ކ. މާލެ
|
7 ސެޕްޓެންބަރ 2020 | ހޯމަ 17:24
ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގައި އިންސާފު ލިބުމުގައި ވަރަށް ބޮޑަށް ލަސްވެ، ރައްޔިތުންގެ ނުރުހުން އިންތިހާއަށް އެބައޮތް
ރާއްޖޭގައި ހިންގާފައިވާ ބޮޑެތި ޖަރީމާތަކުގައި އިންސާފު ލިބުމުގައި ވަރަށް ބޮޑަށް ލަސްވެ، ރައްޔިތުންގެ ނުރުހުން އިންތިހާއަށް އެބައޮތް
މުހައްމަދު ފަޒީން
މަގޭ ރިޕޯޓް
މިހާރު ގައުމު މިއޮތީ ގަޓު ރައީސް ވެރިކަމަށް ފައިނެންގެވި ހިސާބުގައި، ތަފާތަކީ ޖަލުގައި އޮތްކަން!
ގަޓު ރައީސުން ވެރިކަމުގެ ޖާހަތު ބޮޑު ކުރުމަށް ކޮށްފައި ނުކުރައްވާނެ ކަމެއް އޮންނާނެތޯ؟
ގަޓު ބޭފުޅާ ވެރިކަމަށް ފައިނެންގެވި ހިސާބުން ބޮޑު ހުޅު، ބޮޑެތި ޖަރީމާތައް ހިންގުން އިތުރުވެގެންދިޔަ

ރާއްޖޭގައި ވެރިކަން ކުރެއްވި، ޒައީމުގެ ދިގު 30 އަހަރުގެ ވެރިކަމުގެ ފަހުކޮޅު، ވެރިކަމަށް ފައިނަންގަވާފައިވާކަން އަރިހުގައި އުޅުއްވި ކޮއްކޯފުޅުގެ އަމަލުތަކުން އެނގެއެވެ. އެވާހަކަ ބައެއް ސިޔާސީ ފަރާތްތަކުން އޭރުވެސް ދައްކަމުންދިޔަ އެވެ. އަދި ބޭބޭފުޅުގެ އަނބިކަނބަލުންގެ އާއިލާއާއި ކޮއްކޯފުޅާ ދެމެދު އޮންނަ ދެބަސްވުމަކީ ވެސް ބޮޑަށް ދެ އާއިލާގެ ސިޔާސީ ވާދަވެރިކަމެއްކަމަށް ބުނެއުޅެ އެވެ.

މިހެން މިވާދަވެރިކަމުގައި ތިއްބައި، ގަދަކުރީ ކޮއްކޯފުޅެވެ. ކޮއްކޯފުޅު ގަދަކުރާނެކަން އޭރުވެސް ސިޔާސީ ބައެއް ފަރާތްތަކުން ބުނަމުންދިޔަ އެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކޮއްކޯފުޅަކީ ޖެހިލުންކުޑަ، "ގަޓު" ބޭފުޅެއްގެ ގޮތުގައި އޭރުވެސް ބައެއް ފަރާތްތަކުން ބުނަމުން ދިޔަ އެވެ. އަދި ބޭބޭފުޅުގެ ވެރިކަން ދިވެހި ރައްޔިތުން ވޯޓުން ނިންމައި "ހަތަމް" ކުރި ހިސާބުން ކޮއްކޯފުޅު ވެރިކަމަށް ވަޑައިގެންނެވުމުގެ މަސައްކަތް ފެށިތަން ފެނިގެންދިޔަ އެވެ.

ފެށި މަސައްކަތުގެ ފުރަތަމަ މަރުހަލާއަކީ، ޑިމޮކްރެޓިވް އުސޫލުން ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުން ރައްޔިތުން ވެރިކަން ހަވާލުކުރި ވެރިޔާގެ، ވެރިކަން ވައްޓާލުމެވެ. ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ބަޔަކު ވާދަކޮށްފައިވާ ރިޔާސީ އިންތިހާބަކީ ޑިމޮކްރެޓިކް އުސޫލުން ފުރަތަމަ ބޭއްވި ރިޔާސީ އިންތިހާބެވެ. އާދެ، އާ ގާނޫނުއަސާސީގެ ދަށުން 2008 ގައި ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބެވެ. އެއިންތިހާބުގައި ކޮއްކޯފުޅަށް ވާދަ ކުރެއްވުމުގެ ފުރުސަތު ގެއްލުނީ ބޭބޭފުޅު ގޮތް ދޫނުކުރައްވައި، 7 ވަނަ ދައުރަކަށް ކުރިމަތި ލެއްވުމުންނެވެ. ނަމަވެސް އެއިންތިހާބުން ދިވެހި ރައްޔިތުންގެ ވޯޓުން ހުކުމް އިއްވީ، 7 ވަނަ ދައުރަކަށް ބޭބޭފުޅާއި އެބޭފުޅާގެ އާއިލީ ވެރިކަން ނިންމުމަށެވެ.

ނަމަވެސް އެކަން ހަޖަމު ނުވެގެން، ނިކުންނަވާ، ދިވެހިރާއްޖޭގައި މިފަހުން ހިންގި އެންމެބޮޑު ބަޣާވާތް ހިންގައި، ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ވާއްޓާލީ ދިވެހި ސިފައިންނާއި ފުލުހުން ބޭނުން ކުރައްވައިގެން މަގު މަތިންނެވެ. މިކަމުގެ މޭސްތިރިންނަށް ތިއްބެވީ، އޭރު ވެރިކަމުގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާއަށް ވަފާތެރިވާނެ ކަމަށް ބުނެ، ﷲ ގައްދީ ހުވާ ކުރައްވައިގެން ހުންނެވި ނާއިބު ރައީސާއި މިބުނާ ދިގު 30 އަހަރުގެ ވެރިޔާއާއި އެމަނިކުފާނުގެ މިބުނާ "ގަޓު" ކޮއްކޯފުޅާއި ރާއްޖޭގެ ވިޔަފާރީގައި ނަގާކިޔާ ހަތަރު މަހުޖަނުންނާއި މިބުނާ މަހުޖަނުން ސޮޕޮންސަރ ކުރި ދިވެހި ސިފައިންނާއި ފުލުހުންގެ ބަޔަކާއި އަދި ދީނީ އިލްމުވެރިންކޮޅެކެވެ. ކޮއްކޯފުޅު ވެރިކަމަށް ވެޑައިގެންނެވުމަށް ފާޅުގައި މަސައްކަތް ކުރެވި ހިސާބަކީ މިއީ އެވެ. ރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން ވައްޓާލައި، ޖެހިގެން އައިދުވަހު، ރާއްޖޭގެ ބައެއް ރަށްތަކުގައި ހުރި ދައުލަތުގެ އެކި އިދާރާތަކުގައި ހުޅު ޖެހި ވާހަކައަކީ، އާވަހަކައެއް ނޫނެވެ. ހުޅުޖެހީ ކޮންބައެއްކަމެއް ބަޣާވާތުގެ ސަރުކާރަށާއި އަދި އޭގެފަހުން ބޭއްވި ރިޔާސީ އިންތިހާބު ގަޑުބަޑުކޮށްގެން ސުޕްރީމް ކޯޓުގެ އެހީތެރިކަމާއެކު ވެރިކަމަށް އަރާވަޑައިގެންނެވި، ގަޓު ރައީސްގެ 5 އަހަރުގެ ދައުރު ނިމިގެންދިޔައިރުވެސް ރައްޔިތުންނަށް ސާފެއް ނުވިއެވެ. އެނގޭ އެއްޗަކީ، މިބުނާ ބަޣާވާތުގެ ވެރިކަމާއި ގަޓު ރައީސްގެ ވެރިކަމާއެކު 7 އަހަރު ނިމިގެންދިޔައިރު، އިދިކޮޅު ބަޔަކު އެކަން ކުރިނަމަ، އެބަޔަކު ތިބޭނީ ޖަލުގައިކަމެވެ. އެތައް ސަތޭކަ ބަޔަކަށް ހުޅުޖެހިކަމުގެ ތުހުމަތުގައި ދައުވާކުރިއިރު، ބައެއްގެ މައްޗަށް ހުކުމެއް އިއްވިތަނެއް ނުފެނެއެވެ. އަދި ފަހުން ފެނިގެންދިޔައީ އައްޑޫ ސިޓީގައި ހުޅުޖެހިކަމަށް ބުނާ މީހުންގެ ތެރެއިން ބަޔަކު ގަޓު ރައީސްގެ ސަރުކާރާ ގުޅި، އައްޑޫގައި ހުންނަ އެމްޕީއެލްފަދަ ކުންފުނިތަކާއި އޮފީސްތަކުން ވަޒީފާ ދިންތަނެވެ. ހަމަ އެގޮތަށް ތިނަދޫގައި ހުޅުޖެހިކަމަށް ބުނާ މީހުންނަށްވީ ކިހިނެއް ކަމެއް އެނގޭނީ ވެސް ހަމަ އެބަޔަކަށެވެ.

1887 ވަނަ އަހަރު ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލިވެ އިނގިރޭސިންގެ ހިމާޔަތުގެ އުނގަށް ދިވެހިން ވެއްޓި، އިނގިރޭސިންގެ މަދަދުގައި ރާއްޖޭގައި ބަނޑަހަ ޖަހިގެން ތިބި ވޯރާވިޔަފާއިވެރިންގެ މުދަލުގައި އޭރު ރާއްޖޭގެ ސިޔާސީ އިސްފަރާތްތަށް ނުކުމެ ހުޅުޖެހިކަން ތާރީހު ހެކިދެއެވެ. މިދެންނެވި ހުޅަށް "ބޮޑު ހުޅުގެ" ނަމުން ނަންދެވިފައިވެއެވެ. އޭރު އެކުރަހާދިން ތާރީހީ ހުތުރު ސޮފްހާތަށް ބަލައި، އާދެ ދިވެހި ޤައުމަށް ވަފާތެރި ދިވެހި ލޭ ހިނގާ ދަރިއެއްގެ ހައިސިއްޔަތުން ދެންނެވޭނީ "ތާރީހް އެނގި ތިބެ ޤައުމަށް ޤައްދާރު ނުވައްޗޭ" އެވެ. ހިތާމަޔަކީ ބައެއް މީހުން މިފަދަ ހަޑިމުޑުދާރު ވިސްނުންތަކުން އެމީހުންގެ އެދުންތައް އިސްކޮށް އެމީހުންގެ ބޭނުންތަށް ހާސިލްކުރަމުންދާކަމެވެ.

ވެރިކަމަށް ފައިނެންގެވި ހިސާބުން، ބޮޑެތި ޖަރީމާތައް ހިންގައި، އަދި ވެރިކަމުގައި ވެސް ތިމަން މަނިކުފާނަކީ ގަޓު ރައީސެއްކަން ދެއްކުމަށާއި ވެރިޔާގެ ޖާހަތު ބޮޑުކުރުމަށް ސްޓޭޓް ސްޕޮންސަރޑް ޓެރަރިޒަމް އަމަލުތައް ހިންގާފައި ވެއެވެ. މިބުނާ ވެރިންނަކީ، އެމީހުންގެ ވެރިކަމުގައި، އެމީހާގެ އަނބިމީހާ، ބޮމެއްގެ މަތީގައި ބައިންދައި، އަނބިމީހާގެ މައިކަށިގަނޑުގައި ހައެއްކަ ރެނދު ލައްވާލާވަރުގެ ގޮވުންތައް ގޮއްވާލައިގެން ވިޔަސް، އަދި ތިމާގެ ޖާނަށް ގެއްލުންދީގެން ވިޔަސް، ތިމާގެ ޖާހަތާއި އިއްޒަތާއި ލައްޒަތު ބޮޑުކުރަން އުޅޭ ވެރިންނެވެ.

މީގެ 8 އަހަރު ކުރިއެވެ، ބޯމަތީގައި އޮތީ 2013ގެ ރިޔާސީ އިންތިހާބެވެ. އޭރު އެންމެ މަޝްހޫރު އެއް ދީނީ އިލްމުވެރިޔާ، އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު އަލްމަރްހޫމް ޑރ. އަފްރާޝީމް އަލީ ވަނީ 2013 ގެ ރިޔާސީ އިންތިހާބުގައި ޒައީމު ވާދަ ނުކުރައްވާނަމަ، ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމުގެ އިޝާރާތެއް ކުރައްވާފަ އެވެ. އަފްރާޝީމަކީ ޒައީމު ދެކެ ވަރަށް ލޯބިވާ އަދި ޒައީމަށް ވަރަށް އިހުތިރާމް ކުރައްވާ ބޭފުޅެކެވެ. ހަމަ އެގޮތަށް ޒައީމް ވެސް އަފްރާޝީމަށް ވަރަށް ބޮޑަށް އިތުބާރު ކުރައްވާ ކަމަށް ވެއެވެ. އަދި އޭރުގެ ސިޔާސީ މަޝްރަހަށް ބަލާއިރު، ކޮއްކޯފުޅަށް އެންމެ ބޮޑު ގޮންޖެހުމަކަށް އޮތީ ވެސް ޕީޕީއެމްގެ ޕަރައިމަރީގައި އަފްރާޝީމް ވާދަކުރައްވާ ނަމަ އެކަމެވެ.

ކަން ވެގެންދިޔަގޮތް ނިކަން ވިސްނާބަލާށެވެ. އެންމެފަހުން، ޕީޕީއެމް ޕްރައިމަރީއަށް ދިޔައިރު، އަފްރާޝީމެއް މިދުނިޔެއަކު ނެތެވެ. ހިތާމައިގެ ކޮޅެއް ނެތެވެ. މިފަހުން، އިންސާނަކު، ކޮށާކުދިކުދި ކޮށްލި، ލާއިންސާނީ މިއަނިޔާ ހިންގިއިރު، ބަޣާވާތަކުން ވެރިކަން ކުރަމުންދިޔަ ސަރުކާރު އޮތީ، ގާފުރޮޅާށެވެ. އަފްރާޝީމްގެ މަރުގެ މައްސަލައަކީ ރައްޔިތުން އެމައްސަލައިގެ ހަގީގަތް އެނގެން ބޭނުންވެ، ކެތްމަދުވެފައި އޮތް މައްސަލައެކެވެ. އަފްރާޝީމްގެ މަރުގެ މައްސަލަ އެ ބަޣާވާތުގެ ސަރުކާރުން ފަހުން ގެންގުޅުނީ، ސިޔާސީ ހަތިޔާރެއްގެ ގޮތުގައެވެ. ކޮންމެ އިންތިހާބެއް ނުވަތަ، ގައުމުގައި ހިނގާ ކޮންމެ ހަމަނުޖެހުމެއްގައި ސަރުކާރުގެ އިސްވެރިން ނިކުމެ ވަޑައިގެން، ޕްރެސްތައް ދެއްވައެވެ.

އެއްހަފަރަކު، އޭރު ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް، އާދެ "ރިޔާޒް ސާރ" ނިކުމެވަޑައިގެން، އަފްރާޝީމް މަރުގެ މައްސަލާގައި ނުފުރޮޅާނެ އެންމެ ގާކޮޅެއް ވެސް ނުބާވާނަމޭ ވިދާޅުވެދާނެ އެވެ. އަނެއްފަހަރު، އޭރު ހޯމް މިނިސްޓަރަކަށް ހުންނެވި، ޑރ. ޖަމީލު ނިކުމެވަޑައިގަންނަވައި، އަފްރާޝީމްގެ މަރުގެ މައްސަލާގައި ނުފުރޮޅާނެ ހަމައެންމެ ގާ ކޮޅެއްވެސް ނުބާއްވާނަމޭ ވިދާޅުވެދާނެ އެވެ. ދެން ހުންނެވީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އެވެ. ޝަހީމު ނިކުންނަވައި، އަފްރާޝީމް އަވަހާރަކޮށްލި މީހުންނަށް މަރުގެ އަދަބު ދެއްވާނެ ކަމަށް ވިދާޅުވެދާނެ އެވެ. މިނޫން ވާހަކައެއް އޭރު ނުދައްކަ އެވެ. އެކަމަކު، ބަޣާވާތުގެ ވެރިކަން ނިމި، ގަޓު ރައީސްގެ ވެރިކަމުގެ ފަސް އަހަރު ނިމިގެންދިޔައިރު ވެސް އެބުނާ އަފްރާޝީމްގެ މަރުގެ މައްސަލައިގެ ހަގީގަތެއް ދިވެހި ރައްޔިތުންނަށް ސާފުވާވަރެއް ނުވެއެވެ.

މަރަށް މަރު ހިފާނެ ވާހަކަޔާއި، ލީތަލް އިންޖެކްޝަން ޖަހާނެ ވާހަކައާއި، މޮނިކޮން ޓެގު އަޅުވާނެ ވާހަކައާއި، ޖަލުތަކުގައި މަންޑޭލާ ރޫލްސް ހިންގާނެ ވާހަކަ، ދައުރު ނިމުނު އިރުވެސް އޮތީ ކުލަ ނުޖެހުނު ބިލާހެއްގެ ގޮތުގައެވެ. މަގެ ދީނާ މަގެ ޤައުމާ ނުކުޅެއްޗޭ ކިޔާލަ ކިޔާލަ ތިބެގެން، މީހުން ލޮލުގަ ފިސާރި ރަނގަޅަށް އަދުން އެޅުވީއެވެ.

ސާފުވާ ދެތިންކަމެއް އެބައޮތެވެ. ކުރިން ބުނިހެން، 2013ގެ ރިޔާސީ އިންތިހާބުގައި ޒައީމު ވާދަ ނުކުރައްވާނަމަ، ވާދަކުރެއްވުމުގެ ޝައުގުވެރިކަން އަފްރާޝީމް ފާޅު ކުރައްވާފައި ވަނިކޮށް، ގަޓު ކޮއްްކޯފުޅާއެކު ޕީޕީއެމް ޕްރައިމަރީގައި ވާދަކުރެއްވި އަނެއް ކެންޑިޑޭޓް ކޮއްކޯފުޅަށް ކުރެއްވި ތުހުމަތުތަކަކީ ބޮޑެތި ތުހުމަތުތަކެކެވެ. އެތުހުމަތުތަކީ ހަގީގަތެއް އެކުލެވޭ ތުހުމަތުތަކެއް ނަމަ، އެއީ އިންސާނުންގެ ތެރެއަށް ދޫކޮށްލާފައި ބަހައްޓަން ހެޔޮވާ ވަރުގެ ބޭފުޅެއް ނޫނެވެ. އަދި އެތުހުމަތުތަކަށް ބާރުދޭ ހެކި އޭރުވެސް އަދި ގަޓު ބޭފުޅާ ރައީސްކަމަށް ވަޑައިގެންނަވައި 5 އަހަރުގެ ދައުރު ނިންމާލިއިރު، ދައުލަތުގެ ހަރުމުދަލަށް ވެފައި ހުރިގޮތާއި ދައުލަތުގެ މާލިއްޔާއަށް ހަދާލިގޮތާއި ވެރިކަމުގައި ހިންގާފައިވާ ޖަރީމާތަކުން ފެންނަން އެހުރީ ނޫންތޯ އެވެ.

އަފްރާޝީމް އަވަހާރަ ކޮށްލިއިރު، އިސްލާމިކް މިނިސްޓަރަކަށް ޝަހީމް ހުންނަވައި، ބަޣާވާތުގެ ވެރިކަމާއި، ގަޓު ރައީސްގެ އަނިޔާވެރި އަދި ވައްކަމާއި ހިޔާނާތުގެ ވެރިކަން ދިފާއު ކުރައްވަން، އެންމެ ގާތް އެކުވެރިންނާ ދެކޮޅަށް ނިކުންނަވައި، އަދި ނިމިދި 2018 ގެ ރިޔާސީ އިންތިހާބުގެ ރަނިންގ މޭޓަކަށް ވެވަޑައިގެންނެވި ވެވަޑައިނެވުމާއި، ދީނީ އިލްމުވެރިޔަކަށް ހުންނަވައި، ގަޓު ރައީސަށްޓަކައިވި ގުރުބާނީއަކީ އެކަމުގައި ކޮންމެވެސް ހިކުމަތެއްވާކަމެއްކަމަށް ބައެއް ފަރާތްތަކުން ގަބޫލު ކުރެއެވެ. އަދި ހަމަ މިގޮތަށް، އަފްރާޝީމް އަވަހާރަ ކޮށްލިއިރު، ހޯމް މިނިސްޓަރަކަށް ހުންނެވި، ޖަމީލު 2013ގެ ރިޔާސީ އިންތިހާބުގައި ރަނިންގ މޭޓަކަށް ގެންނަވައި، ނައިބު ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު، އަޑެއްބަޑެއް ނީވެ، ސައިލެންޓް މޯޑްގައި ބެހެއްޓެވުމަށްފަހު، ދެން ފެނުނީ ނާއިބު ރައީސްކަމުގެ މަގާމުން ދުރުކުރި ތަނެވެ. އެއަށްފަހު، ޖަމީލު ގަޓު ރައީސްފުޅާމެދު ދެއްކިވި ވާހަކަތަކަކީ، ހުތުރު ވާހަކަތަކެކެވެ.

ޖަމީލު، ގަޓު ރައީސަށް ނިސްބަތް ކުރައްވާ ދެއްކި ވާހަކަތަކަކީ މިހާތަނަށް އިދިކޮޅު ކީކުއްރަންތޯ އެވެ. އިންސާނަކު ގަޓު ރައީސަށް ނިސްބަތް ކުރައްވާ ދައްކާފައިވާ ވާހަކަތަކަށް ވުރެ ހުތުރު ވާހަކަ ތަކެކެވެ. އަދި ނައިބު ރައީސް ކަމުގެ މަގާމުން ވަކިކުރެއްވުމުން ޖަމީލުގެ ހިތަށް ކުޅަ އަސަރުގެ ބޮޑުކަމުން އިންތިހާއަށް ލައިވް މީޑިއާ ކުރިމަތީ ކީރިތި ކުރެއްވުނެވެ. މިކަމުގެ ސަބަބުން ގަޓު ރައީސާމެދު ވަރަށް ބޮޑަށް ނަފްރަތް އުފެދިގެން ދިޔަކަން ޖަމީލުގެ ވާހަކަތަކުން ހާމަވެއެވެ. އޭގެ ހެކި މިހާރުވެސް އެހުރީ ފެންނާށެވެ. އޭރު ގަޓު ރައީސަށް ނިސްބަތް ކޮށް ދެއްކި ވާހަކަތައް މިއަދު އެވަނީ އަނެއްކޮޅަށް ޖައްސަވާފަ އެވެ. މިއަދު ޖަމީލަށް ގަޓު ރައީސް ވަރެއް ނެތެވެ. މިއީވެސް މިކަމުގައި ކޮންމެވެސް ހިކުމަތެއް އޮތްކަމެއް ކަމަށް ބައެއްފަރާތްތަކުން ގަބޫލު ކުރެއެވެ. ހަގީގަތް އެނގޭނީ، ގަޓު ރައީސަށާއި ޖަމީލަށާއި ޝަހީމަށާއި، އަދި ރިޔާޒު ސާރ އަށެވެ.

ބަޣާވާތުގެ ވެރިކަމާއެކު، ޑރ. އަފްރާޝީމް މަރުގެ އިތުރުން އަނިޔާވެރި ގޮތަކަށް މީހަކު މަރާނުލާ އެންމެ މަހެއްވެސް ނުދެއެވެ. ޑރ. އަފަރާސީމްގެ މަރާ ގުޅުންހުރި ބައެއް މަރުތައްވެސް ހިނގާފައިވާ ކަމަށް އޭރުވެސް ބައެއް ފަރާތްތަކުން ބުނަމުންދިޔަ އެވެ. ހަމައެގޮތަށް ގަޓު ރައީސްގެ ވެރިކަމުގައި މީހުން ވަގަށް ނެގުމާއި، ތޫނު އެއްޗެހި ބޭނުންކޮށްގެން މީހުން މެރުން އިންތިހާއަށް އިތުރުވެފައި ވެއެވެ. ރިލްވާން ވަގަށް ނަގައި މަރާލި މައްސަލައަކީ ގަޓު ރައީސްގެ ވެރިކަމުގައި އެސަރުކާރަށް ކުރެވޭ ތުހުމަތަކެވެ. ރިލްވާނު މަރަށްފަހު، މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ވެސް ސަރުކާރަށް ތުހުމަތު ކުރެވިފައި ވެއެވެ. ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އަފްރާޝީމާއި ރިލްވާން އަދި ޔާމީން ރަޝީދުގެ މަރާ ގުޅުންތައް އެބަ ހުއްޓެވެ.

އެއީ މަރުގެ މައްސަލަތަކެވެ. ދެން އޮތީ، ތަންތަން ރޯކުރުމާއި ރޯކޮށްލަން ގޮވާލުން ފަދަ ޓެރަރިޒަމަށް ހިތްވަރުދޭ ކަންކަމެވެ. ގަޓު ރައީސްގެ ވެރިކަމުގައި ކުރީގެ އޮޑިޓަރ ޖެނެރަލް އެ ހާދިސާ ސިފަކުރައްވަނީ" ސްޓޭޓް ސްޕޮންސަރް ޓެރަރިޒަމް" ގެ ގޮތުގައެވެ. ނުކުރެވެންވީ ސަބަބެއް ވެސް ނެތެއް ނޫންތޯ އެވެ. އޮޑިޓް އޮފީސްވެސް ރޯކޮށްލުމުގެ ވިސްނުން ގަޓު ރައީސްގެ ޒަމާނުގައި ގެންގުޅުނު ކަމަށް ވެއެވެ. ގަޓު ރައީސްގެ ވެރިކަމުގައި ރާއްޖޭޓިވީގައި ބޮޑު ހުޅުޖަހާ، އަންދާލައި ބޮޑެތި ގެއްލުންތަކެއް ދީފައި ވެއެވެ. މިކަމުގައި ވެސް ގަޓު ރައީސްގެ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރެވެއެވެ.

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލުމާއި މާލޭގެ މަގުމަތިން ގޮވާތަކެތި ފެނުމަކީ ވެސް ހަމަ ގަޓު ރައީސްގެ ވެރިކަމުގައި އިދިކޮޅު ޕާޓީއެއްގެ އެއްވެސް ދައުރެއްނެތި، އަދި ތުހުމަތެއް ވެސް ނެތި ކޮންމެވެސް ބަޔަކު ހިންގާފައިވާ އަމަލުތަކެވެ. މިމައްސަލަތަކުގައި އެޅެނީ ހަމަ ގަޓު ރައީސްގެ ސަރުކާރަށް ނިންސްބަތްވާ ބަޔެކެވެ. ކުރިންވެސް ބުނިހެން ވެރިކަމުގެ ޖާހަތު ބޮޑުކުރުމަށް ކޮށްފަ ނުކުރައްވާނެ ކަމެއް ގަޓު ރައީސުންނަކަށް ނޯންނާނެތާއެވެ.

މިހާރަކު ގަޓު ރައީސެއް ވެރިކަމުގައި ނެތެވެ. ނަމަވެސް އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވުމުގެ މަސައްކަތްތައް ބަރާބަރަށް ކުރިއަށް އެބަދެ އެވެ. އަދި އެމަނިކުފާނު ވެރިކަމަށް ގެންނަން މަސައްކަތް ކުރަމުންދާ މީހުން ދަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގަން ގޮވާލަމުން ނެވެ. އެގޮވާލުންތަކާއެކުހެން، އިއްތިފާގުން ވިޔަސް، މާލޭގައި އަލިފާނުގެ ނުރައްކާތެރި ހާދިސާތައް ތަކުރާރުވާން ފަށައިފި އެވެ، ނުރައްކާތެރި އިންޒާރުތައް ދޭން ފަށައިފި އެވެ.

މިހާރު ވެރިކަމަށް ކުރަމުންދާ ރައީސުލްޖުމްހޫރިއްޔާގެ ހަށިކޮޅުގައި އަލިފާން ރޯކުރުމަށް ގޮވަމުންދާއިރު، މީސްމީހުން ދައްޖައްސަން ގޮވުމާއި، ޤައުމުގެ ކުރީގެ ރައީސުން ކަރު ބުރިކުރަން ގޮވުމާއި، ޓެރަރިޒަމަށް ހިތްވަރުދޭ އަމަލުތައް ހިންގުމަށް ގޮވާލުތައް ގިނަވެފައި އާއްމު ވެއްޖެ އެވެ.

ލާއިންސާނީ ގޮތަކަށް އަފްރާޝީމް އަވަހާރަކޮށްލި އެވެ. މިވީހާތަނަށް ފުލުހުންނަށް އެކަމުގައި ހޯދުނު ކުރިއެރުމެއް ނެތެވެ. ރިލްވާން ވަގަށްނަގައި މަރާލީއިރު، އިންޒާރުތައް ދެމުންދިޔަ އެވެ. ފުލުހުންނަށް އެއީ ކަމަކަށް ނުވި އެވެ. އޭގެ ފަހުން ރިލްވާނުގެ އާއިލާއަށް އިންސާފު ހޯދަން އަމިއްލަ ފަރުދެއް، އަދި ރިލްވާންގެ ރަހުމަތްތެރިއެއްގެ ހައިސިއްޔަތުން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ޔާމީން ރަޝީދަށް އިންޒާރުތައް ދެމުންދިޔަ އެވެ.

ނުވިތާނަށް ފުލުހުންނަށް ތަކުރާރުކޮށް ރިޕޯޓްކޮށްފައި ވެއެވެ. އެންމެފަހުން، އޭނާ ވެސް މަރާލީ އޭނާގެ ހަށިގަނޑުގެ 36 ތަނަކަށް ތޫނު އެއްތަކުން ހަމަލާ ދިނުމަށްފަހުގަ އެވެ. މިކަމުގައިވެސް ދިވެހި ފުލުހުންނަށް ކުރެވުނު ކަމެއް ނެތެވެ. އެންމެ ރަނގަޅެވެ، އެއީ އެބުނާ ގަޓު ރައީސްގެ އަނިޔާވެރި ވެރިކަމެވެ. އަނިޔާވެރި ވެރިކަން ކަމުނުގޮސްގެން ދިވެހި ރައްޔިތުންގެ ވޯޓުން އެވެރިކަމުން މިންޖު ވެއްޖެތާ ދޮޅު އަހަރު ވެގެންދިޔައިރު ވެސް ފުލުހުންގެ މުއައްސަސާއިން އަދި ދައުލަތުގެ އެހެނިހެން މުއައްސަސާތަކުން ވެސް ދިވެހި ރައްޔިތުން އެދޭ ހެޔޮ ބަދަލެއް ނުފެނެ އެވެ. ކުރިއެކޭ ވަކި ތަފާތެއް ނުފެނެ އެވެ.

ތަފާތަކަށް ފުލުހުންގެ މުއައްސަސާއިން ފެނުނީ އެންމެ ކަމެކެވެ. އެއީ ސިޔާސީ މީހުން ފަހާދުވެ، ހައްޔަރު ނުކުރާކަން އެކަންޏެވެ. އެކަމަކީ ވެސް އަދި ފުލުހުން ބޭނުންވިޔަސް ކުރެވޭ ޒާތުގެ ކަންކަމެއް ނޫނެވެ. އެއީ ވެރިކަމުގައި ހުންނަ މީހާގެ ބާރެއް ވެސް ލިބިގެން ހިންގާ ކަންކަމެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ސިޔާސީ ވާދަވެރިން ފަހާ ދުވަން ބޭނުންފުޅު ނުވާތީ ފުލުހުންނަށް އެކަން ނުވެއޮތީ އެވެ. އެހެން ނޫނަސް މިހާތަނަށް ފުލުހުން އެބޭފުޅެއް ފަހާ ދުވެ، ހައްޔަރުކޮށް އަނިޔާ ކުރި، ބޭފުޅަކަށް ހުންނެވީ ރައީސް ނަޝީދު އެވެ. މިހާރު ރައީސް ނަޝީދު އެހުންނެވީ ދައުލަތުގެ އެއްބާރުގެ ވެރިޔާގެ މަގާމުގަ އެވެ. އާދެ، އެމަނިކުފާނަކީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ.

މިގައުމު ހަމަ މަގަށް އުޅުވަން ބޭނުންނަމަ، ފުރަތަމަ އިސްލާހު ކުރަންވީ، ޗެނަލް13 އެއް ނޫނެވެ. ހުއްޓުވަންވީ އިދިކޮޅު ހަރަކާތްތަކެއް ވެސް ނޫނެވެ. ފުރަތަމަ އިސްލާހު ކުރަންޖެހެނީ ފުލުހުންގެ މުއައްސަސާއާއި ތަހުގީގީ އެހެނިހެން އިދާރާތަކެވެ. ޖިނާއީ އަދުލްގެ ނިޒާމު ފުރިހަމައަށް އެކްޓިވްވެގެން ނޫން ގޮތަކަށް މިގައުމު ރަނގަޅުވާނެ ތަނެއް ނުފެނެއެވެ.

ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގާވަރަކަށް ހިނގަނީ އެވެ. މިވަނީ ކިހިނެއް ކަމެއް ބެލޭނީ ވެސް އިހުލާސްތެރިކަމާއެކު އެކަމެއް ތަހުގީގު ކުރިއްޔާ ނޫންތޯ އެވެ. މީސްމީހުން ގައިގާ ރޯކުރުމަށް ގޮވާލުމާއި މީސްމީހުން ކަރު ބުރިކުރުމަށް ގޮވާލުމާއި ދަންޖައްސަން ގޮވާލުމާއި ތަންތަނުގައި ހުޅުޖަހަން ގޮވާލުމާއި، ގައުމަށް ގެއްލުވާ ގޮތަށް ސިޔާސީ މަންފާއެއް ހޯދުމަށް ބޭރު ގައުމުތަކާއި ޖައްސާލައި، ރާއްޖޭގައި ތިބި ބޭރުބަޔަކު މަރަން ގޮވުމަކީ ގައުމީ ސަލާމަތަށް ހުރި ބޮޑެތި ބޮޑެތި ނުރައްކާތެރި ވާހަކަތަކެވެ. މިއަދު މިވާހަތަކަށް ބީރުކަންފަތެއް ދީގެން ތިއްބައި، އަފްރާޝީމާއި ރިލްވާނާއި ޔާމީން ރަޝީދުމެން ފަދަ އެތައް ދިވެހި ދަރިންނެއް އަނިޔާވެރި ގޮތަކަށް މަރާލި ފަދައިން، ރާއްޖެޓީވީގައި ބޮޑު ހުޅު ޖެހިފަދައިން، ބޮޑެތި ޖަރީމާތައް ހިންގާތަން ފެނުމަކީ ދުރުކަމެއް ނޫނެވެ.

މިރާއްޖޭގައި ބުނެލާފައި، ކީއްކުރަންތޯ އެވެ. އިއުލާން ކޮށްލާފައި ހަރާމް ބަޣާވާތެއް ކުރިއެވެ. މާރާލާނެ ކަމަށް ބުނެ އިންޒާރު ދިނުމަށްފަހު މީހުން މަރާފައި ވެސް އެބަހުއްޓެވެ. އެކަމަކު މިއީ ވެސް ދައުލަތެއްގެ ސިފާގައި ހިނގާ ގައުމެއްވިޔާ އެވެ. ފުލުހުންނާއި ސިފައިން އަދި ވަރުވަރުން ދައުލަތުގެ އެކިއެކި މުއައްސަސާތައް ހަދައިގެން ބޮޑެތި މުސާރަތައް ނަގައިގެން ތިބޭއިރު، ނަންގަވާ މުސާރަ ހަލާލުކޮށްލަން ވާނެ ނޫންތޯ އެވެ. އެހެންނޫނީ ތިއީ ކީއްކުރާ ބައެއްތޯ އެވެ.

މިގައުމުގައި ޖަރީމާ ހިންގަނީ ކޮންބައެއްކަން ހަމަ ބުއްދިހުރި ސިކުނޑިއަކުން ވިސްނާ މީހަކަށް އެނގޭނެހާ ސާފެވެ. ބަޔަކު ފާޅުގައި ޓެރަރިޒަމަށް ހިތްވަރުދޭ އިރު، ޔުނީ ފޯމް އަޅުއްވައިގެން، މޭމަށްޗަށް ކުލަ ފޮށީގައި ހުރިއްޔާ ހުރި ކުލައެއް އަރުވައިގެން، ކޮނޑަށް ކާއިނާތުގައިވާހާ ތަރިތަކެއް އަރުވައިގެން ތިއްބެވުމުގެ ބޭނުމެއް އެބައޮތްތޯ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
8 ސެޕްޓެންބަރ 2020 | އަންގާރަ 23:08
ރާގުންޑާ
މަގޭ ކޮނެންޓް ޖަހާލަ ދެއްޗޭ މޭގަ ލޮނުމިރުސްގަނޑެއް ބާއްވާލައިފެން ނަމަވެސް. ކަކަކަކަ
8 ސެޕްޓެންބަރ 2020 | އަންގާރަ 10:03
ވަގު
7 ގުދު އޮންނަ މީހާވެސް 1 ގުދު އޮންނަމީހާޔާ ދިމާލައް ވެސް ގޮވަނީ ގުދޯ ގުދޯ!
8 ސެޕްޓެންބަރ 2020 | އަންގާރަ 08:21
ކުޑަހުވަދޫ
ކަލޯ ގެޔާ މިއޮށް ލިޔުމެއް. މި ލިޔުމުގައި މި ސަރުކާރު އައިސް މަރު ކޮމިޝަން ހައްދަވައިގެން މަރު ތަށް ތަޙްގީގުކޮށް ނެރުއްވި ރިޕޯޓްގެ ވާހަކަ ވެސް ހިމަނާލި ނަމަ އަދި ވަރަަށް ފުރިހަމަ ވިސް.