ޣައްޒާ ހިފުމަށް އިސްރާއީލުން ދެމުންދާ ހަމަލާތައް

  • އަލް ގުދުސް ހޮސްޕިޓަލަށް ބޭނުންވާ ތެލާއި ބޭސް ނުލިބޭތީ ކުރިޔަށް އޮތް ތިން ގަޑިއިރު ތެރޭގައި ހޮސްޕިޓަލު ހުއްޓުމަކަށް އަންނާނެ: ޕީއާރުސީއެސް
  • އިސްރާއީލު އަސްކަރިއްޔާއިން އިންޑޮނޭޝިއަން ހޮސްޕިޓަލަށް އަމާޒުކޮށްވެސް ހަމަލާދީފި
  • ޣައްޒާގެ ސިއްހީ މަސައްކަތްތެރިން ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދި އާދޭސް ކުރަނީ
 
Writer Profile Picture
އާއިޝަތު ޝިއުރާ
އަލް ގުދުސް ހޮސްޕިޓަލަށް ބޭނުންވާ ތެލާއި ބޭސް ނުލިބޭތީ ކުރިޔަށް އޮތް ތިން ގަޑިއިރު ތެރޭގައި ހޮސްޕިޓަލު ހުއްޓުމަކަށް އަންނާނެ: ޕީއާރުސީއެސް

އަލް ގުދުސް ހޮސްޕިޓަލަށް ބޭނުންވާ ތެލާއި ބޭސް ނުލިބޭތީ ކުރިޔަށް އޮތް ތިން ގަޑިއިރު ތެރޭގައި އެ ހޮސްޕިޓަލުގެ ހުއްޓުމަކަށް އަންނާނެކަމަށް ފަލަސްތީން ރެޑް ކްރެސެންޓުން ބުނެފިއެވެ.

މިހާރުވެސް 500 ބަލި މީހުން އެތަނުގައި އެބަތިއްބެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 04:12
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލު އަސްކަރިއްޔާއިން އިންޑޮނޭޝިއަން ހޮސްޕިޓަލަށް އަމާޒުކޮށްވެސް ހަމަލާދީފި

ހޮސްޕިޓަލުގެ ތެރޭގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން އަންނަނީ ބޯހިޔާވަހިކަން ހޯދަމުންނެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 03:23
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ ސިއްހީ މަސައްކަތްތެރިން ބައިނަލްއަގްވާމީ އެހީތެރިކަމަށް އެދި އާދޭސް ކުރަނީ

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި މެދުކެނޑުމެއްނެތި ހޮސްޕިޓަލުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންދާތީ އެކަން ހުއްޓުވައި ދިނުމަށް ޣައްޒާގެ ސިއްހީ މަސައްކަތްތެރިން ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލައިފިއެވެ.

ޣައްޒާ މެޑިކް ވޮއިސްގެ ކޯ ފައުންޑަރ ތަންޔާ ވިދާޅުވީ ޣައްޒާގައި މަސައްކަތްކުރަމުން އަންނަ ސިއްހީ މަސައްކަތްތެރިންނަށް ރައްކާތެރިކަން ކަށަވަރުވާންޖެހޭކަމަށެވެ. އެމީހުންގެ މަސައްކަތްކުރުމުގައި ދެމިތިބީތީވެ އެމީހުންގެ ފުރާނަ ގެއްލިގެން ނުވާނެކަމަށާއި މިކަމަށް އެހީވެދީ ރައްކާތެރިކަމާއެކު މަސައްކަތްކުރެވޭނެ ގޮތެއް ހޯދައިދިނުމަށް އެދިފައިވެއެވެ.

ތަކުރާރުކޮށް އިސްރާއީލުން އަންނަނީ ޣައްޒާގެ މައި ހޮސްޕިޓަލު އައް ޝިފާ ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާދެމުންނެވެ. އެތާންގައި އެތައް ސަތޭކަ ބަލި މީހުންނެއް ތިބިއިރު އެމީހުން ދޫކޮށްލާފައިނުދާނެކަމަށް އެތަނުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިން ބުނެއެވެ. ނަމަވެސް ބައެއް މީހުން މިއަދު ވަނީ ދެކުނަށް ބަދަލުވެފައެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 03:17
Writer Profile Picture
އާއިޝަތު ޝިއުރާ
އަލް ޝާތީ ރެފިޔުޖީ ކޭމްޕުގައި އުޅޭ ހަމާސްގެ އިސް ބަޔަކު ހައްޔަރުކޮށްފައިވާކަމަށް އިސްރާއީލުން ބުނެފި

އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް އަމާޒުކުރަމުން އަންނަ އަލް ޝާތީ ރެފިޔުޖީ ކޭމްޕުން ހަމާސްގެ އިސް ބަޔަކު ހައްޔަރުކޮށްފައިވާކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފިއެވެ. ނަމަވެސް އެއީ ކޮން ބައެއްކަމެއް ހާމައެއްނުކުރެއެވެ. އަދި ފާއިތުވި ދުވަސްތަކުގައި ދިން ހަމަލާތަކުގައި އެ ރެފިޔުޖީ ކޭމްޕުން 150 ހަމާސްގެ ހަނގުރާމަވެރިން ޝަހީދުކޮށްލާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް އަލް ޖަޒީރާ އާ ވާހަކަދައްކަވަމުން އިސްލާމިކް ޖިހާދުގެ ސްޕޯކްސްޕާސަން ބުނެފައިވަނީ ޣައްޒާގައި އިސްރާއީލަށް އަސްކަރީ ގޮތުން ކުރިއެރުންތަކެއް ހޯދިފައިނުވާކަމަށެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 03:11
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމާސްގެ ޣައްޒާ ގޮފީގެ ސިޔާސީ ވެރިޔާ ޔަހްޔާ ސިންވާރު އަވަހާރަކޮށްލާނެކަމަށް އިސްރާއީލުން އަނެއްކާވެސް ވައުދުވެއްޖެ

ޣައްޒާއަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާއި އެއްގަމު މަގުން ޣައްޒާ ހިފުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގެ އެއް ޓަރގެޓަކީ ޣައްޒާގައި ހުންނަ ހަމާސްގެ ސިޔާސީ ވެރިޔާ ޔަހުޔާ ސިންވާރެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ވަނީ ސިންވާރު ގެ ފުރާނަ ދުއްވާލުމަކީ މި ހަމަލާތަކުގެ އެއް މަގްސަދުކަމަށެވެ. އަދި އިސްރާއީލު އަސްކަރިއްޔާއިން ވަނީ ސިންވާރު ހުރި ތަނެއް ބުނެފިނަމަ ހަމަލާތައް އަވަހަށް ހުއްޓާލާނެކަމަށްވެސް ބުނެފައެވެ.

އިސްރާއީލު އަސްކަރިއްޔާއިން މީގެކުރިން ބުނެފައިވާ ގޮތުގައި ސިންވާރު ހުރިތަން ކަމުގައިވާ ޣައްޒާ ސިޓީ ވަނީ ވަށާލެވިފައެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 03:02
Writer Profile Picture
އާއިޝަތު ޝިއުރާ
އެންމެ ފަހު ވަގުތާ ހަމައަށްވެސް މެޑިކަލް ސްޓާފުން ދެމިތިބޭނެކަމަށް އައް ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރ ވިދާޅުވެއްޖެ

އިސްރާއީލުން ތަކުރާރުކޮށް އައް ޝިފާ ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާދެމުން އަންނައިރު އެތަނުގައި މަސައްކަތްކުރާ މެޑިކަލް ސްޓާފުން އެންމެ ފަހުވަގުތާ ހަމައަށްވެސް ދެމިތިބޭނެކަމަށް އެހޮސްޕިޓަލުގެ ޑިރެކްޓަރ މުހައްމަދު އަބޫ ސަލްމިޔާ ވިދާޅުވެއްޖެއެވެ.

މިއީ ހޮސްޕިޓަލާ ދެކޮޅަށް އިސްރާއީލުން ކުރާ ހަނގުރާމައެއްކަމަށާއި މިއީ މީގެކުރިން ދުވަހަކުވެސް ހަނގުރާމައެއްގައި ހިނގާފައިވާކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އިސްރާއީލުން އަންނަނީ މެދުކެނޑުމެއްނެތި ޣައްޒާގެ ހޮސްޕިޓަލުތަކަށް އަމާޒުކޮށް ހަމަލާދެމުންނެވެ.

އިސްރާއީލުން ތުހުމަތުކުރަމުން އަންނަނީ އައް ޝިފާ ހޮސްޕިޓަލުގެ އަޑީގައި ހަމާސްގެ ހެޑް ކުއަރޓަރ ހިންގަމުން އަންނަކަމަށެވެ. އެކަން އައްޝިފާ ހޮސްޕިޓަލުން އެތައް ފަހަރަކު ދޮގުކޮށްފައިވާއިރު ހަމާސް އިން ވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް ޣައްޒާގެ ހޮސްޕިޓަލުތައް ހަމާސްގެ ހަނގުރާމަވެރިން ބޭނުންކުރަމުންދޭތޯ ބެލުމަށް ދައުވަތު ދީފައެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 02:50
Writer Profile Picture
އާއިޝަތު ޝިއުރާ
އައްޝިފާ ހޮސްޕިޓަލުގެ މައި ގޭޓަށް އިސްރާއީލުން ހަމަލާދީފި

ޣައްޒާގެ ހެލްތު މިނިސްޓްރީގެ ސްޕޯކްސްޕާސަން އަޝްރަފް އަލް ގުދުރާ ވިދާޅުވީ އިސްރާއީލުން އައް ޝިފާ ހޮސްޕިޓަލުގެ މައި ގޭޓަށް ހަމަލާދީފައިވާކަމަށެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 02:46
Writer Profile Picture
އާއިޝަތު ޝިއުރާ
ރަފަހް ބޯޑަރު ހުރަސްކޮށް ހުކުރު ދުވަހު އެއްވެސް މީހަކަށް މިސްރަށް އެތެރެނުވެވޭ

ރަފަހް ބޯޑަރު ހުރަސްކޮށް ހުކުރު ދުވަހު އެއްވެސް މީހަކު މިސްރަށް ގޮސްފައިނުވާކަމަށް މިސްރުގެ ސަލާމަތީ ފަރާތްތަކާއި ފަލަސްތީނުގެ އޮފިޝަލުން ބުނެފިއެވެ.

އެއްވެސް މީހަކަށް ޣައްޒާއިން ބޭރު ނުވެވިފައިވަނީ ބޭރުވުމުގެ ކުރިން ނަގަންޖެހޭ ހުއްދަ އެޕްރޫވް ނުވެ އޮތުމުންނެވެ. އެކަން ނުވެފައިވާ ސަބަބު ސާފެއް ނޫނެވެ.

ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މީހުންނަށް ޣައްޒާއިން ބޭރުވުމުގެ ފުރުސަތު ފަހިވެފައިވާއިރު ދެ މިހަފްތާ ތެރޭގައިވެސް ދެ ފަހަރެއްގެ މަތިން އެކަން ހުއްޓިފައިވެއެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 02:44
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ އުތުރުގައި ދިރިއުޅޭ ލައްކައަކަށްވުރެ ގިނަ މީހުން މިއަދު ފައިމަގުގައި ދެކުނަށް ބަދަލުވެފައިވޭ

