ކަނޑޫދޫ އަތިރި މަތިން މިނި ކަށިތަކެއް ފެނިއްޖެ
11 ޖޫން 2020 | ބުރާސްފަތި 12:51ހަށިގަނޑު އޮތީ ވަޅުޖެހިފައި


މިނި ކަށިތައް ފެނުނީ ބުރާސްފަތި ދުވަހުގެ މެންދުރުގެ ވަގުތުގައި
ތ. ކަނޑޫދޫ އަތިރި މަތިން މިނި ކަށިތަކެއް ފެނިއްޖެއެވެ.
މިކަމާއި ގުޅިގެން ރާއްޖެ.އެމްވީއަށް މައުލޫމާތު ދެއްވަމުން ކަނޑޫދޫ ކައުންސިލްގެ ރައީސް އަލީ ނާސިހު ވިދާޅުވީ ރަށުގެ ދެކުނު ފަރާތުގެ ހިރިލަންދޫއާ ވީފަޅިން އަތިރިމަތިން ވަޅުޖެހިފައި އޮތް މިނި ކަށިތަކެއް ފެނިގެން ބުރާސްފަތި ދުވަހުގެ މެންދުރު ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ނާސިހު ވިދާޅުވީ އިންސާނެއްގެ ކަށިގަނޑުގެ ބައިތައް ފެނުނީ ކުޑަކުދިންތަކެއް ގޮވައިގެން އެ ސަރަހައްދަށް ދިޔަ މީހަކަށް ކަމަށެވެ. އަދި އެ ސަރަހައްދުން އިތުރު ހަށިގަނޑެއްގެ ބައިތަކެއް ފެނުނުތޯ ބެލުމަށް ކޮނެފައިވާ ކަމަށާއި، އިތުރު ހަށިގަނޑެއްގެ ބައިތައް ފެނިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ސަހަހައްދަކީ އެއްވެސް އިރެއްގައި މީހުން ވަޅުލާފައިވާ ސަރަހައްދެއް ނޫން ކަމަށް އިސް ރަށްވެހިންނާއި ހަވާލާދީ ނާސިހު މައުލޫމާތު ދެއްވިއެވެ. އަދި ހަށިގަނޑު ފެނުނު ސަރަހައްދަކީ މޫދާ ކައިރި ދިޔަވަރު ބޮޑު ދުވަސްވަރު ރާޅު ވެސް އަރާ ސަރަހައްދެއް ކަމަށް ނާސިހު ވިދާޅުވިއެވެ.
ނާސިހު އިތުރަށް ވިދާޅުވީ އިންސާނެއްގެ ބޮލުގެ ނާށިގަނޑު އޮތް ކަމަށާއި، ކޮނޑުހުޅުން ބައެއް ވެސް އޮތް ކަމަށެވެ. އަދި އެނެއް ހަށިގަނޑުގެ ބައިތައް އެއީ ސީދާ ކޮން ތަންތަނެއްކަން ބުނަން ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާސިހު ވިދާޅުވީ އެ ހަށިގަނޑުގެ ބައިތައް ވަޅުލުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި، ފުލުހުން އައިސް ގެންދިޔައީ ހަށިގަނޑުގެ ތިރީ ދަތްޕިލައިގެ ބައެއް ކަމަށެވެ.






