ސިއްހީ ޚިދުމަތްތެރިނަށް ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭ: ޑރ. އަފްޒަލް
17 ސެޕްޓެމްބަރު 2020 | ބުރާސްފަތި 04:07މުޅި މިއަހަރު މިދަނީ ހާސްކަމެއްގެ ތެރޭގައި


އެޗްޕީއޭގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް، ސިއްހީ ޚިދުމަތްތެރިންގެ މަސައްކަތުގެ އަގު ވަޒަންކޮށްފައިވޭ
ސިއްހީ ޚިދުމަތްތެރިނަށް ނަފްސާނީ އަދި ޖިސްމާނީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ޚާއްސަކޮށް މަސައްކަތްތައް ކުރަން ޖެހޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ބުރާސްފަތި ދުވަހަކީ ޕޭޝަންޓް ސޭފްޓީ ދުވަސް ކަމަށެވެ.
ކޮވިޑް-19ގެ ހާލަތަށް އަލިއަޅުއްވާލައްވާ ޑރ. އަފްޒަލް ވިދާޅުވީ މުޅި މިއަހަރު މިދަނީ ހާސްކަމެއްގެ ތެރޭގައި ކަމަށާއި، މިހާސްކަން ވަކިން ބޮޑަށް ތަހައްމަލް ކުރަން ޖެހުނީ ސިއްހީ ޚިދުމަތްތެރިން ކަމަށެވެ. އަދި ސިއްހީ ސިއްހީ ޚިދުމަތްތެރިންނަކީ ހުރިހާ ގޮތަކުން ވެސް ޚާއްސަ ބައެއްގެ ގޮތުގައި ޑރ. އަފްޒަލް ސިފަކުރެއްވިއެވެ.
ޑރ. އަފްޒަލް ވިދާޅުވީ ސިއްހީ ޚިދުމަތްތެރިންނަކީ ކޮންމެ ގައުމެއްގައި ވެސް ވަރަށް ލިމިޓެޑް އެހާމެ އަގުހުރި އިންސާނީ ވަސީލަތެއް ކަމަށާއި، މިފަދަ ވަސީލަތެއްގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ސިއްހީ ޚިދުމަތްތެރިނަށް ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ގޮތްތަކަށް އަލިއަޅުއްވާލައްވާ ޑރ. އަފްޒަލް ވިދާޅުވީ ބަލި މީހާ އެޑްމިޓް ކުރެވިފައިވާ ތަނުގެ މާހައުލު ސިއްހީ ރައްކާތެރި ސްޓޭންޑަޑްތަކަށް ހުންނަން ޖެހޭ ކަމަށާއި، ސިއްހީ ޚިދުމަތްތެރިންްނަށް ދީފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ޚާއްސަ ސަމާލުކަމެއް ދިނުމުގެ އިތުރުން ބަލި މީހާ ކައިރީގައި ހުންނަ އެހީތެރިންނާއި، ބަލި މީހާ ކައިރިއަށް އަށް ޒިޔާރަތް ކުރާ މީހުން ވެސް ރައްކާތެރި ކަމަށް ބަލަން ޖެހޭ ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.
ޕޭޝަންޓް ސޭފްޓީ ދުވަހުގެ ތީމަކީ ''ބަލި މީހާގެ ރައްކާތެރިކަން ސަލާމަތްތެރިކަން ކަށަވަރު ކުރެވެނީ ބަލި މީހާއަށް ފަރުވާ ދިނުމުގައި އުޅޭ ސިއްހީ ޚިދުމަތްތެރިންގެ ސަލާމަތްތެރިކަން ކަށަވަރުކުރުން'' މިއެވެ.