އިސްރާއީލުން ޣައްޒާގެ އުތުރުގެ ކޮންޓްރޯލު ހޯދަމުން އަންނައިރު އެސަރަހައްދުގައި އުޅޭ ލައްކައަކަށްވުރެ ގިނަ މީހުން ފައިމަގުން ދެކުނަށް މިއަދު ބަދަލުވެފައިވާނެކަމަށް ބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލުން ބުނެފައިވަނީ ދެކުނަށް ދާ މައި މަގަކީ އަމާން މަގަކަށް ވާނެކަމަށެވެ. ނަމަވެސް ދެކުނަށް ދިޔަ ބައެއް މީހުންނަށް އިސްރާއީލުން ހަމަލާދީފައިވާއިރު ބައެއް މީހުން ވަނީ ޒަޚަމްވެފައެވެ. އަދި އަނެއް ބަޔެއްގެ ފުރާނަ ގެއްލިފައިވާއިރު އެއްވެސް އެމްބިޔުލަންސަކަށް އެ މަގަށް ނޭރެއެވެ.

އެއްބަޔަކު ދެކުނަށް ބަދަލުވިއިރު އަދިވެސް އެތައް ހާސް ބަޔަކު ޣައްޒާގެ އުތުރާއި މެދު ތެރޭގައި ވަނީ ތާށިވެފައެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 01:43
Writer Profile Picture
އާއިޝަތު ޝިއުރާ
އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް ދިން ކުއްލި ހަމަލާގައި މަރުވި މީހުންގެ އަދަދު 1200ށް ތިރިވެއްޖެ

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު ހަމާސް އިން އިސްރާއީލަށް އަމާޒުކޮށް ދިން ކުއްލި ހަމަލާގައި މަރުވި މީހުންނަކީ 1200 ކަމަށް އިސްރާއީލު ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިސްރާއީލު ފޮރިން މިނިސްޓްރީން ބުނީ އަދަދުތައް އަލުން ބެލިއިރު 200 މީހުން މަދުވެފައިވާކަމަށެވެ. އަދަދު ދަށްވެފައިވަނީ ބެލިބެލުންތަކުން އެމީހުންނަކީ ހަމާސްގެ ހަނގުރާމަވެރިންކަމަށް ބެލެވޭތީކަމަށް ވަނީ ބުނެފައެވެ. ކުރިން އިސްރާއީލުން ބުނެފައިވަނީ އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު މަރުވެފައިވަނީ 1400 މީހުން ކަމަށެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 01:35
Writer Profile Picture
އާއިޝަތު ޝިއުރާ
24 ގަޑިއިރު ތެރޭގައި އިސްރާއީލު އަސްކަރިއްޔާއިން އައް ޝިފާ ހޮސްޕިޓަލަށް އަމާޒުކޮށް ފަސް ފަހަރަށް ހަމަލާދީފި

އިސްރާއީލު އަސްކަރިއްޔާއިން ވަނީ އައް ޝިފާ ހޮސްޕިޓަލަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައެވެ. ޣައްޒާގެ އިންޓީރިއަރ މިނިސްޓްރީން ބުނާ ގޮތުގައި 24 ގަޑިއިރު ތެރޭގައި އެ ހޮސްޕިޓަލަށް އަމާޒުކޮށް އިސްރާއީލުން ފަސް ފަހަރެއްގެ މަތިން ވަނީ ހަމަލާދީފައެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 01:30
Writer Profile Picture
އާއިޝަތު ޝިއުރާ
އައް ޝިފާ ހޮސްޕިޓަލުގެ ވަށައިގެންވާ ތަންތަނަށް އިސްރާއީލުން އަންނަނީ ހަމަލާދެމުން

އައްޝިފާ ހޮސްޕިޓަލު އިސްރާއީލު އަސްކަރިއްޔާއިން ހިސާރުކޮށްފައި އޮންނަތާ 24 ގަޑިއިރުވާން ދާއިރު މިހާރުވެސް އެހޮސްޕިޓަލުގެ ވަށައިގެންވާ ސަރަހައްދަށް އަމާޒުކޮށް އިސްރާއީލު އަސްކަރިއްޔާއިން ހަމަލާދެމުންދާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އެގޮތުން ސްނައިޕަރުން މިހާރުވެސް ހަމަލާތައް ދެމުންދާކަމަށާއި ހޮސްޕިޓަލަށް އެއްވެސް މީހަކަށް ނުވަދެވޭއިރު ހޮސްޕިޓަލުގައި ތިބި އެއްވެސް މީހަކަށް ބޭރަކަށް ނުނިކުމެވެއެވެ.

11 ނޮވެންބަރ 2023 | ހޮނިހިރު 01:27
Writer Profile Picture
އަހްމަދު ދާއޫދު
ޣައްޒާ ސިޓީގެ މެދުތެރެއަށް އިސްރާއީލުގެ ހަނގުރާމަވެރިން ދަނީ ބޮން އަޅަމުން

ޣައްޒާގެ އާބަން ސަރަޙައްދުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތައް ވަނީ ނާޒުކު ދަރަޖައަކަށް ގޮސްފައި ކަމަށާއި، އިސްރާއީލުގެ ހަނގުރާމަވެރިން މިރޭވެސް ޣައްޒާގެ މެދުތެރެއަށް ބޮންއަޅަމުން ދާކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

އަލްޖަޒީރާގެ ރިޕޯޓަރުން ބުނީ އިސްރާއީލްގެ ހަނގުރާމަވެރިން މިހާރު ތިބީ ތެލް އަލް ހަވާ އަވަށުގައި، އަލް ޝާތީ ރެފިއުޖީ ކޭމްޕްކައިރީގައި ކަމަށެވެ. އަދި ޣައްޒާގެ އިރުމަތީ ސަރަހައްދުތަކަށާއި، ޣައްޒާގެ މެދުތެރެއަށާއި، ޣައްޒާގެ މައި މަރުކަޒުތަކަށް ބޮން އަޅަމުން ދާކަމަށް ރިޕޯޓަރުން ދަނީ ބުނަމުންނެވެ. އިސްރާއީލްގެ އިތުރު ހަނގުރާމަވެރިން އައްޝިފާ ހޮސްޕިޓަލާ އެންމެ ކިލޯމީޓަރެއްހާ ކައިރިއަށް ޖަމާވެފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

10 ނޮވެންބަރ 2023 | ހުކުރު 23:34
Writer Profile Picture
އަހްމަދު ދާއޫދު
ފަލަސްތީނު މައްސަލައިގައި ގަތަރުގެ އަމީރު މިސްރަށް ވަޑައިގަންނަވަނީ

ފަލަސްތީނަށް އެހީގެ ތަކެތި ފޯރުކޮށްދިނުމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ގަތަރުގެ އަމީރު މިސްރަށް ދަތުރުފުޅެއް ކުރައްވައިފިއެވެ.

ޝައިޚް ތަމީމް ބިން ހަމަދު އަލްޘާނީ މިއަދު ހެނދުނު ގަތަރުން ފުރާވަޑައިގެން މިސްރުގެ ވެރިރަށް ގާހިރާއަށް ވަނީ ވަޑައިގެންފައެވެ.

އަމީރުގެ އަރިހުގައި ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝެއިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލް ޘާނީ އާއި ރަސްމީ ވަފުދެއް ބައިވެރިވެވަޑައިގަންނަވާ ކަމަށް ސަރުކާރުގެ ވެބްސައިޓުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

10 ނޮވެންބަރ 2023 | ހުކުރު 10:46
Writer Profile Picture
އާއިޝަތު ޝިއުރާ
ފާއިތުވި 24 ގަޑިއިރު ތެރޭގައި ޣައްޒާއިން 243 މީހުން ޝަހީދުކޮށްލާފައިވޭ

ފާއިތުވި 24 ގަޑިއިރު ތެރޭގައި ޣައްޒާއިން 243ށް ވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިފައިވާކަމަށް އދ ން ބުނެފިއެވެ.

މީގެއިތުރުން ހުޅަނގު އައްސޭރިން 19 މީހެއްގެ ފުރާނަ ގެއްލިފައިވެއެވެ. މީގެއިތުރުން ބުރާސްފަތި ދުވަހު 50،000 މީހުން ޣައްޒާގެ ދެކުނަށް ބަދަލު ވެފައިވާކަމަށް އދން ވަނީ ބުނެފައެވެ.

10 ނޮވެންބަރ 2023 | ހުކުރު 07:14
Writer Profile Picture
އާއިޝަތު ޝިއުރާ
އައްޝިފާ ހޮސްޕިޓަލަށް އަމާޒުކޮށް އިސްރާއީލުން އަނެއްކާވެސް ހަމަލާތަކެއް ދީފި

ޣައްޒާގެ މައި ހޮސްޕިޓަލު އައް ޝިފާ ހޮސްޕިޓަލަށް އަމާޒުކޮށް އިސްރާއީލުން ހަމަލާތަކެއް ދީފިއެވެ. މިހަމަލާ އަމާޒުކޮށްފައިވަނީ ހޮސްޕިޓަލުގެ ބޭރުގައި އޮންނަ ހުސް ބަޔަށެވެ. މިހަމަލާގައި ޒަޚަމްވި މީހުންނާއި މީހަކު މަރުވެފައިވޭތޯ އަންނަނީ ބަލަމުންނެވެ.

10 ނޮވެންބަރ 2023 | ހުކުރު 05:10
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި ހަމާސް އިން އިސްރާއީލުގެ ސިފައިންގެ މީހެއް މަރާލައިފި

ބުރާސްފަތި ދުވަހު ކުރިޔަށްދިޔަ ހަމަލާ ބަދަލުކުރުންތަކުގެ ތެރޭގައި އިސްރާއީލު ސިފައިންގެ މީހެއް މަރުވެފައިވާކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފިއެވެ.

މިއާއެކު އެއްގަމު މަގުން ޣައްޒާއަށް އެރުމަށް އިސްރާއީލުން ކުރިޔަށްގެންދާ އޮޕަރޭޝަންގައި މަރުވި މީހުންގެ އަދަދު ވަނީ 35ށް އަރާފައެވެ.

މީގެއިތުރުން ހަމާސްގެ އަތްދަށުގައި ހުރި އިސްރާއީލު ސިފައިންގެ މީހަކުވެސް މަރުވެފައިވާކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ. މިއީ ކުރިން އިސްރާއީލުން ގެއްލިފައިވާކަމަށް ބުނެފައިވާ މީހެކެވެ. އެމީހާ މަރުވެފައިވާކަން ހަމާސް އިން ވަނީ ކުރިން ހާމަކޮށްފައެވެ. އޮކްޓޯބަރ 7 ވަނަ ދުވަހުން ފެށިގެން ހަމާސް އިން ދެމުންދާ ހަމަލާތަކުގައި މަރުވި އިސްރާއީލު ސިފައިންގެ މީހުންގެ އަދަދު މިހާރު ވަނީ 354ށް އަރާފައެވެ.

10 ނޮވެންބަރ 2023 | ހުކުރު 03:05
Writer Profile Picture
އާއިޝަތު ޝިއުރާ
ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި ޣައްޒާގެ 5500 އަންހެނުން ވިހާނެ

ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި ޣައްޒާގެ 5500 އަންހެނުން ވިހާނެކަމަށް އދން ބުނެފިއެވެ.

އދ ން މިކަން ހާމަކޮށްފައިމިވަނީ ޣައްޒާގެ އެތައް ހޮސްޕިޓަލަކަށް ތެޔޮ ނުލިބުމުގެ ސަބަބުންނާއި ހަމަލާތަކުގެ ސަބަބުން ބަންދުކުރަން މަޖުބޫރުވެފައިވާ ދަނޑިވަޅެއްގައެވެ. އދ ން ބުނާގޮތުގައި ޣައްޒާގައި މާބަނޑު 50،000 މީހުން އެބަތިއްބެވެ.

ކޮންމެ ދުވަހަކު 180 އަންހެނުން ވިހާއިރު މިއީ އެއްވެސް ގޮތަކަށް އަންހެނުންނަށް ރައްކާތެރި ހާލަތެއްނޫންކަމަށް އދން ބުނެއެވެ. ހޮސްޕިޓަލްތަކަށް ބޭނުންވާވަރަށް ބޭސް ނުލިބޭއިރު ކާނާ އާއި ފެން ބޭނުންވާ ވަރަށް ނުލިބެއެވެ.

10 ނޮވެންބަރ 2023 | ހުކުރު 02:50
Writer Profile Picture
އާއިޝަތު ޝިއުރާ
ޔަމަނުގެ ހޫޘީން އިސްރާއީލުގެ އަސްކަރީ ތަންތަނަށް އަމާޒުކޮށް ބެލެސްޓިކް މިސައިލްތަކެއް ފޮނުވާލައިފި

ޔަމަނުގެ ހޫޘީން އިސްރާއީލުގެ އެކި ތަންތަނަށް އަމާޒުކޮށް އޭގެ ތެރޭގައި އިސްރާއީލުގެ އަސްކަރީ ތަންތަންވެސް ހިމެނޭގޮތުން ބެލެސްޓިކް މިސައިލް ފޮނުވާލާފައިވާކަމަށް އެޖަމާއަތުން ބުނެފިއެވެ.

10 ނޮވެންބަރ 2023 | ހުކުރު 02:39
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ ބްލަޑް ބޭންކަށް އިސްރާއީލުން ހަމަލާދީފި

ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނާގޮތުގައި ޣައްޒާގެ ބްލަޑް ބޭންކަށް އަމާޒުކޮށް އިސްރާއީލުން ދިން ހަމަލާއާ ގުޅިގެން ބްލަޑް ބޭންކުގެ ޚިދުމަތް ވަނީ މެދުކެނޑިފައެވެ.

10 ނޮވެންބަރ 2023 | ހުކުރު 02:36
Writer Profile Picture
އާއިޝަތު ޝިއުރާ
ޕަލަސްތީނު ރެޑް ކްރެސެންޓުގެ އެމްބިޔުލަންސަކަށް އިސްރާއީލުން ހަމަލާދީފި

ހުޅަނގު އައްސޭރީގައި އިސްރާއީލުން ކުރިޔަށްގެންދާ އޮޕަރޭޝަންގައި އަނިޔާލިބުނު މީހަކަށް އެހީވުމަށް ދިޔަ ޕަލަސްތީން ރެޑް ކްރެސެންޓް ގެ އެމްބިޔުލަންސަކަށް އިސްރާއީލުން ހަމަލާދީފިއެވެ.

އެމްބިޔުލަންސަށް ޖެނިން ރެފިޔުޖީ ކޭމްޕަށް ނުވަދެވޭގޮތަށް ބަންދުކޮށްފައިވާކަމަށް ރެޑް ކްރެސެންޓުން ބުނެއެވެ.

10 ނޮވެންބަރ 2023 | ހުކުރު 02:32
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމާސްގެ އަތްދަށުގައި ހުރި އިސްރާއީލު ސިފައިންގެ މީހެއް އިސްރާއީލު ހަމަލާތަކުގައި މަރުވެއްޖެ

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ހަމާސްގެ އަތްދަށުގައި ހުރި އިސްރާއީލު ސިފައިންގެ މީހެއް މަރުވެފައިވާކަމަށާއި އިތުރު މީހަކަށް އެކިވަރުގެ ޒަޚަމް ލިބިފައިވާކަމަށް ބައްސާމް ބްރިގޭޑުން ބުނެފިއެވެ.

