ކ. މާލެ
|
14 މާރޗް 2021 | އާދީއްތަ 00:19
ރަށްވެހި ފަތިސް - ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުމަށް ރައީސް ސޯލިހު ވަޑައިގެންނެވުން
ރަށްވެހި ފަތިސް - ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ބާއްވާ ސިލްސިލާ ބައްދަލުވުމަށް ރައީސް ސޯލިހު ވަޑައިގެންނެވުން
ރާއްޖެއެމްވީ
ރަށްވެހި ފަތިސް - ތ. އަތޮޅުގެ ތަރައްޤީ
ތ އަތޮޅުގެ ރަށްރަށަށް ރައީސްގެ ގިނަ ވައުދުފުޅުތަކެއް
 
ފަތުރުވެރިކަމަށް ދޫކޮށްފައިވާ 5 ރަށެއްގެ މަސައްކަތް ނުފެށި 10 ވަރަކަށް އަހަރުވެފައިވާއިރު، ސަރުކާރުން އިތުރު ވިސްނުންތަކެއް މިހާރު ގެންގުޅުއްވާ ކަމަށް ރައީސް ވިދާޅުވި
 
މި އަހަރު ތެރޭގައި އަތޮޅުގެ ތިން ރަށެއްގައި އައިސް ޕްލާންޓު ބަހައްޓާނެ
 
މުޅި އަތޮޅުން ވެސް ފާހަގަވި އެންމެ ބޮޑު ކަމަކީ އަތޮޅަކީ މަސްވެރި އަތޮޅަކަށް ވުމުން އައިސް ލިބުމުގައި ހުރި ދަތިތަކުގެ މައްސަލަތައް

ތ. އަތޮޅުގެ ރަށްރަށަށް އެކި ދާއިރާތަކުން ހުރި އެކި މަޝްރޫޢުތައް އިއުލާންކުރައްވައި އަތޮޅުގެ ތަރައްގީއަށް ކުރަން ހުރި ކަންކަމާއި މިހާތަނަށް ވެފައި ހުރި ކަންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހާމަކުރައްވައިފިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ބާއްވާ "ރަށްވެހި ފަތިސް" ކެމްޕެއިން ހަރަކާތުގައި ތ. އަތޮޅަށް ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންނާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ތ. އަތޮޅަކީ މަސްވެރި އަތޮޅެއް ކަމަށާއި، އެހެންކަމުން، މުޅި އަތޮޅުން ވެސް ފާހަގަވި އެންމެ ބޮޑު ކަމަކީ، އައިސް ލިބުމުގައި ހުރި ދަތިތަކުގެ މައްސަލަތައް ކަމަށެވެ. އެގޮތުން އެކަންކަން ހައްލުކުރުމަށްޓަކައި މި އަހަރު ތެރޭގައި އަތޮޅުގެ ތިން ރަށެއްގައި އައިސް ޕްލާންޓު ބަހައްޓާނެ ކަމަށް ވިދާޅުވިއެވެ. އައިސް ޕްލާންޓު ބަހައްޓަން ހަމަޖައްސާފައި ވަނީ މަޑިފުށި ވިލުފުށި އަދި ބުރުނީގައެވެ. އޭގެ ތެރެއިން މަޑިފުއްޓާއި ވިލުފުށީގައި 15 ޓަނު އަދި ބުރުނީގައި ފަސް ޓަނުގެ އައިސް ޕްލާންޓު ބަހައްޓަން ހަމަޖައްސާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް ކުނި މެނޭޖްކުރުމުގެ ގޮތުން އަތޮޅުގެ އަށް ރަށެއްގައި ކުނި މެނޭޖްކުރާނެ ތަންތަން ހަދާނެ ކަމަށާއި ރަށް ގިރުމުގެ މައްސަލަތައް ވެސް ހައްލުކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ތ ބުރުނީ

ބުރުނިއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އެރަށުގެ ގިރާ ސަރަޙައްދު ސަލާމަތް ކުރުމަށް ބޭނުންވާ އީއައިއޭގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް 3 ވަނަ ކުއާޓަރ ގައި ފަށާނެ ކަމަށާއި ސްކޫލް ތަރައްގީ ކުރުމަށް ބޭނުންވާ 6 ކްލާސްރޫމުގެ މަސައްކަތުގެ ބިޑް އިވެލުއޭޝަންވެސް ކުރިއަށްދާކަމަށެއެވެ.

ރައީސް ވިދާޅުވީ، އެރަށުގެ ވޭސްޓް މެނޭޖްމަންޓު ޤާއިމު ކުރުމަށް 25 ފެބްރުއަރީގައި ޓެންޑަރ ކުރެވިފައިވާ ކަމަށެވެ. މީގެ އިތުރަށް ފާއިތުވި ދެ އަހަރު ތެރޭގައި 250،000 ރުފިޔާ އެސްއެމްއީ ލޯނުގެ ގޮތުގައި ރަށު ރައްޔިތުންނަށް ދޫކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ތ ތިމަރަފުށި

ރައީސް ވިދާޅުވީ، ތިމަރަފުށީ މަގު ހެދުމުގެ މަސައްކަތް މޮބިލައިޒް ކުރެވިގެން ކުރިއަށްދާ ކަމަށެވެ.

އަދި ތިމަރަފުށީގައި 100 ހައުސިންގ ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތާއި އިތުރު މަޝްރޫއުތައް މިހާރުވެސް ކުރިއަށްދާއިރު، އުއްމީދަކީ ރަށުގެ ހުރިހާ ގޮނޑިވެސް އެމްޑީޕީން ކާމިޔާބު ކުރުން ކަމަށެވެ.

ތިމަރަފުށީގެ 64 ދަރިވަރަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 6.2 މިލިއަން ރުފިޔާ ކަރަންޓް ސަބްސިޑީގެ ގޮތުގައި ދެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކަނިމީދޫ، ރިސޯޓަކަށް ހެދުމާއި ގުޅޭގޮތުން ރައީސް ވިދާޅުވީ އެރަށާ ގުޅޭ ގިނަ ޕްރޮޕޯސަލްތަކެއް މިހާރުވެސް ލިބިފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރަށު ކައުންސިލް މެމްބަރުން ހުށައެޅުއްވި ޙިޔާލާ ގުޅޭގޮތުންވެސް ވިސްނަވާނެކަމަށާއި އެރަށަކީ ބޮޑު ރަށަކަށް ވުމުން މުޅި ރަށް ރިސޯޓަކަށް ހަދާ ނަމަ އެކަމަށް ވަރަށް ގާބިލް އިންވެސްޓަރުން ބޭނުންވާނެ ކަމަށެވެ. ރައީސް ވިދާޅުވީ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް ނިންމެވުންތައް ނިންމަވާނެ ކަމަށެވެ.

ތ ވޭމަންޑޫ

ވޭމަންޑޫގެ ތަރައްގީގެ މަޝްރޫޢުތަކާ ގުޅިގެން ރައީސް ވިދާޅުވީ، ވޭމަންޑޫ ސުކޫލުގެ 3 ކްލާސްރޫމުގެ އިމާރަތުގެ މަސައްކަތް ޓެންޑަރ ކޮށްފައިވާ ކަމަށެވެ. އަދި މަލްޓިޕަރޕަސް ހޯލް ވެސް ޓެންޑަރ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ޒުވާނުންގެ މަރުކަޒުގެ ކޮންސެޕްޓް ފައިނަލް ކުރަމުންދާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެ މަޝްރޫޢު ދެވަނަ ކުއާޓަރ ތެރޭގައި ބިޑަށް ހުޅުވާލާނެ ކަމަށެވެ. ރައީސް ވިދާޅުވީ، ވޭމަންޑޫގައި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން މުޅިން މަސައްކަތް ނިންމާލެވޭނެކަމަށް ބެލެވޭކަމަށެވެ.

ރައީސް ވިދާޅުވީ ވޭމަންޑޫއާއި ކިނބިދޫ ގުޅުވައިދޭ ކޯޒްވޭއެއްގެ މަސައްކަތާ ގުޅޭގޮތުން މި އަހަރު ތެރޭގައި ކޮންސަލްޓަންސީގެ މަސައްކަތް ފަށާނެ ކަމަށެވެ. އެކަމަށް ގޮތް ނިންމާނީ އޭގެ ފަހުން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރަށް ވޭމަންޑޫގެ އިންޖީނުގޭގައި ހިނގާދިޔަ އަލިފާނުގެ ޙާދިސާއަށް އަލިއަޅުވާލައްވައި ރައީސް ވަނީ ފެނަކައިން ކުރި މަސައްކަތާއި ރައްޔިތުން ދިން އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާފައި ތައުރީފްކުރައްވާފައެވެ.

ތ ކިނބިދޫ

ކިނބިދޫގެ ބިން ހިއްކުމުގެ މަސައްކަތުގެ ސަރވޭ އަދި ޑިޒައިންގެ މަސައްކަތް 3 ވަނަ ކުއާޓަރގައި ފެށުމަށް ނިންމާފައިވާއިރު، އެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށޭނީ މި އަންނަ އަހަރު ކަމަށް ރައީސް ސޯލިޙް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިޙް ވިދާޅުވީ ޓޫރިޒަމްގައި ތ. އަތޮޅަށް ވަރަށް ދަތި ގޮތްތަކެއް ދިމާވެފައިވާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ 5 ރަށެއްގެ މަސައްކަތް ނުފެށި 10 ވަރަކަށް އަހަރުވެފައިވާއިރު، ސަރުކާރުން އިތުރު ވިސްނުންތަކެއް މިހާރު ގެންގުޅުއްވާކަމަށެއެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓްރީއާ ގުޅިގެން އެކަމަށް ބޭނުންވާ ދިރާސާތައް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، ޕީއެސްއައިޕީގެ ދަށުން ނިމިދިޔަ 2 އަހަރު 19 މިލިއަނަށްވުރެ ގިނަ ރުފިޔާ ކިނބިދޫއަށް ޚަރަދު ކުރެވިފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި 51 ދަރިވަރަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 55 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ތ އޮމަދޫ

އޮމަދޫގެ ތަރައްގީއާ ގުޅިގެން ރައީސް ސޯލިޙް ވިދާޅުވީ އޮމަދޫ ބަނދަރުގެ މަސައްކަތް މި މަސް ތެރޭގައި އެއްކޮށް ނިންމާލެވޭނެކަމަށެވެ. އަދި ސްކޫލުގެ މަސައްކަތް އޭޕްރީލް މަހު ޓެންޑަރއަށް ހުޅުވާލެވޭނެކަމަށެއެވެ.

މީގެ އިތުރަށް އޮމަދޫއަށް ޕީއެސްއައިޕީގެ 34 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އިންކަމް ސަޕޯޓް އެލަވަންސްވެސް 11 މީހަކަށް ދޫކުރެވިފައިވާކަމަށާއި 17 ދަރިވަރަކު ހިލޭ ޑިގްރީއަށް ކިޔަވަމުންދާކަމަށެވެ.

ތ ވިލުފުށި

ވިލުފުށީގައި މީގެ ކުރިން ނޫމަޑިއާ ހަވާލު ކުރި ހައުސިންގ ޔުނިޓުތައް އަލުން ޓެންޑަރިންގ އަށް ހުޅުވާލައި، ޓެންޑަރ މަރުޙަލާ ނިމިފައިވާކަމަށާއި، އަދި ވަރަށް އަވަހަށް އެއްބަސްވުމުގައި ސޮއި ކުރައްވާނެކަން ރައީސް ސޯލިޙް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިޙް ވިދާޅުވީ އެރަށުގެ ސިއްހީ ނިޒާމު ވަރަށް ބޮޑަށް ތަރައްގީކުރަން ޖެހިފައިވާ ކަމަށެވެ. ސިއްހީ ނިޒާމުގެ ހުރި ދަތިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެރަށުގެ ސިއްހީ މަރުކަޒުން ހިދުމަތް ނުލިބުމުގެ ސަބަބުން ރަށުގެ ރައްޔިތުން އެ ހިދުމަތް ހޯދަން އަތޮޅުން ބޭރަަށް ވަރަށް ދުރަށް ދަތުރުކުރަން ޖެހިފައިވާ ކަމަށެވެ. އަދި އެކަން ހައްލުކުރުމަށް ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް އަޅަން ނިންމާފައިވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫޢުގެ ބިޑަށް ހުޅުވާލުމުން ލިބުނު އަގު ބޮޑުވުމުން މި މަހު ފަހުކޮޅު އަނެއްކާ ވެސް ޓެންޑަރ އަށް ހުޅުވާލާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، އެއަރޕޯޓް ހުޅުވުމަށް އީއައިއޯއަށް ހުޅުވާލުމުން 6 މީހަކު ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އަދި މިވަގުތު އެމީހުން ޝޯރޓްލިސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

ތ ދިޔަމިގިލި

ރައީސް ވިދާޅުވީ، ދިޔަމިގިލީގައި ފެނުގެ ނިޒާމު ޤާއިމު ކުރުމަށް މިދިޔަ މަހު 15 ގައި ރީ ޓެންޑަރ ކުރެވިފައިވާކަމަށާއި މި މަހު 17 ގައި ފުރުސަތު ހަމަވާނެ ކަމަށެވެ. އޭރުން ބިޑަށް ހުޅުވާލައި ބަޔަކާ ހަވާލުކުރާނެ ކަމަށް ވިދާޅުވިއެވެ. އެއީ ރަށަށް މިހާރު އެންމެ ބޮޑަށް ބޭނުންވާ އެއް ކަންތައްކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރަށުގެ ސްކޫލުގެ ޖާގައިގެ ދަތިކަން ޙައްލު ކޮށްދިނުމުގެ މަސައްކަތްވެސް ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރަށް ރަށު މިސްކިތުގެ ކޮންސެޕްޓް އެޕްރޫވްކޮށްފައިވާ ކަމަށާއި، އެ މަސައްކަތް ވެސް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދިޔަމިގިލީގައި ފުޓްސެލް ދަނޑު ޤާއިމުކޮށް ނިމިފައިވާކަމަށް، އަދި ކަރަންޓު ޑިސްޓްރިބިއުޝަން ނިޒާމުގެ މަސައްކަތް ކުރިއަށްދާއިރު، 160 ކިލޯވޮޓްގެ ސޯލަރ ބެހެއްޓޭނެކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ދިޔަމިގިލިން 22 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާއިރު، ކަރަންޓް ސަބްސިޑީގެ ގޮތުގައި 3 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

ތ ގުރައިދޫ

ރައީސް ސޯލިޙް ވިދާޅުވީ، ގުރައިދޫ ބަނދަރުގެ މަސައްކަތް އެމްޓީސީސީން މިހާރު ކުރަމުން އަންނަ ކަމަށެވެ. ގުރައިދޫ މަގު ހެދުމުގެ ސަރވޭ މަސައްކަތް ނިމި މިހާރު ކުރިއަށްދަނީ ޑިޒައިނިންގ މަސައްކަތްކަމަށް ވިދާޅުވިއެވެ. އަދި އެކަން ނިމުނުހާ އަވަހަކަށް މަގު ހެދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ތ. ގުރައިދޫގެ ސިއްހީ ނިޒާމު ވެސް ތަރައްގީކުރަން ޖެހޭ ކަމަށާއި އެކަމަށް ވެސް މަސައްކަތްކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ފެނަކަ އޮފީސް އެކްސްޓެންޝަން މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި އެރަށު 69 ދަރިވަރުން ހިލޭ ޑިގްރީއަށް ކިޔަވަމުންދާއިރު، 8.6 މިލިއަން ރުފިޔާ ކަރަންޓް ސަބްސިޑީގެ ގޮތުގައި ދެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ތ ކަނޑޫދޫ

އެ އަތޮޅު ކަނޑޫދޫއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ތ ކަނޑޫދޫ ސިއްޙީ މަރުކަޒުގެ މަސައްކަތް ބަޔަކާ ކޮންޓްރެކްޓް ކުރެވިފައިވާކަމަށާއި މެއި މަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ފެނުގެ ނިޒާމުގެ މަސައްކަތް 19.2 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. އަދި އެކަމަށް ބޭނުންވާ މެޓީރިއަލް ގެނައުމުގައި ދަތުތަކެއް ދިމާވި ކަމަށާއި މިހާރު އެތަކެތި އަންނަ ކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި މަހުގެ 20 ހިސާބުގައި އެ މަސައްކަތް ފެށޭނެ ކަމަށެވެ.

މީގެ އިތުރަށް އެ ރަށުގެ ބަނދަރުގެ މަސައްކަތް ޓެންޑަރ ކޮށްފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ މަސައްކަތް ވެސް ފެށޭނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރަށު ސްކޫލުގެ ތިން ކްލާސްރޫމެއްގެ މަސައްކަތް ހަވާލުކުރި ފަރާތުން އެކަން ކުރިއަށް ނުގެންދާތީ މި މަހު ފަހުކޮޅު އަލުން އެ މަޝްރޫޢު ޓެންޑަރ އަށް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ފުޓްބޯޅަ ދަނޑުގެ މަސައްކަތްވެސް ދެވަނަ ކުއާޓަރގައި ޓެންޑަރ ކުރެވޭނެކަަމަށެވެ.

ކަނޑޫދޫއަށް މިހާތަނަށް 12.2 މިލިއަން ރުފިޔާ ޕީއެސްއައިޕީ ގޮތުގައި ޚަރަދު ކުރެވިފައިވާއިރު، 34 ދަރިވަރުން ދަނީ ހިލޭ ޑިގްރީއަށް ކިޔަވަމުންނެވެ.

ތ ވަންދޫ

ތ. ވަންދޫ ތަރައްގީގެ މަޝްރޫޢުތަކާ ގުޅޭގޮތުން ރައީސް ސޯލިޙް ވިދާޅުވީ ވަންދޫ ސްކޫލް ތަރައްގީކުރުމުގެ މަސައްކަތް މި އަހަރުގެ ބަޖެޓުގައި ހިމެނިފައި ނެތް ނަމަވެސް ކުރިއަށް އޮތް ތަނުގައި އެކަން ބައްލަވާނެ ކަމަށެވެ. ރައީސް ވިދާޅުވީ ރަށުގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް މިދިޔަ އަހަރު ފަހުކޮޅު ރަށަށް އެއްޗެހި ފޮނުވާފައިވާ ކަމަށާއި، އިންސްޓޯލްކުރުމުގެ މަސައްކަތް މިދިޔަ އަހަރުގެ ފަހުކޮޅު ހަވާލުކޮށްފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ވަންދޫ ސިއްޙީ މަރުކަަޒަށް ބޭނުންވާ އެމްބިއުލާންސް ފޯރުކޮށްދެއްވާނެ ކަމަށާއި، އަދި ވޭސްޓް މެނޭޖްމަންޓު ސެންޓަރުގެ މަަސައްކަތް އޭޕްރީލް މަހު ޓެންޑަރ އަށް ހުޅުވާލެވޭނެކަމަށެއެވެ.

ތ ގާދިއްފުށި

ރައީސް ވިދާޅުވީ، އެރަށު ގިރާ ސަރަޙައްދުގެ ސަރވޭ އަދި ޑިޒައިނިންގ މި މަސް ތެރޭގައި ފެށޭނެކަމަށާއި، އަދި އެރަށު ފެނާއި ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ޙަވާލު ކުރެވިފައިވާއިރު، ފެން ރައްކާކުރާ ނިޒާމުގެ މަސައްކަތް ނިމިފައިވާކަމަށެއެވެ.

ރައީސް ވިދާޅުވީ ރަށު ސްކޫލުގެ 10 ކްލާސްރޫމުގެ މަސައްކަތް މި މަހު ހުޅުވާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށުގެ ބަނދަރުގެ މަސައްކަތް ވެސް ރާވާފައިވާ ކަމަށާއި އެކަމަކު މި އަހަރު އެކަން ވާން ނެތް ކަމަށެވެ.

އެރަށަށް ޕީއެސްއައިޕީ ގޮތުގައި 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވާ ކަމަށާއި އަދި 11 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކޮށްފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
56%
11%
0%
33%
0%
0%
ކޮމެންޓް
16 މާރޗް 2021 | އަންގާރަ 15:53
ވަނުވާ
ބުރުނީގަ މިހާރު އޮތްބަނދަރަށް ކިހިނެކޯދެން ހަދަނީ
14 މާރޗް 2021 | އާދީއްތަ 06:11
ޥާވާ
ޢެކަމަކު ދޯ މިހާރުވެސް ތ. ޢަތޮޅު ތިމަރަފުށީގައި އެއަރޕޯޓެއް އެބައޮތް. ދެން ކީއްކުރަންތޯ 02 އެއަރޕޯޓެއް ތި އަޅުއްވަނީ ތިމަރަފުއްޓަކީ އެންމެ ޢާބާދީ ބޮޑު އަދި އަތޮޅުގެ މެދުގައި އޮތް ރަށެއް. ޢަދި މުޅި އަތޮޅުން އެންމެ ގިނަ މީހުން މާލޭގައި އުޅެނީ ޥެސް ތިމަރަފުށީ މީހުން.