ރާއްޖެއަކީ އަމާން އޮމާން ގައުމެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރެވެ. ދިވެހިންގެ ސުލްހަވެރިކަމާއި، އެކަކު އަނެކަކަށް އެހީތެރިވުމުގައި ގެންގުޅޭ ރީތީ ގޮތްތަކަކީ އެހެން ގައުމުތަކުގައި މިސާލު ޖަހަމުން އަންނަ ކަންކަމެވެ. އަމަލާއި ބަހުންވެސް މިކަން ދިވެހިން އަންނަނީ ސާބިތު ކޮށްދެމުންނެވެ. އެހެންނަމަވެސް ތަރީޚުގެ ތެރެއިން އަޅުގަނޑުމެން ހުޅުވާލަން ބޭނުންނުވާ ސަފްހާތަކެއް މަދުން ނަމަވެސް އެބަހުއްޓެވެ. މީހުން މެރުމާއި، ވެރިކަމުގެ އާރާއި ބާރާއި ލައްޒަތަށްޓަކައި ހިންގާފައިވާ އެކިއެކި ޖަރީމާތަކެވެ. އެކަހަލަ ސަފްހާތައްވެސް ތާރީޚުގައި ލިޔެވިފައި ވެއެވެ. މި ހިނގާ މެއި މަހުގެ 6 ވަނަ ދުވަހަކީ މިފަދަ ސަފްހާއެއް ލިޔެވިގެން ދިޔަ ދުވަހެކެވެ.
ރާއްޖޭގެ ސިޔާސީ ލީޑަރުގެ ތެރެއިން އެއް ލީޑަރެވެ. ގައުމުގެ ތިން ބާރުގެ ތެރެއިން އެއްބާރުގެ ވެރިޔާއެވެ. ރާއްޖޭގައި އެންމެ ސެކިއުރިޓީ ހައި ބޭފުޅާއެވެ. އެ ބޭފުޅާގެ ފުރާނަ ނެރެލަން ޓެރަރިސްޓުންގެ ބަޔަކު އުޅެފިއެވެ. މިފަދަ ހަމަލާއެއް ދިނުމަކީ ރައްޔިތުންގެ ހިތުގައި އިންތިހާއަށް ބިރުވެރިކަން އުފެދިގެން ދިޔަކަމެކެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާއެކު ގައުމުގެ އެލާރޓް ލެވެލް މައްޗަށް ދިޔައެވެ. އެމަނިކުފާނު ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް ކާރުކޮޅާ ނުހަނު ގާތުން އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ފުރާނަފުޅު ދުއްވާލުމަށް ބަޔަކު މީހުން ރާވައި ހިންގީ ނުބައިކަން ބޮޑުވެގެންވާ ހުތުރު އަމަލެވެ.
މުޅި ގައުމު މިހާރު ގޮވަމުންދަނީ އިންސާފު ގާއިމް ކޮށްދޭށޭއެވެ. އިންސާފު ލަސްވެގެންދާ ކޮންމެ ހިނދުކޮޅަކީ މިފަދަ ހަމަލާތަކަށް ދެވޭ ނުރައްކާތެރި ސިގުނަލެއްކަމަށް ގަބޫލް ކުރެވެއެވެ. މާލޭގެ އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދުގައި ދިން މިހަމަލާގެ ބިރުވެރިކަން ދިވެހިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ. ރައީސް ނަޝީދު ދިރިއުޅުއްވާ ގެކޮޅު ގ.ކެނެރީގެއިން ނިކުންނަވައި ކާރަށް އަރައި ވަޑައިގަންނަވަނިކޮށް ކުއްލިއަކަށް ދިން ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އެކިވަރުގެ އޮޕަރޭޝަންތައް ކޮށްފައިވާއިރު މިހާރުވެސް ރައީސް ނަޝީދު ގެންދަވަނީ އޭޑީކޭ ހޮސްޕިޓަލުގައި ގައިފަރުވާ ހޯއްދަވަމުންނެވެ. މިހާދިސާއާއިއެކު ސިޔާސީ ވާދަވެރިންނާއި ރައީސް ނަޝީދަށް ފާޑުކިޔަމުން ދިޔަ އެތައް ބަޔަކުވެސް މި ހަމަލާ ކުށްވެރިކޮށް، އިންސާފު ގާއިމް ކޮށްދިނުމަށް ވަނީ ގޮވާލާފައެވެ.
ނިރުބަވެރި މިފަދަ ހަމަލާތަކަކީ އޭގެ އެންމެ ފުނަށް ނުގޮސް ދޫކޮށްލެވޭ ކަންކަމަށް ވެއްޖެނަމަ މީގެ ނުރައްކާ ބޮޑު ވާނެކަމާމެދު ޝައްކެއްވެސް ނެތެވެ. މިއީ ދުރާލާ ބަލައި ފާރަލައި، އެމަނިކުފާނުގެ ހަރަކާތްތައް ބަލައި ރާވައިގެން ދީފައިވާ ހަމަލާއެކެވެ. މިހާތަނަށް ތަހުގީގު ގޮސްފައިވާ ހިސާބާއި މިކަމާ ގުޅިގެން ހައްޔަރުކުރި މީހުންގެ ގާތް މީހުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު މިއީ ސީދާ ރައީސް ނަޝީދަށް ދިން ހަމަލާއެއްކަން ކަށަވަރުވެއެވެ.
ރައީސް ނަޝީދަށް އަމާޒުކުރި ނުރައްކާތެރި ހަމަލާއާއެކު މުޅި ގައުމު އެލާޓަށް އައެވެ. ފުލުހުންނާއި ސިފައިންގެ އެލާޓް ލެވެލް މަތިކޮށް ވެރިރަށް މާލެ އެލާޓަށް ގެނައެވެ. ފުލުހުން ބުނެފައިވަނީ ހާދިސާއާ ގުޅިގެން ފުލުހުންގެ ޚިދުމަތުގެ އެލާޓް ލެވެލް ލެވެލް 3 އަށް މަތި ކުރި ކަމަށެވެ. ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ވަގުތުން ފެށިކަމަށެވެ. ނަތީޖާއެއްގެ ގޮތުން ހަމަލާ ދިނުމުގައި ޝާމިލުވި ބަޔަކު މިހާރު ވަނީ ހައްޔަރު ކުރެވިފައެވެ.
ރައީސް ނަޝީދު ބުރާސްފަތި ދުވަހުގެރޭ 20:35 ހާއިރު އޭޑީކޭއަށް ގެންދިޔަ ގޮތަށް އެމަނިކުފާނަށް ފަރުވާ ދިނުމުގައި އެހޮސްޕިޓަލުގެ އެންމެ ތަޖުރިބާކާރު ޑޮކްޓަރުން ދިޔައީ ހަރަކާތްތެރި ވަމުންނެވެ. ޖުމްލަ 16 ގަޑިއިރު އެމަނިކުފާނުގެ އޮޕަރޭޝަންތަކަށް ހޭދަވިއެވެ. މި ހަމަލާގައި އެމަނިކުފާނުގެ ފުރާނައަށް ނުރައްކާ ނުވީ ހަމަ ކިރިޔާއެވެ. އޮޕަރޭޝަންކޮށް ބެލިއިރު، ދަގަނޑުކޮޅެއް ހަށިކޮޅުގެ ތެރެއަށް ވަދެގެން ގޮސް މޭގެ ކަށިގަނޑެއްގައި ޖެހި ފުނޑިފައިވެއެވެ. އެ ކަށިގަނޑަށް ވުރެ ތަންކޮޅެއް ތިރިވިނަމަހީ ވަންނާނީ ހިތަށެވެ. އެފަދަ ހާލަތެއް ކުރިމަތި ނުވި ކަމީ ޑޮކްޓަރުން ވިދާޅުވި ގޮތުގައި ބޮޑު ނަސީބެކެވެ. އެކަމަކު ކަށިގަނޑަށް ގެއްލުން ލިބުމުން އޭގެ ކުނޑިތައް ފުއްޕާމެއަށް އެޅިފައި ހުއްޓެވެ. ފުއްޕާމޭގެ ބައެއް ތަންތަނުގައި ޕެޗްވެސް އަޅަން ޖެހުނެވެ. އެއްވެސް ވަރުބަލިކަމެއްނެތި ޑޮކްޓަރުން 16 ގަޑިއިރުގެ މަސައްކަތުން ރައީސް ނަޝީދު ލައިފް ސަޕޯޓުން ނެގީ އަމިއްލައަށް ރަނގަޅަށް ނޭވާލެވޭކަން ޔަގީން ކޮށްފައެވެ. އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ކުރި ބުރަ މަސައްކަތަށް ރައީސް ނަޝީދުގެ އާއިލާގެ ފަރާތުންނާއި، މަޖިލީސް މެމްބަރުންނާއި، އާންމު ގިނަ ރައްޔިތުންވެސް ވަނީ ތައުރީފުކޮށްފައެވެ.
މިހާދިސާއާއި ގުޅިގެން ސިޔާސީ ބޭފުޅުންނާއި އާންމުންގެވެސް ހެޔޮދުއާ ވަނީ ރައީސް ނަޝީދާއެކުގައެވެ. އަވަސް ޝިފާއެއް ދެއްވާތޯ ދުއާކޮށް މުޅި ސޯޝަލް މީޑިޔާގައިވަނީ ފޮޓޯ ތަކާއި ލިޔުންތަކުން ފުރާލާފައެވެ. އެއްމެންވެސް އެއްއަޑަކުން ގޮވަމުންދަނީ އިންސާފު ހޯދައިދިނުމަށެވެ. މި ބިމުގައި އެފަދަ ހަމަލާތައް ދިނުމަށް ދެން ފުރުސަތެއް ނެތް ކަމަށެވެ. އިންސާފު ލަސްވެ މައްސަލަ ދިގުލައިގެންދާނަމަ މިއީ މިޒާތުގެ ކަންކަމަށް ދެވޭ ހިތްވަރަކަށް ވެދާނެ ކަމުގެ ވާހަކައެވެ.
މި މައްސަލައާ ގުޅިގެން ގައުމާ މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މިހާތަނަށް ދައްކަވާފައި ހުރި ވާހަކަފުޅުތަކުން ހާމަވާ އެއްކަމެއް އެބައޮތެވެ. އެއީ ހަމަލާ ދިނުމުގައި ޝާމިލުވި މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމެވެ. އެ މީހުންނަށް ފިލައިގެން ނޫޅެވޭނެ ކަމެވެ. ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިންޒާރުވެސް މި މައްސަލައިގެ އިންސާފު ހޯދުމަށް އެއްމެ ތަންފުކެއްވެސް ދޫނުކުރާނެ ކަމުގެ ހެއްކަކަށް ފުދެއެވެ. ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވަނީ ހަމަލާ ދޭ މީހުން ދެން ކުރިމަތިލާންޖެހޭނީ ޔުނިފޯމް އެޅި ސިފައިންނާ ކަމަށެވެ.
މިހާރު އެންމެންވެސް އިންތިޒާރު ކުރަމުން އަންނަނީ އިންސާފު ގާއިމު ކުރެވޭނެ ވަގުތަކަށެވެ. ގައުމުގެ ރައީސް ދެއްވި ޔަގީންކަމާއިކު މިމައްސަލާގައި އިންސާފު އަވަސްވުމުގެ އުއްމީދު ބޮޑެވެ.