ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 11:46
އެންމެފަހުން ކްރިމިނަލް ކޯޓުން ބޭއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން- އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައި
އެންމެފަހުން ކްރިމިނަލް ކޯޓުން ބޭއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން- އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައި
މުހައްމަދު ފަޒީން
އެމްއެމްޕީއާރުސީ / ރ. ފުއްގިރި
ރ. ފުއްގިރި މައްސަލަ: ރައީސް ޔާމީންގެ މައްޗަށް ކުރާ ދެ ދައުވާގެ މިއަދަށް ތާވަލްކުރި އަޑުއެހުން ކެންސަލްކޮށްފި
 
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ
 
ރ. ފުއްގިރި މައްސަލާގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ 16 އޮގަސްޓް 2020 ގައި
 
އަޑުއެހުން ކެންސަލް ކުރީ ރައީސް ޔާމީން އެދިވަޑައިގެންނެވުމުގެ މަތިން

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގައި ހިމެނޭ، ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރި މައްސަލާގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލް ކުރުމަށްފަހު ކެންސަލް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ބުނީ، މޫސުން ގޯސްވުމުގެ ސަބަބުންނާއި، ރައީސް ޔާމީންގެ ބަލި ޙާލަތު ހުރި ގޮތުން ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވާކަމަށްބުނެ ބުދަ ދުވަހުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތުން އެދިފައިވާތީ ބުދަ ދުވަހުގެ އަޑުއެހުން އެހެން ދުވަހަކަށް ރީޝެޑިއުލް ކުރެވިފައިވާ ކަމަށެވެ.

ރ. ފުއްގިރި މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާ އެކެވެ.

މިމައްސަލާގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މިއަަހަރުގެ އޮގަސްޓް 16 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުމުގައި ރައީސް ޔާމީންއަށް ގާނޫނީ ވަކީލުންނާ "ސީދާ" ބައްދަލުކޮށް މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިދީފައި ނުވާތީ، އެކަން ހަމަޖައްސާ ދެއްވުމަށް އެމަނިކުފާނުގެ ފަރާތުން އެދިލައްވާފައިވެ އެވެ.

އަދި އެފުރުސަތު އޭރު ދެވޭގޮތް ނުވެފައި ވަނީ ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި ގޯސްކަމުން ކަމަށް ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވި އެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ހާއްސަ އުސޫލެއް ގާއިމުކޮށް، އެ އުސޫލްގެ ދަށުން ގާނޫނީ ވަކީލުންނާ ފޯނުން ވާހަކަ ދެއްކުމުގެ ފުރުސަތު ދެއްވަމުން ގެންދަވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

ނަމަވެސް ރައީސް ޔާމީން ބޭނުންފުޅުވީ ގާނޫނީ ވަކީލުންނާ ސީދާ ގޮތެއްގައި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވުމަށް ކަމަށްވާތީ، މިމައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ރައީސް ޔާމީންގެ މަށްޗަށް ދައުލަތުން އުފުލާފައިވާ މި ދައުވާތަކަކީ، ބޮޑެތި ދައުވާތަކެއް ކަމަށާއި އަދި މިދައުވާތަކާއި ގުޅިގެން ގިނަ ލިޔެކިޔުންތަކެއް ޝަރީއަތަށް ހުށަހެޅިފައިވާތީ، ރައީސް ޔާމީންއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާ ސީދާ ބައްދަލުކުރެއްވުމުގެ ފުރުސަތު ލިބިލައްވަންޖެހޭ ކަމަށެވެ.

އެހެންކަމުން ރައީސް ޔާމީންއާއި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ސިދާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖައްސާ ދެއްވުމަށް ގާޒީ ޝަކީލް ވިދާޅުވި އެވެ.

އޭގެ ފަހުން ގާނޫނީ ވަކީލުންނާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީންއަށް ލިބިވަޑައިގެންނެވައި، އެތައް ދުވަހެއް ފާއިތުވެގެންދިޔައިރު ވެސް މިމައްސަލައިގެ އަޑުއެހުމެއް ތާވަލް ކޮށްފައެއް ނުވެ އެވެ.

މިމައްސަލާގައި ރައީސް ޔާމީންއާއެކު މަނީ ލޯންޑަރ ކުރުމުގައި އުޅުއްވި ކަމުގެ ތުހުމަތުގައި އިތުރު ފަރާތްތަކެއްގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެ އެވެ.

ރައީސް ޔާމީންއާއި އެފަރާތްތަކުގެ މައްޗަށް އުފުލާފައިވާ ދައުވާގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، ކ. މާލެ، މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއްމިލިއަން އެއްލައްކަ ސަތާރަހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީންގެ އިތުރުން، ކުރިކް ރިޒާ އާއި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ވެސް ދައުވާ ކޮށްފައި ވެއެވެ.

މި މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ، ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެމާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ. މި ކުށަކީ، ޖިނާޔަތުގެ 3 ވަނަ ޖަރަޖައިގެ ކުށެކެވެ. މި ކުށް ސާބިތު ވެއްޖެނަމަ ޖަލަށް ހުކުމް ކުރެވޭނެ އެންމެ ކުރު މުއްދަތަކީ 4 އަހަރެވެ. އެންމެ ދިގު މުއްދަތަކީ 8 އަހަރެވެ.

މިމައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ވަނަ ދައުވާއަކީ، މަނީ ލޯންޑަރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ)އާއި އެގާނޫނުގެ 5 ވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަމްބަރާ ހަވާލާދީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ)ގެ ދަށުން މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާ އެވެ.

މި ދައުވާ ސާބިތު ވެއްޖެނަމަ، 100،000ރ. އާއި 1،000،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން، ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ އަދަދު (ލޯންޑަރކުރި ފައިސާގެ އަދަދު)ގެ 5 ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު 5 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ. އެހެންކަމުން މި ދައުވާއާ ގުޅިގެން ޖުރިމަނާ ކުރެވޭނެ އެންމެ މަތީ އަދަދަކީ 5،585،000 ޑޮލަރެވެ.

ދައުލަތުން ހޯދުމަށް މަސައްކަތްކުރާނެ ފައިސާގެ އަދަދުތައް:

* ކުށުގައި ހިމެނޭ ފައިސާ އަދަދާ އެއްވަރުގެ ދިވެހި ރުފިޔާ: 20،815،226.70ރ

* ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ ފައިސާގެ އަދަދާ އެއްވަރު ދިވެހި ރުފިޔާ: 35،392،755.00ރ

* ޖޫރިމަނާގެ ގޮތުގައި ނަގައިދޭން އެދޭ ފައިސާގެ އަދަދާ އެއްވަރު ދިވެހި ރުފިޔާ: 534،910،933.50ރ

ރައީސް ޔާމީން މި ވަގުތު ވެސް ގެންދަވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ ގއ. ވޮޑުމުލާގައި ރިސޯޓެއް ހެދުމަށް ކުއްޔަށް ދިން މައްސަލައެއްގައި، އަމިއްލަފުޅު އެކައުންޓަށް 1،000،000 ޑޮލަރު ޖަމާކޮށް، މަނީ ލޯންޑަރިންގގެ ކުށުގެ ދައުވާއެއް ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ރިޒްނާ ޒަރީރު
100%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަތިންދާ ބޯޓާއި ހެލިކޮޕްޓަރުގެ ބަދަލުގައި ޑްރޯން، މަގްސަދު ހާސިލްކުރުމުގައި ފައިދާ ބޮޑީ ކޯއްޗެއް؟
ސިނަމާލެ ބްރިޖުމަތީ ހެލްމެޓް ނާޅާ ސައިކަލު ދުއްވި ދެ ޒުވާނުން ޖޫރިމަނާކޮށްފި
ޗައިނާގެ 1.37 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ނުކުރާނެކަމަށް އެ ގައުމުން ބުނެފި
އައްޑޫ އާއި ކުޅުދުއްފުށީގެ ކަރަންޓުގެ މައްސަލަ އަށް ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ހައްލެއް ހޯދައިދޭނަން - ފެނަކަ
މުވާސަލަތުގެ ރަސްމަގަށް ރާއްޖެ ހުޅުވާލަދީ، ދިވެހީންގެ އުފެއްދުންތަކަށް މާކެޓް ހޯދޭނެ މަގު ފަހިކޮށްދޭނަން - ރައީސް
އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރެއްވުމުން އެނގެނީ އަވަސް މުސްތަގުބަލެއްގައި ގޯތިތައް ހަވާލުކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތްކަން - މީކާއީލް
ޒަކާތް ދިނުމަކީ މުދާ ތާހިރުވެ، ބަލިތަކަށް ޝިފާލިބޭ ކަމެއް - ޚުތުބާ