ޑަބްލިޔުއެޗްއޯއިން މާސްކް އެޅުމަށް އެންގުމުގެ ކުރިން އަޅުގަނޑު މާސްކް އަޅަން ފަށައިފިން: ވަހީދު
30 އޯގަސްޓު 2020 | އާދީއްތަ 13:22އޭޕްރީލް 3 ވަނަ ދުވަހުން ފެށިގެން މާސްކް އަޅަން


ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން މާސްކް އެޅުމަށް އެންގުމުގެ ކުރިން މާސްކް އަޅަން ފެށި ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ ހިލާފުވުމުގެ ސަބަބުން ރައީސް ވަހީދު ފުލުހުން އޮފީހަށް ހާޒިރު ކުރުމާއި ގުޅިގެން މީޑިއާތަކަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ އެމަނިކުފާނަކީ ރާއްޖެއިން ފުރަތަމަ މާސްކް އަޅަން ފެށި މީހުންގެ ތެރެއިން އެކަކު ކަމަށެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ރާއްޖޭގައި މާސްކް އަޅަން އެންގުމުގެ ކުރިން އެމަނިކުފާނު މާސްކް އަޅުއްވަން ފައްޓެވި ކަމަށް ވަހީދު ވިދާޅުވިއެވެ. އެގޮތުން އޭޕްރިލް މަހުގެ 3 ވަނަ ދުވަހުން ފެށިގެން މާސްކް އަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
ހުކުރު ދުވަހު ކުރިއަށް ގެންދިޔަ ޕީޕީއެމް-ޕީއެންސީން ސަރުކާރާ ދެކޮޅަށް ބޭއްވި އިހުތިޖާޖުގައި އުޅުއްވީ މާސްކް އަޅައިގެން ކަަމަށާއި ނަމަވެސް އިހުތިޖާޖުގެ ބައިވެރިންނާ ވާހަކަދެއްކެވުމަށް މާސްކް ނެންގެވީ އިމާރާތުގެ އިމުގެ ތެރޭގައި ހުރެގެން ކަމަށް ވަހީދު ވިދާޅުވިއެވެ. އަދި ވިދާޅުވީ ތިން ފޫޓަށް ވުރެ ކައިރީގައި އެއްވެސް މީހަކު ނެތް ކަމަށެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އިޝާރާތް ކުރައްވައި ވަހީދު ވިދާޅުވީ ރައީސްކަން ކުރެއްވި ބޭފުޅުން ފޮތެއް ނެރުވުމުގެ ހަފްލާގައި ވެސް މާކްސް ނާޅާ މީހަކު އުޅުއްވި މަންޒަރު ފެނިގެން ދިޔަ ކަމަށެވެ. އަދި ބޭރުގެ ގައުމަކަށް ފުރާވަޑައިގަތުމަށް އެއަރޕޯޓުގައި ވެސް ބައެއްގެ ތެރޭގައި ހުންނެވީ މާސްކް އެޅުމެއް ނެތި ކަމަށް ވަހީދު ވިދާޅުވިއެވެ. ނަމަވެސް އެކަން މައްސަލައަކަށް ނުވެ އެމަނިކުފާނު ވާހަކަ ދެއްކެވުމަށް މާސްކް ނެގުމުން ފުލުސް އޮފީހަށް ހާޒިރުކޮށް މައްސަލަ ތަހުގީގު ކުރަން ޖެހޭ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރު ކުރަނީ ސަރުކާރާ ދެކޮޅަށް އަޑުއުފުލައި، ސަރުކާރުގެ އިދިިކޮޅު ޕާޓީއާ ގުޅިވަޑައިގެން މަސައްކަތް ކުރައްވާތީ ކަމަށެވެ. އަދި އިތުރު އެއްވެސް ސަބަބެއް މިކަމުގެ ފަހަތުގައި ނުވާ ކަމަށް ވަހީދު ވިދާޅުވިއެވެ.








