15،000 ޕީސީއާރު ޓެސްޓު ކިޓް އެބަހުރި، ކުރިއަށް އޮތް ހަފްތާ ތެރޭގައި 10،000 ކިޓް ލިބޭނެ: އެޗްއީއޯސީ
20 އޯގަސްޓު 2020 | ބުރާސްފަތި 02:05ކިޓަކުން ގާތްގަނޑަކަށް 200 ވަރަކަށް ޓެސްޓު ހެދޭނެ


މާލެސިޓީ މަގެއްގައި ރެމްޑަމް ސާންޕަލް ނެގުމުގެ ތެރެއިން
ރާއްޖޭގައި 15،000 ޕީސީއާރު ޓެސްޓު ކިޓް އެބަހުރި ކަމަށާއި، އިތުރު ކިޓްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.
ބުދަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖޭގައި ގާތްގަނޑަކަށް 15000 ޓެސްޓިން ކިޓް އެބަހުރި ކަމަށާއި، ކިޓަކުން ގާތްގަނޑަކަށް 200 ވަރަކަށް ޓެސްޓު ހެދޭނެ ކަމަށެވެ. އަދި ވިދާޅުވީ ސްޓޮކުގައި ހުރި ކިޓްތަކުގެ އިތުރުން ކޮންމެވެސް ވަރަށް ހޮސްޕިޓަލުގައި ވެސް ކިޓުތައް ހުންނާނެ ކަމަށެވެ.
އިތުރު ޓެސްޓު ކިޓްތައް ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާ ޑރ. ނަޒްލާ ވިދާޅުވީ ކުރިއަށް އޮތް ހަފްތާ ތެރޭގައި 10،000 ކިޓް ލިބޭނެ ކަމަށެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑް-19 މުޅި ދުނިޔޭގައި ހަލުވިމިނެއްގައި ފެތުރެމުންދާއިރު ބައްޔާ ގުޅޭ އާލަތްތައް ދުނިޔޭގެ މާކެޓްގައި ލިބެން ހުންނަނީ ވަރަށް ލިމިޓެޑް ކޮށް ކަމަށެވެ. ރާއްޖެއަށް ވެސް ހުސްނުވާ ވަރަށް ސަޕްލައިތައް ލިބޭނެ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ޖީން އެކްސްޕާޓް ކާޓްރިޖަކީ ވެސް ދުނިޔޭގައި ވަރަށް ލިމިޓެޑް އެއްޗަކަށް ވުމުން، އެ އެއްޗެހި ބޭނުން ކުރަނީ ވެސް ވަރަށް ބަލައިގެން ކަމަށެވެ.







