ކޮވިޑް-19 އަކީ ވޭކަޕް ކޯލެއް، މަސްވެރިކަމުގެ ދާއިރާ ކުރި އަރުވަން ޖެހިފައިވާ މިންވަރު ހާމަވެގެން ދިޔަ
7 ސެޕްޓެމްބަރު 2020 | ހޯމަ 14:24ކޮވިޑް-19އާ ގުޅިގެން ގައުމުގެ އިގްތިސާދު ވަނީ ބޮޑު އަދަވަޅަކަށް ވެއްޓިފައި

މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް މިނިސްޓްރީން ބުނެފައިވޭ
ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19 އަކީ ވޭކަޕް ކޯލެއް ކަމަށާއި، މިކޯލްގެ ސަބަބުން މަސްވެރިކަމުގެ ދާއިރާ ކުރިއަރުވަން ޖެހިފައިވާ މިންވަރު ހާމަވެގެން ދިޔަ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.
ރާއްޖެޓީވީގެ ބޮޑު ސުވާލު ޕްރޮގްރާމްގައި ޑިރެކްޓަރ ޖެނަރަލް އާދަމް ޒިޔާދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ގައުމުގެ އިގްތިސާދު މިވަނީ ބޮޑު އަދަވަޅަކަށް ވެއްޓިފައި ކަމަށެވެ. އެހެންކަމުން އެންމެ ސިނާއަތަކަށް ބަރޯސާވެގެން ގައުމު ހިންގެން ނެތް ކަމަށް ޒިޔާދު ވިދާޅުވިއެވެ.
ޒިޔާދު ވިދާޅުވީ ބޮޑަށް ބަރޯސާ ވެގެން ދިޔައީ ފަތުރުވެރިކަމުގެ ސިނާއަތަށް ކަމާށާއި، އެ ސިނާއަތް ކުރިއެރުވުމުން ގައުމު ތަރައްގީވެ ހުރިހާ ކަމެއް ފުރިހަމަވާނެ ކަމަށް ބައެއް މީހުންނަށް ގަބޫލު ކުރެވިގެން ދިޔަ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން އެހެން ސިނާއަތަކަށް އިންވެސްޓް ކުރަން ބޭނުންނުވާ ކަން ވެސް ޒިޔާދު ވިދާޅުވިއެވެ.
މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޚާއްސަ ސްޓްރެޓެޖިކް އެކްޝަން ޕްލޭންއެއް ހެދިފައިވާކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ އެޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
ޒިޔާދު ވިދާޅުވީ ޒަމާނުއްސުރެ މިއޮތް ދޮށީގެ މަސްވެރިކަމުގައި ދިމާވާ މައްސަލަތައް ބަލައި މަސްވެރިންގެ ލަފާއެކު މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ވަކި ބަޔަކަށް ހިފަހައްޓާފައިވާ މާކެޓެއް ކަމަށްވާ ކަޅުބިލަމަހުގެ މާކެޓަށް ވަނުމުގެ ފުރުސަތު އާންމު ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މައިގަނޑު ވިސްނުމަކީ އެ ވިޔަފާރީގައި ވާދަވެރިކަން ވިޔަފާރި ފުޅާ ކުރުން ކަމަށް ޒިޔާދު ވިދާޅުވިިއެވެ.
ކޮވިޑް-19އާ ގުޅިގެން މަސްވެރިކަމުގެ ސިނާއަތަށް ވެސް ގިނަގޮން ޖެހުންތައް ކުރިމަތިވާކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ މަސްވެރިންނަށް ދިމާވާ ގޮންޖެހުންތަކާއި، މަސްވެރިންނަށް ހަމަ އަގު ނުލިބޭ މައްސަލައަށް ވެސް ހައްލު ހޯދައި ދިނުމަށް މަސައްކަތް ކުރާ ކަމަށެވެ.
ޒިޔާދު ވިދާޅުވީ އެކުއާ ކަލްޗަރގެ ސިނާއަތް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ކުދި ފާނަ އާލާކޮށް ބޮޑު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު އދ. ގެ ތިން ރަށެއްގައި ފާނަ ނީލަން ކިޔާ ހިސާބަށް ގޮސްފައިވާކަން ޒިޔާދު ފާހަގަކުރެއްވިއެވެ.
ޒިޔާދު ވިދާޅުވީ އެކުއާ ކަލްޗަރގެ ސިނާއަތުގެ ތެރެއިން ގިނަ ބަޔަކަށް ރަށުގައި ތިބެގެން އާމްދަނީ ހޯދުމުގެ ފުރުސަތު ވެސް ފަހިވެގެންދާނެ ކަމަށެވެ.
މީގެ އިތުރުން ޒިޔާދު ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތުގެ މައްސަލަތަކަކީ ޒަމާންވީ މައްސަލަތަކެއް ކަމަށާއި، މައްސަލަތައް ހައްލު ކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. ދުރު މުސްތަގުބަލަށް ރޭވިގެން އިންތިޒާމު ވެގެން ހައްލެއް ހޯދައިގެން ނޫނީ މި މައްސަލަތަކުން އަރައި ނުގަނެވޭނެކަން ވެސް ޒިޔާދު ފާހަގަ ކުރެއްވިއެވެ.


