Raajje.mv

ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީގައި އެއްޗެއް ގޮއްވާލުން

ބުރާސްފަތި ދުވަހުގެ ރޭ އިރޭކޮޅު ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅުން އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް ވަނީ އެއްޗެއްގޮއްވާލާފައެވެ. މިހާދިސާގައި އެމަނިކުފާނުގެ އިތުރުން ބައެއް މީހުންނަ

06 މެއި 2021
241501
ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިނުން

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާދިނުން

07 މެއި 2021 | 09:19

ނޫސްވެރިންގެ ބައްދަލުވުން 14:30 ގައި

ރައިސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅޭ އިތުރު މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުނަ 14:30 ގައި

07 މެއި 2021 | 09:16

މީ ސީދާ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމާލާއެއް - އިންތި

މި ހަމަލާއަކީ ސީދާ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އަދި މިއީ ހަމައެކަނި މީހެއްގެ ފުރާނައަށް ދެވުނު ހަމަލާއެއް ނޫން ކަމަށާއި މުޅި ގައުމަށް ދެވުނު ހަމަލާއެއް ކަމަށް އިންތި ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ނަން ކިލަންބުވެގެން ދާނެކަމަށް ވެސް އިންތި ވިދާޅުވިއެވެ.

07 މެއި 2021 | 08:23

ހަމަލާ ތަހުގީގު ކުރަމުން ދަނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި - ފުލުހުން

މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް މިހަމަލާ ތަހުގީގު ކުރަމުން ގެންދަނީ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމް ހަމަލާއެއްގެ ގޮތުން ކަމަށް ފުލުހުން ބުނެފިއެވެ.

07 މެއި 2021 | 07:24

މިހާތަނަށް ރައީސް ނަޝީދުގެ ހަށިކޮޅުގައި ހެދުނު ހުރިހާ ސާޖަރީއެއް ވެސް ކާމިޔާބު - އޭޑީކޭ

ހަމަލާއަށްފަހު ރައީސް ނަޝީދު އޭޑީކޭއަށް ގެނެވުނު ފަހުން ކާމިޔާބުކަމާއެކު ގިނަ ސާޖަރީތަކެއް ނިންމާލެވިފައި ވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އެހެން ނަމަވެސް އަދި އެއް ޕްރޮސީޖަރ ކުރިއަށްދާނެކަމަށް އޭޑީކޭއިން މައުލޫމާތުދެއެވެ.

07 މެއި 2021 | 07:09

ރައީސް ނަޝީދަކީ ބިރުން ފަސްޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން – ޑރ. އެސް ޖައިޝަންކަރު

ރައީސް ނަޝީދަކީ ބަޔަކު ކުރާ ކަމަކަށް ބިރުން ފަސްޖެހި ވަޑައިގަންނަވާނެ ބޭފުޅެއް ނޫންކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާންޔަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

ޑރ. ޖައިޝަންކަރު މިހެން ވިދާޅުވީ ރައީސް ނަޝީދުގެ ހަށިކޮޅަށް ދެވުނު ހަމަލާއާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

07 މެއި 2021 | 07:04

ހަމަލާއާއި ގުޅިގެން ފުލުހުންގެ ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް މެންދުރުފަހު

ބުރާސްފަތި ދުވަހުގެރޭ ދިން ނިރުބަވެރި ހަމަލާއައި ގުޅިގެން ފުލުހުންގެ ޚާއްސަ ނޫސްވެރިންގެ ބައްދަލު ވުމެއް މިއަދު 13:45ށް ތާވަލުކޮށްފިއެވެ.

07 މެއި 2021 | 06:52

ރައްކާތެރިކަން ލިބިގެންވާ ބޭފުޅަކަށް މިފަދަ ހަމަލާއެއް ދެވޭއިރު އާންމު ރައްޔިތުންނަށް އޮތީ ކޮން ގޮތެއް؟ - މަވޯޓާ

ފުލުހުންނާއި ސިފައިންގެ ރައްކާތެރިކަމާއި ބޮޑީގާޑުން ލިބިގެންވާ ބޭފުޅަކަށް މިފަދަ ހަމަލާއެއް ދެވޭއިރު އާންމު ރައްޔިތުންނަށް އޮތީ ކޮން ގޮތެއްކަމާ މެދު މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ސުވާލު އުފައްދަވައިފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާ މަވޯޓާ ސިފަކުރެއްވީ ނުރައްކާތެރި ބިރުވެރި ކަމެއްގެ ގޮތުގައެވެ. އަދި މިކަމާ ކަންބޮޑުވެ ވަޑައިގެން ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.

07 މެއި 2021 | 06:32

މިއީ ރައީސް ނަޝީދަށް ގަސްތުގައި ދިން ހަމަލާއަށް ކަމަށް ބެލެވޭ – އާދަމް ޝަރީފް

މީ ރައީސް ނަޝީދަށް ގަސްތުގައި ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނާއިބުރައީސް އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝަރީފް ވިދާޅުވީ، މީ ގައުމީ ސަލާމަތަށް ނުރައްކާވެއްޖެކަން އަންގައިދޭ ހަމަލާއެއް ކަމަށާއި، ވަރަށް ދަށު ދަރަޖައިގެ ފިނޑި އަމަލެއްކަމަށެވެ.

07 މެއި 2021 | 06:32

މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދިން އަނިޔާއެއް: ބިލެތްދޫ ދާއިރާގެ މެމްބަރު

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދިން އަނިޔާއެއް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ޚަލީމް (ދޮންބިލޭ) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ލައިވް ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަވިއުގައި މެމްބަރު ހަލީމް ވިދާޅުވީ ރައީސް ނަޝީދަކީ މުޅި ރާއްޖޭގައި ދުނިޔޭގައި ވެސް މަގުބޫލު ލީޑަރެއް ކަމަށާއި، މިގައުމަށް ރައްޔިތުން އެދޭ ފަދަ ބަދަލެއް ގައުމަށް ގެންނަވާފައިވާ މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށެވެ.

މުޅި ގައުމަށްދިން ހަމަލާއެއްކަން ސިފަކުރައްވާ މެމްބަރު ހަލީމް ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދެވުނު އަނިޔާއެއް ކަމަށެވެ.

މެމްބަރު ހަލީމް ވިދާޅުވި ކޮވިޑް-19ގެ މިހާލަތުގައި މިކަމުގެ ސަބަބުން އިގްތިސާދަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ. އަދި މިހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމުންދާއިރު، ފަތުރުވެރިކަމުގެ ސިނާއަތަށް ވެސް ބޮޑު ގެއްލުމެއް ލިބޭނެކަން މެމްބަރު ފާހަގަކުރެއްވިއެވެ.

07 މެއި 2021 | 06:22

ރައީސް ނަޝީދު އަދިވެސް ހޭފުޅުނާރާ، އޮންނެވީ އައިސީޔޫގަ

އޮޕްރޭޝަނަށްފަހު ރައީސް ނަޝީދު އަދިވެސް ހޭފުޅުނާރާކަމަށާއި އޮންނެވީ އައިސީޔޫގައި ކަމަށް މިވަގުތު އޭޑީކޭ ހޮސްޕިޓަލުގައި ހުންނެވި ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް (ދޮންބިލެއް) ވިދާޅުވެއްޖެއެވެ.

ދޮންބިލެއް ވިދާޅުވީ، ރައީސް ނަޝީދުގެ ހާލުކޮޅު ސްޓޭބަލް ކަމަށާއި، އެހެން ނަމަވެސް ސީރިއަސް ކަމަށެވެ.

07 މެއި 2021 | 05:56

ހެލްތު މިނިސްޓަރު އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައިފި

ހަމަލާއަށް ފަހު ރައީސް ނަޝީދަށް އޭޑީކޭގައި ފަރުވާދެމުންދާއިރު، އެ ހޮސްޕިޓަލަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ޒިޔާރަށް ކުރައްވައިފިއެވެ.

ރައީސް ނަޝީދުގެ ހާލުކޮޅު ބެއްލެވުމަށް ގިނަ އަދަދެއްގެ ވަޒީރުންނާއި، ސަރުކާރުގެ އެހެން އިސްވެރިން ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވަމުންނެވެ.

07 މެއި 2021 | 05:48

މިކަހަލަ ކަމެއް ދިމާވީމަ އެންމެން އެކަތި ގަނޑަކަށް ވާންޖެހޭ - ޑރ. މުއިއްޒު

މިފަދަ ކަމެއް ދިމާވުމުން ސިޔާސީ ފިކުރާއި ދެކޮޅުވެރިކަން އެއްފަރާތްކޮށް އެންމެން އެކަތި ގަނޑަކަށް ވާންޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ ސިޓީ ކައުންސިލްގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ހަށިކޮޅަށް ދެވުނު ހަމަލާއާއި ގުޅިގެން 'ރާއްޖެ ޓީވީ' އިން ކުރިއަށް ގެންދާ ލައިވް ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުން ޑރ. މުއިއްޒު ވަނީ މި ހަމަލާގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. މިހަމަލާ އެއްވެސް ގޮތަކަށް ވެސް ބަލައިނުގެންނެވޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޑރ. މުއިއްޒުގެ ވާހަކަފުޅުގައި، މާލެ ސިޓީގައި ހިނގާ މިފަދަ ކަންކަން މަދުކުރުމާއި، ތަހުގީގު ކުރުމަށް ރަނގަޅު ސީސީޓީވީ ނިޒާމެއް ގާއިމުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ.

07 މެއި 2021 | 05:14

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ މުޅި އިންސާނިއްޔަތަށް ދިން އަނިޔާއެއް: މެމްބަރު ޖީހާން

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ މުޅި އިންސާނިއްޔަތަށް ދިން އަނިޔާއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ލައިވް ކަވަރޭޖަށް ދެއްވި ޚާއްސަ އިންޓަވިއުގައި މެމްބަރު ޖީހާން ވިދާޅުވީ މަޖިލީހުގެ 241 ކޮމެޓީއަށް ދޭން ޖެހޭ އެއްބާރުލުން ދެމުންދާނެ ކަމަށެވެ. މިހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ޖީހާން ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. އަދި ވިދާޅުވީ މިހަމަލާއަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

07 މެއި 2021 | 04:21

ކަންބޮޑުވީ ނަމަވެސް އެޗްޕީއޭގެ އެންގުންތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަން - އެޗްއާރްސީއެމް

ނިރުބަވެރި ހަމަލާއާ ގުޅިގެން ކަންބޮޑުވީ ނަމަވެސް އެޗްޕީއޭގެ އެންގުންތަކަށް ސަމާލުކަން ދިނުމަށް އެޗްއާރްސީއެމުން އިލްތިމާސްކޮށްފިއެވެ.

07 މެއި 2021 | 03:43

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ކަމަދޫ ކައުންސިލުން ކުށްވެރިކޮށްފި

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ބ،. ކަމަދޫ ކައުންސިލުން ކުށްވެރިކޮށްފިއެވެ.

ކަމަދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ވަނީ، މި ޙަމަލާގެ މައުލޫމާތު ލިބުމުން ކުއްލި ޝޮކެއް ލިބިފައިވާ ކަމަށާއި، މި އަމަލު އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އަދި މި އަމަލަކީ ރަހުމްކުޑަ ދަރަޖައިގެ އަމަލެއް ކަމަށް ސިފަކޮށް، މި ޓެރެރިޒަމްގެ އަނިޔާވެރި އަމަލާމެދު ކަންބޮޑުވެ ހިތާމަކުރާކަމަށް ބުނެފައިވެއެވެ.

ކަމަދޫ ކައުންސިލްގެ ބަޔާނުގައި މި އަމަލު ހިންގި ފަރާތްތަށް ހިފާ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރުމަށް އެދިފައިވެއެވެ.

07 މެއި 2021 | 02:41

އޮޕަރޭޝަން ތިއޭޓަރުގައި ހަ ގަޑި އިރު

ނިރުބަވެރި ހަމަލާއާ ގުޅިގެން ލިބުނު އަނިޔާތަކަށް ފަރުވާ ހޯދުމަށް ރައީސް ނަޝީދުގެ އޮޕަރޭޝަންތަކެއް ކުރިއަށްދާތާ ހަ ގަޑިއިރަށް ވުރެ ގިނަ އިރު ވީ އިރު އަދިވެސް އެމަނިކުފާނު އޮންނެވީ ތިއޭޓަރުގައެވެ.

ރައީސް ނަޝީދު ތިއޭޓަރަށް ވެއްދިކަން އޭޑީކޭ ހޮސްޕިޓަކުން ކަށަވަރުކޮށްދިނީ ރޭ 1 ޖެހިހާއިރެވެ. ރޭ 20:30ން ފެށިގެން އެ ހޮސްޕިޓަލުގައި އެމަނިކުފާނު ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ.

07 މެއި 2021 | 01:19

ރައީސް ނަޝީދުގެ ތިންވަނަ އޮޕަރޭޝަނެއް

މިހާރުކުރަމުންދަނީ ރައީސް ނަޝީދުގެ ތިން ވަނަ އޮޕަރޭޝަންއެއް ކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

އެންމެ ފުރަތަމަ އެމަނިކުފާނު ގެންގޮސް ކޮށްފައިވަނީ ބޭރުފުށުން ފެނުނު ޒަހަމްތަކަށް ފަރުވާދިނުމުގެ މަސައްކަތެވެ. އޭގެ ފަހުން ބޮލަށް ލިބިފައިވާ އަނިޠާތަކަށް ފަރުވާދިނުމަށް ފަހު ހެދި ސީޓީ ސްކޭނަކުން އެނގުނު ގޮތުގައި އެމަނިކުފާނުގެ މޭ ކައިރިން ފުއްޕާމެއަށް އަސަރުކޮށްފައިވެއެވެ.

އޭގެ ސަބަބުން ދެވަނަ އޮޕަރޭޝަން ކޮށްފައިވަނީ ފުއްޕާމެއަށް ފަރުވާ ދިނުމަށެވެ. އަދި އެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި މިހާރު ކުރަނީ ގޮހޮރުގެ އޮޕަރޭޝަނެއް ކަން ވެސް އެނގިފައިވެއެވެ.

ޑޮކްޓަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ މެއަށް އަސަރުކޮށްފައި ހުރެދާނެތީ ކަމަށްވާއިރު، އަދި އެފަދަ ކަމެއް ވެފައިވާކަން އެނގިފައެއް ނުވެއެވެ.

07 މެއި 2021 | 00:16

މިއީ ސިޔާސީ ހަމަލާއެއް ނޫން، ޒަމާނީ ރާއްޖެއެއް އުފައްދަން ކުރި މަސައްކަތަށް ދިން ހަމަލާއެއް: އާޒިމް

ރައީސް ނަޝީދަށް ދިން ހަމަލާއަކީ ސިޔާސީ ހަމަލާއެއް ނޫން ކަމަށާއި، އެއީ ރައީސް ނަޝީދު ޒަމާނީކޮށް ކުރައްވާ މަސައްކަތްތަކުގެ ސަބަބުން ލިބުނު ހަމަލާއެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ކިޔަވައިގެން ތިބި ޒުވާނުންތަކަކަށް މި ގައުމު މޮޑާން ގައުމަކަށް ހެދުމަށް އެންމެ އިސް ސަފުގައި މަސައްކަތްކުރައްވާ އެއް ބޭފުޅަކީ ރައީސް ނަޝީދު ކަމަށެވެ. އެގޮތުން ރާއްޖެ އޮތީ ދަށް ފެންވަރެއްގައި ކަން ގަބޫލުކޮށް، ރާއްޖެ އިތުރަށް ތަރައްގީކުރަން އަބަދުވެސް މަސައްކަތްކުރައްވާ ކަމަށެވެ. އަދި އަބަދުވެސް މި ގައުމުގައި އަނދިރި ދައުލަތެއް އޮތްކަން ރައީސް ނަޝީދު ފާހަގަކުރައްވާ އެ ކަންކަމަށް ވަކާލާތުކުރައްވާ ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ އެކަންކަމާ ހެދި ސޯޝަލްމީޑިއާގައި އެކި ޕޯސްޓުތައް އަބަދުވެސް ފެންނަ ކަމަށެވެ. ރައީސް ނަޝީދަކީ އިސްލާމް ދީނާ ދެކޮޅު ބޭފުޅެއް ކަމަށާއި، އެމަނިކުފާނު ދުނިޔޭގައި ނުބަހައްޓަން ގޮވާލައި ކުރާ ޓުވީޓުތައް ވެސް އަބަދުވެސް ފެންނަ ކަމަށް ވިދާޅުވިއެވެ. އެހެންވީމަ އެއީ އެކަހަލަ ކަމެއް ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި ހާލަތުގައި ސިޔާސީ ޕާޓީތަކުން އަމަލުކުރާ ގޮތާއި މެދު ވަރަށް ހިންހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި މިރޭ ބޭއްވި ޖަލްސާގައި ވެސް އަމަލުކުރެއްވީ ވަރަށް ގުޅިގެން ކަމަށާއި، މި އަމަލު ކުށްވެރިކޮށް، ސިޔާސީ ފިކުރުގައި ޖެހިގެން ނުތިބެ މި އަމަލުތަކަކީ ރާއްޖެ ބޭނުންވާ އަމާޒަށް ގެންދެވޭނެ ގޮތް ނޫން ގަބޫލުކުރީތީ ވަރަށް އުފާވާ ކަމަށް ވިދާޅުވިއެވެ،

07 މެއި 2021 | 00:11

ސީން ހަލާކުނުވަނިސް ބޭރުގެ އެކްސްޕާޓުން ގެންނަން ޖެހޭ: އާޒިމް

ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބެލުމަށް ބޭރުގެ އެކްސްޕާޓުން ގެނަންނަން ޖެހޭނީ އެ ކްރައިމް ސީން ހަލާކު ނުވަނީސް ވީހާވެސް އަވަހަށް ކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ ރައީސް ނަޝީދަކީ ވަރަށް ހުޅުވިފައިވާ ޖައްވެއްގައި ދުނިޔޭގެ އެކި މައްސަލަތަކާ ގުޅޭގޮތުން ވަރަށް މިނިވަންކޮށް ވާހަކަފުޅުދައްކަވާ ބޭފުޅެއް ކަމަށެވެ. އެހެންވެ ރައީސް ނަޝީދަށް ލިބުނު ހަމަލާއަކީ ބޭރުގެ ބަޔަކު ދިން ހަލަމާއަކަށް ވުން އެކަށީގެންވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މި މައްސަލައިގެ ތަހުގީގަށް މީހުން ހައްޔަރުކުރުމުން އެއީ ސިޔާސީ ކަމަކަށް ނުހެދުމަށް ގޮވާލާ ކަމަށެވެ. އަދި މި ތަހުގީގު ރަނގަޅަށް ދާ ނަމަ މިހާރު ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ތިބެން ޖެހޭ މީހުން އެބަތިބި ކަމަށާއި، އޭގެ ތެރޭގައި ރާއްޖޭގެ ބައެއް ޝޭހުން ވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިކަންކަން މިހިސާބަށް ބޮއްސުންލައިގެން ދަނީ ގާނޫނި ރަނގަޅަށް ތަންފީޒު ނުކުރެވޭތީ ކަމަށެވެ. އަދި ގާނޫނުގައި މައްސަލައެއް ހުރި ނަމަވެސް މަޖިލީހަށް އެންގުމުން ވީ އެންމެ އަވަހަކަށް އެކަމެއް ކޮށްދެއްވާނެ ކަމަށެވެ. އެކަމަކު މިހާރު ވެސް އެފަދަ ބަދަލެއް ގެނެސްފައިވާނެ ކަމަށާއި، އެކަމަކު އަދިވެސް ގާނޫނުތައް ރަނގަޅަށް ތަންފީޒު ނުވާ ކަމަށެވެ.

އެހެންވީމާ މިފަދަ ކަންކަން ހައްލުކުރުމަށް ޒިންމާދާރު މުއައްސަސާތަކުން ހަރުދަނާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

06 މެއި 2021 | 22:13

މިއީ އިޤްތިސާދާއި ޑިމޮކްރަސީއަށް ދިން ޙަމަލާއެއް، މިފަދަ ޙަމަލާއަކަށް ޖާގައެއް ނެތް: ރައީސް

06 މެއި 2021 | 22:03

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ރައީސް ނަޝީދުގެ ހާލުކޮށް ސީރިއަސް ކަން ރާއްޖެއެމްވީ އަށް އެނގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމަނިކުފާނުގެ ގަޔަށް ހެރުނު އެއްޗެހި މެޔާ ދިމާލުން ފުއްޕާމެއްއަށް ވެސް އޭގެ އަސަރުކޮށްފައިވާތީ، އެ ނެއްޓުމަށް ސާޖަރީތަކެއް ހެދުމަށް ފަހު އަދިވެސް އޮތީ އޮޕަރޭޝަން ތިއޭޓަރުގައެވެ. އަދިވެސް ހާލު ސްޓޭބަލް ނޫން ކަމަށް އެނގިފައިވެއެވެ.

06 މެއި 2021 | 21:56

ނައިބުރައީސް އޭޑީކޭއަށް ވަޑައިގެންފި

ހަމަލާއަށް ފަހު ރައީސް ނަޝީދަށް ފަރުވާދެމުންދާއިރު، އެމަނިކުފާނުގެ ހާލު ބައްލަވާލެއްވުމަށް ނައިބުރައީސް އޭޑީކޭ ހޮސޕްިޓަލްއަށް ވަޑައިގެންފިއެވެ. އެމަނިކުފާނާއި އެކު ކެބިނެޓުގެ ބައެއް ވަޒީރުންނާއި މަޖިލިސް މެމްބަރުން ވެސް ވަނީ އެތަނަށް ވަޑައިގެންފައެވެ.

06 މެއި 2021 | 21:47

ތަހުގީގުގައި އިސްޓްރޭލިއަން ފެޑެރަލް ޕޮލިސް ހޮނޮހިރު ދުވަހު ރާއްޖެ އަންނާނެ: ރައީސް

ތަހުގީގު މިހާރުވެސް ދަނީ ކުރިއަށް ކަމަށާއި އަންނަ ހޮނިހިރު ދުވަހު އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް ހޮނޮހިރު ދުވަހު ރާއްޖެ އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ މުޅި ގައުމުގެ އިގްތިސޯދަށް ވެސް ދިން ހަމަލާއެއް ކަމަށާއި، އެ ހަމަލާގެ ތަހުގީގު އަވަހަށް ނިންމައި ޒިންމާވާ މީހުން ޒިންމާދާރުކުރުވަން ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

06 މެއި 2021 | 21:44

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ މުޚާތަބުކުރައްވަނީ

އެ ހަމަލާ ހަރުކަށިކޮށް ކުށްވެރިކުރައްވާ ކަމަށް ވިދާޅުވިއެވެ.

އިތުރު އޮޕަރޭޝަނެއް ކުރާކަން އޭޑީކޭއިން ކަށަވަރުކޮށްދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

06 މެއި 2021 | 21:26

ރައީސް ރައްޔިތުންނާ މުޚާތަބުކުރެއްވުން 2:30ގައި

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ 2:30ގައި މީޑިއާތައް މެދުވެރިކޮށް ރައްޔިތުންނާ މުޚާތަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

06 މެއި 2021 | 21:21

ވަޒީރުންގެ ބައްދަލުވުމުގައި މިކަމަށް އަޅާފައިވާ ފިޔަވަޅުތަކާގުޅޭ މަޝްވަރާކުރި: ރައީސް އޮފީސް

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ބޭއްވި ވަޒީރުންގެ ބައްދަލުވުމުގައި އެ ހާދިސާއާ ގުޅިގެން މިހާރު އަޅުއްވާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންނާއި، މިކަން ހިނގާދިޔަގޮތް ތަޙުޤީޤުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެއްވެވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް އަދި ވަޒީރުން ވެސް އެ ޢަމަލު ކުށްވެރިކުރައްވައި މިކަން ވީ އެންމެ އަވަހަށް ތަހުގީގުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް ބުނެފައިވެއެވެ އަދި، އެފަދަ ހާލަތްތަކުގައި ގައުމުގެ އެންމެހާ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެޅެންހުރި ފިޔަވަޅުތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރި ކަމަށް ބުނެފައިވެއެވެ.

06 މެއި 2021 | 21:20

އިވުނީ ބާރުގަދަ އަޑެއް، ސިފައިންގެ އޮފިސަރަކު ވެއްޓިފައި އޮތް: މަންޒަރު ދުއް ފަރާތެއް

06 މެއި 2021 | 21:18

މަޖިލިސް އަނެއްކާ ވެސް ފެށުމަށް ފަހު މެދުކަނޑާލައިފި، ދެން އޮންނާނީ ސާޖަރީ އަށް ފަހު

ރައީސް ނަޝީދުގެ އިތުރު ސާޖަރީތަކެއް ކުރަން ޖެހޭ ކަމަށް އޭޑީކޭއިން ބުނެފައިވާ ކަމަށާއި، ޖަލްސާ އަލުން ދެން ކުރިއަށްގެންދާނީ ސާޖަރީތައް ނިމި އޭގެ މައުލޫމާތު ލިބުމުން ކަމަށް ރިޔާސަތުގައި އިންނެވި އީވާ އަބްދުﷲ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ވަރަށް ގިނަ އާންމުންގެ ހެޔޮ ދުއާގެ މެސެޖުތައް ލިބެމުން އަންނަ ކަމަށާއި، ރައްޔިތުންނަށް ދިމާވާ ކަންކަމުގައި ރައީސް ނަޝީދު އިސްވެ ކުރައްވާ މަސައްކަތްތައް ރައްޔިތުން ބަލައިގަންނަކަން އެކަމުން އެނގޭ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ކަންކަން ހަމައަކަށް އެޅެންދެން ޖަލްސާ ކުރިއަށްގެންދާނެ ކަމަށް ވިދާޅުވިއެވެ.

06 މެއި 2021 | 20:46

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާއަށް ދުނިޔޭގެ ސަމާލުކަން

ރައީސް ނަޝީދަށް ދީފައިވާ ޙަމަލާއަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވާއިރު، އަލްޖަޒީރާ، ރޮއިޓަރސް އަދި ބީބީސީ ފަދަ ތަންތަނުންވެސް ގެންދަނީ މި ޚަބަރު ރިޕޯޓު ކުރަމުންނެވެ. އެގޮތުން ބޭރުގެ މީޑިއާތަކުންވެސް ވަނީ ރާއްޖެއަކީ މިފަދަ ޙަމަލާތައް މަދު، އަމާން ޤައުމެއްގެ ގޮތުގައި ސިފަކޮށްފައެވެ.

06 މެއި 2021 | 20:44

ބޭރުގެ މާހިރުން ބޭނުންކޮށްގެން ޙަމަލާގެ ތަހުޤީޤު ކުރިއަށް ގެންދަން ފެނޭ: އަސްލަމް

މި ޙަމަލާއާ ގުޅިގެން ބުރާސްފަތި ދުވަހުގެރޭ ވަނީ ކޮމިޓީގެ ސިއްރު ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ. މި ބައްދަލުވުމާއި ގުޅޭ މައުލޫމާތު ރާއްޖެއެމްވީއަށް ދެއްވަމުން މަޖިލީހުގެ 241 ކޮމިޓީގެ މުޤައްރިރު މުޙައްމަދު އަސްލަމް ވިދާޅުވީ، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފުލުހުންނަށް އެދުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބޭރުގެ ތަޖުރިބާކާރުން ބޭނުންކޮށްގެން ތަހުޤީޤު ކުރިއަށް ގެންދިއުމަށް ފެންނަކަމަށް މުޤައްރިރު ވިދާޅުވިއެވެ. އަސްލަމް ވިދާޅުވީ، މިއީ ކޮމިޓީގެ ހުރިހާ މެމްބަރުންވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރާ އަމަލެއް ކަމަށެވެ.

މިފަދަ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމަށް ޚާއްސަ ސަމާލުކަން ދޭންޖެހޭކަން ފާހަގަ ކުރައްވައި އަސްލަމް ވިދާޅުވީ، ސަރުކާރުންވެސް އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި މިފަދަ ޙަމަލާތަކާއި ގުޅިގެން އެކަންކަމުގައި ހިމެނޭ މީހުންނަށް ޤާނޫނީ ގޮތުން އަދަބު ނުދެވި ދިއުމުގެ ކަންބޮޑުވުން އަސްލަމް ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މި ޙާލަތުގައި ހުރިހާ ސިޔާސީ ޕާޓީންވެސް މިކަމުގައި ގުޅިގެން މަސައްކަތް ކުރަމުންދާ މަންޒަރު ފެންނަމުންދާކަމަށް އަސްލަމް ވިދާޅުވިއެވެ.

06 މެއި 2021 | 20:35

ރައީސުލްޖުމްހޫރިއްޔާ ޓީވީ މެދުވެރިކޮށް ޤައުމާ މުޚާތަބުކުރައްވަނީ

06 މެއި 2021 | 20:28

ރައީސް ނަޝީދުގެ އިތުރު ސަރޖަރީއެއް ހަދަނީ

06 މެއި 2021 | 20:26

ރައީސް ނަޝީދުގެ ސިއްހީ ހާލުކޮޅާގުޅޭ ފުރިހަމަ މައުލޫމާތު އެޑީކޭއިން ހާމަކުރަންދެން ޖަލްސާ ކުރިއަށްދާނެ: މަޖިލިސް

06 މެއި 2021 | 19:48

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ކެބިނެޓް ބައްދަލުވުމެއް

އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މެންބަރުންނާ އެކު ބޭއްވި ބައްދަލުވުމަށް ފަހު މިހާރު ކެބިނެޓްގެ މިނިސްޓަރުންނާއެކު ބައްދަލުވުން ވަނީ ފަށާފައެވެ.

ސެކިއުރިޓީ ކައުންސިލްއާ އެކު ބޭއްވި ބައްދަލުވުމުގެ ތަފްސީލްތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

06 މެއި 2021 | 19:40

ރައީސް ނަޝީދަށް ދިން ހަމަލާގެ ޒިންމާ އައިސިސް އިން ނަގައިފި

ރައީސް ނަޝީދަށް ދިން ހަމަލާގެ ޒިންމާ އައިސިސް އިން ޑާކް ވެބްގައި ނަގާފައިވާ ކަމަށް ބުނެ ޓެރަރ އެލާމް އިން ވަނީ ޓުވީޓުކޮށްފައެވެ. އެކަމަކު ކަމާ ބެހޭ އެއްވެސް އިދާރާއަކުން އަދި އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

06 މެއި 2021 | 19:28

އޭޑީކޭގައި ފަރުވާދެމުން ދިޔަ ދެ ސިފައިން ވެސް ދޫކޮށްލައިފި

ރައިސް ނަޝީދަށް ދިން ހަމަލާގައި އަނިޔާލިބުނު ތިން ސިފައިން ވެސް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ތިން ސިފައިންގެ ތެރެއިން އެކަކު ގެންދިޔައީ އައިޖީއެމްއެޗް އަށެވެ. އަދި ދެ ދިފައިން އޭޑީކޭއަށް ގެންދިޔަ އިރު، ތިން މީހުންނަށް ވެސް އަނިޔާލިބުނީ ބޭރުފުށުންނެވެ.

އައިޖީއެމްއެޗް އަށް ގެންދިޔަ މީހާ 11:30ހާއިރު ދޫކޮށްލި އިރު އޭޑީކޭއިން އެކަކު ދޫކޮށްލީ 11:50ހާއިރު އެވެ.

06 މެއި 2021 | 19:20

މަޖިލީހުގެ ސަލާމަތީ ޚިދުމަތާއި ބެހޭ ކޮމިޓީގެ ހާއްސަ ބައްދަލުވުމެއް ބާއްވަން ތައްޔާރުވަނީ

މިރޭ 9:15ހާއިރު ބާއްވަން ހަމަޖެހިފައިވާ ކޮމިޓީ ބައްދަލުވުން ފެށުމުގެ ތައްޔާރީތައް މިހާރު ދަނީ ކުރިއަށެވެ.

ރައީސް ނަޝީދަށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ބާއްވާ މި ހާއްސަ ބައްދަލުވުމުގެ އެޖެންޑާގައި ހިމަނާފައިވަނީ މިރޭގެ ހަމަލާއާ ގުޅިގެން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ މަޝްވަރާތަކެވެ.

06 މެއި 2021 | 19:17

ރައީސް ނަޝީދަށް ދިން ހަމަލާ ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް ކުށްވެރިކުރައްވައިފi

ގާސިމް އިބްރާހިމް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެކަން ކުށްވެރިކުރައްވާ ކަމަށާއި، އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އަޅަން ގޮވާލައްވާ ކަމަށެވެ. އަދި ރައީސް ނަޝީދަށާއި، އަނިޔާވި އެސްޕީޖީއަށް އަވަސް ޝިފާއެއް އެދި ދުއާކުރައްވާފައިވެއެވެ.

06 މެއި 2021 | 19:14

ރައީސް ނަޝީދަށް ދިން ހަމަލާއަކީ ވަރަށް ފިނޑި އަމަލެއް: ޓްރޭޑް ޔޫނިއަން

ޓްރޭޑް ޔޫނިއަން އިން ނެރުނު ބަޔާނުގައި ބުނީ އެއީ ވަރަށް ނުރައްކާތެރި އަދި ވަރަށް ފިނޑި އަމަލެއް ކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި އިބާރާރުން ކުށްވެރިކުރާ ކަމަށެވެ.

ބަޔާނުގައި ބުނީ ބަލިމަޑު ކަމެއްގެ ތެރޭގައި އޮތް ހާލަތެއްގައި އެފަދަ ހަމަލާއެއް ދިނުމަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓާ ސަލާމާތީ ބާރުތަކަށް އައި އިންޒާރެއް ކަހަލަ ކަމެއް ކަމަށެވެ. އެހެންވެ އެ ހަމަލާގެ އެންމެ ފުންމިނަށް ފޯރައި އިތުބާރު ހުރި ތަހުގީގެއް ހިންގުމަށް ވެސް ގޮވާލާފައިވެއެވެ.

06 މެއި 2021 | 19:06

އދ އިން ވެސް ވަނީ މި ހަމަލާ ކުށްވެރިކޮށްފައި

އދ އިން ކުރި ޓުވީޓުގައި ބުނީ ރައީސް ނަޝީދަށް ދިން އަނިޔާ ކުށްވެރިކުރާ ކަމަށާއި، އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ. އަދި އަމާން މުޖުތަމައުއެއް ބިނާކުރުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އދ އިން އަބަދުވެސް އެއްބާރުލުން ދޭނެ ކަމަށް ބުންޏެވެ.

3 / 4