ކ. މާލެ
|
2 އޮކްޓޯބަރ 2020 | ހުކުރު 17:29
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ
ގޫގުލް
ޑރ. އަފްރާޝީމް އަލީގެ މަރަށް 8 އަހަރު
އަފްރާޝީމް މަރާލި މައްސަލައިގެ ހަގީގަތް ހޯދުމުގައި މުޅި ދައުލަތް ފެއިލް، މަރު ކޮމިޝަނަށްވެސް ހޯދުނު ކުރިއެރުމެއް ނެތް!
 
މަރު ކޮމިޝަނަށް ވެސް މާބޮޑު ކުރިއެރުމެއް ނުހޯދުނު
 
އަފްރާޝީމް މަރުގެ ހަގީގަތް ހޯދަން ވެރިކަމަށް އަރާވަޑައިގެންނެވި ވަހީދުގެ ވެރިކަމުގެ ދުވަސްވަރާއި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ހަގީގަތް ހޯދަން މާބޮޑު ކަމެއް ކޮށްފައެއް ނެތް
 
މިމައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލު ވަރަށް ބޮޑު

އަނިޔާވެރި ލާއިންސާނީ އަނިޔާތަކާއެކު، ތޫނު ވަޅިތަކަކުން ހަމަލާދީ އަވަހާރަ ކޮށްލާފައިވާ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައިވަނީ 1 އޮކްޓޯބަރު 2012 ވަނަ ދުވަހުގެ ރޭ ވަގުތެއްގައެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ބަޔަކު ވަޅިން ހަމަލާދީފައިވަނީ، 1 އޮކްޓޯބަރ 2012 ދުވަހުގެރޭ 22:00 އިން 23:00 އަށް ޓީވީ މޯލްޑިވްސް އިން ވަގުތުން ދެއްކި "އިސްލާމީ ދިރިއުޅުން" ޕްރޮގްރާމުގައި އަފްރާޝީމް ބައިވެރިވެވަޑައިގަތުމަށްފަހު އެރޭ ދަންވަރު (2 އޮކްޓޯބަރ 2012) 00:09 ހާއިރު ގެއަށް އަފްރާޝީމް ދިރިއުޅުއްވި، ހ. ފުންވިލު ގެއަށް ވަޑައިގަތް ވަގުތުއެވެ.

އަފްރާޝީމްގެ މަރުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އިން 2012 ވަނަ އަހަރު ތަހުގީގު ކުރެއްވުމަށްފަހު 3 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުއްވިއެވެ. އެ 3 މީހުންނަކީ، ހ. ހިލްޓަން، އަޒްލިފް ރައޫފް އާއި ހ. ލޮބީ، ހުސައިން ހުމާމު އަހްމަދު އާއި، ހ. ހިކޯސްޓް، ޢަލީ ޝާން އެވެ.

އެ 3 މީހުންގެ ތެރެއިން، އަފްރާޝީމް މަރާލުމުގެ ދައުވާ ޕްރޮސިކިއުޓަރ ޖެނެރަލް އުފުލާފައިވަނީ ހުމާމު އާއި، ޝާންގެ މައްޗަށެވެ. އަޒްލިފްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ ކުރައްވާފައެއް ނުވެއެވެ. ހުމާމު އާއި ޝާންގެ މައްޗަށް ކޯޓަށް ހުށަހެޅުނު މައްސަލަތަކުގެ ޝަރުއީ މަރުޙަލާތައް މިހާތަނަށް އައިއިރު އޮތީ ނިމިފައެވެ.

އަފްރާޝީމްއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމުގެ ދަޢުވާ ހުމާމްގެ މައްޗަށް ސާބިތުވެ، ހުމާމްގެ މައްޗަށް ކްރިމިނަލް ކޯޓުން މަރުގެ ޙުކުމް އިއްވާފައިވެއެވެ. ކްރިމިނަލް ކޯޓުގެ މި ޙުކުމަށް ހައިކޯޓުންނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ތާއީދުކުރައްވާފައިވެއެވެ.

ޝާންގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ. ކްރިމިނަލް ކޯޓުގައި އުފުލުނު ދަޢުވާ އޭނާގެ މައްޗަށް އެ މައްސަލަ ދަށުކޯޓުގައި ސާބިތުނުވުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ދައުލަތުން އިސްތިސްނާފު ކޮށްފައެއް ވެސް ނުވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން 4 ޑިސެންބަރ 2012 ގައި ބޭއްވެވި ނިއުސް ކޮންފެރެންސްގައި ވާހަކަ ދައްކަވަމުން އޭރު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޢަބްދުالله ރިޔާޒު ވިދާޅުވެފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އެހާ ތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އަފްރާޝީމް އަވަހާރަ ކޮށްލާފައިވަނީ އެކަން ކުރުމަށް ބަޔަކު ދުރާލާ ރާވައިގެން ކަމަށެވެ. އަދި އެކަން ކުރުމަށް 4 މިލިއަން ރުފިޔާ ހުށަހަޅާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އެއީ، ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ފައިސާ ޚަރަދުކޮށްގެން ހިންގާފައިވާ ޓެރަރިޒަމްގެ ޢަމަލެއް ކަމަށް ބެލެވޭ ކަމަށެވެ.

އަފްރާޝީމްގެ މަރުގެ މައްސަލަ، އެހެން މިސްރާބަކަށް އަނބުރާލައި މުޅި މައްސަލަ ގަޑުބަޑު ކޮށްލި ހިސާބަކީ މިއީއެވެ. ނުވަތަ މިއީ މިކަން ރޭވުމުގައި އަމަލު ކުރަން ރާވާފައިވާ ގޮތެވެ. ހަގީގަތަކީ، އަފްރާޝީމް އަވަހާރަ ކޮށްލުމަށް ހިންގި މިޖަރީމާ، އިދިކޮޅު އެމްޑީޕީގެ ބޮލުގައި އެޅުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށްފަހު، ވެރިކަމަށް އަރާ ވަޑައިގެންނެވި ޑރ. މުހައްމަދު ވަހީދު ހަސަންމަނިކުގެ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމެވެ.

އެގޮތުން، އޭރު ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ރިޔާޒާއި އަދި އޭރު ހޯމް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދުއާއި އޭރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޝަހީމު އަލީ ސައީދުގެ ދައުރު ވަރަށް ބޮޑުކަން ފާހަގަ ކުރެވެއެވެ.

ވަހީދުގެ ސަރުކާރުން އަފްރާޝީމްގެ މަރުގެ މައްސަލަ އިހުލާސްތެރިކަމާއެކު ތަހުގީގުކުރިނަމަ، އެކަންކުރުމުގައި އަމަލީ ގޮތުން އުޅުނު މީހުންނާއި މިއަމަލު ހިންގުމަށް ރޭވި މީހުންނާއި އެކަމަށް ފައިސާ ޚަރަދު ކުރި މީހުން ހޯދުން އެއީ އެހާ އުނދަގޫ ކަމަކަށް ނުވީހެވެ. މައްސަލައަކީ ބަޣާވާތަކުން ވެރިކަމަށް އަރާ ވަޑައިގެންނެވި ވަހީދާއި ތަހުގީގީ އިދާރާގައި އިސްވެރިޔަކަށް ހުންނެވި އަބްދުﷲ ރިޔާޒާއި ހޯމް މިނިސްޓަރަކަށް ހުންނެވި ޖަމީލުގެ އިހުލާސްތެރިކަން ނެތުމެވެ. ނޫނީ، މިވަރުގެ ބޮޑު ޖަރީމާއެއް ގައުމުގައި ހިންގިއިރު، އެބޭފުޅުންނަށް އެއީ މާބޮޑު ކަމަކަށް ނުވީއެވެ. ސިޔާސީ ބޭނުމަކަށް ބޮޑު ބަޣާވާތަކުން ވެރިކަމަށްއައި ބަޔަކު ދެން ކޮށްފައި ނުކުރާނެ ކަމެއް ނޯންނާނެ ނޫންތޯއެވެ.

އަފްރާޝީމް އަވަހާރާކޮށްލުމުގައި އިނގިލި ދިމާކޮށްލެވެން އޮތީ، ދެތިން ދިމާލަކަށެވެ. އިނގިލި ދިއްކުރާނަމަ، ފުރަތަމަ ދިއްކުރަން އޮތީ، އޭރު އޮތް ސަރުކާރާ އިދިކޮޅު ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދަކަށް ހިންގި ޖަރީމާއަކަށް ވުމެވެ. މިކަމަށް ބަލާއިރު، މިކަން އިދިކޮޅު އެމްޑީޕީގެ ބޮލުގައި އެޅުވުމަށް ލައްކަ މަސައްކަތް ވަހީދުގެ ސަރުކާރުން ކޮށްފައި ވެއެވެ.

އެގޮތުން އެމްޑީޕީގެ އެކްޓިވިސްޓަކާއި އަންހެނަކާ ދެމެދު ފޯނުން "ބަސްޓުވިއްޔޭ" ބުނެ ލިބިފައިވާ މެސެޖެއް އަފްރާޝީމްގެ މަރާ ގުޅުވައިގެން، އޭނާ ހައްޔަރުކޮށްގެން ވެސް ގެންގުޅުނެވެ. ނަމަވެސް އެއީ އަފްރާޝީމްގެ މަރާ ގުޅުންހުރި މެސެޖެއް ނޫނެވެ.

ދެން އޮތީ ފައިސާ ޚަރަދު ކުރިކަމަށް ބުނެ އެމްޑީޕީގެ ހަރާތްތަކުގައި އުޅުނު މ. ޖަރީމާގެ ޢަބްދުالله ޖާވިދު ހައްޔަރުކުރި ކުރުމެވެ. އޭނާއަކީ އެމްޑީޕީގެ ހަރަކާތްތަކުގައި އުޅޭ އަދި އެމްޑީޕީގެ އެއިރުގެ ޗެއާރޕާސަން ރީކޯ މޫސާ މަނިކުގެ ދަނބި ދަރިއެކެވެ.

އަފްރާޝީމް މަރާލުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ހުމާމްގެ ފޯނުން، 1 އޮކްޓޯބަރ 2012 ދުވަހުގެ 13:45 ގައާއި 14:45 ގައި ޖާވިދުއަށް ގުޅާފައިވެއެވެ. ނަމަވެސް މި ދެކޯލަށް ވެސް ޖާވިދު ޖަވާބުދީފައި ނުވެއެވެ. ނަމަވެސް ހުމާމުގެ ދެވަނަ ކޯލަށްފަހު ހަމަ އެ ވަގުތު ޖާވިދު ހުމާމުއަށް ގުޅިއެވެ. އަދި އެދުވަހުގެ 17:15 ގައި ހުމާމުގެ ފޯނުން ޖާވިދުއަށް ޓެކްސްޓް މެސެޖެއް ފޮނުވާފައިވެއެވެ.

އެ މެސެޖުގައި ލިޔެފައި އޮތީ "ޖާ ދިސް އިޒް ހުމާމް ޖަސްޓް ރިމައިންޑް ޔޫ" މިގޮތަށެވެ. ޖަވިދު ފުލުސް އޮފީހަށް 20 ޑިސެމްބަރ 2012 ގައި ދިފައިވާ ބަޔާނުގައި ބުނެފައިވަނީ ނުދަންނަ ނަންބަރަކުން 13:45 ގައާއި 14:45 ގައި ގުޅާފައި އޮތުމުން އެ ކޯލް ރިޓާން ކުރުމުން އެއީ ހުމާމް ކަމަށް ބުނިކަމަށާއި، "މީގެ ކުރިން ދުވަހަކުވެސް ކަމެއްގައި ނުބުނަން ނޫންހޭ، އަދި އަލަކަށް ނޫންހޭ މިގުޅީ، އެހެންވީމާ ލާރިކޮޅެއް ދިބަލާށޭ" ހުމާމު ބުނިކަމަށެވެ. އަދި އެވަގުތު ލާރިއެއް ނެތް ކަމަށާއި ފަހަރެއްގައި ހަވީރުކޮޅު ލިބިދާނޭ، ލިބިއްޖެއްޔާ ދޭނަމޭ ބުނިކަމަށާއި، އަދި އެހެން ބުނުމުން ހަވީރުކޮޅު ރިމައިންޑަރއެއް ދިނަސް އެންމެ ރަނގަޅުތޯ އެހިކަމަށާއި އެހެން ބުނުމުން އެންމެ ރަނގަޅޭ ބުނިކަމަށެވެ.

އެ ދުވަހުގެ 17:15 ގައި ހުމާމު ރިމައިންޑަރ އެއް ދިން ނަމަވެސް އެވަގުތު ފައިސާއެއް ނެތުމުން އެ މެސެޖަށް ޖަވާބުނުދޭ ކަމަށް ޖާވިދު ދީފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އަފްރާޝީމް އަވަހާރަކޮށްލުމަށް ފައިސާ ޚަރަދުކުރި ކަމުގެ ތުހުމަތުގައި 02 ޑިސެންބަރު 2012 ދުވަހު ޖާވިދު ހައްޔަރު ކުރިއެވެ. އޭނާ ހައްޔަރު ކުރުމުގެ އަމުރަށް އެދި ފުލުހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ފޯމުގައި ހެއްކާއި ގަރީނާގެ ގޮތުގައި ބަޔާންކޮށްފައިވަނީ "މައްސަލައިގައި ހެކިބަސްދޭ ފަރާތްތަކުން ބުނާ ބުނުން، ކޯލް ޑީޓެއިލްސް" މިފަދައިންނެވެ.

އެބުނާ ހެއްކާއި ގަރީނާ ކޯޓަށް ފޯރުކޮށް ނުދެވި، ޖާވިދު ބަންދުގެ މުއްދަތު ޖަހާލަޖަހާލަ ތިބުމަށްފަހު، އިތުރަށް ބަނދުގެ މުއްދަތު ޖެހުމަށް 18 ޖަނަވަރީ 2013 ގައި ހުށަހެޅި ހުށަހެޅުމާ ގުޅިގެން، ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލާގައި ފުލުހުން ހުށަހެޅި ހެކި ޤަރީނާއަށް ބަލައި ރިއާޔަތްކުރާއިރު، އެ މައްސަލާގައި ޖާވިދު އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަ ކަމަށް ނިންމާފައެވެ.

މި ދުވަސްވަރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ހެޑަކަށް ހުންނެވި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އިސްމާޢީލް ޝަމީމް އާދަމް މަރު ކޮމިޝަނަށް ހާޒިރުކޮށް ސުވާލު ކޮށްފައި ވެއެވެ.

ޝަމީމު ބުނެފައިވަނީ، އަފްރާޝިމް ޢަލީގެ މަރުގެ މައްސަލައާ ގުޅިގެން ފޯން އިންޓަރސެޕްޓް ކުރަމުންދިޔައިރު، 4 މިލިއަން ރުފިޔާގެ މުޢާމަލާތަކާ ގުޅޭ ވާހަކައެއް ޖާވިދު ދައްކާ ވާހަކަ ހިމެނޭ އޯޑިއޯއެއް އިންޓެލިޖެންސްގައި މަސައްކަތްކުރަމުން ދިޔަ (ކޮން ފަރާތެއް ކަމެއް ދަންނަވަން ނޭނގޭ) ފަރާތެއް ޝަމީމަށް ގެނެސްދިނުމުން، އެ އޯޑިއޯ އޭނާ އަޑުއެހި ކަމަށެވެ.

އޭގައި އެއްކޮޅުން ވާހަކަ ދައްކަމުން ދިޔައީ، ޖާވިދު ކަމަށާއި، އަދި އަނެއްކޮޅުން ވާހަކަ ދައްކަމުން ދިޔައީ ކޮންމެވެސް ވިޔަފާރި ވެރިއެއް ކަމަށް ޤަބޫލުކުރެވޭ ކަމަށާއި، އެހެންނަމަވެސް، އަނެއް ކޮޅުން ވާހަކަ ދައްކަމުން ދިޔައީ، ސީދާ ކޮންފަރާތެއްކަން ހޯދުނު ކަމެއް އެނގިފައި ނުވާކަމަށް ބުނެފައި ވެއެވެ. އެ އޯޑިއޯގައި ބުނަނީ، 3 މިލިއަން ނޫނީ 4 މިލިއަންގެ ފައިސާ ހުރީ ހަމަޖެހިފައިކަމަށާއި، މަސައްކަތް ފަށަންވީ ކަމަށާއި، އެ ކްލިޕް ޝަމީމް އަޑުއެހުމަށްފަހު، ތަހުޤީޤު ޓީމާ ހަވާލުކުރުމަށްޓަކައި، އިންޓެލިޖެންސްގެ މުވައްޒަފުންނާ ޙަވާލުކުރި ކަމަށެވެ.

އެހެންނަމަވެސް، އެ އޯޑިއޯ ހަވާލުކުރީ، ތަހުޤީޤު ޓީމުގެ ކޮން ފަރާތަކާ ކަމެއް ދަންނަވަން މިހާރު ނޭނގޭ ކަމަށް ޝަމީމު ބުނެފައި ވެއެވެ. އިންޓެލިޖެންސުން ޝަމީމް ވަކިވިއިރު، ޝަމީމް ވަނީ އިންޓެލިޖެންސް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ އާރިފް އާއި ޒަނާން އަދި ފަޔާޒުއާ އެ އޯޑިއޯ ކްލިޕް ހޯދުމަށް ހަވާލުކޮށްފައި ކަމަށްވެސް އޭނާ ބުނެފައި ވެއެވެ. ނަމަވެސް، ތަހުޤީޤު ޓީމުން އެ ހޯދި ކަމެއް ނޭނގޭ ކަމަށާއި، އިންޓެލިޖެންސް ޑިޕާޓްމަންޓް އިން ބަދަލުވުމާ ހަމައަށް ވެސް އެ އޯޑިއޯ ލިބިފައި ނުވާކަމަށް މަރު ކޮމިޝަނަށް ބަޔާންދެމުން ޝަމީމް ބުނެފައިވެއެވެ.

މަރު ކޮމިޝަނަށް ޝަމީމު ދީފައިވާ ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަން ސާފުކުރުމަށް އެ ކޮމިޝަނުން ސީޓިއެއް މޯލްޑިވްސް ޕޮލިސް ސަރވިސްގައި 20 އޮކްޓޯބަރ 2019 އެދިފައިވީ ނަމަވެސް، އޭގެ ޖަވާބެއް މިހާތަނަށް ވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ ކޮމިޝަނަށް އަންގަވައި ދެއްވާފައެއް ނުވާ ކަމަށްވެސް މަރު ކޮމިޝަނުން ބުނެފައި ވެއެވެ. އަފްރާޝީމް މަރާލީ ސިޔާސީ ބަޔަކު ސިޔާސީ މަގްސަދެއްގައި ކަމަށް އޭރު އޮތް ސަރުކާރަށް ނިސްބަތްވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުالله ރިޔާޒު ވިދާޅުވިނަމަވެސް އެކަމަށް ބާރުލިބޭ ހެއްކެއް ނެތެވެ.

ދެން އޮތީ އަމިއްލަ ޕާޓީގެ އެތެރޭގެ ސިޔާސީ ވާދަވެރިކަމުގެ ސަބަބަށް ބަލާއިރު، 2013 ގެ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫން ވާދަ ނުކުރައްވާނަމަ، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ އިޝާރާތެއް އަފްރާޝީމް ކުރައްވާފައެވެ. ރައީސް މައުމޫނާއި އަފްރާޝީމް އޮތް ގުޅުން، ރައީސް މައުމޫނާއި ރައީސް ޔާމީންގެ ގުޅުމަށްވުރެ ރަނގަޅުކަމަށް އޭރު އަޑުތަކެއް ފެތުރިގެން ދިޔައެވެ.

އަފްރާޝީމްގެ މަރުގެ މައްސަލަ ރޭވުމުގައި އެންމެބޮޑަށް އުޅުނުކަމަށް ތުހުމަތު ކުރެވޭ އަޒްލިފްއަކީ 1997 ވަނަ އަހަރުން ފެށިގެން ރައީސް ޔާމީންއާ ގާތް ގުޅުމެއް އޮންނަ މީހެކެވެ. އެގޮތުން ކުރިން ރައީސް ޔާމީންގެ އެންމެއަރިސް ބޭފުޅާ ކަމަށްވާ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް ވަނީ މަރު ކޮމިޝަނަށް ރައީސް ޔާމީނާއި އަޒްލިފް ރައޫފްގެ ގުޅުމާ ބެހޭގޮތުން މައުލޫމާތު ދެއްވާފައެވެ.

