ރާއްޖޭގެ މި އަހަރުގެ މިނިވަން ދުވަހުގެ ޝަރަފްވެރި މެހެމާނުގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވި އިންޑިއާ ގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ދަތުރުފުޅުގައި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާ ބައްދަލު ކުރެއްވުމުން ރައީސް މުހައްމަދު މުއިއްޒު ކޯފާވި ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅަކީ ރައީސް މުއިއްޒުގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.
ސަރުކާރުގެ އިތުބާރު ކުރެވޭ މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒު ވަނީ ބޮޑު ވަޒީރު މޯދީ އެމްޑީޕީ އާ ބައްދަލު ކުރެއްވުމުން އެކަމާ ކޯފާވެ، ހިތްހަމަނުޖެހުން ބައެއް ވަޒީރުންނާ ވެސް ހިއްސާ ކުރައްވާފައެވެ.
"މައްސަލަ އަކަށްވީ އެހެން ޕާޓީތަކާ ޚިލާފަށް އެމްޑީޕީ އަށް މާ ބޮޑަށް ސަމާލުކަން ލިބޭ ގޮތައް ވަކިން ބައްދަލު ކުރެއްވުން،" ކަމަށް އޭނާ ބުންޏެވެ.
ރާއްޖެ އަށް މޯދީ ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ޖުލައި 26 ވަނަ ދުވަހު ރާއްޖޭގެ ސިޔާސީ ޕާޓީ ތަކުގެ ލީޑަރުންނާ ބައްދަލު ކުރެއްވުން ކުރިއަށް ގެންދެވީ ދެ ބައްދަލުވުމަކަށް ބައްސަވައިލައްވައިގެންނެވެ.
އެ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ބޮޑު ވަޒީރު ފުރަތަމަ ބައްދަލު ކުރެއްވީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ވަފުދާ އެވެ.
ދެވަނަ ބައްދަލު ވުމުގައި ހިމެނެއްވެވީ އެހެން ހުރިހާ ޕާޓީތަކެއްގެ ލީޑަރުންނެވެ.
މޯދީގެ ދަތުރުފުޅުގައި ރައީސް ސާލިހް އާ ބައްދަލު ކުރެއްވުމަށް ވެސް ހުށަހެޅުއްވި އެވެ. އެހެން ނަމަވެސް ސިއްހީ ފަރުވާ އަކަށް ރާއްޖޭން ބޭރުގައި ރައީސް ސާލިހް އުޅުއްވާތީ އެ ބައްދަލުވުން ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
ސިޔާސީ ޕާޓީތަކާ ބައްދަލު ކުރެއްވުމަށް ފަހު މޯދީ ވަނީ އެކްސް ގައި އެ ދެ ބައްދަލުވުމުގެ ވަކި ދެ ފޮޓޯ ހިމަނުއްވައިގެން ޕޯސްޓެއް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ދިވެހިރާއްޖޭގެ އެކި ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއެކު މުހިންމު ބައްދަލުވުމެއް ބޭއްވިއްޖެ ކަމަށާއި ސިޔާސީ ޕާޓީތަކުގެ ލީޑަރުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަކީ، ދިވެހިރާއްޖެ އާއި އިންޑިޔާ އާ ދެމެދު އޮތް ވަރުގަދަ އަދި ޒަމާންވީ ރަޙްމަތްތެރިކަމަށް ހުރިހާ ޕާޓީތަކެއްގެ ތާއީދު ލިބިފައިވާ ހާމަކޮށްދޭ ކަމެއް ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީގެ ވަފުދަކާ ބޮޑު ވަޒީރު ބައްދަލު ކުރެއްވުމުން މުއިއްޒު ހިތްޕުޅުހަމަ ނުޖެހޭކަން ވަޒީރުންނަށް ހިއްސާ ކުރެއްވި އިރު، މުއިއްޒު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތީ އިންޑިއާ އާ ދެކޮޅަށް "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގެވި ވަރުގަދަ ކެމްޕޭނެއްގެ ތެރެއިންކަން މި ދަތުރުފުޅުގެ ތެރޭގައި ވެސް އިންޑިއާ ގެ މީޑީއާ އިން ވަރަށް ބޮޑަށް ފާހަގަ ކުރިއެވެ.
އެމްޑީޕީ އާ މޯދީ ބައްދަލުކުރެއްވުން ރައީސް މުއިއްޒު ކޯފާވި ކަމަކަށް ވެފައިވާއިރު، ހަމަ މި ދަނޑިވަޅުގައި މީހުންގެ ސަމާލު ކަމަށް އައިސްފައިވާ އަނެއް ކަމަކީ އެމްޑީޕީ ސަރުކާރުން ތައާރުފް ކުރި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގައި ބޭނުން ކުރާ ލޯގޯ ގައި ހިމެނިފައި ވާ ރީނދޫކުލަ ރައީސް މުއިއްޒުގެ ސަރުކާރުން ފޮހެލައި، ރީނދޫ ބައި އަޅިކުލައަށް ބަދަލު ކޮށްލުމެވެ.