އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް އޮންލައިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށް ފޯރުކޮށްދެމުންދާއިރު އޮންލައިންކޮށް 250 ފަރާތެެއް ފޯމް ހުށަހެޅިއިރު އޭގެ ތެރެއިން 219 ފަރާތަކަށް ބުދަ ދުވަހު ހިދުމަތް ދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ސަރުކާރު އޮފީސްތައް ބަންދުކުރުމުން އިކޮނޮމިކް މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ޚިދުމަތްތައް ދޭން ފަށާފައިވަނީ އޮންލައިން ބިޒްނަސް ޕޯޓަލް މެދުވެރިކޮށެވެ. އިކޮނޮމިކް މިނިސްޓްރީން އަންނަނީ ކޮންމެ ދުވަހަކު ވެސް އެ މިނިސްޓްރީން ދުވާލެއްގެ ހިދުމަތް ހޯދާފައިވާ ފަރާތްތަކުގެ ތަފާސް ހިސާބުތައް ހާމަކުރަމުންނެވެ.
އެގޮތުން ބުދަ ދުވަހު ކަސްޓަމަރ ސަރވިސް ސެންޓަރު މެދުވެރިކޮށް 138 ފަރާތަކަށް ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ.
އޮގަސްޓް މަހުގެ 11 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 1453 ފަރާތެއް އޮންލައިންކޮށް އެ މިނިސްޓްރީގެ ހިދުމަތްތައް އެދި ފޯމު ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 1235 މީހަކަށް ހިދުމަތް ފޯރުކޮށްދީފައިވާކަން ތަފާސް ހިސާބުތަކުން އެނގެއެވެ.
ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި ގުޅިގެން އެ މިނިސްޓްރީން ވަނީ ބައެއް ހިދުމަތްތައް އޮންލައިންކޮށް ދޭން ފަށާފައެވެ. އެގޮތުން ސަރުކާރުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 14:00 އަށް އޮންލައިންބިޒްނަސް ޕޯޓަލްމެދުވެރިކޮށް ހިދުމަތްތައް ދޭން ވަނީ ފަށާފައެވެ.
އަދި އޮންލައިން ޚިދުމަތްތައް ފިޔަވައި އެހެނިހެން މުހިންމު ޚިދުމަތަކަށް އެދޭ ފަރާތްތަކުންއީމެއިލްކުރުމުން ޚިދުމަތް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި މިނިސްޓްރީގެ ލައިވްޗެޓް މެދުވެރިކޮށް އާންމު މަޢުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ ހަމަޖައްސާފައިވާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ގޭގައި ތިއްބަވައިގެން ކުރެއްވެން ހުރި މަސައްކަތްތައް، ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ކޮވިޑް-19 ފެތުރޭތީ އެކަން ކޮންޓްރޯލްކުރުމަށް މާލެ ސިޓީ ލޮކްޑައުންކޮށްފައި އޮތްއިރުވެސް މިނިސްޓްރީ ތަކުން ވަނީ އޮންލައިން މެދުވެރިކޮށް ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދީފައެވެ.