ކ. މާލެ
|
10 ނޮވެންބަރ 2020 | އަންގާރަ 00:35
އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ރާއްޖެ ވަޑައިގަތުން
އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ރާއްޖެ ވަޑައިގަތުން
ފޮރިން މިނިސްޓްރީ
އިންޑިއާގެ ފޮރިން ސެކްރަޓަރީގެ ދަތުރުފުޅު
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަަށް ކުރައްވާ ދަތުރުފުޅާ ގުޅޭގޮތުން ހައިކޮމިޝަނަރ ދެއްވި ހާއްސަ އިންޓަވިއު
 
އިންޑިއާ އިން އަބަދުުވެސް ހުންނާނީ ރާއްޖެ އާއިއެކު، ރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނަން
 
އިންޑިއާ އާއި ރާއްޖެ އަކީ ތާރީހީގޮތުންނާއި ސާގާފީގޮތުން އަދި ޖިއޮގްރަފީގެ ގޮތުން ވެސް ގުޅިފައިވާ ދެގައުމު
 
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ އަށް ދަތުރުކުރައްވަނީ ނޮވެމްބަރ 8-10 ކަށް

އިންޑިއާގެ ފޮރިން ސެކްރެޓަރީ ހާރްޝް ވަރްދަން ޝްރިންގްލާ ނޮވެމްބަރ 8-10 އަށް ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ މި ދަތުރުފުޅަކީ އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަޤާމާ އެމަނިކުފާނު 29 ޖެނުއަރީ 2020 ގައި ހަވާލުވެވަޑައިގެންނެވިފަހުން ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިއީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަށް ކުރެއްވި ދަތުރުފުޅެކެވެ.

ހާރްޝް ވަރްދަން ޝްރިންގްލާ އަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީއެވެ.

ރާއްޖޭގެ ފޮރިން ސެކްރެޓަރީ ބްދުލްޣަފޫރު މުހައްމަދު އަދި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހާރްޝް ވަރްދަން ޝްރިންގްލާ -- ފޮޓޯ: ފޮރިން މިނިސްޓްރީ

1. މިއީ މަގާމާއި ހަވާލުވެވަޑައިގެންނެވިފަހު އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރާއްވާ ފުރަތަމަ ދަތުރުފުޅު، ރާއްޖެ އާއި އިންޑިއާއި ދެމެދު އޮންނަ ގުޅުން ސިފަކުރައްވާނީ ކިހިނެއްތޯ؟ ކޮބައިތޯ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީ؟

ވަރަށް ބޮޑަށް ޝުކުރިއްޔާ މި ފުރުސަތަށް. މިއީ މި އަހަރުގެ ޖެނުއަރީ މަހު އިންޑިއާގެ ފޮރިން ސެކެޓްރީގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު، އެ މަނިކުފާނު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު. އެ މަނިކުފާނު ރާއްޖެ އަންނާތީ އަޅުގަނޑު ވަރަށް އުފާވޭ. އެ މަނިކުފާނު މި އަހަރުގެ ކުރީކޮޅުވެސް ރާއްޖެ ވަޑައިގެންނެވީސް، އެހެންނަމަވެސް ކޮވިޑްގެ ހާލަތުގެ ސަބަބުން ދަތުރުފަތުރަށް އައި ހުއްޓުމާއިއެކު ރާއްޖެ ވަޑައިނުގެންނެވުނީ. މި ދަތިތަކާއި އެކުވެސް އަޅުގަނޑުމެން ދެ ގައުމުން މިވަނީ ގައުމުގެ ގުޅުން ދަމަހައްޓައި ގިނަ ކަންތައްތަކެއް ކޮށްފައި.

މި ބަލިމަޑުކަމުގެ ތެރޭގައިވެސް 2018 ވަނަ އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރެއްވި ދަތުރުފުޅާއި 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުގައި ގާއިމްކުރެވިގެން ދިޔަ ރާއްޖެ އާއި އިންޑިއާގެ ބައިލެޓެރަލް އެޖެންޑާ އާއި އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދެވުމަކީ ލިބިގެންދާ ވަރަށްބޮޑު ހިތްހަމަ ޖެހުމެއް.

ރައީސް ސޯލިހް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ހަމަޖެހިގެން ދިޔަ 1.4 ބިލިއަން ޑޮލަރުގެ އިކޮނޮމިކް އެސިސްޓަންސް ޕްކޭޖް، 50 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯޓް ގަރާންޓް، އެސްބީއައި މެދުވެރިކޮށް ދޫކުރާ 150 މިލިއަން ޑޮލަރުގެ ޓީ-ބިލް ސަބްސްކިރިޕްޝަން، އާރްބީއައި އަދި އެމްއެމްއޭ އާއި ދެމެދުވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕް އެއްބަސްވުން، އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ، ރާއްޖޭގައި ތަރައްގީގެ ހަތް މަޝްރޫއެއް ކުރިއަށް ގެންދިއުމަށް އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް ދޫކުރާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް، މިހާރު އެކްޓިވޭޓްކޮށް، މަޝްރޫތައް ދަނީ ކުރިއަށް.

ދިވެހި ސަރުކާރުން އިންފްރާސްޓްރަކްޗަރގެ ބޮޑު މަޝްރޫއުތަކުގެ ކަނޑައަޅާފައިވާ ހަތް މަޝްރޫއަކީ، ރާއްޖޭގެ 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުން، އައްޑޫ ސިޓީގެ މަގު ހެދުމުގެ މަޝްރޫއު، ހަނިމާދޫ އެއަރޕޯޓް ތަރައްގީކޮށް ބޮޑުކުރުމުގެ މަޝްރޫއު، ގުޅިފަޅު ޕޯޓް ތަރައްގީކުރުމުގެ މަޝްރޫއު، ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމްއެއް އަދި ކެންސަރ ހޮސްޕިޓަލެއް ގާއިމް ކުރުމުގެ އިތުރުން މިފްކޯގެ ތަރައްގީކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަޝްރޫއު. މީގެއިތުރުން ގްރޭޓަރ މާލެ ސަރަހައްދުގެ މާލެ، ވިލިމާލެ އަދި ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ކުރިއަށް ގެންދާ ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް އަށް 100 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ގްރާންޓް އެއް ފޯރުކޮށްދިނުމަށް ވަނީ މި ބަލިމަނޑުކަމުގެ ތެރޭގައި ނިންމާފައި. އަޅުގަނޑުމެންގެ މަގުސަދަކީ މީގެ ތެރެއިން 4-5 ޕްރޮޖެކްޓް ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެއްފަހަރާ އިފްތިތާހުކުރުން. މިފަދަ މަޝްރޫއުތަކަކީ ރާއްޖޭގެ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް. މީގެ ފައިދާ ކުރު މުއްދަތުގައި އަދި ދިގުމުއްދަތުގައިވެސް ރާއްޖޭގެ އިގްތިސާދަށް ކުރާނެ.

ކޮވިޑް-19 ބަލިމަނޑުކަމުގެ ތެރޭގައިވެސް އިންޑިއާއިން ވަނީ ރާއްޖެ އަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައި. އެގޮތުން އިންޑިއާ އިން ވަނީ ގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތްނަމަވެސް ރާއްޖޭގެ ހާހަކަށް ވުރެ ގިނަ ރައްޔިތުން ބޭސްފަރުވާ ހޯދުމަށް އިންޑިއާ އަށް ދިއުމުގެ ފުރުސަތު ހުޅުވާލާފައި. އަދި ދިވެހި ސަރުކާރަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް އެހީތެރިވުމަށް އިންޑިއާ އިން ވަނީ ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ ކޮންސެންޝަނަލް ލޯނެއް ފޯރުކޮށްދީފައި. އަދި އެކި ފަހަރުމަތިން އެކި ކަންކަމުގައި ރާއްޖެ އިން އެހީތެރިކަމަށް އެދުމުން އިންޑިއާއިން ވާނީ އެކަންތައްތައް ކޮށްދިފައި. އެގޮތުން ޒަރޫރީ ބޭނުންތަކަށް ބޭނުންވާ މުދަލާއި، ބޭސް އަދި ބޭސް ފަރުވާއަށް ބޭނުންވާ އެހެނިހެން ތަކެއްޗާއި މިނޫންވެސް ގިނަ ތަކެތި އިންޑިއާއިން ވަނީ ރާއްޖެއަށް ފޯރުކޮށްދީފައި. މިބަލިމަނޑުކަމުގެ ތެރޭގައި އިންޑިއާއި ރާއްޖެ އާއި ގުޅިގެން ކުރެވުނު މަސައްކަތްތަކަކީ މި ދެގައުމުގެ ދެމެދުގައި އޮތް ބައިލެޓެރަލް ގުޅުމަކީ ދެގައުމަށްވެސް ފައިދާކުރާނެ ގޮތަކަށް ކުރިއަށްދާ ވަރުގަދަ ގުޅުމެއްކަން ދައްކައިދޭ ހެތްކެއް.

ގަޟާއީ، ސިޔާސީ، ކަސްޓަމްސް، އަރޓް، ދަނޑުވެރިކަން، މެރިން ރިސޯސް އަދި މަސްވެރިކަމުގައި ވެސް ދެގައުމަށް ގުޅިގެން މަސައްކަތްކުރެވޭނެކަން މިވަނީ އިނގިފައި. އަދި ދާދިފަހުން ފެށިގެން މިދިޔަ ކާގޯ ފެރީގެ ހިދުމަތާއިއެކު ދެގައުމުގެ ދެމެދުގައި އޮތް ޓްރޭޑް އަދި އިންވެސްޓްމެންޓް ގުޅުން އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް. މިހާރުވެސް 30 މަޝްރޫއެއްގެ މަސައްކަތް ދަނީ ކުރެވެމުން. މީގެތެރެއިން ބައެއް މަޝްރޫއުތަކަކީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕމެންޓް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކެއް. މި މަޝްރޫއުތަކަކީ ރާއްޖޭގެ ރަށްތަކަށް ތަރައްގީ ގެނައުމަށް ކުރިއަށްގެންދެވޭ މުހިންމު މަޝްރޫއުތަކެއް.

ބޮޑުވަޒީރު މޯދީ އަދި ރައީސް ސޯލިހްވެސް ދެގައުމުގެ ދެމެދުގައި މިއޮތް ގުޅުން އިންޑިއާގެ ނެއިބަހޫޑް ފަސްޓް ޕޮލިސީ އަދި ރާއްޖޭގެ އިންޑިއާ ފަސްޓް ޕޮލިސީގެ ދަށުން އިތުރަށް ހަރުދަނާ ކުރުމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވާ.

މިހާރު ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮތް ގުޅުން މިވަނީ ކުރިއަށްވުރެ އިތުރަށް ވަރުގަދަވެފައި. އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ބަލިމަނޑުކަމަށްފަހު ދެގައުމުގެ އިސްވެރިންގެ ދެމެދު ކުރެވޭ ބައްދަލުވުންތަކުގެ އައު ފެށުމެއް. އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރައީސް ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދާއި ރާއްޖެ ފޮރިން މިނިސްޓަރގެ އިތުރުން ކެބިނެޓުގެ އެހެން މިނިސްޓަރުންނާއި އެކު ކުރައްވާ ބައްދަލުވުންތަކުގައި އިންޑިއާއި ރާއްޖެއަށް ދެއްވާ ހާއްސަ ސަމާލުކަމުގެ މައްޗަށް އަލިއަޅުވާލާނެ. އަދި ފޮރިން ސެކްރެޓަރީގެ މިދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ބައިލެޓެރަލް އެޖެންޑާގައިވާ ކަންތައްތައް އަވަހަށް ތަންފީޒުކުރެވި، ޑިމޮކްރަސީ އާއި ރޫލް އޮފް ލޯގެ މައްޗަށް ބިނާވެފައިވާ މި ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އާއި ބައްދަލުކުރެއްވުން -- ފޮޓޯ: ރައީސް އޮފީސް

2. ކުރީ ސަރުކާރުގެ ދުވަސްވަރު އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދީފައިވާ އެހީތެރިކަން މަދުކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ، އެހެން ނަމަވެސް ރައީސް ސޯލިހް ވެރިކަމާއި ހަވާލުވުމަށް ފަހު އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދޭ އެހީތެރިކަން މިވަނީ އިތުރުވެފައި، މިއީ ކީއްވެގެންތޯ؟

އިންޑިއާ އާއި ރާއްޖެ އަކީ ތާރީހީގޮތުންނާއި ސާގާފީގޮތުން އަދި ޖިއޮގްރަފީގެ ގޮތުން ވެސް ގުޅިފައިވާ ދެގައުމު. ދެގައުމުގެ ރައްޔިތުން ވަނީ އެތައް ސަތޭކަ އަހަރެއް ވަންދެން އެކުގައި މަސައްކަތްކޮށްފައި. މި މަސައްކަތްތަކާއި ދެގައުމުން ވެސް ގެންގުޅޭ ޑިމޮކްރަޓިކް ވެލިއުތަކާއި ރޫލް އޮފް ލޯއަކީ ދެގައުމުގެ ގުޅުން ބިނާވެފައިވާ އަސްލު. މިގުޅުމަކީ ދެގައުމަށްވެސް ލިބިގެންވާ ބާރެއް. ދެގައުމުން އަބަދުވެސް ގަބޫލުކުރޭ މި ސަރަހައްދުގެ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށް އެކުގައި ކުރިއެރުމަކީ ދެގައުމުގެ ބޮލުގައިވެސް އެކުގައި އެޅިފައިވާ ޒިންމާއެއްކަން.

ރާއްޖޭގެ ކުރީގެ ސަރުކާރުތަކާއި އެކުވެސް، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރާއްޖެ އާއި އިންޑިއާއި ދެމެދު އޮންނަ ގުޅުމަކީ ވަރުގަދަ ގުޅުމެއް. މީގެ އެންމެ ބޮޑު ދައުރެއް ހިއްސާ ކުރަނީ ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން. 2018 ވަނަ އަހަރުން ފެށިގެން، ބޮޑުވަޒީރު މޯދީ އަދި ރައީސް ސޯލިހްގެ ލީޑަރޝިޕްގެ ދަށުން ދެ ގައުމުންވެސް ވަނީ ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް އެކުގައި ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށްފައި. 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެން މިއަދާ ހަމައަށް ވިއްސަކަށް އެމްއޯޔޫގައި ވަނީ ސޮއިކުރެވިފައި. އަދި ފޮރިން ސެކްރެޓަރީގެ ދަތުރުފުޅުގައި ކުޅިވަރާއި ޒުވާނުންގެ ހާއްސަ އެމްއޯޔޫއެއްގައި ސޮއިކުރެވިގެންދާނެ. މީގެ ކުރިންވެސް ވާނެ އިންޑިއާ އިން ރާއްޖެއަށް ލައިން އޮފް ކްރެޑިޓް އާއި ގްރާންޓްސް، ކެޕޭސިޓީ ބިލްޑިން އަދި ކޮވިޑް-19 އާއި ގުޅުގެން ފޯރުކޮށްދެވުނު ރިލީފް މެޝަރސްތަކުގެ ވާހަކަ ފާހަގަކޮށްލާފައި. މިހާރުގެ އިންޑިއާ-ރާއްޖެ ގުޅުމަކީ ނަތީޖާ ހޯދާ ގުޅުމެއް. އިންޑިއާގެ ނެއިބަރހޫޑް ފަސްޓް ޕޮލިސީ އާއި ރާއްޖޭގެ އިންޑިއާ ފަސްޓް ޕޮލިސީ އަކީ ދެގައުމުގެ ބައިލެޓެރަލް އެޖެންޑާ ކާމިޔާބުކުރުމަށް އެކުގައި މަސައްކަތްކުރާ ދެ ޕޮލިސީ.

ފޮރިން ސެކްރެޓަރީގެ މި ދަތުރުގައި ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ބައްދަލުކުރުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދެގައުމުންވެސް ތިބީ ދެގައުމުގެ ކުރިއެރުމަށާއި ރައްކާތިރިކަމާއި ސަލާމަތް ކަށަވުރުކުމުގެ އިތުރުން މި ސަރަހައްދުގެ ކުރިއެރުމަށާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުގައި މަސައްކަތްކޮށް ނަތީޖާ ހޯދަން ތައްޔާރަށް.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި ފޮރިން ސެކްރެޓަރީ ހާރްޝް ވަރްދަން ޝްރިންގްލާ -- ފޮޓޯ: ފޮރިން މިނިސްޓަރ

3 .ކޮވިޑް-19 ގެ އަސަރު ރާއްޖެ އަށް ވެސް އަދި އިންޑިއާ އަށް ވެސް މިވަނީ ވަރަށް ބޮޑަށް ކޮށްފައި. މި ހާލަތުގައިވެސް އިންޑިއާ އިން މިވަނީ ރާއްޖެ އަށް ގިނަ އެހީތަކެއް ފޯރުކޮށްދީފައި. މި ގުޅުން ކުރިއަށް ދާނެ ގޮތާމެދެ ދެކިވަޑައިގަންނަވަނީ ކޮން ގޮތަކަށްތޯ؟ އަދި ކޮބާތީ މިކަންތައްތަކުގެ އެންމެ ފަހުގެ މައުލޫމާތުތަކަކީ؟

ހުރިހާ އެންމެންނަށްވެސް ފެންނާނެ ކޮވިޑް-19 ބަލިމަނޑުކަމުގެ ތެރޭގައި އިންޑިއާ އިން ފޯރުކޮށްދީފައިވާ އެހީތެރިކަން. އިންޑިއާގެ އެހީތެރިކަން ފެށުނީ ވޫހާންގައި ތިބި ދިވެހި ރައްޔިތުން އެގައުމުން ވޫހާން އިން ބެރުކުރަން ކުރެވުނު މަސައްކަތުން. އޭގެ ފަހުން ރާއްޖެ އަށް ބޭނުންވާ ޒަރޫރީ ބޭހާއި ކޮވިޑް-19 އާށް ރާއްޖޭގެ ސިއްހީ ނިޒާމު ތައްޔާރުކުރުމަށް ކުރުމަށް އެހީތެރިވުމަށް އިންޑިއާގެ މެޑިކަލް ޓީމެއް ރާއްޖެއަށް ފޮނުވުނު. މީގެ އިތުރުން 580 ޓަނުގެ ކާބޯތަކެތިވެސް ފޯރުކޮށްދިން. އަދި ޓްރޭޑް ޑިސްޕިއުޓްތަކާއި އެކުވެސް އިންޑިއާ އިން ރާއްޖެއަށް އިމްޕޯޓްކުރާ ޒަރޫރީ ތަކެތި އެއްވެސް ދަތިކަމެއްނެތި ރާއްޖެ އަށް ލިބޭނެ ގޮތް ވާނީ މަގުފަހިކޮށްދީފައި. އިންޑިއާގެ ބޯޑަރު ބަންދުކޮށްފައި އޮތްނަމަވެސް 1000 އަށް ވުރެ ގިނަ ދިވެހިންނަށް އިންޑިއާ އަށް ގޮސް ބޭސްފަރުވާ ހޯދޭނެ އިންތިޒާމުތައް ހަމަޖައްސައިދެވުނު. އިންޑިއާ އިން ވަނީ ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ ކޮންސެންޝަނަލް ލޯނެއް ރާއްޖެ އަށް ފޯރުކޮށްދީފައި.

ކުރިންވެސް އަޅުގަނޑު ފާހަގަކުރިހެން ބަލިމަނޑުކަމުގެ ތެރޭގައި އިންޑިއާ އިން ވަނީ ރާއްޖެ އަށް ކޮވިޑް-19 އާއި ގުޅިގެން ތަފާތު ގިނަ އެހީތަކެއް ފޯރުކޮށްދެވުނު އެންމެ ފުރިހަމަ އަށް އަދި އެންމެ އަވަހަށް ފޯރުކޮށްދީފައި. އަޅުގަނޑުމެން ވަރަށް އުފާ އަދި ފަހުރުވެރިވެސް ވޭ މިފަދަ ދަނޑިވަޅެއްގައި މިހާ ގާތް އަދި ރަހުމަތްތެރި ގައުމަކަށް އެހީތެރިކަން ފޯރުކޮށްދެވޭތީ. މި ބަލިމަނޑުކަމުގެ ތެރޭގައި ދެ ގައުމުން ގުޅިގެން ކުރެވުނު މަސައްކަތްތަކަކީ ދެގައުމުގެ ބައިލެޓެރަލް ގުޅުމުގައި ފާހަގަކޮށްލެވުނު އިތުރު ބާބެއް.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާ އިން ވަނީ ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިިލިއަން ޑޮލަރު ފޯރުކޮށްދީފައި -- ފޮޓޯ: ރާއްޖެ.އެމްވީ

4. ރާއްޖެއަށް އާމްދަނީ ލިބޭ މައި ދޮރަކީ ފަތުރުވެރިކަން. ކޮވިޑް-19 ގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައި ވަނީ ރައްޖޭގެ ފަތުރުވެރިކަމަށް. ގަބޫލުކުރައްވަންތޯ ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާ އިން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް؟

2019 ވަނަ އަހަރު އިންޑިއާ އިން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 100 އިންސައްތަ އިތުރުވެ، 167،000 އަށް އަރަފައި. އަދި 2019 ވަނަ އަހަރުގެ މާޗް މަހު އެއްބަސްވެވުނު ވިސާ ފްރީ އެގްރިމެންޓްގެ ސަބަބުން އިންޑިއާ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދެވަނަ އަށް އެންމެ ބޮޑު މާކެއްޓަށްވެފައި. ދެ ގައުމުގެ ދެމެދު އޮތް ފްލއިޓްތަކުގެ އަދަދުވެސް އިތުރުވެގެން ދިޔަ.

