ނޯ ކޮންފިޑެންސްއަށް ފައްޔާޒުގެ ބަސް: މިއީ އަޅުގަނޑުގެ ފައިޓެއް ނޫން
މި ސަރުކާރު ގެނައުމުގެ މަޤްސަދުތައް ހާސިލު ވަމުންދާކަމަށް ވިދާޅުވި


އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް- މިނިސްޓަރ ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރައްވާނީ ސަރުކާރުގެ މެނިފެސްޓީ ތަންފީޒު ކުރެއްވުމަށް ކަމަށް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރުނެތް ކަމުގެ މައްސަލައާ ގުޅޭގޮތުން އެމަނިކުފާނުގެ ޝުއޫރުތައް ހިއްސާ ކުރައްވައިފިއެވެ.
ބުރާސްފަތި ދުވަހުގެރޭ ރާއްޖެޓީވީގެ "ފަލަސުރުޙީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްދާކަމުން ދޭހަވަނީ މި ސަރުކާރު ގެނައުމުގެ މަޤްސަދުތައް ހާސިލުވަމުންދާ ކަމެވެ. އެގޮތުން އެކަން ރަނގަޅު ނަމަވެސް ނުވަތަ ގޯސް ނަމަވެސް، މިއަދު ސަރުކާރު ހިންގާ ޕާޓީގެ ވަޒީރެއްގެ އިތުބާރު ނެތްކަމަށް އަޑު އުފުލުމުގެ ޙައްޤު ހޯދާދެވިފައިވާކަން ދޭހަވާކަން މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، "ނޯ ކޮންފިޑެންސް" ނަގަން ޖެހޭ ވަރުގެ ކަމެއް ކުރައްވާފައި ނުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި އެ ޚަބަރު ލިބުމާ ހަމައަށްވެސް މިނިސްޓަރުގެ އެއްވެސް މައްސަލައެއް އޮތްކަން އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ނޯ ކޮންފިޑެންސް މައްސަލަ ވައްދަން ސޮއިކުރެއްވި ބޭފުޅުންނަށް މި މައްސަލައާ ގުޅިގެން ގުޅުއްވަން ބޭނުންފުޅު ނުވާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، މިއީ "އެ މަނިކުފާނުގެ ފައިޓެއް" ނޫންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ކުރައްވާ މަސައްކަތްޕުޅާ ގުޅިގެން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ ކުޑަވެސް ސަބަބެއް ނޯންނާނެ ކަމަށެވެ. އެހެން ނަމަވެސް މިނިސްޓަރާ ދޭތެރޭގައި އޮންނަ ހިތްހަމަނުޖެހުމެއްގެ ސަބަބުން އެހެން އެކަންވުން އެކަށީގެންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، ކެނޑިނޭޅި އަބަދުވެސް މަސައްކަތް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙުގެ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒު ކުރުމަށް ކަމަށެވެ.
ވަކި މަސައްކަތްތަކެއް އަވަސް ކުރުމަށް މަސައްކަތް ކުރައްވާކަމުގެ ތުހުމަތުތަކާ ގުޅިގެން މިނިސްޓަރ ވިދާޅުވީ، ދާއިރާތަކުގެ ރައްޔިތުން ފާޅުކުރާ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، މަޖިލީހުން އެކަންކަން ކުރިއަށްދާ ނުދާ ގޮތް ބައްލަވާފައި ހުންނާނެ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެކި ކަހަލަ ފާޑުކިއުންތައްވެސް ބައެއް ފަރާތްތަކުން އަމާޒު ކުރާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ރައްޔިތުންނަށް ލާބަ ހުރި ކަންކަމުގައި އަދިވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރުނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން 25 މެމްބަރުންގެ ސޮއި ވަނީ ހޯދާފައެވެ. ފައްޔާޒުގެ އިތުބާރުނެތް ކަމުގެ މައްސަލަ ވައްދަން ސޮއި ހޯދަން އުޅޭ ވާހަކަތައް މީޑިއާގައި ތިލަވުމާ އެކު، އޭނާގެ ދިފާއުގައި މަޖިލިސް މެމްބަރުންނާއި އާންމުންގެ ބައެއް ފަރާތްތަކުން ވަނީ ޝުއޫރު ފާޅުކޮށްފައެވެ.







