ލެސޯތޯގެ ކުރީގެ ފަސްޓް ލޭޑީ މެއިސައްޔާ މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފި
4 ޖޫން 2020 | ބުރާސްފަތި 00:41ހައްޔަރުކުރީ އޭނާގެ ފިރިމީހާގެ ކުރީގެ އަނބިމީހާ މަރާލިކަމުގެ ތުހުމަތުގައި


ސައުތު އެފްރިކާ ލެސޯތޯގެ ކުރީގެ ފަސްޓް ލޭޑީ މެއިސައްޔާ ތަބާނާ، ކޯޓުން ނެރިގެން ގެންދަނީ
ސައުތު އެފްރިކާ ލެސޯތޯގެ ކުރީގެ ފަސްޓް ލޭޑީ މެއިސައްޔާ ތަބާނާ މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މެއިސައްޔާ ތަބާނާ ހައްޔަރުކުރީ ބުދަ ދުވަހު އޭނާގެ ފިރިމީހާގެ ކުރީގެ އަނބިމީހާ ނިޕަތިލޯ ތަބާނާ މަރާލިކަމުގެ ތުހުމަތުގައެވެ. އޭނާގެ މައްޗަށް ދައުވާ ކުރަނީ ބަޔަކު ލައްވާ ނިޕަތިލޯ ތަބާނާ ގަޔަށް ބަޑި ޖަހާ މަރާލިކަމުގެ ތުހުމަތު ކޮށްފައެވެ.
ނިޕަތިލޯ މަރާލާފައިވަނީ ލެސޯތޯގެ ކެޕިޓަލް ކަމުގައިވާ މަސޭރު ސިޓީގައި ހުންނަ އޭނާ ދިރިއުޅެމުން ދިޔަ ގޭކައިރީގައެވެ. އަދި މަރާލީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށް ވެސް މީޑިއާ ރިޕޯޓުތަކުގައިވެއެވެ.
މިމައްސަލާގައި ކުރީގެ ބޮޑުވަޒީރު ތޯމަސް ތަބާނާގެ މައްޗަށް ވެސް ތަހުމަތުތަކެއް ކުރެވެއެވެ. އަދި ޝައްކުރެވުނު ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައިނުވެއެވެ. އަދި ކުރީގެ ބޮޑުވަޒީރު ތޯމަސް ތަބާނާ ހުރިހާ ކަމަކަށް އިންކާރު ކުރެއެވެ.



