ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު: ރައީސް ނަޝީދު
30 ޖުލައި 2020 | ބުރާސްފަތި 03:09ބަރުލަމާނީ ނިޒާމު ގެނައުމާ ބެހޭ ގޮތުން އަބަދުވެސް މަޝްވަރާތައް ކުރިއަށްދޭ


ރައީސް މުހައްމަދު ނަޝީދު، އަބަދުވެސް ބަރުލަމާނީ ނިޒާމަށް ތާއީދު ކުރާކަމަށް ވިދާޅުވެފައިވޭ
ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އަބަދުވެސް ތާއީދު ކުރަނީ ބަރުލަމާނީ ނިޒާމަށް ކަމަށާއި، ގައުމެއްގެ ވެރިކަން ހިންގަން އޮތް ހަމައެކަނި ނިޒާމަކީ ވެސް ބަރުލަމާނީ ނިޒާމު ކަމަށެވެ. ނަޝީދު ވިދާޅުވީ ބަރުލަމާނީ ނިޒާމު ގެނައުމުގެ މަޝްވަރާތައް ކޮންމެ ރެއަކު ވެސް ކޮންމެ މެންދުރަކު ވެސް ކުރިއަށްދާ ކަަމަށެވެ.
ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ބެލުމަށް 2007 ވަނަ އަހަރު ފެންނަ ނުފެންނަ ވޯޓެއްލެވުނެވެ. އެ ވޯޓުން ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނަންވާނީ ރިޔާސީ ނިޒާމެއް ކަމަށެވެ.
ބަރުލަމާނީ ނިޒާމާ ބެހޭ ގޮތުން 23 ޖޫންގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިިދާޅުވީ އައު ގާނޫނު އަސާސީ އެކުލަވާލިއިރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ރައީސް ސޯލިހު ވިދާޅުވީ، ގާނޫނު އަސާސީ އެކުލަވާލިއިރުގައި ނިޒާމުގެ ވާހަކައަކީ ރައްޔިތުން ކައިރިއަށް ގޮސް ރައްޔިތުންގެ އަޑު އަހައިގެން ނިންމާފައި އޮތް ނިންމުމެއް ކަމަށާއި، ބަރުލަމާނީ ނިޒާމެއް ގެނައުމާއި މެދުވެސް ގޮތެއް ނިންމާނީ ރައްޔިތުން ކަމަށެވެ.








