ބިން ހިއްކުމަށްފަހު ހިލޭ އެ ބިން ދޫކުރާގޮތަށް އޮތުމަކީ ރަނގަޅު ގޮތެއް ނޫން: މިނިސްޓަރ
މިނިސްޓަރ ވިދާޅުވީ އެބިންތަކުގެ ކޮންމެސް މިންވަރެއް ކޮމާޝަލް ބޭނުމަށް ދޫކޮށްލަންޖެހޭ ކަމަށް


ރަށެއްގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ
ރާއްޖޭގައި ހިއްކާ ބިންތަކާއި ގުޅޭގޮތުން ވިސްނުންތަކެއް ގެންގުޅެން ޖެހޭ ކަމަށާއި ބިން ހިއްކުމަށްފަހު އެ ބިން އާންމު ބޭނުންތަކަށާއި ހިލޭ ދޫކޮށްލުމަކީ އެންމެ އިންސާފުވެރި އަދި އެންމެ ރަނގަޅުގޮތް ނޫން ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި މިނިސްޓަރ އަސްލަމް ވަނީ މިހާރު މަޖިލީހަށް ހުށަހެޅި މެމްބަރުން ބަހުސް ކުރައްވަމުން ގެންދަވާ ބިނާވެށި ޕްލޭން ކުރުމާއި ހިންގުމުގެ ބިލާއި ގުޅިގެން މަޖިލީހަށް މައުލޫމާތު ދެއްވާފައެވެ. އެގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެ ބިންތަކުގެ ކޮންމެވެސް މިންވަރެއް ކޮމާޝަލް ބޭނުމަށް ދޫކޮށްލަންޖެހޭ ކަމަށެވެ. އެއީ ދިރިއުޅޭ ބިންކަމުގައި ވިޔަސް ދިރިއުޅުމަށްޓަކައި ކަމަށްވިޔަސް އަދި ކޮމާޝަލް ބޭނުންކަމަށްވިޔަސް އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިުއެވެ.
މިނިސްޓަރ ވަނީ މިކަމުގައި މިނިސްޓަރުގެ ވިސްނުންފުޅު މަޖިލީހުގެ މެމްބަރުންނާއި ހިއްސާ ކުރައްވާފައެވެ.
މިނިސްޓަރ ވިދާޅުވީ އެގޮތަށް ބިންހިއްކަން ޖެހެނީ ރަށުގެ ބިމުގައި ދަތިކަމެއް އައިސްގެން ކަމަށްވުމުން ކަމަށެވެ. އެެހެންކަމުން ބިމަށް ޑިމާންޑެއް އަންނަ ކަމަށާއި އެފަދަ ރަށެއްގައި %99 އިންސައްތަ އަކީ އެންމެ ބޮޑަށް ދަތިވެގެން އުޅޭ ގޯތި ހޯދުމުގެ މައްސަލަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިތަންތަނުގައި ގެދޮރު އަޅައިގެން ދިމާވާ މައްސަލައަކީ މީހުންގެ އާމްދަނީ އާއި ހުންނަ ތަނަވަސްކަމާއި އަދި ގެދޮރު ބިނާ ކުރުމަށްދާ ޚަރަދާއެކީގައި ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ނުކުރެވިގެން ދިޔުން ކަމަށެވެ. އެހެންކަމުން ބައެއްފަހަރު ތަންތަން އަޅާފައި އެތަންތަން އެޅި އަގަށްވުރެ ހެޔޮ އަގުގައި މީހުންނަށް ދޭންޖެހިފައި ވެސް އެބަހުރި ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިބިލާ ގުޅޭގޮތުން މެމްބަރުން މަޝްވަރާ ކުރަމުން ގެންދަވާއިރު ބިނާވެށީގެ ޕްލޭންގެ ތެރޭގައި ކޮންމެ ރަށެއްގައި ވެސް އެ ރަށުން ކޮމާޝަލީ ވިއްކާލެވޭނެ ބިންތައް ކަނޑައެޅިފައި ހުންނަން ޖެހޭނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ހިއްކި ބިމެއް ކަމަށްވާނަމަ އެތަނުގައި ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ކުރުން އެއީ މުހިންމު ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވަނީ މިކަމާމެދު މެމްބަރުން ވިސްނަވާލެއްވުމަށް ވެސް އެދިވަޑައިގަންފައެވެ.