ކޮވިޑް-19 ބަލިމަނޑުކަމާއިއެކު އިންޑިއާ އިން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށަށް ދިޔަ. އެހެން ނަމަވެސް މިކަމުގެ ސަބަބުން ރާއްޖެ އަށް ކުރާނެ އަސަރު ކުޑަކުރުމަށް މިވަނީ ދެގައުމުގެ ދެމެދުގައި މިއަހަރުގެ އޮގަސްޓް މަހު އެއަރ ބަބްލްއެއް ގާއިމްކޮށްފައި، މި އެއަރ ބަބްލް އަކީ ދެކުނު އޭޝިއާ ގައި ގާއިމްކުރެވިގެން ދިޔަ މިފަދަ ފުރަތަމަ ބަބްލް އަށް ވީއުރު، މިބަބްލްގެ ސަބަބުން އިންޑިއާގެ ފަސް ސިޓީއެއް ވަނީ ރާއްޖެ އާއި ގުޅުވާލާފައި. މިހާރު ކޮންމެ ހަފްތާ އަކު 13 ފްލައިޓް އިންޑިއާ އާއި ރާއްޖެ އާއި ދެމެދު ވަނީ ތާވާލް ކުރެވިފައި. އޮކްޓޫބަރ މަހުން ފެށިގެން އިންޑިއާ އިން ރާއްޖެ އަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މަޑުމަޑުން އިތުރުވާން ފަށާފައި.

ފޮރިން ސެކްރެޓަރީ ރާއްޖެ އަށް ކުރައްވާ މި ދަތުރުގައި އެމަނިކުފާނު ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އާއި ބައްދަލުކުރައްވާނެ. ރާއްޖެ އިން ވަނީ ކޮވިޑް-19 އާއި ކުރިމަތިލައި ގައުމުގެ ބޯޑަރު ހުޅުވާލައި ރާއްޖެ އަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ޕްރޮމޯޓްކުރުމަށް ވަރަށް ރަނގަޅު މަސައްކަތެއް ކޮށްފައި. މި ސަރުކާރުން ކުރި މަސައްކަތްތަކުގެ ނަތީޖާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާލުމުން ފެނިގެންދާނެ. އިންޑިއާ އިން ރާއްޖެ އަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެ. ރާއްޖޭގެ އިގްތިސާދު އަލުން އަނބުރާ ކޮޅަށް ޖެހުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ ފަތުރުވެރިކަން. އިންޑިއާ އަށް މިކަން އިނގޭ. އިންޑީއާ އިން ރާއްޖެ އަށް އެހީތެރިވުމުގައި ދެމިހުންނާނަން.

މިއީ ދެކުނު އޭޝިއާ ސަރަހައްދުގައި މިގޮތަށް ޤާއިމްކުރެވުނު ފުރަތަމަ އެއަރ ބަބްލް -- ފޮޓޯ: އެމްއޭސީއެލް

5. ޑިފެންސް އަދި ސެކިއުރިޓީ އަކީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުމުގެ އެންމެ މުހިންމު އެއް ބައި. ކޮބާތޯ މިކަމުގައި މަނިކްފާނުގެ ވިސްނުމަކީ؟

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ޑިފެންސް އަދި ސެކިއުރިޓީގެ ގުޅުމަކީ ދެގައުމުގެ ދެމެދުގައި އޮންނަ އެހެން ގުޅުންތަކެކޭ އެއްގޮތަށް ގިނަ ދުވަސްތަކެއް ވެފައިވާ އަދި ދެފަރާތަށް ވެސް ފައިދާ ކުރާ ގުޅުމެއް. ދެގައުމުގެ އަސްކަރިއްޔާގުޅިގެން މި ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ތާރީހީ ގިނަ ކަންތައްތަކެއް ވަނީ ކޮށްފައި.

ރާއްޖޭ އީއީޒީ އަކީ ބޮޑު ސަރަހައްދަކަށް ވާއިރު، އެއް މިލިއަން ސްކެއަރ މީޓަރގެ މި ސަރަހައްދުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރި ނަމަވެސް މިފަދަ ބޮޑު ސަރަހައްދެއް އެންމެ އެކަށީގެންވާ ގޮތުގައި ބަލެހެއްޓުމަށް ރާއްޖޭގެ ޑިފެންސް ފޯސްގެ ބޮލުގައި ވަރަށް ބޮޑު ޒިންމާ އެއް އެޅިގެންދޭ. 2009 ވަނަ އަހަރުން ފެށުގެން އިންޑިއާގެ އަސްކަރިއްޔާ އިން ދަނީ ރައްޖޭގެ އަސްކަރިއްޔާ އާއި އެކު ރައްޖޭގެ އީއީޒީ ޕެޓްރޯލްކުރުމުގެ މަސައްކަތް ކުރަމުން. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޑްރަގް ޓްރެފިކަރުންނާއި ގަވައިދާ ހިލާފަށް މަސް ބާނާ ފަރާތްތަކާއި އަދި މިނޫންވެސް ގާނޫނާ ހިލާފު ކަންތައްތައް ކުރުމަށް ޖާގަ ނުދިނުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި. އިންޑިއާ އާއި ރާއްޖެ ގުޅިގެން އެކަތަ، އެކުވެރިން އަދި ދޯސްތީ ފަދަ މަސައްކަތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައި. ކޮންމެ އަހަރަކު އެތަށް 100 އެމްއެންޑީއެފް އޮފިޝަލުން އިންޑިއާގައި ޓްރެއިނިން ޕްރޮގްރާމްތަކުގައި ބައިވެރިވޭ. މީގެ ސަބަބުން އެމްއެންޑީއެފް ގެ މަސައްކަތުގެ ފެންވަރަށް ބޮޑު އަސަރެއް ކުރޭ.

