސްގެ ބެލުމުގެ ދަށުގައި ތިބިކަމަށް ބެލެވެއެވެ. 200ށް ވުރެ ގިނަ އަސީރުން ހަމާސްގެ ބެލުމުގެ ދަށުގައ ތިބިއިރު ގަބޫލުކުރެވޭ ގޮތުގައި އެމީހުން ބައިތިއްބާފައި ތިބީ ހަމާސް އިން ޣައްޒާގައި ހަދާފައިވާ ބިންގަރާސްތަކުގައެވެ.

3 ނޮވެންބަރ 2023 | ހުކުރު 09:07
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާ ސިޓީ ވަށާލާފައިވާކަމަށް އިސްރާއީލުން ބުނާބުނުމަށް ހަމާސް އިން ރައްދުދީފި

ޣައްޒާއަށް އެއްގަމު މަގުން އެރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގައި މިހާރު ޣައްޒާ ސިޓީ ވަށާލެވިފައިވާކަމަށާއި ހަމާސް ގާއިމުވެފައިވާ މައި ހިސާބަށް އާދެވިފައިވާކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނި ބުނުމަށް ހަމާސް އިން ރައްދުދީފިއެވެ.

އިސްރާއީލު އަސްކަރިއްޔާއިން ބުނެފައިވަނީ ހަމާސްގެ އަތްދަށުގައި ތިބި އެންމެން އަނބުރާ ގެނެވޭނެކަމަށެވެ. އަދި އެކަންކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާކަމަށެވެ.

އެކަމަށް ރައްދުދެމުން ހަމާސްގެ ބައްސާމް ބްރިގޭޑުން ބުނެފައިވަނީ ޣައްޒާ ތެރެއަށް ވަނުމަށް މަސައްކަތްކުރާ އިސްރާއީލު ސިފައިން ގެއަށް ފޮނުވާލާނީ ކަޅު ދަބަސްތަކެއްގައި ކަމަށެވެ.

މިހާތަނަށް އައިއިރު އިސްރާއީލު އަސްކަރިއްޔާގެ 300ށް ވުރެ ގިނަ މީހުން މަރާލާފައިވާކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

3 ނޮވެންބަރ 2023 | ހުކުރު 05:39
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން ޣައްޒާ އާއި ލުބުނާންގައި ވައިޓް ފޮސްފޮރަސް ބޭނުންކޮށްފައިވޭ: އެމްނެސްޓީ އިންޓަރނޭޝަނަލް

އޮކްޓޯބަރ މަހުގެ 10،11،16 އަދި 17 ވަނަ ދުވަހު އިސްރާއީލުން ޣައްޒާ އާއި ލުބުނާނަށް ދިން ހަމަލާތަކުގައި ހަނގުރާމައިގައި ބޭނުން މަނާކޮށްފައިވާ ވައިޓް ފޮސްފޮރަސް ބޭނުންކޮށްފައިވާކަމަށް ތަހުގީގުތަކުން ހާމަވާކަމަށް އެމްނެސްޓީ އިންޓަރނޭޝަނަލް އިން ބުނެފިއެވެ.

އާންމުންނާ ދެކޮޅަށް ވައިޓް ފޮސްފޮރަސް ބޭނުންކޮށްފައިވާކަމަށާއި މިއީ ކަންބޮޑުވާކަމެއްކަމަށް އެޖަމާއަތުން ބުނެއެވެ. މިކަން އިތުރަން ތަކުރާރުވެގެން ނުވާނެކަމަށްވެސް އެޖަމާއަތުން ބުނެފައިވެއެވެ. އާންމުންނާ ދެކޮޅަށް ވައިޓް ފޮސްފޮރަސް ބޭނުންކުރުމަކީ މަނާކަމެކެވެ.

3 ނޮވެންބަރ 2023 | ހުކުރު 04:10
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލަށް 14.3 ބިލިއަން ޑޮލަރު އެހީގެ ގޮތުގައި ދިނުމަށް އެމެރިކާގެ ހައުސްއިން ފާސްކޮށްފި
3 ނޮވެންބަރ 2023 | ހުކުރު 03:37
Writer Profile Picture
އާއިޝަތު ޝިއުރާ
ލުބުނާނުން އިސްރާއީލާ ދެކޮޅަށް ހަނގުރާމައިގެ ތެރެއަށް ނުވަނުމަށް ލުބުނާނުގެ އިދިކޮޅު ލީޑަރު ގޮވާލައިފި

ލުބުނާނުގެ ދެކުނު ސަރަހައްދުގައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ހިޒްބުﷲ ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ހަނގުރާމަނުކުރުމަށް ލުބުނާނުގެ އިދިކޮޅު ޕާޓީ ލެބަނީޒް ފޯރސެސް ޕާޓީގެ ލީޑަރ ސާމިރު ގޮވާލައްވައިފިއެވެ.

ހިޒްބުﷲގެ ލީޑަރ ނަސްރުﷲ ފުރަތަމަ ފަހަރަށް މިކަމާ ގުޅޭގޮތުން ހުކުރު ދުވަހު ވާހަކަދައްކާނެކަމަށް ވަނީ ބެލެވިފައެވެ. އެއާގުޅުވައި ސާމިރު ބުނެފައިވަނީ މިއީ ހަނގުރާމައިގެ ތެރެއަށް ލުބުނާން ވަންނަންވީ ވަގުތު ނޫންކަމަށެވެ.

ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ވަރުގަދަ ހަމަލާ ބަދަލުކުރުންތަކެއް އަންނަނީ ހިނގަމުންނެވެ.

ސާމިރު އަކީ މީގެކުރިން ލުބުނާންގައި ހިނގި ހަނގުރާމައިގައި ހިޒްބުﷲ އާއި ފަލަސްތީނުގެ ގްރޫޕްތަކާއި ދެކޮޅަށް ހަނގުރާމަކުރި ކޮމާންޑަރެކެވެ.

3 ނޮވެންބަރ 2023 | ހުކުރު 03:09
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލު ސިފައިންގެ ދެ މީހުން މިއަދު މަރާލާފައިވާކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފި

ޣައްޒާއަށް އެއްގަމު މަގުން އެރުމަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި އަންގާރަ ދުވަހުގެ ފަހުން މަރުވި ސިފައިންގެ އަދަދު 20ށް އަރާފައިވާކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފިއެވެ.

މިއަދު ދެމީހުން މަރުވެފައިވާކަމަށް ބުނެފައެވެ.

3 ނޮވެންބަރ 2023 | ހުކުރު 02:42