ކ. މާލެ
|
9 މެއި 2021 | އާދީއްތަ 11:26
ރައީސް ނަޝީދަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ބައެއް ޑޮކްޓަރުން: މި ޓީމުން ދައްކާފައިވަނީ އާދަޔާ ޚިލާފު ހުޝިޔާރުކަމަކާއި ކުޅަދާނަކަމެއް
ރައީސް ނަޝީދަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވި ބައެއް ޑޮކްޓަރުން: މި ޓީމުން ދައްކާފައިވަނީ އާދަޔާ ޚިލާފު ހުޝިޔާރުކަމަކާއި ކުޅަދާނަކަމެއް
ރާއްޖެއެމްވީ
އޭޑީކޭ ހޮސްޕިޓަލުން ދެއްކި ނަމޫނާ
އޭޑީކޭގެ ޓީމަށް ސާބަހެވެ. ތިޔަ ލިޔެލީ ތާރީޚުގެ އައު ސަފުހާއެކެވެ.
 
ދަތި އުނދަގޫ އޮޕަރޭޝަންތައް ކާމިޔާބު ކުރެވުނީ ހިތްވަރާއި ތަޖުރިބާއިން
 
އޭޑީކޭއަށް ގެންދެވުނީ އެއީ އެންމެ ކައިރީގައި ހުރި ހޮސްޕިޓަލަށް ވުމުން

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭ އަމާޒުވި ނިރުބަވެރި ހަމަލާގައި އެމަނިކުފާނު ސީރިއަސްކޮށް ޒަޚަމްވެ ވަޑައިގަތުމާ ގުޅިގެން ނިއުޅެންފެށި ސަފުހާތަކުގެ ތެރެއިން އެންމެ ފުރަތަމަ ސަފުހާ ފަށައިދިނީ އެމަނިކުފާނުގެ ހަށިފާރަވެރިންގެ ޓީމުންނެވެ. އެ ސަފުހާއަކީ ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްކުރުމާއި ފަރުވާގެ ކަންކަމެވެ. ރައީސް ނަޝީދު އެންމެ ފުރަތަމަ ވެސް ގެންދެވުނީ މާލޭގައި ހުންނަ އެންމެ ބޮޑު އަމިއްލަ ހޮސްޕިޓަލްކަމަށްވާ އޭޑީކޭއަށެވެ.

އޭޑީކޭއަށް ގެންދެވުނީ ކީއްވެ؟

މި ހާލަތުގައި އޭޑީކޭ އިޚުތިޔާރު ކުރެވުނީ ކީއްވެގެން ބާވައެވެ. އޭޑީކޭ އިޚުތިޔާރު ކުރެވުނީ އެއީ ހާދިސާ ހިނގި ތަނާއި އެންމެ ގާތުގައިވާ ހޮސްޕިޓަލްކަމަށް ވުމުންނެވެ. ހުކުރު ދުވަހު ބޭއްވި ނޫސް ކޮންފަރެންސެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވި ގޮތުން އެ ހާލަތުގައި އަމަލުކުރަން އޮންނަ އުސޫލުގެ ދަށުން ގެންދަން ޖެހޭނީ އެންމެ ގާތުގައި ހުންނަ ހޮސްޕިޓަލަކަށެވެ. އެހެންވީމާ ގެންދާނެ ހޮސްޕިޓަލް ނިންމާފައި އެވަނީ އުސޫލުގެ ތެރެއިން ރައީސް ނަޝީދުގެ ހަށިފާރަވެރިންނެވެ. އެންމެ ގާތުގައި ހުރި ހޮސްޕިޓަލަކީ އޭޑީކޭ ހޮސްޕިޓަލެވެ.

އޭޑީކޭ ހޮސްޕިޓަލަށް ރައީސް ނަޝީދު ގެންދެވުނު ގެންދެވުމަކީ ރައީސް ނަޝީދުގެ އާއިލާއިންވެސް ސަލާމަތީ ބާރުތަކުންވެސް އަދި އެމަނިކުފާނުގެ ސަޕޯޓަރުންނާއި ޖުމްލަކޮށް ހުރިހާ ދިވެހިންވެސް ދެވަނަ ވިސްނުމަކަށް ދާން ނުޖެހުނު ބަރާބަރު ނިންމުމެކެވެ. ލިބުނު ނަތީޖާގެ ފުރިހަމަކަމާ ދޭތެރޭ އެންމެންނަށްވެސް ހިތްހަމަ ޖެހުން ލިބުނު ނިންމުމެކެވެ. އެތަނަށް ނުގެންދެވުނު ނަމައޭ، އެހެންތަނަކަށް ގެންދެވުނު ނަމައޭ ބުނަން އެއްވެސް މީހަކަށް އެއްވެސް ފުރުސަތެއް ނުލިބުނު ނިންމުމެކެވެ. ހުރިހާވެސް ސާބަހަކާއި ތައުރީފެއް އޭޑީކޭގެ ކުޅަދާނަ ޓީމަށާއި މެނޭޖްމަންޓަށެވެ.

އޭޑީކޭގެ މަގާމަށް ބަދަލު އަތުވެއްޖެތަ؟

ރައީސް ނަޝީދަށް އެރުވުނު ފަރުވާގެ ތަފްސީލާއި އެމަނިކުފާނުގެ ޒަޚަމްތަކުގެ ތަފްސީލުތައް އާއްމުންނާއި ހިއްސާ ކުރުމަށްޓަކައި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމުން ހޮނިހިރު ދުވަހު ބޭއްވި ނޫސްކޮންފަރެންސް ފެނުނީމާ، އަޑު އިވުނީމާ ހަނދާނަށް އައީ މީގެ ގާތްގަޑަކަށް 57 އަހަރު ކުރިން އެމެރިކާގެ ޓެކްސަސްގެ ސިޓީއެއްކަމަށްވާ ޑަލަސްގައި ރައީސް ޖޯން އެފް ކެނެޑީ އަވަހާރަކޮށްލެވުނު ހިތާމަވެރި ހާދިސާއެވެ. ބަޑީގެ ވަޒަން އަރާފައިވަނީ ކެނެޑީގެ ކަނދުރާއަށާއި ބޮލަށެވެ. ވަގުތުން ގެންދެވުނީ ޑަލަސްގެ ޕާކްލޭންޑް މެމޯރިއަލް ހޮސްޕިޓަލަށެވެ.

ހަމަލަ އަމާޒުވިތާ ބައިގަޑިއިރު ފަހުން އިއުލާން ކުރެވުނީ ރައީސް ކެނެޑީ އަވަހާރަވެއްޖެ ކަމުގައެވެ. ކެނެޑީއަށް ރައިފަލަކުން ހަމަލަދިނީ ލީ އޮސްވާލްޑޭ ކިޔުނު މީހެކެވެ. ކަންދިމާވި ގޮތުން އޭގެ ދެ ދުވަސް ފަހުން ފުލުހުންގެ މަރުކަޒެއްގައި އޭނާ ހައްޔަރު ކުރެވިފައިވަނިކޮށް ޖެކް ރޫބީ ކިޔުނު މީހަކު ވަނީ ފިސްތޯލަޔަކުން ހަމަލަދީ ލީ އޮސްވާލްޑުވެސް މަރާލައިފައެވެ. އިއްތިފާގުން ނަމަވެސް އޮސްވާލްޑް ގެންދެވުނީ ހަމަ ޕާކްލޭންޑް މެމޯރިއަލް ހޮސްޕިޓަލަށެވެ. އެއީ އެންމެ ގާތުގައި ހުރި ހޮސްޕިޓަލް ކަމުންނެވެ.

ފިސްތޯލައިގެ ވަޒަން އަރާފައިވަނީ އޮސްވާލްޑުގެ ބަނޑަށެވެ. ގެއްލުން ލިބުނު ގުނަވަންތަކުގެ ތެރޭގައި ގޮހޮރާއި ފުރަމެޔާއި ތަންތަން ހިމެނެއެވެ. ޑޮކްޓަރުންގެ ޓީމަކުން ފަރުވާ ދެމުން ގެންދަނިކޮށް އޮޕަރޭޝަން ތިއޭޓަރުގައި އޮސްވާލްޑް ވަނީ މަރުވެފައެވެ. މުޅި އެމެރިކާ އާއި މުޅި ދުނިޔޭގައި އެދުވަސްވަރު އެންމެ ބޮޑަށް ދެކެވުނީ މި ވާހަކަތަކެވެ. ކެނެޑީގެ އަވަހާރަވުމާއި ޑޮކްޓަރުން ބުނެފައިވާ ވާހަކަތަކެވެ. އޮސްވާލްޑްގެ މަރުވުމާއި އޭނާއަށް ލިބުނު ޒަޚަމްތަކުގެ ބާވަތާއި ކުޑަބޮޑުމިނުގެ ވާހަކައެވެ.

ޕާކްލޭންޑް މެމޯރިއަލް ހޮސްޕިޓަލަކީ ޑަލަސްގައި ހުންނަ ޕަބްލިކް ހޮސްޕިޓަލެކެވެ. ފެންވަރު ރަނގަޅު ތަނެކެވެ. އެތަނުގައި ފަރުވާ ދެމުންދަނިކޮށްވެސް ރައީސް ކެނެޑީ އަވަހާރަވީއެވެ. އަދި އޮސްވާލްޑް ވެސް މަރުވީއެވެ. އެހެން އެވީ ޒަޚަމްތަކުގެ ސީރިއަސްކަމުންނާއި ދުވަސްވަރުގެ ގޮތުންވެސް މެއެވެ. ކޮންމެއަކަސް އެ ކަމަށް 57 އަހަރުގެ ދިގު މާޟީއެއް ފާއިތުވެގެން ދިޔައިރުވެސް ޕާކްލެންޑް މެމޯރިއަލް ހޮސްޕިޓަލް އަދިވެސް މަޝްހޫރުވެގެންވަނީ ކެނެޑީއާއި އޮސްވާލްޑަށް ފަރުވާދިން ހޮސްޕިޓަލްގެ ގޮތުގައެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެޑިކަލް ޓީމުގެ އާދަޔާ ޚިލާފު ހުޝިޔާރުކަމާއި ކުޅަދާނަކަމުން ރައީސް ނަޝީދުގެ ފުރާނަ ސަލާމަތްކޮށްދީފިއެވެ. ހަތަރު ފަސް އޮޕަރޭޝަނަކަށް ފަހު އެމަނިކުފާނު ނުރައްކަލުން މިންޖުކޮށްދީފިއެވެ. މީގެ ތެރެއިން ޚާއްސަކޮށް އެއް އޮޕަރޭޝަނުގެ ތަފްސީލުތައް ޑޮކްޓަރަކު ވިދާޅުވެ ދެއްވީމާ އާސޯޚުވެސް ވާންވެސް ޖެހުނެވެ. އެ އޮޕަރޭޝަނުގެ އުނދަގޫކަމާއި އޮޅުންބޮޅުން ބޮޑުކަމާއި ޓީމުގެ ހިތްވަރާއި ނަސީބުވެސް ހިތަށް ވަދެފައެވެ.

މިހުރިހާ ކަމެއް މިގޮތަށް ހުރުމާއެކު ރައީސް ނަޝީދުގެ ހާދިސާއިން އޭޑީކޭ ހޮސްޕިޓަލުގެ ތާރީޚުވެސް އެދިޔައީ ބަދަލުވެގެންނެވެ. އަބަދަށްޓަކައެވެ. އެއީ ޔަގީން ކަމެކެވެ. ރައީސް ކެނެޑީގެ ހާދިސާއިން ޕާކްލޭންޑް މެމޯރިއަލް ހޮސްޕިޓަލުގެ ތާރީޚުވެސް ބަދަލުވެގެންދިޔަ ފަދައިންނެވެ. 

ނޭވާ ހިފަހައްޓާލަން ޖެހުނު ވަގުތުކޮޅު

އޭޑީކޭ ހޮސްޕިޓަލުގައި ކުރެވުނީ ރައީސް ނަޝީދުގެ އެންމެ އޮޕަރޭޝަނެއް ދެ އޮޕަރެޝަނެއް ނޫނެވެ. ކިތަންމެ އޮޕަރޭޝަނެކެވެ. އެއީ އަވަހަށް ނިމުނު ކަމެއްވެސް ނޫނެވެ. ގާތްގަޑަކަށް ސޯޅަ ސަތާރަ ގަޑިއިރަށް ދެމިގެންދިޔަ ކަމެކެވެ. އެހެންވީމާ އެ ހުރިހާ ކަމެއްގެ ތަފްސީލު ލިޔުމަކީ ނުވަތަ ކިޔައިދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެކަމަކުވެސް މީގެ ތެރެއިން އެއް ކަމެއް ޚާއްސަވެއެވެ. އެއީ ރައީސް ނަޝީދުގެ ހަށިކޮޅު ފޫއަޅުވާލައިފައި ވަދެފައިވާ ރޭޒާފުއް ތަކުގެ ތެރެއިން އެންމެފަހު ފުއް ނެގުމުގެ މަސައްކަތެވެ. އެވާހަކަ އަޑު އަހަންވެސް ހުންނަން ޖެހުނީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ރައީސް ނަޝީދުގެ ހަށިކޮޅުން އެންމެ ފަހުން ނެގުނު ރޭޒާފުކަކީ އެއްތަނެއްގައި ގަރާރުވެގެން އޮތް ފުކެއް ނޫނެވެ. ލެޔާއި ދަވަޔާއި ފެނުގެ ތެރޭގައި ދައުރުވޭވޭ އޮތް ފުކެކެވެ. ދުވެދުވެ އޮތް ފުކެކެވެ. އޭތި ނެގުމަށްޓަކައި ޑޮކްޓަރުންގެ ޓީމުން ކުރަންޖެހުނީ އޭގެ ކުރިން ދުވަހަކުވެސް ނުކުރާ ވަރުގެ ބުރަ މަސައްކަތެކެވެ. އުނދަގޫ މަސައްކަތެކެވެ. ތަމްރީނެއްގައިވެސް އަދި އެހެންކަމެއްގައިވެސް އޭގެ ކުރިން ކުރިމަތިލާން ޖެހިފައިނުވާ ކަހަލަ ސީރިއަސް ގޮންޖެހުންތަކަކާއި ކުރިމަތިލައިގެންނެވެ.

ޑޮކްޓަރުން ތަމްރީނުވަނީ އާއްމުގޮތެއްގައި ލޭ ހޮޅީގެ އެތެރޭގައި ހަރުލާފައި ހުންނަ ގަނޑު ލޭކޮޅުކޮޅާއި އެޒާތުގެ ތަކެތި ނެގުމަށެވެ. އެކަމަކު މިފަހަރު ނަގަން ޖެހުނީ މުޅިން ތަފާތު އެއްޗެކެވެ. ނަގަން ޖެހިދާނެ ކަމަށް ޚިޔާލަށްވެސް ގެނެވިފައި ނުވާ އެއްޗެކެވެ. އެއީ ކޮޅުކޮޅަށް ދުވެދުވެއޮތް އޮމާން ބޯލް ބެއަރިންގެކެވެ. ދިވެހިބަހުން ބުނަންޏާ ރޭޒާފުކެކެވެ.

މި އޮޕަރޭޝަން ކާމިޔާބުކުރީ ރާއްޖޭގައި ތިބި އެންމެ ގާބިލް އަދި ތަޖުރިބާކާރު ޑޮކްޓަރުންގެ ލަފަޔާއި އެހީތެރިކަން ލިބިގެންނެވެ. ދިވެހި ކާޑިއޮލޮޖިސްޓުން ކަމުގައިވާ ޝާފިއާއި ޑރ. ޝާނީޒް ފަދަ ޑޮކްޓަރުންގެ ބައިވެރިވުން ވެސް އޮވެގެންނެވެ. މި ޑޮކްޓަރުންނާއި މުޅި އޭޑީކޭއަށް ސާބަހެވެ. ރާއްޖޭގެ މެޑިކަލް ހިސްޓްރީގައި ތިޔަ ލިޔެލީ އައު ސަފުހާއެކެވެ. އެކަން ދިވެހިން އަބަދުވެސް ހަނދާން ކުރާނެއެވެ. އުފާކުރާނެއެވެ. ފަޚުރުވެރިވާނެއެވެ.

Advertisement
ކޮމެންޓް
10 މެއި 2021 | ހޯމަ 07:01
ރާގުންޑާ
އަނެއްކާ އަނެއް ކަންތައް. ޚިދުމަތްތެރިންގެ ޚިދުމަތްވެސް ކަލޭމެނަށް ފެންނަ ގޮތަކީ ތީ؟ އަލަށްތަ ޑޮކްޓަރުން މީހަކަށް ފަރުވާ ދީގެން އެއުޅެނީ. ނާ ހަމަ ހެޔޮކޮށް! ހަހަހ ަ ާ ާ ކެ ކެ ކެ އައްދޯއި
ގުޅުންހުރި
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މެންބަރުކަމާއި ރައީސާއި ނައިބު ރައީސްކަމުގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ ގަޑި އާއްމުކޮށްފި
މެންބަރެއްގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ މުސާރައިން ބައެއް އުނިކޮށްދެއްވުމަށް ނަޝީދު އެދިވަޑައިގެންފި
ބަންގްލަދޭޝްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި
ފްލެޓާ ގުޅޭގޮތުން ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނަށް 4 މަސްފަހުން ދިން ކުރު ޖަވާބު: ހައުސިންގ މިނިސްޓްރީއަށް ދޭ!
ނަޝީދަށް ދިން ޙަމަލާއާ ގުޅޭ އިތުރު މައުލޫމާތު މަޖިލީހާ ހިއްސާކުރަން އެބަހުރި: ޣައްސާން
43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައިވާ އަދި އިނާމު އަރުވާފައިނުވާ ފަރާތްތަކުގެ ރެކޯޑު ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުވަނީ
43 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކޮށްފައިވާ ފަރާތްތަކަށް ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު ދެނީ