ކ. މާލެ
|
11 މެއި 2021 | އަންގާރަ 00:01
ޖޯ ލިގޮން މިނިވަނެއްގެ ގޮތުގައި: މުޅިއެކު 68 އަހަރު ޖަލުގައި ހޭދަކުރި
ޖޯ ލިގޮން މިނިވަނެއްގެ ގޮތުގައި: މުޅިއެކު 68 އަހަރު ޖަލުގައި ހޭދަކުރި
ބީބީސީ
ޖޯ ލިގޮންގެ ވާހަކަ
ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
 
ޖޯ ލިގޮން ސަލާމަތްވީ ދަރުމަޔަށް މަސައްކަތް ކުރި ވަކީލެއްގެ ސަބަބުން
 
މުަޅިއެކު 7 ޖަލެއްގައި ޖުމްލަ 68 އަހަރު ހޭދަކުރި

މިއީ ކުޑަކުއްޖެއްގެ ގޮތުގައި ޖަލަށް ލެވިފައި އެންމެ ގިނަ ދުވަސް އެތާގައި ހޭދަކޮށްފައި މިނިވަންވި އެމެރިކާ މީހެއްގެ ވާހަކައެވެ. އުމުރުން 83 އަހަރަށްވުރެ މައްޗަށް ދިޔަ ފަހުން މިނިވަންކަމުގެ ފޮނިކަން އަލުން ލިބުނު ޖޯ ލިގޮންގެ ވާހަކައެވެ. އޭނާގެ ހަޔާތުގެ ވާހަކަޔާއި ޖަލުގައި 68 އަހަރުގެ ދިގު މުއްދަތަކަށް ކުރި ތަޖުރިބާތަކުގެ ވާހަކަ ދާދިފަހުން ވަނީ ބީބީސީއަށް ކިޔައިދީފައެވެ.

ޖޯ ލިގޮން އުފަންވީ އެމެރިކާގެ ދެކުނުގެ ސްޓޭޓެއް ކަމަށްވާ އަލަބާމާގެ ބާމިންހަމްގައެވެ. އާއިލާޔާއެކު އެމެރިކާގެ އުތުރުގެ ޕެންސިލްވޭނިޔާ ސްޓޭޓްގެ ފިލަޑެލްޕިއާއަށް ދިރިއުޅުން ބަދަލުކުރީ ލިގޮންގެ އުމުރުން ބާރަ އަހަރުގައެވެ. ބައްޕަޔަކީ މެކޭނިކެކެވެ. މަންމަޔަކީ ނަރުހެކެވެ. ލިގޮންއަށްވުރެ ހަގު ދެ ކޮއްކޮއިންވެސް ތިބެއެވެ. ފުދޭވަރެއްގެ ތަނަވަސްކަން ހުރި އާއިލާއެކެވެ.

ލިގޮންއަކީ ކިޔެވުމަށް މޮޅު ކުއްޖެއް ނޫނެވެ. މާކަބޮޑު ތޫނުފިލިކަމެއް ނުހުރެއެވެ. މަދަރުސާގައި ވެސް އަދި ގޭދޮށުގައިވެސް ގިނަ ރައްޓެހިންނެއް ނުތިބެެއެވެ. އޭނާއަކީ އަބަދުވެސް ބަސްމަދު ކުއްޖެކެވެ. އެކަހެރިކަމަށް ލޯބިކުރި ކުއްޖެކެވެ. އެކަމަކު ކަމެއް ދިމާވާން ހުރިއްޔާ ލަހެއް ފަހެއް ނެތި އެކަމެއް ހިނގާނޭތާއެވެ. އެގޮތުން ޖޯ ލިގޮނަށްވެސް ހަޔާތުގެ ބޮޑުބައި ޖަލުގައި ހޭދަކުރަން ޖެހުނު ހާދިސާ މެދުވެރިވީއެވެ. ހަމަ ކުއްލިއަކަށެވެ.

ޖަލަށް ލެވުނީ ކީއްވެގެން؟

އެއީ 1953 ވަނަ އަހަރުގެ ކޮންމެވެސް ހުކުރު ދުވަހެކެވެ. ވަރަށް އަވަހަށް އެބަ އަންނަމޭ ބުނެފައި އިރާކޮޅު އުމުރުން 15 އަހަރުގެ ލިގޮން ގެއިން ނުކުތީ އޭނާ ދަންނަ އެ އުމުރުގެ އެހެން ދެކުއްޖަކާ ބައްދަލުވެލުމުގެ ބޭނުމުގައެވެ. އެ ދެކުދިންގެ އަސްލު ނަމެއްވެސް ލިގޮންއަކަށް ނޭނގެއެވެ. ދަންނަނީ ވަނަމެވެ.

މި ތިން ކުދިން ބައްދަލުވީއިރު ލިގޮން ނުދަންނަ އެހެން ކުދިންތަކެއްވެސް ތިއްބެވެ. އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި މިތަނުން ކޮންމެވެސް ކުއްޖެއްގެ އަތުގައި ހުރި ފައިސާކޮޅަކަށް ފިހާރަޔަކުން ގަތީ ވައިންފުޅިއެކެވެ. އިސާހިތަކު މިފުޅި ހުސްވެއްޖެއެވެ. ދެން އެހެންލާފައި ދިޔަ ބައެއް މީހުންނަށް އާދޭސްކޮށްގެން ފައިސާ ހޯދައިގެން ދެންވެސް ގަތީ ވައިނެވެ.

މި ސަކަރާތެއްގައި ވައިން ބޮމުން މީހުންނަށް އާދޭސްކޮށްގެން ފައިސާ ހޯދަމުން ދަނިކޮށް ހުރިހާ ކުދިންވެސް ރަނގަޅަށް މަސްތުވެއްޖެއެވެ. ބައެއް މީހުން ފައިސާދެއެވެ. އަނެއް ބަޔަކު ނުދެއެވެ. މަސްތުވެފައި ތިބީމާ ފައިސާ ނުދިން ބައެއް މީހުންގެ ގަޔަށް އަތްލައި މާރާމާރީވެސް ހިންގައިފިއެވެ.

ކަމަކަށްފަހު ކަމެއް ހިނގަމުންގޮސް އެންމެފަހުން ބަޔަކަށް އަނިޔާވެސް ވެއްޖެއެވެ. ދެ މީހަކު މަރުވެސް ވެއްޖެއެވެ. މިތަނުން ދުވެފިލި ކުދިން ގެއްލިއްޖެއެވެ. ފުލުހުންނަށް ފެނުނީ ހައިރާންވެފައި ހުރި ލިގޮންއެވެ. އެންމެ ފުރަތަމަވެސް ހައްޔަރުކުރީ އޭނާއެވެ. ދެންތިބީ ކޮން ބައެއްހޭ އެހީމާ ޖަވާބެއްވެސް ނުދެވުނެވެ. ދަންނަ ދެ ކުދިންގެ އަސްލު ނަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އަމްދުން ދެން ތިބި ކުދިންނަކީ ކޮންތާކުން އައި ބައެއް ކަމެއްވެސް ނޭނގެއެވެ.

އިސާހިތަކު ފުލުހުންގެ ބެލުމުގެ ދަށަށް ލިގޮން ގެންގޮސް ތަހުގީގުކޮށްފައި ސަރިޔަތަށް ފޮނުވައިގެން އުމުރު ދުވަހަށް ޖަލު ހުކުމެއް އިއްވައިފިއެވެ. ދުވަހަކުވެސް މާފު ލިބުމެއް ނެތް ގޮތެއްގައެވެ. ވަކީލަކުވެސް އެހެން އެއްޗެއްވެސް އޭނާއަކަށް ނުލިބުނެވެ. ކުޑަމިނުން މައިންބަފައިންނާ ބައްދަލުވެލުމުގެ ފުރުސަތެއް ވެސް ނުލިބުނެވެ.

ޖަލަށް ގެންދިޔައިރު ހުކުމުގައި ހުރި ވާހަކަތަކުގެ ތަފްސީލެއްވެސް އޭނާއަކަށް ނޭނގެއެވެ. ބަލާކަށް ނުވެސް އުޅެއެވެ. އޭނާ ހުރީ ހައިރާންކަންމަތީގައެވެ. ޖަލުގައި ދުވަސްތައް ހޭދަކުރަން ފެށިއިރު މަންމަޔާއި ބައްޕަގެ މަތިން ވަރަށް ބޮޑަށް ހަނދާންވިއެވެ. އެނޫން އެހެން ކަމެއް ނެތެވެ. މިޒާޖުގައިވެސް ބަސްމަދުކަމާއި އެކަހެރިކަން ހުރުމާއެކު ޖަލުގައި އޮތުމަކީ އޭނާއަށް މާދަތި ކަމަކަށް ނުވިއެވެ. އޮންނަނީވެސް އެކަނި ގޮޅިއެއްގައެވެ.