10 ނޮވެންބަރ 2023 | ހުކުރު 02:27
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން ޖެނިން ރެފިޔުޖީ ކޭމްޕްގައި ކުރިޔަށްގެންދާ ރެއިޑްގައި ބުރާސްފަތި ދުވަހު އެކަނިވެސް 14 މީހުން މަރާލައިފި

އިސްރާއީލުން ހުޅަނގު އައްސޭރީގައި ކުރިޔަށްގެންދާ ރެއިޑްގައި މަރާލި މީހުންގެ އަދަދު 18ށް އަރައިފިއެވެ. ޖެނިން ރެފިޔުޖީ ކޭމްޕްގައި ކުރިޔަށްގެންދާ ރެއިޑްގައި ބުރާސްފަތި ދުވަހު 14 މީހުން ގެ ފުރާނަ ގެއްލިގެންދިޔައެވެ.

10 ނޮވެންބަރ 2023 | ހުކުރު 02:16
Writer Profile Picture
އާއިޝަތު ޝިއުރާ
ބައިޑަން އެދުނީ ތިން ދުވަހަށް ހަމަލާތައް މެދުކަނޑާލަން، އިސްރާއީލުގެ ބޮޑުވަޒީރު އެކަމަށް އެއްބަހެއް ނުވި

ޣައްޒާއަށް އިސްރާއީލުން މެދުކެނޑުމެއްނެތި ދެމުންދާ ހަމަލާތައް ތިން ދުވަހަށް މެދުކަނޑާލަން ހުށަހެޅި ކަމަށާއި ނަމަވެސް އެކަމާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ދެކޮޅު ހެދިކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނެފިއެވެ.

އެއީ ހަމާސްގެ އަތްދަށުގައި ތިބި އަސީރުން މިނިވަންކުރުމަށް ފުރުސަތު ފަހިކުރުމަށްކަމަށް ބައިޑަން ބުްނޏެވެ.

ހަމާސްގެ އޮފިޝަލެއް ބުނެފައިވަނީ މަޝްވަރާތައް އަދިވެސް ކުރިޔަށްދާކަމަށާއި ނަމަވެސް އަދިވެސް އިސްރާއީލާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިނުވާކަމަށެވެ.

10 ނޮވެންބަރ 2023 | ހުކުރު 02:12
Writer Profile Picture
އާއިޝަތު ޝިއުރާ
ތެޔޮ ނެތުމުގެ ސަބަބުންނާއި ހަމަލާތަކުގެ ސަބަބުން ކުޑަކުދިންނަށް ޚާއްސަ ހޮސްޕިޓަލު ބަންދުކޮށްފި

ކުޑަކުދިންނަށް ފަރުވާ ދޭ މައި ހޮސްޕިޓަލު އަލް ނަސްރު ހޮސްޕިޓަލު ހަމަލާތަކާއި ތެޔޮ ނެތުމުގެ ސަބަބުން ބަންދުކޮށްފިއެވެ.

މިހޮސްޕިޓަލުން އަލަށް ވިހާ ކުޑަކުދިންނަށް ކުޑަކުދިންނަށް ފަރުވާދެއެވެ.

ހޮސްޕިޓަލަށް ވަންނަ ދިމާލަށް ގިނަ ހަމަލާތަކެއް ވަނީ އަމާޒުކޮށްފައެވެ. ހޮސްޕިޓަލުން ދޭންޖެހޭ ޚިދުމަތްތައް ދޭނެ ތެޔޮ ނެތުމުން ސަބަބުން ހޮސްޕިޓަލު ބަންދުކޮށްފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

10 ނޮވެންބަރ 2023 | ހުކުރު 02:07