އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަކަށް ފާހަގައެއް ނުވޭ: އެޗްއީއޯސީ
6 ނޮވެމްބަރު 2020 | ހުކުރު 03:52ދެވަނަ ސާމްޕަލްއެއް ވަނީ ނަގާފައި، ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރިއަށް


އައްޑޫ ސިޓީ، ބަލިން ރައްކާތެރިވުމަށް އެސިޓީގައި ގިނަ ފިޔަވަޅުތަކެއް އަޅާފައިވޭ
އައްޑޫސިޓީގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަކަށް ފާހަގަކުރެވިފައިނުވާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގު ވިދާޅުވީ ބުދަ ދުވަހު އައްޑޫސިޓީން މީހަކު ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ފަހުން ބެލިބެލުމުގައި އެއީ އިންކޮންކްލޫސިވް ރިޒަލްޓްގެ (ވަކި ގޮތަކަށް ނަތީޖާ ނުނިކުންނަ) ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ދެވަނަ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އައްޑޫސިޓީގެ ހާލަތު އިތުރަށް ތަފްސީލު ކޮށްދެއްވާ ޑރ.ނަޒްލާ ވިދާޅުވީ މިކޭސްއާއި ގުޅިގެން ތަފާތު އެކިގޮތްގޮތަށް ވާހަކަދެކެވިގެން ދިޔަ ކަމަށާއި، އައްޑޫގައި ކޮމިއުނިޓީ ސްޕްރެޑެއް އުޅޭ ކަމަކަށް ވެސް ބައެއް މީޑިއާތަކުގައި ޚަބަރު ފެތުރިކަމަށެވެ. ނަމަވެސް އައްޑޫގައި މިވަގުތު އަދި ކޮމިއުނިޓީ ސްޕްރެޑެއް އޮތް ކަމަކަށް އެއްގޮތަކަށް ވެސް ފާހަގަކުރެވިފައިނުވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ މިގޮތަށް ޚަބަރު ފެތުރުމުން އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާ ކަމަށާއި، ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލްކުރުމަށް ވެސް ގިނަ ދަތިތަކާއި ކުރިމަތިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އައްޑޫގެ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން މިފަދަ ނާޒުކު ޚަބަރު ފެތުރުމުގައި އެޗްއީއޯސީގެ ބަހެއް ހޯދުމަށް ޑރ.ނަޒްލާ އިލްތިމާސްކުރެއްވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ ލޯކަލް ޓްރާންސްމިޝަނާއި، ކޮމިއުނިޓީ ސްޕްރެޑް ކަނޑައަޅަނީ ތަފާތު ދެގޮތަށް ކަމަށެވެ. ކޮމިއުނިޓީ ސްޕްރެޑެއްކަން ކަނޑައަޅާނީ ޕޮޒިޓިވްވި ގޮތެއް ނޭނގި ކުއްލިއަކަށް ބައިވަރު މީހުން ޕޮޒިޓިވްވުމުން ކަމަށާއި، އެފަދަ ހާލަތެއް އައްޑޫގައި ނެތް ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ މިކޭސްއާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އަދި ކަރަންޓީންގެ އުސޫލާ ހިލާފުވެފައިވާކަމުގައިވާނަމަ އުސޫލާ އެއްގޮތަށް ފިޔަވަޅު އެޅިގެންދާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.