ޖަލުގައި ހޭދަކުރި އެންމެ ފަހު ދުވަސްތަކުގައި ޖޯ ލިގޮން ހުރިގޮތް - ބީބީސީ

ޖަލުގައި ކުރީ ކޮން ކަމެއް؟

ޖަލުގައި ދުވަސްތައް ހޭދަކުރީ ބަސް އަހައިގެން ކިޔަމަންތެރިކަމާއި މަޑުމައިތިރިކަމާއެކުގައެވެ. ޖަލަށް ޑްރަގު ވަދެއެވެ. އެނޫންތަކެތި ވެސް ވަދެއެވެ. ގައިދީން އެތަކެތި ބޭނުން ކުރެއެވެ. ހޯދަން އުޅެއެވެ. އަރައިރުންވެ މާރާމާރީވެސް ހިންގައެވެ. އެކަމަކު ލިގޮން އެއިން އެއްޗަކާ ގާތެއް ނުވެއެވެ. އެހެން ގައިދީއަކާ ދެބަސްވެރިވުމަކަށް ވެސް ނުދެއެވެ. މިއީ އާއްމުގޮތެއްގައި ޖަލުގައި ތިބޭ ގައިދީން މައްސަލަތަކުގެ ތެރެއަށް ގެނބިގެންދާން މެދުވެރިވާ ކަންކަމެވެ.

ބައެއް ގައިދީން ޖަލުން ފިލުމުގެ ރޭވުންތައް ރާވައެވެ. ފިލާންވެސް އުޅެއެވެ. މިކަހަލަ ކަމެއްގައި ދުވަހަކުވެސް ލިގޮން ބައިވެރިއެއް ނުވެއެވެ. އެހެންވީމާ އޮފިސަރުންގެ ފަރާތުންވެސް އަދި ގައިދީއެއްގެ ފަރާތުންވެސް އޭނާއަށް އަނިޔާއެއް ނުލިބެއެވެ. ދުޝްމަނަކު ނުހުރެއެވެ. އަދި އެކުވެރިޔަކުވެސް ނުހުރެއެވެ. ވާހަކަ ދައްކައި ކަންކަން އިއްސާކުރާ މާ ގާތް މީހަކުވެސް ނުހުރެއެވެ.

ޖަލުގައި 68 އަހަރު ވޭތުކުރިއިރު އެއް ޖަލުން އަނެއް ޖަލަށްވެސް ބަދަލު ކުރެވިފައިވެއެވެ. މިގޮތުން ޖުމްލަ ހަތް ޖަލަކަށް އޭނާ ބަދަލު ކުރެވުނެވެ. ޖަލުގައި ގައިދީން ލައްވާ މަސައްކަތް ކުރުވުން އޮވެއެވެ. އެގޮތުން ލިގޮން އެންމެ ގިނައިން ކުރީ ތަންތަން ދޮވެ ސާފުކުރުމުގެ މަސައްކަތެވެ. ބަދިގޭގައި ވެސް ބައެއް ދުވަސްވަރު މަސައްކަތް ކުރަން ޖެހެއެވެ. ކޮންމެ މަސައްކަތެއް ކުރިއަސް އެކަމެއް އޭނާ ކުރީ ވަރަށް ފަރުވާ ބަހައްޓައިގެން ރަނގަޅަށެވެ.

މިނިވަންވާނެ ދުވަހަކަށް ލިގޮން އިންތިޒާރެއް ނުކުރެއެވެ. މިނިވަންކަމަށް އުއްމީދެއްވެސް ނުކުރެއެވެ. އެހެންވީމާ ދުވަސްތައް ހަފުތާއިން މައްސަރަށް އަދި އަހަރުތަކަށް ބަދަލުވެގެން މާޒީވެގެންދާ ދިޔުމަކީ އޭނާ މާޔޫސްވާން ޖެހުނު ކަމެއް ނޫނެވެ. ހަމަޖެހުން ނުތަނަވަސް ކަމަށް ބަދަލުވާންޖެހުނު ކަމެއްވެސް ނޫނެވެ.

އޭނާއާ ބައްދަލުވާން އަންނަ ބަޔަކު ނުތިބެއެވެ. ހާލުބަލައި ހަދިޔާ ފޮނުވާ ބަޔަކު ނުތިބެއެވެ. މަންމަޔާއި ބައްޕަ މަރުވެގެންދިޔަ އިރެއްވެސް ވީ ކިހިނެއްކަމެއްވެސް ނޭނގެއެވެ. ޖަލުން ބޭރުގައި ހިނގާ ކަންކަމުގެ މައުލޫމާތެއް ނުލިބެއެވެ. ހޯދާކަށްވެސް ނޫޅެއެވެ. އެހެންވީމާ ލިގޮންގެ ދުނިޔެއަކީ ޖަލުގެ ތޭރިތަކުން އެތެރެއެވެ. އެނޫން ހިސާބަކަށް އޭނާގެ ފިކުރު ނުވެސް ގެންދެއެވެ.

ފަތިހު ފަތިހާ ގާޑުން އައިސް ހޭލައްވާނެއެވެ. ޖަލުގެ އާބާދީ ހަމަތޯ ޗެކްކުރުމުގެ ތެރެއިން ކޮންމެ ބޮލެއްވެސް ވަކިން ގުނާނެއެވެ. ހެނދުނުގެ ނާސްތާއަށް ހާޒިރުވާން ޖެހޭނެއެވެ. އެއަށް ފަހު އެމީހަކަށް ހަމަޖެހިފައި އޮންނަ މަސައްކަތެއްގައި މަޝްއޫލުވާން ޖެހޭނެއެވެ. ދުވަސް އެކަހަލަ ގޮތަކަށް ގޮސް ރޭގަނޑަށް ބަދަލުވެ ނާސްތާއަށް ހާޒިރުވާންޖެހޭނެއެވެ. އެއަށްފަހު އަނެއްކާވެސް އޮންނާނީ ބޯހަމަތޯ ގުނުމާއި ޗެކް ކުރުމުގެ ކަންތަކެވެ. ޖޯ ލިގޮންއަށް ދަސްވެފައި ހުރީ އަދި ހޭނިފައިވެސް ހުރީ މި ދިރިއުޅުމެވެ. މިނޫން އެހެން ދިރިޅުމަކާމެދު ފިކުރެއް ޚިޔާލެއް ނުހުރެއެވެ.

މިނިވަންވުމަށް މެދުވެރިވީ ސަބަބު

އެމެރިކާގެ ސްޕްރީމް ކޯޓުން 2005 ވަނަ އަހަރު ވަރަށް ވަރުގަދަ ނިންމުމެއް ނިންމިއެވެ. އެ ނިންމުމަކީ ކުޑަކުދިންނަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ނީއްވޭނެ ކަމަށް ބަޔާންކުރާ ހުކުމެކެވެ. އަދި ކުޑަކުދިންނަށް މަރުގެ ހުކުމެއްވެސް ނީއްވޭނެ ކަމަށް ބަޔާންކުރާ ނިންމުމެކެވެ. އެ ނިންމުމަށްފަހު އަނެއްކާވެސް 2016 ވަނަ އަހަރު ސްޕްރީމް ކޯޓުން އިތުރު ނިންމުމެއް ނިންމިއެވެ. އެއީ ކުޑަކުދިންގެ ގޮތުގައި ތިއްބާ އުމުރު ދުވަހަށް ހުކުމް ކުރެވިފައިވާ އެންމެންގެ މައްސަލަ އަލުން ބަލައި އައު ހުކުމެއް އިއްވުން ލާޒިމުކުރާ ނިންމުމެކެވެ. މި ނިންމުމާއެކު ލިގޮންއަށް އައީ އަނެއްކާވެސް 35 އަހަރުގެ ހުކުމެކެވެ.

މި ހުކުމް އައިއިރު އެއަށްވުރެ މާގިނަ ދުވަސް ޖޯ ލިގޮން ވަނީ ޖަލުގައި ހޭދަކޮށްފައެވެ. އެހެންވީމާ ޖަލުން މިނިވަންވުމަށް ހުށައެޅުމުގެ ފުރުސަތު އޭނާއަށް އޮތެވެ. އެކަމަކު ޖަލަށް ލެވިފައިވަނީ ވެސް އޭނާ ނުކުރާ ކުށަކަށޭ ބުނެފައި މި ފުރުސަތަށް އެދެން ލިގޮން ބޭނުމެއް ނުވިއެވެ. ފުރުސަތަށް އެދުމަކީ ކުށަށް އިއުތިރާފުވުމެކޭ އެކަމެއް ނުކުރާނަމޭ ބުނެފައެވެ. ސްޕްރީމް ކޯޓުން މިގޮތަށް ނިންމީމާ ޖަލުގައި ތިބީ މި ގިންތިއަށް ފެތޭ ކިތައް މީހުންތޯއާއި އެމީހުންގެ ވަނަވަރަކީ ކޮބައިތޯ ބެލުމުގެ ޝައުގުވެރިކަން އުފެދުނު ގާނޫނީ ވަކީލަކު ހުއްޓެވެ. މި ވަކީލުގެ ނަމަކީ ބްރެޑްލީ ބްރިޖެވެ.

މީނާ މި މަސައްކަތާއިގެން އުޅެގަތީމާ ފާހަގަ ކުރެވުނު ކަމަކީ އެމެރިކާގެ އެކި ޖަލުތަކުގައި މި ގިންތިއަށް ފެތޭ 525 ގައިދީން ތިބި ކަމެވެ. އޭގެ ތެރެއިން 325 ގައިދީން ނިސްބަތްވަނީ ޕެންސިލްވޭނިއާ ސްޓޭޓަށް ކަމެވެ. މީގެ ތެރެއިންވެސް މިނިވަންނުވެ އެންމެ ގިނަދުވަސްވީ ގައިދީއަކީ ޖޯ ލިގޮން ކަމެވެ. ދެން މި ވަކީލު އެއްވެސް ފައިސާއެއް ހޯދުމަކާ ނުލައި ދަރުމަޔަށް ޖޯ މިގަންގެ ކޭހާއި ހަވާލުވެގެން އޭނާ ހުރި ޖަލަށްވެސް ޒިޔާރަތްކޮށް ބައްދަލުވެ މިވާހަކަ ހިއްސާކޮށްފައި ފެޑެރަލް ކޯޓަކަށް މައްސަލަ ހުށައަޅައިފިއެވެ.

މި މައްސަލަ ހުށައަޅައިގެން ދުވަސްކޮޅަކު ސަރިޔަތް ހިންގުމަށްފަހު 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފަނޑިޔާރު ނިންމެވީ ޖޯ ލިގޮން ވަގުތުން މިނިވަން ކުރުމަށެވެ. ގާނޫނުގައި ބުނާ މުއްދަތު ހަމަވެ އިތުރަށްވެސް އެތައް އަހަރެއް ޖަލުގައި ހޭދަކޮށްފި ކަމަށް ބުނެފައެވެ. އޭނާ މިނިވަން ކުރުމަށް ގާނޫނީ ގޮތުންވެސް އިދާރީގޮތުންވެސް އަދި އެހެން ގޮތަކުންވެސް އެއްވެސް ހުރަހެއް ދެން އޮވެގެން ނުވާނެ ކަމަށް ބުނެފައެވެ.

ޖޯ ލިގޮން އާއި ދަރުމަޔަށް އޭނާއަށް އެހީވި ގާނޫނީ ވަކީލު ބްރެޑްލީ ބްރިޖް - ބީބީސީ

މިނިވަންކަމުގެ ނޭވާލެވުން

ޖޯ ލިގޮން މިނިވަން ކުރުމަށް ފަނޑިޔާރު ހުކުމް ކުރެއްވުމުން ފިލްޑެލްފިއާގެ ޖަލަށް އޭނާ ބަލައި ދިޔައީވެސް ވަކީލެވެ. ލިގޮންގެ އާއިލާގެ މީހަކުވެސް އޭނާއަކަށް މިހާރު ނޭނގެއެވެ. އެއީ ހުރި މީހެއްކަން ހަނދާން ހުރި މީހަކުވެސް ނެތެވެ. އެހެންވީމާ ވަކީލު ގަސްތުކުރީ ޖޯ ލިގޮންގެ ހަޔާތުގެ ބާކީ އޮތްބައިގައި އޭނާއަށް އެހީތެރިވެ ދިރިއުޅެވޭނޭ ގޮތެއްވެސް ހޯދައި ދިނުމަށެވެ. އެހެންވެގެން އޭނާ ބަލައި ދިޔައީއެވެ.

ވަކީލު ބުނާ ގޮތުން ޖޯ ލިގޮންއަކީ އެހެން ގައިދީންނާ ވަރަށް ތަފާތު މީހެކެވެ. ކަންކަމަށް އަވަސް އަރައިގަނެގެން އުޅުމެއް ނެތެވެ. ކަންކަމުގައި ޝަކުވާ ކުރުމެއް މައްސަލަ ޖެއްސުމެއް ނެތެވެ. ވީކޮންމެ ގޮތަކާ ރުހި ގަބޫލެވެ. ލިބުނު އެއްޗެއް ލިބުނެވެ. ނުލިބޭ އެއްޗެއް ނުލިބުނެވެ. އެކަމަކު އެއްކަމެއްގައި އޭނާގެ ސާބިތުކަން ވަރަށް ބޮޑެވެ. މީހަކު ނުމަރާކަމަށް އޭނާ ބުނެއެވެ. އެހެންވީމާ އުމުރު ދުވަހުގެ ޖަލު ހުކުމަކީ އިންސާފެއް ކަމަށް އެއްއިރެއްގައިވެސް ގަބޫލެއް ނުކުރެއެވެ.

މިނިވަންކަމުގެ ދުނިޔެއަކަށް 68 އަހަރު ފަހުން ނިކުމެވުނު އިރު ޖޯ ލިގޮންއަށް ފެނުނީ މުޅިން ބަދަލުވެފައިވާ ދުނިޔެއެކެވެ. ރީތި އުސް އިމާރާތްތަކާއި ހުވަފެނުންވެސް ނުދެކޭ ކަހަލަ ރީތި ޒަމާނީ ކާރުތަކެވެ. އަދި އެޔަށްވުރެވެސް ބޮޑަށް މީހުންގެ އުޅުމަށް އައިސްފައިވާ ބަދަލުތަކެވެ. މިޒަމާނުގެ ސްމާޓް ފޯނަކުން ހުރިހާ ކަމެއް ކުރުމުގެ ޓެކްނޮލޮޖީއެވެ. މިހުރިހާ ކަމަކަށް ހޭނެން އަދި ފަރިތަވާން އޭނާއަށް ވަގުތު ބޭނުންވިއެވެ. ވާހަކަ ދައްކައި ހިއްސާކުރަންވެސް އުނދަގޫވިއެވެ.

މިހާރު އެހެރީ މިނިވަން ވެފައެވެ. އެކަމަކު ދެންވެސް ޖޯ ލިގޮންއަށް އޮތީ އެކަނިވެރި ދިރިއުޅުމެކެވެ. އެއީ އޭނާ ބޭނުންވާ ގޮތްވެސް މެއެވެ. ޖަލުގައި ހުރިއިރު އެތަނުން ކާން ލިބެއެވެ. ބޯން ލިބެއެވެ. ނިދާނެ ތަން ލިބެއެވެ. އެކަމަކު މިިނިވަންވީމާ އެއީ ހިލޭ ލިބޭ ކަންކަމެއް ނޫނެވެ. އެކަމަށް ފައިސާ ބޭނުންވެއެވެ. ފައިސާ ލިބޭން އޮތީ މަސައްކަތް ކޮށްގެންނެވެ. މަސައްކަތަށް ނުކުމެވޭނީ ވަޒީފާއެއް ލިބިގެންނެވެ.

ޖޯ ލިގޮން އެންމެ ބޭނުންވަނީ ޖަލުގައި އޭނާ ކޮށްފަރިތަ ވެފައިވާ މަސައްކަތެއް ކުރެވޭނެ ވަޒީފާއެއް ލިބުމެވެ. އެއީ ތަންތަން ފޮހެ ސާފުކުރުމުގެ މަސައްކަތެވެ. އެކަމަކު އޭނާއަކީ 90 އަހަރާ ގާތްވެފައިހުރި މުސްކުޅިއެކެވެ. އެހެންވީމާ އެކަހަލަ ވަޒީފާއެއް ހޯދުންވެސް ފަސޭހަކަމަކަށް ނުވިއެވެ. އަޒުމެއް ހުރިއްޔާ ގޮތެއް ފެންނާނެޔޭ ބުނެވޭ އުސޫލުން އޭނާއަށްވެސް ގޮތްގޮތް މިހާރު އެބަފެނެއެވެ. މީހުންގެ އެހީތެރިކަންވެސް އެބަލިބެއެވެ. އެކަމަކު ނުކުރާ ކުށެއްގެ ސަބަބުން ގެއްލިގެން ދިޔަ ހަޔާތް އަނބުރައި ލިބޭނެ ގޮތެއް ނެތެވެ. އުމުރު އެހެރީ ދުނިޔޭގެ އަސާސީ ގިނަ ކަންކަން ކުރެވޭވަރަށްވުރެ މައްޗަށް ގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
6%
2%
87%
2%
0%
3%
ކޮމެންޓް