ނާޒިމް ވިދާޅުވާގޮތުން، އޭނާއާ އަޒްލިފްއާ އެންމެ ފުރަތަމަ ދިމާވަނީ، ރައީސް ޔާމީންގެ އޮފީހުން 2007 ވަނަ އަހަރުގައެވެ. ޔާމީންގެ އެޕޮއިންޓްމަންޓްތައް ހަމަޖައްސަނީ ނާޒިމް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، އަޒްލިފް އަންނާނީ އޭގެ ބޭރުން ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެގޮތުން، އަޒްލިފް ދޭތެރެދޭތެރެއިން ޔާމީންގެ އޮފީހަށް އައިސް އުޅޭ ކަމަށްވެއެވެ. ނާޒިމް ވިދާޅުވާ ގޮތުން، ޔާމީންގެ އޮފީހަށް އަޒްލިފް އައިސް އުޅެނީ، ފެމިލީ ކަނެކްޝަންއަކާ ގުޅިގެންނެވެ. އެއީ، ޔާމީންގެ ކޮއްކޯފުޅު ބުންޔާމީންގެ އަންހެނުންނާއި އަޒްލިފްގެ އަންހެނުންނަކީ ދެބެއިންނެވެ. ބުންޔާމީން އަކީ މަސްތުވާތަކެތީގެ ވިޔަފާރީގައި ހަރަކާތްތެރިވާ ގެންގުޅޭ މީހެއް ކަމަށް ނާޒިމު ތުހުމަތު ކުރެއްވިއެވެ. އަދި އޭނައަށް ޔާމީން ކޮންމެވެސް ވަރެއް "ކޮންޓްރިބިއުޓް" ކުރައްވާ ކަމަށް ވިދާޅުވިއެވެ.

އަޒްލިފް ރައޫފުގެ އިތުރުން ވެސް ވަރަށް ގިނަ މީހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޔާމީންއާ ބައްދަލުކުރަން އާދެއެވެ. އެގޮތަށް ބޭންކް މެނޭޖަރުން ވެސް ޔާމީންއާ ބައްދަލުކުރަން އަންނަ ކަމަށާއި ސްރީލަންކާގައި މާރާލެވިފައި އޮތްވާ ފެނުނު ރަބަރޭވެސް އެއް ދުވަހަކު ރައީސް ޔާމީންގެ އޮފީހަށް އައިސް އިންތަން ފެނު ކަމަށް ނާޒިމު ވިދާޅުވެފައި ވެއެވެ. ނާޒިމް ވިދާޅުވީ، ލާރި ހޯދުމަށާއި އެކިއެކި ބޭނުންތަކުގައި ރައީސް ޔާމީނާ ބައްދަލު ކުރަން އަޒްލިފް އަންނަމުން ދިޔަކަމަށެވެ.

އަޒްލިފަކީ ރައީސް ޔާމީންގެ ގާތް މީހެއްކަން އެނގޭ އަނެއް ސަބަބަކީ، އަފްރާޝީމްގެ މަރުގެ މައްސަލާގައި އަޒްލިފްގެ މައްޗަށް ތުހުމަތު ކުރެވި، ދައުވާ ކުރަން ފޮނުވުމުންވެސް، ދައުވާ ކޮށްފައި ނުވުމާއި، ޓެރަރިޒަމް މައްސަލައެއްގެ ތުހުމަތުގައި އަޒްލިފް ގޭބަންދުކޮށްފައި ވަނިކޮށް، ހެންވޭރު ކޮޅުގައި އަޅާފައިވާ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި ސަރުކާރުގެ އިސްވެރިން ހިމެނޭގޮޮތުން އަޒްލިފް ވެސް ހުރިތަން ފެނުމެވެ. ލިބިފައިވާ ހުރިހާ މައުލޫމާތުގެ މައްޗަށް ބުރަވަނީނަމަ، ރައީސް ޔާމީނާއި އަޒްލިފްގެ ގާތްކަން ހާމަވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ އެބައޮތެއް ނޫންތޯއެވެ؟

ދީނީ ގޮތުން ޚިޔާލު ތަފާތުވުން ވުމަށް ބަލާއިރު، އަފްރާޝީމް ދީނީ ނަސޭހަތް ދެއްވުމުގައްޔާއި ދަރުސް ދެއްވުމުގައި ވިދާޅުވެފައިވާ ބައެއް ވާހަކަތަކަކީ ރާއްޖޭގައި ތިބި ބައެއް ދީނީ އިލްމުވެރިންގެ ރައުޔާ ތަފާތު ވާހަކަތަކެކެވެ. އެކަމުގެ ސަބަބުން އަފްރާޝީމްގެ މައްޗަށް ބައެއް ދީނީ އިލްމުވެރިން ވަރަށް ބޮޑު ތުހުމަތުތަކެއްކޮށް އަފްރާޝީމް ތައުބާވުމަށް ގޮވާލާފައި ވެއެވެ.

އަފްރާޝީމް އަވަހާރަ ކޮށްލިއިރު، އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއާ ދެބަސްވުންތަކެއް ހުރިކަން ވެސް ފާހަގަވެއެވެ. ޝަހީމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ހިންގި ޖަރީމާތައް ފޮރުވައި، ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރުމުގައި އަވަދިނެތި އުއްޅުވި ބޭފުޅެކެވެ. އަދި 2018 ވަނަ ރިޔާސީ އިންތިހާބުގައި "ދީނީ ކާޑު" ކުޅުއްވުމަށްޓަކައި ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ނެންގެވީ ވެސް ޝަހީމްއެވެ.

އަފްރާޝީމްގެ މަރަށް ފަހު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބު 2013 ގައި ރައީސް ޔާމީންގެ ރަނިންގ މޭޓަކަށް ނެންގެވީ އަފްރާޝީމް އަވަހާރަ ކޮށްލިއިރު ހޯމް މިނިސްޓަރަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދުއެވެ. މިއަދު ވެސް ޝަހީމްއާއި ޖަމީލު ހުންނެވީ ރައީސް ޔާމީންގެ އެޑްވައިޒަރުންގެ ގޮތުގައެވެ. މިހާރު ޖަލު ހުކެމެއް ތަންފީޒުކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ އިސްތިއުނާފުގެ ކަންކަމުގައި ވަކީލެއްގެ ހައިސިއްޔަތުން އިސްކޮށް ހަރަކާތްރެވި ވަނީވެސް ޖަމީލެވެ.

އަފްރާޝީމްގެ މަރަށްފަހު، ބަޣާވާތަކުން ވެރިކަމަށް ވަޑައިގެންނެވި ވަހީދު ވެރިކަމުގައާއި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގޮތް ނޭނނޭގޮތަށް އެތަށް ބަޔަކު ވަނީ މަރުވެ، ނުވަތަ މަރާލާފައެވެ. ހިންގާފައިވާ އެފަދަ ޖަރީމާތަކުގެ އިތުރުން ދައުލަތުގެ ހަރުމުދަލާއި ފައިސާއިން ރައީސް ޔާމީންގެ ވެރިކަމުގައި ވައްކާމާއި ހިޔާނާތުގެ ޖަރީމާތައް ހިންގިއިރު ތިބި ބައެއް ފަރާތްތައް މިއަދު ވެސް ހަމަ ބާރުވެރިކަމުގައި ނުފޫޒު ގަދަ ފަރާތްތަކުގެ ގޮތުގައި ފާހަގަކުރެވެއެވެ.

އެހެންކަމުން އަފްރާޝީމްގެ މަރުގެ އަސްލަށް ވާސިލްވެވޭނެ ކަމާމެދު ޝައްކެވެ. މަރު ކޮމިޝަނަށްވެސް، މާބޮޑު ކުރިއެރުމެއް ނުހޯދުނެވެ. މީހެއްގެ މައްޗަށް ދައުވާއެއް ކޮށްލެވޭވަރުގެ ހެއްކެއް އޭރު ނުހޯދުނުއިރު، މިހާރު ވަކި ހޯދޭނެކަމަށް ނުފެނެއެވެ. ސަބަބަކީ އަފްރާޝީމް މަރުގެ މައްސަލައިގެ ހަގީގަތް ހޯދުމުގައި ފުރަތަމަ ދުވަހުން ފެށިގެންވެސް މުޅި ދައުލަތް ފެއިލްވެފައިވާތީއެވެ. މިހެން މިދަންނަވަނީ އޭރު ދައުލަތުގެ އެންމެ މަތިން އަންގައިގެން ފަސްއަޅާ ފޮރުވާފައި ހުރި މައްސަލައެއްގައި ހެކި ހޯދަން އުނދަގޫ ވެސް ވާނެކަން ގަބޫލުކުރާ ހާލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
100%
0%
0%
ކޮމެންޓް