ބޭނުންވާ ވަރަށް ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ޓީވީތަކުން ފުރުސަތު ނުދޭ: އިސްލާމިކް މިނިސްޓްރީ
9 ޖޫން 2020 | އަންގާރަ 03:39ރައްޔިތުންނަށް ޚިދުމަތްތައް ދިނުމުގައި ލުއި ފަސޭހަ ގޮތްތައް ފަހިކޮށްދެން


އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ، ނައިބް ރައީސް ފައިސަލް ނަސީމްއާއެކު
އިސްލާމިކް މިނިސްޓްރީން ބޭނުންވާ ވަރަށް ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ޓީވީތަކުން ފުރުސަތު ނުދޭ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ ދިނީ ނަސޭހަތް ދިނުމުގެ ތަފާތު ޕްރޮގްރާމްތައް މިހާރު ވެސް ޓީވީ މެދުވެރިކޮށް ކުރިއަށް ގެންދާ ކަމަށާއި، އޮންލައިންކޮށް ވެސް ތަފާތު ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދާ ކަމަށެވެ.
އެއީ ދިނާ ގުޅުންހުރި، އާންމު ދިރިއުޅުމަށް ރައްޔިތުން ހޭލުންތެރިކުރުމަށް ގެންދާ މުހިންމު ޕްރޮގްރާމްތައް ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ. ނަމަވެސް ޓީވީތަކުން މިނިސްޓްރީން ބޭނުންވާ ވަރަށް ޕްރޮގްރާމްތައް ދެއްކުމަށް ފުރުސަތު ނުދޭ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ ދައުލަތުގެ މީޑިއާ އަދި އަމިއްލަ ފަރާތްތަކުން ހިންގާ މީޑިއާތަކުން ވެސް މިނިސްޓްރީން ބޭނުންވާ ވަރަށް ވަގުތު ދޭ ކަމަށްވާނަމަ މިއަށްވުރެ މާފުރިހަމައަށް ދީނީ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތާގައި އިިތުރު ވަގުތުތައް ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މާލެސިޓީ ލޮކްޑައުން ކޮށްފައިވާ މިހާލަތުގައި ވެސް އިސްލާމްވުމަށް ބޭނުންވާ މީހުންނަށް އެފުރުސަތު އޮތްކަން ފާހަގަކުރައްވައި މިނިސްޓަރު ޒާހިރު ވިދާޅުވީ ލޮކްޑައުންގެ މިހާލަތުގައި މިފަދަ ދެ މީހަކު އިސްލާމް ވުމަށް އައިސްފައިވާ ކަމަށެވެ. އަދި އެފަރާތްތަކަށް ވެސް އެތިބި ތަނުގައި ތިބެގެން ސްކައިޕް މެދުވެރިކޮށް، އިސްލާމް ދީނަށް ވަނުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް މިނިސްޓަރު ޒާހިރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަބަދުވެސް އާންމު ރައްޔިތުންނަށް މިނިސްޓްރީގެ ޚިދުމަތްތައް ދިނުމުގައި ލުއި ފަސޭހަ ގޮތްތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.
މީގެ އިތުރުން މިނިސްޓަރު ޒާހިރު ވިދާޅުވީ ލޮކްޑައުންއާ ގުޅިގެން މިނިސްޓްރީގެ ބައެއް ޕްރޮޖެކްޓްތައް ބޭނުންވާ ސްޕީޑްގައި ކުރިއަށް ނުގެންދެވޭ ކަމަށާއި، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޒާހިރު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މާލެސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މަނާކޮށްފައިވާ މަނާކުރުން ނިންމުމަކައް އައިސް މިމަހުގެ 14 ގެ ފަހުން ހުޅުވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިމަސައްކަތުގައި އާންމުންގެ އެއްބާރުލުން ދިނުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.