ދެ ގައުމަށް ވެސް އިނގޭ މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުކޮށް ދެގައުމުގެ ކުރިއެރުން ހަމަހަމަ ގޮތުގައި ކަށަވަރުކުރުމަށް ބޮޑު ޒިންމާއެއް ދެގައުމުގެ ބޮލުގައިވެސް އެޅިފައިވާކަން. ބޮޑުވަޒީރު މޯދީ އާއި ރައީސް ސޯލިހްގެ ވެރިކަމުގައި ދެގައުމުގެ ޑިފެންސް އަދި ސެކިއުރިޓީ ޕާޓްނާޝިޕް މިވަނީ އިތުރަށް ވަރުގަދަވެފައި. މިހާރު ކުރިއަށް ގެންދާ ކޯސްޓަލް ސަވެރލިއަންސް ރޭޑަރ ސިސްޓަމް، އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިން ސެންޓަރ ގެ އިތުރު ފެސިލިޓީތައް ގާއިމުކުރުމާއި އެމްއޯޑޯ އިމާރާތް ތަރައްގީކުރުން ފަދަ މަޝްރޫއުތައް ނިންމުމަށް އިންޑިއާ އިން ހުއްޓާނުލައި މަސައްކަތްކުރާނެ. ފަޔަރފައިޓަރުންނަށް ފަޔަރފައިޓިން ޓްރެއިން ދިނުމަކީ ދެގައުމުގެ ދެމެދުގައި މަޝްވަރާކުރެވިގެންދާ އައު ކަމެއް. އެމްއެންޑީއެފް އަށް ބޭނުންވާ އޮޕަރޭޝަނަލް، އިންފްރާސްޓްރަކްޗަރ، އަދި ޓްރެއިންނިންތަކަށް ބޭނުންވާ ކަންތައްތައް ފޯރުކޮށްދިނުމަށް އިންޑިއާ އިން އޮތީ ތައްޔާރަށް.

6. ރާއްޖޭގައި އިންޑިއާ އަސްކަރިއްޔާގެ އޮފިޝަލުން އުޅޭތީ ބައެއް ފަރާތްތަކުން ވަނީ ސުވާލު އުފައްދާފައި. މިކަމާ ގުޅޭގޮތުން ކީކޭތީ ވިދާޅުވަނީ؟ "އިންޑިއާ އިއުޓް" ކެމްޕެއިނަކީ ބަލައިގަނެވޭ ކެމްޕެއިންއެއްތޯ؟ އަދި އިދިކޮޅު ބައެއް ސިޔާސީ ޕާޓީތަކުން ދަނީ އިންޑިއާ އިން ރާއްޖެ ހިސާރުކޮށްފާނެ ކަމަށްވެސް ބުނަމުން. ކޮބައިތޯ އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖޭގެ ރައްޔިތުންނަށާއި ސަރުކާރަށް އެހީތެރިވުމުގެ ގޮތުން ކޮށްދެއްވާފައިވާ ކަންތައްތަކަކީ؟

ފާއިތުވި ހަފްތާ ރާއްޖެ އިން ވަނީ ނަސްރުގެ ދުވަސް ފާހަގަކޮށްފައި. މިއީ 1988 ވަނަ އަހަރު ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އެދުމަށް އިންޑީއާގެ އަސްކަރިއްޔާ އިން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖެ އައިސް ސަރުކާރާއި ދެކޮޅަށް ހަތިޔާރާއި އެކު ކުރިއަށް ގެންދިޔަ ބަގާވާތެއް ހުއްޓުވަން އިންޑިއާ އިން އެހީތެރިވެދިން ދުވަސް. ހަމަލާތައް ހުއްޓުވާ އެކަމުގައި ހަރަކާތްތެރިވި ފަރާތްތައް ހައްޔަރުކުރުމަށް އިންޑިއާ އިން އެހީތެރިވެދިން. އެ އަހަރު ރައީސް މައުމޫން ދެއްކެވި ވާހަކަފުޅު ވައިރަލްވެފައިވާ އިރު، އެ މަނިކުފާނުގެ ވާހަކަފުޅުގައި އެކި ފަހަރު މަތިން އިންޑިއާ އަށް ވަނީ އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖޭގެ ދިފާއުގައި އައިސް އެހީތެރިކަން ފޯރުކޮށްދިނުމުން ޝުކުރު އަދާކުރައްވާފައި. މިދިޔަ ހަފްތާ އެމަނިކުފާނު ކުރެއްވި ޓްވީޓްތަކުގައި އަނެއްކާވެސް އެމަނިކުފާނު ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ރައްކާތެރިކޮށް ދެއްވުމުން އިންޑިއާއަށް ޝުކުރު އަދާކުރައްވާފައި. ދުނިޔޭގެ ލީޑަރުން، އެމެރިކާގެ ރައީސް އަދި ޔޫކޭގެ ބޮޑުވަޒީރު ފަދަ ބޭފުޅުން ވަނީ އިންޑިއާއިން ކޮށްދެއްވި މިކަންތައްތައް ފާހަގަކުރައްވާފައި. އިންޑިއާގެ އަސްކަރިއްޔާ އިން ރާއްޖެ އިން ފައިބާފައި ވަނީ އެއް އަހަރު ފަހުން. ރާއްޖޭގެ ސަރުކާރުން އެގޮތަށް ބޭނުން ވުމުން. މިއީ ރިކޯޑް ކުރެވިފައިވާ ތާރީހް. އެހެންކަމުން އިންޑިއާ އަސްކަރިއްޔާ އާއި ގުޅުވައި މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކަނީ ހަގީގަތް ނޭގޭ އަދި ހަގީގަތް އޮޅުވާލުމަށް ނުބައި މަގުސަދެއްގައި މަސައްކަތްކުރާ މީހުން. ތާރީހް ކިޔައިދެނީ ތަފާތު ވާހަކައެއް.

މީގެ އިތުރުންވެސް ތާރީހަށް ބަލާލުމުން ރާއްޖެ އަށް ދިމާވާ ކޮންމެ އިންސާނީ ކާރިސާއެއްގައިވެސް އިންޑިއާގެ އަސްކަރިއްޔަ އިން ވަނީ ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދީފައި. 2004 ވަނަ ކުރިމަތިވި ސުނާމީގެ ކާރިސާގައިވެސް ސުނާމީ ރިލީފް އަދި ރެހަބިލިޓޭޝަން އޮޕަރޭޝަން ތަކުގައި އިންޑިއާ އަސްކަރިއްޔާ އިން ވަނީ ހަރަކާތްތެރިވެފައި. އަދި 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައިވެސް އިންޑިއާ އަސްކަރިއްޔާ އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައި.

ފަހުގެ ތާރީހަށް ބަލާލާނަމަ، ކޮވިޑް-19 ގެ ބަލިމަނޑުކަމުގައިވެސް، އިންޑިއާ އެއަރފޯސް އިން ލޯންޗް ކުރި "އޮޕަރޭޝަމް ސަންޖީވާނީ" ގައި ރާއްޖެއަށް ބޭނުންވާ ޒާރޫރީ ބޭސް އިންޑިއާ އިން ވަނީ ވައިގެ މަގުން އިންޑިއާގެ ހަތަރު ސިޓީއަކުން ރާއްޖެ އަށް ފޯރުކޮށްދީފައި. މިއަހަރުގެ މެއި މަހު ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް އިންޑިއާ އަސްކަރިއްޔާ އިން ވަނީ ރާއްޖެ އަށް 580 ޓަނުގެ ކާނާ ގެނަސްދީފައި.

2010 ވަނަ އަހަރު އަދި 2016 ވަނަ އަހަރު އިންޑިއާ އަސްލކަރިއްޔާއިން ފޯރުކޮށްދީފައިވާ ހެލިކޮޕްޓަރތައް ދަނީ އިންސާނީޔަތައް އެހީތެރިކަން ފޯރުކޮށްދިނުމަށާއީ އީއީޒީ ސަވެއިލަންސް އަދި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަން ތައް ކުރިއަށް ގެންދިއުމަށް އެމްއެންޑީއެފްގެ ކޮމާންޑް އާއި ކޮންޓްރޯލްގެ ދަށުން ދަނީ ބޭނުން ކުރަމުން. 250 އަށް ވުރެ ގިނަ ދިވެހިންގެ ފުރާނަ ވަނީ މެޑިކަލް އިވެކުއޭޝަންތަކުގެ ސަބަބުން ސަލާމަތްކުރެވިފައި. 2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ހަދިޔާކުރެވުނު ޑޯނިއަރ އެއަރކްރާފްޓްގެ ސަބަބުން އެމްއެންޑީއެފް މިފަދަ ކަންތައްތައް ކުރިއަށް ގެންދިއުމުގައި އިތުރު ކުރިއެރުންތަކެއް މިވަނީ ލިބިފައި.

ފާއިތުވި ހަފްތާ ޑޯނިއަރ އެއަރކްރާފްޓުން ވަނީ އައްޑޫ އިން ތުއްތު ކުއްޖަކު މެޑިކަލް އިވެކުއޭޝަން އެއްގައި މާލެ ގެނަސް އެކުއްޖާގެ ފުރާނަ ސަލާމަތްކޮށްދީފައި. މިފަދަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ އެމްއެންޑީއެފް އޮފިޝަލުންގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައްވެސް އަޅުގަނޑުމެއް ކުރިއަށްގެންދަން. މިހާރުވެސް ބައެއް ދިވެހިން ޑޯނިއަރ އެއަރކްރާފްޓް ޕައިލެޓުންގެ ގޮތުގައި ވަނީ ޓްރެއިން ކުރެވިފައި. ކުރިއަށް އޮތްތާގައި އިތުރު ޓްރެއިނިންތައް ކުރިއަށް ގެންދާނަން.

އިންޑިއާ އަސްކަރިއްޔާގެ ގާބިލް ކަމާއި އިންޑިއާ ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމަށްދޭ އިސްކަމުގެ ސަބަބުން އެތަށް ފަހަރެއްގެ މަތިން ރާއްޖޭގެ ސަލާމާތަށް އަންނާނީ ކޮން ބައެއްކަން އިންޑިއާ އިން މިވަނީ ދައްކައިދީފައި.

2020 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އިންޑިއާ އިން ވަނީ ރާއްޖެއަށް ޑޯނިއަރ އެއަރކްރާފްޓް އެއް ހަދިޔާ ކޮށްފައި -- ފޮޓޯ: ޓުވިޓަރ

7. ބައެއް ދިވެހިން ދަނީ އިންޑިއާ އިން ރާއްޖެ އަށް ފޯރުކޮށްދޭ މާލީ އެހީތެރިކަމަކީ ދަރަނީގެ ދަންތުރައެއް ކަމަށް ބުނަމުން. އިންޓްރެސްޓް ރޭޓް އަދި އެހެނިހެން ކަންތައްތަކަށް ބެލިނަމަވެސް މިކަމަށް މާބޮޑު ބާރެއް ނުލިބެ. އިންޑިއާ އިން ރާއްޖެ އަށް މާލީ އެހީތެރިކަން ފޯރުކޮށްދޭއިރު، ރާއްޖެ އަކީ އިންޑިއާގެ އަވައްޓެރި ގައުމަކަށް ވުމުން އެއްވެސް ލުއިތަކެއް ފޯރުކޮށްދީފައި ވާނެތޯ؟

ޓްރާންސްޕޭރެންސީ އަކީ އިންޑިއާ އިން އެކުވެރި ގައުމުތަކާއިއެކު އެއްބަސްވުންތައް އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއްދޭ ކަންތައް. އިންޑިއާ އިން މިވަނީ ދިވެހި ސަރުކާރާއި އެކު ރާއްޖޭގައި އިންފްރާސްޓްރަކްޗަރގެ ބޮޑު އަށް މަޝްރޫއު ކުރިއަށް ގެންދިއުމަށް އިންޑިއާގެ އެގްޒިމް ބެންކު މެދުވެރިކޮށް 1.2 ބިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ފޯރުކޮށްދީފައި.

މިއިން ކޮންމެ މަޝްރޫއު އަކީ ދިވެހި ސަރުކާރުން ބަލައިގަނެފައިވާ މަޝްރޫއުތަކެއް. ލައިން އޮފް ކްރެޑިޓްގެ އެއްބަސްވުން ވަރަށް ފަސޭހައިން އޮންލައިންކޮށް ބަލައިލެވޭ އިރު، މިއީ ރާއްޖެއަށް ފައިދާކުރާނެ ގޮތަކަށް ހެދިފައިވާ އެއްބަސްވުންތަކެއް. މިއިން ކޮންމެ މަޝްރޫއެއް ވެސް ޓެންޑަރިންގެ މަރުހަލާ ކަޑައްތުކުރާނެ. އަދި މި ޓެންޑަރ ޑޮކިއުމެންޓްތައް ތައްޔާރުކުރެވޭނީ ދެގައުމުގެ ދެމެދު ކުރިއަށް ގެންދާ ކޮންސަލްޓޭޝަންތަކަކަށް ފަހު. ޓެންޑަރިންގެ އެންމެ ފަހު މަރުހަލާ ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުން. ލައިން އޮފް ކްރެޑިޓްތަކުގައި 5 އަހަރުގެ މޮރޮޓޯރިއަމް އެއް އޮވޭ. 2026 ވަނަ އަހަރުގެ ކުރިން ދަރަނި އަދާކުރަން ފަށާކަށް ނުޖެހޭނެ. ދަރަނި އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެ.

މިއަހަރުގެ ސެޕްޓެމްބަރ މަހު ބަޖެޓް ސަޕޯޓްގެ ގޮތުގައި ފޯރުކޮށްދިން 250 މިލިއަން ޑޮލަރުގެ ކޮންސެންޝަނަލް ލޯނަކީ އެންމެ ލުއި ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަށް ރާއްޖޭގެ ސަރުކާރަށް މީގެ ސަބަބުން ގެއްލުނުވާނެ އަދި ބޮޑު ދަރަންޏެއް ބޮލުގައި ނެޅޭނެ ގޮތަށް އެކުލަވާލެވުނު އެއްބަސްވުމެއްގެ ދަށުން ދޫކޮށްފައިވާ ލޯނެއް. ކުރިއަށް އޮތް 10 އަހަރު މިލޯނަށް ފައިސާ ދައްކާކަށް ނުޖެހޭނެ.

އިންޑިއާގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ -- ފޮޓޯ: ރައީސް އޮފީސް

8. ރާއްޖެ އަށް އިންޑޯ-ޕެސިފިކް ޖިއޯޕޮލިޓިކަލް ކޮންސްޓްރަކްޓްގެ އަސަރު ކުރާނެ ގޮތާމެދު ދެކެވަޑައިގަންނަވަނީ ކިހިނަކުންތޯ؟

އިންޑޯ-ޕެސިފިކް ރީޖަން އަކީ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ ރީޖަންއެއް. މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ރައްޔިތުންގެ ކުރިއެރުމަށް މަސައްކަތްކުރުމަކީ ހުރިހާ ގައުމެއްގެ ވެސް ޒިންމާއެއް. ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް، ކަނޑުތަކުގައި ކަނޑައެޅިފައިވާ ގަވައިދުތަކާއި އެއްގޮތަށް އަމާންކަން ބެހެއްޓުމަކީ މުހިންމު ކަމެއް. އިންޑިއާ ކަނޑުގެ މެދުގައި ރާއްޖެ އޮންނަ އިރު، ރީޖަނަލް ސެކިއުރިޓީ ޕްރޮމޯޓް ކުރުމަށް ރާއްޖެ އިން އަބަދުވެސް ވަރަށް މުހިންމު ދައުރެއް އަދާކުރޭ. އިންޑިއާ އިން އަބަދުވެސް ރާއްޖޭގެ ދައުރަށް ތާއިދުކުރަމުން ރާއްޖެ އާއިއެކު މަސައްކަތްކުރާނަން.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް