ރައްކާތެރިވުމަށް އަޅާ ފިޔަވަޅުތަކުން ޕީކް ދަށްކުރެވުނު ނަމަވެސް އެދެވޭ ނަތީޖާއެއް ނުފެނޭ: ޑރ. ނަޒްލާ
4 އޯގަސްޓު 2020 | އަންގާރަ 13:08ފަރުދީ ޒިންމާ ކޮންމެ މީހަކު ނަގަން ޖެހޭ


ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން އަންނާތީ އިތުރު ސަމާލުކުރުމަށް ޑރ.ނަޒްލާ ރަފީގު އިލްތިމާސް ކުރައްވާފައިވޭ
ކޮވިޑް-19ން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުން ފީކް އަންނަ ދުވަސްވަރު ބަދަލުވާ ކަަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން ބުނެފިއެވެ.
އަންގާރަ ދުވަހުގެ ހަވީރު އެޗްއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާއިރު، ފަރުދީ ޒިންމާ ކޮންމެ މީހަކު ނަގަން ޖެހޭ ކަމަށެވެ.
ޖުލައި މަހު ޕީއެލްއޯއެސް މެޑިސިންގައި ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާއަކާ ހަވާލާދެއްވާ ޑރ. ނަޒްލާ ވިދާޅުވީ ސަރުކާރުން ތަންފީޒު ކުރާ އިޖްތިމާއި ގާއިދުކުރުމާއި، ލޮކްޑައުންއާއި، ކާފިއު އަދި އޮފީސްތަކާއި، ސްކޫލުތައް ބަން ކުރުމުން ބަލީގެ ޕީކް އަންނަ ދުވަސްވަރު ބަދަލުވާ ކަމަށާއި، ޕީކް ލަސްވެގެންދާ ކަމަށެވެ. ނަމަވެސް މިކަމުން ބޭނުންވާ ނަތީޖާ ނުފެންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މި ދިރާސާއިން ހާމަވާ ގޮތުގައި ބަލި ފެތުރުމުގައި ލޮކްޑައުންއާ ގުޅިގެން ވަކިވަކި ފަރުދުންގެ އަމަލުތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ. އެގޮތުން ރަނގަޅަށް މާސްކް އަޅައި، އަތްދޮވެ، އިޖްތިމާއީ ގައިދުރު ކަމަށް ސަމާލުވެއްޖެނަމަ ޕީކް އެންމެ މައްޗަށް އަރާ މިންވަރާއި، ބަލި މީހުންނަށް ޖެހޭ މިންވަރަށް ދަށް ކުރެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މިކަންކަމުން ދޭހަވަނީ އާންމު ފަރުދުން ޒިންމާ ނަގާ، ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރަންޖެހޭކަން ކަމަށެވެ. ބަލި ކޮންޓްރޯލް ކުރުމަށް ހުރިހާ އެންމެން ވެސް ސަރުކާރަށް އެއްބާރުލުން ދީގެން ގައިޑްލައިންތަކާ އެއްގޮތަށް އަމަލު ކުރުމަށް ޑރ. ނަޒްލާ އިލްތިމާސް ކުރެއްވިއެވެ.







