ކ. މާލެ
|
28 މާރޗް 2021 | އާދީއްތަ 07:00
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑްގެ ވެކްސިން ދިނުން
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކޮވިޑްގެ ވެކްސިން ދިނުން
ރާއްޖެއެމްވީ
ފަތުރުވެރިކަމުގެ ސިނާއަތު
ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 14،000ށް ވުރެ ގިނަ މުވައްޒަފުން ވެކްސިން ޖަހައިފި
 
ސިނާއަތުގެ 14,898 މުވައްޒަފުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި
 
ފަތުރުވެރިކަމުގެ ސިނާއަތުގެ މުވައްޒަފުންނަށް ވެކްސިން ޖަހަން ފަށާފައި ވަނީ ފެބްރުއަރީ ހަތަރު ވަނަ ދުވަހު
 
ފުރަތަމަ ވެކްސިން ޖެހުމަށް އިސްކަންދޭނީ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތްކުރާ މުވައްޒަފުންނަށް

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ 14،000ށް ވުރެ ގިނަ މުވައްޒަފުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ފެބްރުއަރީ ހަތަރު ވަނަ ދުވަހުން ފެށިގެން މާރޗް 25ގެ ނިޔަލަށް ފަތުރުވެރިކަމުގެ ސިނާއަތުގެ 14,898 މުވައްޒަފުން ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ވެކްސިން ޖެހުން ފެށުމަށް ބޭއްވި ޚާއްސަ ހަފްލާގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މުވައްޒަފުންނަށް ވެކްސިންޖެހުމުގެ އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ މި ސިނާޢަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ. ކޮވިޑްގެ ހާލަތުގައި އެންމެ ބޮޑު ގުރުބާނީއެއްވި އެއް ބަޔަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މުވައްޒަފުން ކަމަށާއި އަނބިދަރީންނާއި ދުރުގައި މަސަތްކަތުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ މުވައްޒަފުން އެބަތިބި ކަމަށާއި އެމުވައްޒަފުން އެވަނީ ބޮޑު ގުރުބާނީއެއް ކަމަށް މިނިސްޓަރ ޑރ މައުސޫމް ވަނީ ފާހަގަކުރައްވާފައެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން އެންމެ ފުރަތަމަ ވެކްސިން ޖެހުމަށް އިސްކަންދޭނީ ފަތުރުވެރިންނާއި އެންމެ ގާތުން މަސައްކަތްކުރާ މުވައްޒަފުންނަށެވެ. އެގޮތުން ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ރިސެޕްޝަންތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ޚާއްސަ އިސްކަމެއް ދެއެެވެ.

މިހާތަނަށް ރިސޯޓްތަކުގައި މަސައްކަތްކުރާ 14،147 މުވައްޒަފުންނާއި، ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ 306 މުވައްޒަފުންގެ އިތުރުން ލިވަރބޯޑް ތަކުގައި މަސައްކަތްކުރާ 220 މުވައްޒަފުންނާއި ހޮޓަލްތަކުގެ 70 މުވައްޒަފުން ވެކްސިން ޖަހާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ޓްރެވެލް އެޖެންސީތަކުގެ 24 މުވައްޒަފުންނާއި ސިނާއަތުގައި މަސައްކަތްތެރިވާ 64 ފަންނާނުންގެ އިތުރުން މިނިސްޓްރީގެ 67 މުވައްޒަފުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ރާއްޖެ އަންނަ ފަތުރުވެރިންނަށް އެންމެ ފުރަތަމަ މަރުހަބާ ކިޔަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ކަމަށްވާއިރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިސްނަގައިގެން ވީއައިއޭގައި ވެކްސިން ޖެހުމުގެ ހަރަކާތް ވަނީ ފަށާފައެވެ.

ރާއްޖޭގައި މިހާތަނަށް 230،130 މީހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުތައް ދައްކައެވެ.

ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން މިހާތަނަށް ކޮވިޑް-19ށް ޕޮޒިޓިވްވެފައި ވަނީ 0.22 އިންސައްތަ ފަތުރުވެރިންނެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް