ކ. މާލެ
|
1 މެއި 2021 | ހޮނިހިރު 09:54
ކުރިއަށް އޮތް ތިން ދުވަހު ބައެއް ސަރަހައްދުތަކުގައި ވެކްސިންޖަހާ ތަންތަން ބަންދު
ކުރިއަށް އޮތް ތިން ދުވަހު ބައެއް ސަރަހައްދުތަކުގައި ވެކްސިންޖަހާ ތަންތަން ބަންދު
ރޮއިޓަރސް
ކޮވިޑް-19 އިންޑިޔާގެ ހާލަތު
އިންޑިޔާގެ އެންމެ ހާލަތު ގޯސް ސަހަރައްދުތައް ވެކްސިނަށް ޖެހިފައި
 
ނިއުދިއްލީގައި ހޮނިހިރު ދުވަހު ވެކްސިން ނުޖަހާނެ ކަމަށް ވަނީ ބުނެފައި
 
މުމްބާއީގައި ކުރިޔަށް އޮތް ތިން ދުވަހު ވެކްސިންދޭ ތަންތަން ބަންދުވާނެ
 
ފާއިތުވި ނުވަ ދުވަހުވެސް ދުވާލެއްގެ މައްޗަށް ތިން ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވޭ
 
މިއީ މިގަރުނުގައިވެސް އިންޑިޔާއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާ

ދުނިޔޭގެ ނިސްބަތުން 21 އިންސައްތަ ކޮވިޑް ވެކްސިން އުފައްދަމުން އައި އިންޑިޔާ މިއަދު ވަނީ ވެކްސިނަށް ބޭނުންވެފައެވެ. ހޮސްޕިޓަލްތައް ބަލި މީހުންނާއިގެން ފުރި ބާރުވެފައިވާއިރު ގަބުރުސްތާނުތައް ފުރި ބާރުވެފައިވަނީ މަރުވެފައިވާ ހަށިތަކުންނެވެ.

ވަޅުލެވޭނެ ގޮތެއް އަންދާލެވޭނެ ގޮތެއް ނެތި އެމީހުންގެ އާއިލާތަކުން އިތުރު ހިތްދަތިކަމެއް އަންނަނީ ތަހައްމަލުކުރަމުންނެވެ. އަނެއްކޮޅުން ކޮވިޑްގެ ބަލި މީހުންނަށް ބޭނުންވާ އޮކްސިޖަނާއި ބޭހަށް ވަނީ އިންތިހާއަށް ބޭނުންވެފައެވެ.

ނިއުދިއްލީގައި މަރުވާ މީހުންގެ ޖަނާޒާ ބާއްވަމުން އަންނަ މައި ގަބުރުސްތާނު ހުންނަ ސަރަހައްދުގައި އެކަނިވެސް 10ށް ވުރެ ގިނަ އެމްބިޔުލަންސްގައި މަރުވެފައިވާ މީހުންގެ ހަށިތައް އަންދާލެވޭނެ ގޮތެއް ނެތިފައި ޕާކުކޮށްފައި ހުރިކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

އެމެރިކާ ނެގުމަށްފަހު އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހި މަރުވަމުން އަންނަ އިންޑިޔާގައި ފާއިތުވި ނުވަ ދުވަހުވެސް ވަނީ ދުވާލެއްގެ މައްޗަށް ތިން ލައްކައަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައެވެ. ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި ދުވާލެއްގެ މައްޗަށް މިއަދަދަށް ކޮވިޑް ޖެހިގެން މިހާތަނަށް ރިޕޯޓްކޮށްފައެއްނުވެއެވެ. ހުކުރު ދުވަހު އެކަނިވެސް 386،452 މީހުންނަށް ކޮވިޑް ޖެހިގެން ވަނީ އަނެއްކާވެސް ރިކޯޑެއް ހަދާފައެވެ.

މަރުވި މީހުންގެ އަދަދު ދެ ލައްކައަށް ވުރެ މަތިވެފައިވާއިރު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު 19 މިލިއަނާ ގާތްކުރަނީއެވެ. ކޮވިޑްގެ ޑަބަލް މިޔުޓެންޓް ވޭރިއަންޓާއި ބޭއްވި ސިޔާސީ އަދި ދީނީ ހަރަކާތްތަކާއެކު ފެބްރުއަރީ މަހުގެ ފަހުން 8 މިލިއަނެއްހާ މީހުންނަށް ވަނީ ކޮވިޑް ޖެހިފައެވެ. މާނައަކީ އަހަރަކަށް ވުރެ ގިނަ ދުވަސްވަންދެން އިންޑިޔާގައި ކޮވިޑް ފެތުރެމުން އަންނައިރު ރިޕޯޓްކުރަމުން އަންނަ ކޭސްތަކުގެ ދެބައި ކުޅަ އެއްބަޔަކީ ގާތްގަނޑަކީ ފާއިތުވި ދެ މަސްދުވަސްތެރޭގައި ފެނިފައިވާ ކޭސްތަކެވެ.

ސިއްހީ މާހިރުން އަންދާޒާކުރާ ގޮތުގައި އިންޑިޔާގައި ކޮވިޑް ޖެހިގެން މިހާރު ހާމަކުރަމުންދާ ރަސްމީ އަދަދުތަކަށްވުރެ އަސްލު އަދަދު އުޅޭނީ 10 ގުނައަށްވުރެ އިތުރަށެވެ.

ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދަމުން އަންނަ ގައުމަށް އިންޑިޔާވީ ނަމަވެސް އެގައުމަށް މިވަގުތު ބޭނުންވާ ވަރާ ގާތަށްވެސް ކޮވިޑް ވެކްސިނެއް ނެތެވެ. ވެކްސިން ދެވިފައިވަނީ 1.4 ބިލިއަން މީހުން ދިރިއުޅޭ އިންޑިޔާގެ އާބާދީގެ އެންމެ 9 އިންސައްތައަށެވެ. ވެކްސިން ލިބުމުގެ ދަތިކަން އިހުސާސް ކުރަން ޖެހުމާއެކު އެގައުމުގެ ސޯޝަލް މީޑިޔާ ޕްލެޓްފޯރމްތަކުގައި މީހުން އަންނަނީ ވެކްސިން ނުލިބިގެން އެކަމުގެ ޝަކުވާ ކުރަމުންނެވެ.

ވެކްސިން ފޯރުކޮށްދިނުމުގައި ލަސްތަކެއް:

އިންޑިޔާގައި ވެކްސިން އުފައްދަމުން އަންނަ އެންމެ މައި އެއް ތަންކަމުގައިވާ ސެރަމް އިންސްޓިޓިއުޓްގައި މީގެ މަހެއްކުރިން ހިނގާދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން އެގައުމުގައި ވަނީ ވެކްސިން އުފެއްދުމަށް ވަރަށް ބޮޑަށް ލަސްތަކެއް ކުރިމަތިވެފައެވެ.

އިންޑިޔާގައި މީގެކުރިން އައީ މަހެއްގެ މައްޗަށް ކޮވިޑް ވެކްސިންގެ 80 މިލިއަން ޑޯޒް އުފައްދަމުންނެވެ. ނަމަވެސް މިހާދިސާއާ ގުޅިގެން އެއަށްވުރެ ގިނައިން ވެކްސިން އުފެއްދުމަށް އެގައުމަށް ދަތިތަކާ ކުރިމަތިވިއެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސް އެއް ސަރަހައްދު ކަމުގައިވާ މުމްބާއީގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ކުރިޔަށް އޮތް ތިން ދުވަހަށް ވެކްސިން މަރުކަޒުތައް ބަންދުވާނެއެވެ. އަނެއްކޮޅުން ދެން އެންމެ ހާލަތު ގޯސްވެގެން ރިޕޯޓްކުރަމުން އަންނަ ނިއުދިއްލީގެ ޗީފް މިނިސްޓަރ އަރްވިންދް ކެޖްރިވާލްވެސް ވަނީ ހޮނިހިރު ދުވަހު ވެކްސިން ޖެހުމަށް ނައުމަށް އެދިވަޑައިގެންފައެވެ. އެއީ ވެކްސިން ލިބިފައި ނުވާތީ ކަމަށް ޗީފް މިނިސްޓަރ ވިދާޅުވިއެވެ.

ކަރްނާޓަކާ ސްޓޭޓްގެ މައި ސިޓީކަމުގައިވާ ބެންގަލޫރުންވެސް ވަނީ ހޮނިހިރު ދުވަހު އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ޖެހުމަށް އަލަށް ހިންގާ ޕްރޮގްރާމް ފަސްކޮށްފައެވެ.

އެހެންނަމަވެސް އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ނިސްބަތްވެވަޑައިގަންނަވާ ގުޖުރާތުން ބުނާގޮތުގައި އެސަރަހައްދުގައި އެންމެ ހާލަތު ގޯސް ހިސާބުތަކުގައި ހޮނިހިރު ދުވަހު އުމުރުން 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށް ވެކްސިން ދޭން ފަށާނެއެވެ.

އެކި ސްޓޭޓްތަކުގެ ސަރުކާރުން ހާމަކުރަމުންދާ މައުލޫމާތާއި ޚިލާފަށް މައި ސަރުކާރުގެ ހެލްތު މިނިސްޓްރީން ހާމަކުރާ ގޮތުގައި ސްޓޭޓްތަކުގައި މިހާރުވެސް 10 މިލިއަން ވެކްސިން ޑޯޒް ރައްކާކޮށްފައި އެބަހުއްޓެވެ. އަދި ކުރިޔަށް އޮތް ތިން ދުވަހުގެ ތެރޭގައި ދެ މިލިއަން ޑޯޒް އެސަރަހައްދުތަކަށް ފޯރުކޮށްދޭނެކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

އަނެއްކޮޅުން މޯދީ ވަނީ ހުކުރު ދުވަހު ކެބިނެޓާ ބައްދަލުކުރައްވާފައެވެ. އަދި މިއީ މިގަރުނުގައިވެސް އިންޑިޔާއަށް ކުރިމަތިވި އެންމެ ބޮޑު ކާރިސާކަމަށް ވަނީ ވިދާޅުވެފައެވެ.

އިންޑިޔާގެ ސިއްހީ ނިޒާމަށް ނުކަތާވަރަށް މީހުން ބައްޔަށް ޕޮޒިޓިވްވެ ސިއްހީ މަސައްކަތްތެރިންނާއި އެމީހުންގެ އާއިލާގެ މީހުން ބަލިވަމުން ދިޔުމާއެކު ސިއްހީ މަސައްކަތްތެރިންނަށްވެސް މިހާރު ވަނީ ބޭނުންވެފައެވެ. މިއާއެކު ބައިނަލްއަގްވާމީ މުޖުތަމައުން އަންނަނީ އެގައުމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން އެމެރިކާގެ ފްލައިޓެއް މިހާރު ވަނީ އޮކްސިޖަން ސިލިންޑަރާއި، މާސްކާއި ސިއްހީ އެހެނިހެން ސާމާނު ހިފައިގެން އިންޑިޔާއަށް ގޮސްފައެވެ.

އެމެރިކާއިން ފޯރުކޮށްދިން އެހީތެރިކަމާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވީ ޕެންޑަމިކްގައި މީގެކުރިން އިންޑިޔާއިން އެމެރިކާ އަށް އެހީވެދިން ގޮތަށް މިހާރު މިއީ އެމެރިކާއިން އިންޑިޔާއަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ވަގުތުކަމަށެވެ.

އެމެރިކާއިން އަންނަނީ މިހާރު ފޮނުވާފައިވާ އެހީތަކުގެ އިތުރުން 100 މިލިއަން ޑޮލަރުގެ ސިއްހީ ސާމާނު ފޮނުވުމަށް މަސައްކަތްކުރަމުންނެވެ. އަދި އެމެރިކާއިން އެސްޓްރަޒެނިކާ ވެކްސިން ހޯދުމަށް އެކުންފުންޏަށް ކޮށްފައިވާ އޯޑަރުގެ ދަށުން ލިބޭ ވެކްސިން އިންޑިޔާއަށް ދިނުމަށްވެސް ވަނީ ނިންމާފައެވެ. އެއީ 20 މިލިއަން ޑޯޒެވެ.

އެމެރިކާއިން އިންޑިޔާއަށް ސިއްހީ ސާމާނު ގެނައި ފްލައިޓް

އިނގިރޭސިވިލާތާއި އަޔަރލެންޑް އަދި ރޯމޭނިއާއިންވެސް ވަނީ އިންޑިޔާއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

އިންޑިޔާގެ މިހާރުގެ ހާލަތަށް ބަލާއިރު މީހުން މުޅި އިންޑިޔާއިން ކަހަލަ ގޮތަކަށް ފެންނަނީ ހާލަތު އިތުރަށް ގޯސްވެދާނެތީ މުދާ ރައްކާކުރާ މަންޒަރެވެ. ވަކިން ޚާއްސަކޮށް ބޭސް ފަދަ ތަކެތި ބޭނުން ނުވާ މީހުންވެސް އަންނަނީ ބޭސް ރައްކާކުރަމުންނެވެ. އެހެންވުމުގެ ސަބަބުން އެންމެ ބޭނުންވާ މީހުންނަށް އެތަކެތި ފޯރުކޮށްދިނުމަށް އަންނަނީ ކަމާބެހޭ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންނެވެ.

އިންޑިޔާގެ މިހާރުގެ ހާލަތަށް ކުޑަނަމަވެސް އުންމީދެއް ގެނުވާނެ ޚަބަރެއް އިންޑިޔާގެ ސަރުކާރަށް ކޮވިޑް-19 އާ ގުޅިގެން ލަފާދޭ ސައިންސްވެރިންގެ ޓީމުން ވަނީ ދީފައެވެ. އެއީ ކުރިން އަންދާޒާކުރި ތާރީޚަށް ވުރެ އަވަހަށް ޕީކް އަންނާނެކަމެވެ. މިހާރު އަންދާޒާކުރަނީ މެއި މަހުގެ 3 އާއި 5 އާ ދެމެދު އެގައުމު ޕީކަށް ދާނެކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
33%
67%
0%
0%
ކޮމެންޓް
ގުޅުންހުރި
އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
އިންޑިއާގައި އުފައްދާ ހަވާދުގެ ބާވަތްތަކެއްގައި ކެންސަރުޖެހޭ މާއްދާއެއް އެކުލެވޭތީ ބައެއް ގައުމުތަކުގައި މަނާކޮށްފި
މޯދީގެ ވާދަވެރިޔާ، ޖަލަށްލާފައިވާ އަރްވިންދު ކެޖްރިވާލްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ބޫތު ބަހައްޓާފައި ހުރިގޮތުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރެވުނު، އިންޑިއާގެ އިންތިހާބުގައި ކުރެވިދާނެ ގިނަ ކަންކަން އެނގިގެންދިޔަ - ޝަހާބުއްދީން
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ، އިންޑިޔާގައި އާންމު އިންތިހާބްގެ ވޯޓުލުން ކުރިޔަށް ދަނީ
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
އީރާނުން ހިފެހެއްޓި ބޯޓުގައި ތިބި އިންޑިޔާ ފަޅުވެރިންނާ އިންޑިޔާގެ އޮފިޝަލުން ބައްދަލް ކުރުމުގެ ފުރުސަތު ދެނީ
މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި