ކ. މާލެ
|
6 ޖުލައި 2020 | ހޯމަ 12:37
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން
މަޖިލިސް
ޖިންސީ ކުށުގެ ޤާނޫނަށް އިސްލާހު ގެނައުން
ރޭޕް ކިޓް ބޭނުންކުރުން ލާޒިމުވާ ގޮތަށް ޤާނޫނަށް އިސްލާހު ގެންނަނީ
 
ސާމްޕަލްތައް ނެގުމަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށްވެސް މި ބިލުގައި ހިމަނާފައިވޭ
 
"ރޭޕް އެވިޑެންސް ކިޓް ލިބޭނޭ އިންތިޒާމު ސަރުކާރުގެ ފަރާތުން ހަމަޖައްސަންވާނެ"

ޖިންސީ ކުށުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިއުން އިއްވައިފިއެވެ.

މި ޤާނޫނާއި ގުޅޭ ދެ ބިލެއްގެ ފުރަތަމަ ކިއުން ހޯމަ ދުވަހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. މި ބިލުތައް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މެންބަރު ހިސާން ހުށަހެޅުއްވި މި ބިލުގައި ވަނީ ޖިންސީ ކުށުގެ ޤާނޫނުގެ 50 ވަނަ މާއްދާގެ ފަސްވަނަ ބާބުގެ ފަހަތަށް މާއްދާއެއް އިތުރުކުރުމަށެވެ. ރޭޕް އާއި ޖިންސީ އަނިޔާގެ ޝިކާރަކަށް ވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި، އެސާމްޕަލްގެ ފޮރެންސިކް ތަޙުލީލު ކުރުމަށް މި ބިލުގައި ހިމަނާފައިވެއެވެ.

އަދި ސަރުކާރުގެ ޞިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކަށާއި ދިވެހިރާއްޖޭގައި ހިންގާ ހޮސްޕިޓަލުތަކަށް ރޭޕް އެވިޑެންސް ކިޓް ލިބޭނޭ އިންތިޒާމު ސަރުކާރުގެ ފަރާތުން ހަމަޖައްސަންވާނެ ކަމަށާއި ޞިއްޙީ ޚިދުމަތް ދޭ ތަނަކުން ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލްތައް ނެގުމަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށްވެސް މި ބިލުގައި ހިމަނާފައިވެއެވެ. އަދި ރޭޕް އެވިޑެންސް ކިޓް ލިބޭނޭ އިންތިޒާމު މިޤާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ހަމަޖައްސާ ނިންމަންވާނެ ކަމަށްވެސް ވެއެވެ.

މީގެ އިތުރުން ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީނު ލިބިފައިހުރި ޑޮކްޓަރެއް ނުވަތަ ނަރުހެއް ދިވެހިރާއްޖޭގައި ސަރުކާރުން ހިންގާ ކޮންމެ ޞިއްޙީ މަރުކަޒެއްގައާއި ދިވެހިރާއްޖޭގައި ހިންގާ ކޮންމެ ހޮސްޕިޓަލެއްގައި ހުންނަންވާނެ ކަމަށް މި ބިލުގައި ހިމަނާފައިވާއިރު، ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލް، އެ ސާމްޕަލް ނަގާ މަރުކަޒުގައި ރައްކާތެރިކޮށް ބަހައްޓާނެ ގޮތުގެ އުސޫލު މިޤާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސާވިސްއިން އެކުލަވާލަންވާނެ ކަމަށް ވެސް ހިމަނާފައިވެއެވެ.

އަދި މި ޤާނޫނުގެ 53 ވަނަ މާއްދާގެ ނ، ރ، ބ އުނިކުރުމަށް ވެސް ވަނީ ހުށަހަޅާފައެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 53 ވަނަ މާއްދާގެ ނ، ރ، ބ އުނިކުރުން

މި ބިލުގައި ވަނީ ޖިންސީ ކުށުގެ މައްސަލަތަކަކީ އޭގެ ޝިކާރައަކަށް ވާ މީހާއަށް ޖިސްމާނީ އަނިޔާ ލިބުމުގެ އިތުރުން ބައެއްފަހަރު މުޅި އުމުރަށް އޭގެ ސަބަބުން ނަފްސާނީ ނޭދެވޭ އަސަރުކުރާ ބާވަތުގެ މައްސަލަތަކެއްކަން ފާހަގަކޮށްފައެވެ. އަދި މިއީ އިންސާފު ނުލިބިއްޖެނަމަ ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހާ އިތުރަށް ނިކަމެތިވާ ޒާތުގެ ނާޒުކު މައްސަލަތަކެއް ކަމަށާއި މިފަދަ މައްސަލަތަކަކީ ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހާއާ މެދު ހާއްސަ އުސޫލުތަކަކުން އޭނާއަށް އިތުރު ބުރައެއް ނުވަތަ އަނިޔާއެއް ނުލިބޭގޮތަށް އަމަލުކުރަންޖެހޭ ޒާތުގެ މައްސަލަތަކެއްކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ޖިންސީ ކުށުގެ މައްސަލަތަކަކީ ސާބިތުކުރަން އުނދަގޫ މައްސަލަތަކަކަށް ވެފައިވާއިރު، ޝަރީއަތަށް ހުށަހެޅޭ ގިނަ މައްސަލަތައް ސާބިނުވާ ކަމަށް ނިންމާފައިވަނީ، މައްސަލަ ސާބިތުކުރެވޭ ވަރަށް ހެކިނެތިގެން ކަމަށް ކަނޑައަޅާއިރު، ޖިންސީ ކުށުގެ މައްސަލަތަކުގައި ހޯދާ ފޮރެންސިކް ހެކި ހޯދުމުގައާއި ހެކި ރައްކާތެރިކުރުމުގައި ހާއްސަ އުސޫލުތަކެއް ގެންގުޅެގެން މެނުވީ މިބާވަތުގެ މައްސަލަތައް ތަހުގީގުކޮށް، ސާބިތުވާވަރަށް ހެކި ނުހޯދޭނެކަން ޖިންސީ ކުށުގެ ޤާނޫނަށް އަމަލުކުރަން ފެށިފަހުން ފާއިތުވި ހަ އަހަރު ދުވަހުގެ ތަޖުރިބާގެ އަލީގައި އެނގެން އޮތް ކަމަށްވެސް މި ބިލުގައި ފާހަގަކޮށްފައިވެއެވެ.

މި ބިލު ހުށަހަޅާފައިވަނީ ޖިންސީ ކުށުގެ އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި، ޤާނޫނުގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ނުކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް ޖިންސީ ކުށުގެ ޤާނޫނަށް އިސްލާހު ގެނައުން މުހިންމު ކަމަށް ފެންނާތީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް