Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުފިރިބަލައިގަތް ފަނިތަށި

ގެއްލެމުންދާ ދިވެހި އާދަތަކުގެ ތެރެއިން ފިރި ބަލައިގަތް ފަނިތަށި

ދިވެހި ފަނިތަށީގެ ސަގާފަތަކީ ދެކުނުގެ ގިނަބަޔަކު ދަންނަ ކަމެއްވެސް ނޫން

| 6 އެޕްރީލު 2021 | އަންގާރަ 05:43
ލުނބޯހުތު ފަނިތައްޓެއް

ލުނބޯހުތު ފަނިތައްޓެއް

ކައިވެނީގެ ރޭ އަނބިމީހާ އަތުން ފިރިމީހާއަށް ގެނެސްދޭ ކިރުތައްޓަކީ އިންޑިޔާގެ ސަގާފަތުގެ ތެރޭގައި ވަރަށް ބޮޑަށް ބިންވަޅު ނެގިފައިވާ އާދައެކެވެ. ހަމައެކަނި ހިންދީންގެ ތެރެއަކު ނޫނެވެ. މުސްލިމުންގެ ތެރޭގައިވެސް މެއެވެ. ހިންދީ ފިލްމުތަކުން މި މަންޒަރު ވަރަށް ގިނައިން ފެންނާނެއެވެ. ކައިވެނީގެ ރޭ އަނބިމީހާ އަތުން ފޮނި ކޮންމެވެސް އެއްޗެއް ފިރިމީހާއަށް ދިނުމަކީ މުސްލިމުންގެ ތެރޭގައިވެސް ކައިވެނީގެ ސުންނަތެއްގެ ގޮތުގައި ބަލާކަމެކެވެ.

ދިވެހިރާއްޖޭގައި މިކަހަލަ އާދައެއް އޮވޭބާވައެވެ. ކުރީޒަމާނުގައި މިއީ ދިވެހި ސަގާފަތުގެ ތެރޭގައި ހިމެނުނު އާދައެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް މިކަން ރާއްޖޭގެ ބޮޑު ބަޔަކުން ވަނީ އުވިގެންގޮސްފައެވެ. މިކަމުގެ އަސްލު މަގުސަދާ ތަންކޮޅެއް ތަފާތުކޮށް މަދު ބައެއް ރަށްރަށުގައި މިހާރުވެސް މިކަން އޮންނަކަމަށް ބުނެވެއެވެ. އެކަހަލަ ރަށްރަށުގައި އަނބިން އެމީހުންގެ ފިރިންނަށް ކައިވެނީގެ ރޭ ދެނީ ކިރުތައްޓެއް ނޫނެވެ. ފަނިތައްޓެކެވެ.

ދިވެހި އަލަތު އަނބިން އެމީހުންގެ ފިރިންނަށް ކައިވެނީގެ ރޭ ދީ އުޅުނު ފަނިތައްޓަށް ޚާއްސަ ނަމެއްވެސް އޮވެއެވެ. އެޔަށް ކިޔަނީ ފިރި ބަލައިގަތް ފަނިތައްޓެވެ. އެކި ރަށްރަށުގައި މިކަންކުރާ ގޮތާއި ވައްޓަފާޅިވެސް ތަފާތެވެ. ގިނަ ރަށްރަށުގައި މިއާދަ ވަނީ މުޅިން ފުހެވިގެން ގެއްލިގެން ގޮސްފައެވެ. މިއާދަ ކޮންމެވެސް މިންވަރަކަށް މިހާރު ދެމިއޮތްކަމަށް ބުނެވެނީ ރާއްޖޭގެ އުތުރާއި މެދުތެރޭގެ ބައެއް ރަށްރަށުގައެވެ. މިއީ ދެކުނުގެ މީހުން އަމްދުން ދަންނަ ކަމަކަށް ނުވެއެވެ. އަޑުއެހި ކަމަކަށްވެސް ނުވެއެވެ.

ރާއްޖޭގެ އުތުރުން ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައި މިހާރުވެސް ފިރި ބަލައިގަތް ފަނިތަށި ދިނުން އޮންނަ ކަމަށް އެރަށުގެ ބައެއް މީހުން ބުނެއެވެ. މިލަދުންމަޑުލު އުތުރުބުރީ ކޮމަންޑޫގައި މިކަން ކުރާ ގޮތާމެދު އެރަށު މީހަކު ބުނީ ފަނިތަށި ގިރަނީ އެޔަށް ވަރަށް ގިނައިން ފާއަހިވަކާއި ލޮނުވެސް އަޅައިގެން ނުބޮވޭހާ ބޮޑަށް ރަހަ ނުބައިކޮށްގެން ކަމަށެވެ. އަނބިމީހާ ދެކެ ފިރިމީހާ ލޯބިވަންޏާ އެކަމަކާއި ލޯބިނުވަންޏާ އެކަމެއްވެސް އިމްތިހާނުވާ ވަގުތަކީ މިއީއެވެ. ކިތަންމެ ނުބަޔަސް ހިތިބޭހެއް ފަދައިން ނޭވާ ހިފަހައްޓައިގެންހުރެ ފިރިމީހާ އެތަށި ހުސްކޮށްލާނެއެވެ.   

މާލެއަތޮޅު ހުރަޔަކީ ފިރި ބަލައިގަތް ފަނިތަށި ދިނުމުގެ އާދަ އަދިވެސް ފިލައިގެން ނުދާ ރަށެއް ކަމަށް ބުނެވެއެވެ. އެރަށުން މައުލޫމާތު ދިން މީހަކު ބުނީ ފަނިތަށި ގިރުމަކީ ތަފާތު މެސެޖެއް ދިނުމަށް އަނބިމީހާއަށް ލިބޭ ފުރުސަތެއް ކަމަށާއި ފިރިމީހާ ދެކެ އަނބިމީހާ ލޯބިވަންޏާ ފަނިތައްޓަށް އަޅާ ހަކުރުވެސް ގިނަވާނެ ކަމަށެވެ. މާބޮޑަށް ލޯބިވަންޏާ ބޯން ފަސޭހަ ނުވާވަރަށް ފަނިތަށީގެ ފޮނިކަންވެސް ގަދަވާނެ ކަމަށެވެ. ފޮނިކަން ކިތަންމެ ގަދަވިޔަސް އަދި ފިރިމީހާއަކީ ޑަޔަބެޓިކް މީހަކަށްވިޔަސް ނުބޮއި ފަރުޖެއްސޭނޭ ގޮތެއްވެސް ނޯވެއެވެ.

މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރާއި މީދޫގައި މިކަމަކީ މިހާރުވެސް އޮންނަ އާދައެއް ކަމަށް އެދެރަށު މީހުން ބުނެއެވެ. ދުވާފަރަކީ ކުރީގެ ކަނދޮޅުދޫ މީހުން މިހާރު ދިރިއުޅޭ ރަށެވެ. އެރަށުގައިވެސް މިކަން ކުރަނީ ފަނިތައްޓަށް ގިނައިން ހަކުރުއަޅައި ބޯން ނުކެރޭ ވަރަށް އޮލަކޮށްގެންނެވެ. އެރަށުގައި ކައިވެންޏެއް ކުރި މީހަކު ބުނީ ފޮނިކަމުން ފޮނި، އޮލަކަމުން އޮލަ ފަނިތައްޓެއް ބޯން އޭނާއަށްވެސް ޖެހުނު ކަމުގައެވެ. މިލަދުންމަޑުލު ފިރުބައިދޫގައި މީހުން ދިރިއުޅުނު އިރު މިއީ އެރަށުގައިވެސް އޮތް ކަމެކެވެ. ފިރުބައިދޫ މީހުން ފަހުން އާބާދުވީ އެއަތޮޅު ފުނަދޫގައެވެ.  

ފުނަދޫގައި ދިރިއުޅޭ ފިރުބައިދޫ އަންހެނަކު ބުނީ ފިރި ބަލައިގަތް ފަނިތައްޓަކީ ސަގާފީ އާދައެއް ދެމެހެއްޓުމަށްވުރެ ބޮޑަށް މަޖަލަކަށް ކުރެވޭ ކަމެއް ކަމަށެވެ. ނުބޮވޭ ވަރަށް ފޮނިގަދަކޮށްގެން ނުވަތަ ހިތިކޮށްގެން ރަހަނުބައިކޮށްގެން ފިރިމީހާއަށް ބޯންދިނުމުގައި އިސް ދައުރެއް އަދާކުރަނީ ތަންގަނޑު މީހުންނެވެ. އަނބިމީހާއަށް އޮންނަނީ ހަމައެކަނި ތަށި ދީގެން ބޯން ޖެއްސުމެވެ. މިއީ އަލަތު ކައިވެނީގެ ރޭގައި ދެމަފިރިން ނިދާ އެނދުދޮށުގައި އަޑުގޮވާޒާތުގެ ހުސްދަޅު އެލުވުން ކަހަލަ ސަކަރާތްޖެހުމުގެ ހަރަކާތެކެވެ. 

ފިރި ބަލައިގަތް ފަނިތައްޓަކީ ބައެއް މީހުންގެ ނަޒަރުގައި ލޯބި ބަޔާންކުރުމަށާއި އިތުބާރު ފައުޅުކުރުމަށް ކޮންމެހެންވެސް މުހިއްމު ކަމެކެވެ. ކައިވެންޏަށް ސާޅީސް އަހަރުވެފައިވާ ފިރިހެނަކު ބުނީ އަލަތު ކައިވެނީގެ މަތީގައި ދެމިހުރުމުގެ ސިއްރަކީ އަނބިމީހާ ދިން ފަނިތަށީގެ ފޮނިކަން ކަރުބުޑުގައި އަދިވެސް ރަގަޅަށް ހަރުލާފައި ހުރުން ކަމަށެވެ. މިޒަމާނުގައި ވަރި ގިނަވަނީ އެޒާތުގެ ފޮނިކަމަކުން ހަޔާތް ފެށުން ނޯންނާތީކަމަށް ގަބޫލުކުރާ ކަމުގައިވެސް ބުންޏެވެ. ފަހަރުގައި މިއީ ތެދަކަށް ވެދާނެއެވެ. ފިރި ބަލައިގަތް ފަނިތައްޓަށް ލަހުންވިޔަސް އިންތިޒާރުކުރާ ފިރިން އެބައުޅެއެވެ. ހާދަ ދެރައޭ ތިޔަ ޒާތުގެ ފަނިތައްޓެއް ނުވެސް ލިބެޔޭ ފަހުންވިޔަސް ދެންޏާ ބޭނުމޭ ބުނާ ފިރިންނާވެސް ދިމާވިއެވެ.

އިތުރަށް ކިޔާލަން

21 ޖޫން 2017

ޕާކިސްތާންގެ ފިރިހެނަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެ

21 ޖޫން 2017
ޕާކިސްތާންގެ ފިރިހެނަކަށް އެއް މިލިއަން ޑޮލަރު ލިބިއްޖެ
22 މެއި 2017

ލީސާއަށް ލިބުނީ ފިރިހެން ކުއްޖެއް!

22 މެއި 2017
ލީސާއަށް ލިބުނީ ފިރިހެން ކުއްޖެއް!
17 މެއި 2017

އިންޑިއާގެ އެންމެ ކުޑަ ދެމަފިރިންނާ ބައްދަލު ކޮށްލައްވާ!

17 މެއި 2017
އިންޑިއާގެ އެންމެ ކުޑަ ދެމަފިރިންނާ ބައްދަލު ކޮށްލައްވާ!
19 އެޕްރީލު 2017

ނަޗްބަލިޔޭގެ ދިވަންކާ ތްރްޕަތީއަށް ރިހާސަލްތެރެއިން އަނިޔާވެއްޖެ

19 އެޕްރީލު 2017
ނަޗްބަލިޔޭގެ ދިވަންކާ ތްރްޕަތީއަށް ރިހާސަލްތެރެއިން އަނިޔާވެއްޖެ
15 އެޕްރީލު 2017

ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި

15 އެޕްރީލު 2017
ކަރިޝްމާގެ ކުރީގެ ފިރިމީހާ ސަންޖޭ ކައިވެނިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު