މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، މަސްތުވާތަކެއްޗާއި ބަނގުރާގެ މައްސަލަތަކެއްގައި 5 މީހަކު ހައްޔަރުކޮށްފިއެވެ.
އެގޮތުން އއ. ތޮއްޑޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން ފުރައިގެން އެ ރަށަށް ދާ ބޯޓަކުން މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. ރަސްދޫ ޕޮލިސް ސްޓޭޝަނާއި، ތޮއްޑޫގައި މަސައްކަތްކުރާ ފުލުހުން އަދި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 27 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވެއެވެ. މި މާރޗު މަހުގެ 30 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 19 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
ހއ. އިހަވަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި މާރިޗު މަހުގެ 30 ވަނަ ދުވަހު ފުލުހުންގެ އިންޓެލިޖެންސާ އިހަވަންދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 21 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ.
ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި އެރަށުން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. މި މާރިޗު މަހުގެ 29 ވަނަ ދުވަހު ދުވާފަރުގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 15 ރަބަރު ޕެކެޓާއި ދެ ސެލޯފިންކޮޅު ފެނިފައިވެއެވެ.
އޭގެ އިތުރުން، ދަރަވަންދޫގައި ބަނގުރާ ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންވެސް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. އިންޓެލިޖެންސާ ދަރަވަންދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން މި މާރިޗު މަހުގެ 30 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެރަށު ގެއެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ހަމަކާއި، ބަނގުރާ ކެއްކުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
އަދިވެސް އޭގެ އިތުުރުން، ހުޅުމާލޭ އެމްޕީއެލް ސަރަހައްދުގައި އޮތް ޓެކްސީއެއްގައި ބަނގުރާ ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ވެސް އޮޕަރޭޝަނެއް ހިންގާފައިވެއެވެ. ހުޅުމާލެ ޕޮލިހާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 32 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ދެމީހުންނަކީވެސް ބަންގްލަދޭޝް ރައްޔިތުންނެވެ. މި މާރިޗު މަހުގެ 29 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ދެމީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު އެ ދެމީހުން ތިބި ޓެކްސީގެ ފަހަތު ސީޓުން 28 ފުޅި ބަނގުރާ ފެނިފައިވެއެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.