އަންގާރަ 07 ޖުލައި 2020
07 ފުނޯސް
1441 ޒުލްގައިދާ 16
ފަތިސް 04:41
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41
ކޮވިޑް-19 އާއި ނަފްސާނީ މައްސަލަތައް

ކޮވިޑް-19 އާއެކު ނަފްސާނީ މައްސަލަތައް ތިން ގުނަ އަށް

  • މިދިޔަ އަހަރުގެ މަރޗުން ފެށިގެން މެއި މަހުގެ ނިޔަލަށް 330 މައްސަލަ ހުށަހެޅުނު
  • މިއަހަރުގެ މަރޗް މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް 999 މައްސަލަ ހުށަހެޅުނު
  • މިމުއްދަތުގައި އާންމުކޮށް އައިސްފައި ހުރި ނަފްސާނީ މައްސަލަތަކަކީ ހާސްވުމާއި ކަންބޮޑުވުމާއި އެއާ ގުޅިގެން އަންނަ ޖިސްމާނީ މައްސަލަތައް

ކ. މާލެ | 31 މެއި 2020 | އާދީއްތަ 05:50 | 7,735

މާލެ މަޖީދީ މަގުގައި ބަޔަކު ހަރަކާތްތެރި ވަނީ - އާކައިވް

ކޮވިޑް-19 އާއެކު މުޅި ދުނިޔެއަށް ވަނީ އެކިއެކި މައްސަލަތައް ކުރިމަތިވެފަ އެވެ. ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކުގެ ސަބަބުން ވަކިން ޚާއްސަކޮށް ލޮކްޑައުންކުރުމާއި، މީހުން އެކަހަރިކުރުމާއި ކަރަންޓީނަށް ދޭންޖެހުން ފަދަ ކަންކަމުން ދިމާވާ އިގްތިޞާދީ، އިޖުތިމާއީ އަދި ނަފްސާނީ މައްސަލަތައް ވަނީ މީގެކުރިން ދުނިޔެ ދެކެފައިނުވާ މިންވަރަށް މައްޗަށް ގޮސްފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ދުނިޔެއަށް ދިމާވަމުންދާ ސޯޝިއޯ އެކޮނޮމިކް ކަންތައްތަކާއި ގުޅޭ ރިޕޯޓް ނެރުއްވައި ދެއްވަމުން އޭޕްރީލް މަހުގެ 1 ވަނަ ދުވަހު އދ. ގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓޭރޭސް ވިދާޅު ވެފައިވަނީ ދެވަނަ ބޮޑު ހަނގުރާމަ އަށްފަހު ދުނިޔެއަށް ކުރިމަތިވަމުންދާ އެންމެ ދަތި އުނދަގޫ ދުވަސްތަކަކީ ކޮވިޑް-19 އާއި ގުޅިގެން ދުނިޔެ މިހާރު ދެކެމުންމިދާ ދުވަސްތައް ކަމަށެވެ. މިކަމުގެ ސަބަބުން ދިމާވަމުންދާ އެކި މައްސަލަތަކާއި ގުޅިގެން މީހުންނަށް ދިމާވަމުންދާ ނަފްސާނީ މައްސަލަތައް ވަނީ އެތައް ގުނަ އެއް އިތުރުވެފަ އެވެ.

ކޮވިޑް-19 އާއ ނަފްސާނީ ދުޅަހެޔޮކަމާއި ގުޅޭ ޕޮލިސީ ގައިޑްލައިން ނެރެދެއްވަމުން ވަރލްޑް ހެލްތު އޯގަނައިޒޭޝަންގެ މެންޓަލް ހެލްތު ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޑެވޮރާ ކެސްތެލް މެއި މަހުގެ 15 ވަނަ ދުވަހު ނަފްސާނީ މައްސަލަތައް އިތުރު ވަމުންދާތީ ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ކުރާ ކަންކަމާއި އެއްވަރަށް އެކަމަށް ސަމާލުކަން ދިނުމަށް ގައުމުތަކުގެ ސަރުކާރު ތަކަށް ވަނީ ގޮވާލައްވާފަ އެވެ. ދުނިޔޭގެ 264 މިލިއަން މީހުން މިކަމާއި ގުޅިގެން ނަފްސާނީ މައްސަލަތައް ތަހައްމަލު ކުރަމުންދާ ކަމަށް ޑަބްލިޔުއެޗްއޯއިން ވަނީ އަންދާޒާކޮށްފަ އެވެ.

ރާއްޖޭގެ ހާލަތަށް ބަލާލާއިރުވެސް ކޮވިޑް-19 ރާއްޖެއިން މަރޗް މަހު ފެނުނީއްސުރެ މެއި މަސް ނިމުމާ ހަމައަށް ބަލާލިނަމަވެސް ނަފްސާނީ މައްސަަލަތައް އިތުރުވެފައިވާ މިންވަރު މިވަނީ އެނގިގެންގޮސްފަ އެވެ. ކޮވިޑް-19 އާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިބަލި މަޑުކަމާއި ގުޅިގެން ދިވެހިން ތަހައްމަލު ކުރަމުންދާ ނަފްސާނީ މައްސަލަތަކުގެ ތަފްސީލު އައިޖީއެމްއެޗްގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ ވަނީ ދެއްވާފަ އެވެ.

ދިވެހިންގެ ތެރޭގައި ދިމާވެފައިވާ ނަފްސާނީ މައްސަލަތަކާއި ގުޅޭގޮތުން ރިސަރޗެއް އަދި މިހާތަނަށް ހެދިފައި ނުވިނަމަވެސް ޑރ. އާފިޔާ ވިދާޅުވީ މިދިޔަ އަހަރުގެ މަރޗް މަހުން ފެށިގެން މެއި މަހާ ހަމައަށް އަޅާބަލާއިރު މިއަހަރުގެ މިމުއްދަތުގައި އައިޖީއެމްއެޗްގެ ސެންޓަރ ފޮރ މެންޓަލް ހެލްތަށް ނަފްސާނީ މައްސަލަތަކަށް ފަރުވާ ހޯދުމަށް އެޕޮއިންޓްމަންޓް ހޯދުމަށް ގުޅާފައިވާ މިންވަރު ވަނީ ތިންގުނަ އިތުރުވެފައި ކަމަށެވެ. ޑރ. އާފިޔާ ވިދާޅުވީ މިދިޔަ އަހަރުގެ މި މުއްދަތުގައި 330 މައްސަލަ ނުވަތަ އެޕޮއިންޓްމަންޓް ހޯދުމަށް އެދުނު އިރު މިއަހަރުގެ މިމުއްދަތުގައި 999 މީހަކު މެންޓަލް ހެލްތަށް ނަފްސާނީ މައްސަލަތަކުގައި އެހީތެރިކަން ހޯދުމަށް ވަނީ ގުޅާފަ އެވެ.

އެހެންވީމާ މީގެން އެބަ އެނގޭ ރައްޔިތުންނަށް ސީރިއަސް ކަންބޮޑުވުންތަކާއި ނަފްސާނީ މައްސަލަތައް ބޮޑެތި އުނދަގޫތަކެއް އަދި މައްސަލަތައް ކުރިމަތިވާކަން. އެހެންނަމަވެސް ފާހަގަކޮށްލަން ބޭނުންވޭ ނިސްބަތުން ބަލާއިރު ކަންތައްތަކަށް ކޯޕް ކުރުމުގައި ނުވަތަ ކަންތައްތަކުން އަރައިގަތުމުގެ ބާރު ގިނަ މީހުންގެ އެބަހުރި. އެކުޅަދާނެކަން އެބަހުރި. އެހެންނަމަވެސް މީގައި ރިސްކު ބޮޑު ގްރޫޕްތަކެއްވެސް އެބަހުރޭ. މިސާލަކަށް ކުރީއްސުރެވެސް ނަފްސާނީ ބައްޔަކަށް ބޭސްކުރާ ފަރާތެއް ކަމަށްވާނަމަ އެމީހުންނަށް ދިމާވާ އުނދަގޫތައް ބޮޑުވާނެ.

~ އައިޖީއެމްއެޗްގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ

ޑރ. އާފިޔާ ވިދާޅުވީ މި މުއްދަތުގައި އާންމުކޮށް އައިސްފައި ހުރި ނަފްސާނީ މައްސަލަތަކަކީ ހާސްވުމާއި ކަންބޮޑުވުމާއި އެއާ ގުޅިގެން އަންނަ ޖިސްމާނީ މައްސަލަތައް ކަމަށެވެ.

މިސާލަކަށް ނިދުމާއި ކެއުމާއި ކަންކަމަށް ސަމާލުކަން ދިނުމަށް ދިމާވާ މައްސަލަތައް ޑިޕްރެޝަން ނުވަތަ މާޔޫސް ވުން. ސީރިއަސް މައްސަލަތަކަށް ބަލާނަމަ އެއީ މަދު އަދަދެއް. އެހެންނަމެވެސް އާންމުކޮށް ދިމާވާ ކަންކަން އެބަހިމެނޭ. މީގެތެރޭގައި ކުޑަކުދިންގެ މައްސަލަތަކަށް ބަލާއިރު އެންމެ ބޮޑަށް ހިމެނެނީ ބަލި ޖެހިދާނެތީ ހުންނަ ކަންބޮޑުވުން

~ އައިޖީއެމްއެޗްގެ ޕްރިންސިޕަލް ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އާފިޔާ އަލީ

ޑރ. އާފިޔާ ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް އިތުރު ލުއިތަކެއް ދޭއިރު ކުޑަކުދިންނަށް ޚާއްސަކޮށް ވަކިން ޚާއްސަކޮށް އެކުދިންގެ ބެލެނިވެރިންނަށް މައުލޫމާތު ފޯރުކޮށް ދިނުމުގައި ޕްލޭންތައް އެކުލަވާލާނެ ކަމަށެވެ. ވަކިން ޚާއްސަކޮށް ކުރިޔަށް އޮތްތަނުގައި ކުދިން ސްކޫލަށް ދާން ފަށާއިރު އެފަދަ މައްސަލަތައް އަންނާނެކަމަށް ގަބޫލުފުޅުކުރެއްވޭ ކަމަށާއި އެހެންކަމުން އެފަދަ ކަންކަމަށް ކުރިމަތިލުމާއި ގުޅޭގޮތުން ވަކިން ޚާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށް ޑރ. އާފިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ލޮކްޑައުންގައި ހޭދަކުރަމުންދާ ދުވަސް ތަކުގައިވެސް ކުޑަކުދިންނަށް އަޅާލާ މިންވަރު އިތުރުކުރަން ޖެހޭ ކަމަށް ޑރ. އާފިޔާ ވިދާޅުވި އެވެ. އެގޮތުން ބޮޑެތި މީހުން އާއިލާގެ އެކި މީހުންނާއި ފޯނުން ގުޅައިގެން އަދި ވީޑިއޯ ކޯލްގެ ޒަރީޢާއިން ގުޅައިގެން ވާހަކަ ދައްކާއިރު ކުޑަކުދިން ވެސް އެކަމުގެ ތެރޭގައި ހިމެނުމަކީ މުހިންމު ކަމެއްކަމަށް ޑރ. އާފިޔާ ވިދާޅުވި އެވެ.

ޑރ. އާފިޔާ އަލީ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ

މިހާލަތުގައި ސަމާލުކަން ދޭންވީ ކަންތައްތައް

ކޮވިޑް-19 ފެތުރޭތީ އޮތް ކަންބޮޑުވުމުގެ އިތުރުން އެ ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އިޖުތިމާއީ އިގުތިސާދީ ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. މިކަމުގެ ކަންބޮޑުވުންތައް ހުރިއިރު ޑރ. އާފިޔާ ވިދާޅުވީ ލޮކްޑަައުން ކުރުމާއި ލޮކްޑައުން ލުއިކުރުމާ މެދުގައި ވެސް ކަންބޮޑުވާ ކަންތައްތަކެއް ހުންނާނެ ކަން ބަލައިގަންނަން ޖެހޭ ކަމަށެވެ. ސަބަބަކީ އެ ފިޔަވަޅުތައް އެގޮތަށް ބަދަލުވަމުން ދަނީ ކޮވިޑާ އެކު ހާލަތަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަން ގަބޫލުކުރަން ޖެހޭތީ އެވެ.

ލިބޭ ހާސްކަން ކުޑަކުރުމަށް އަމިއްލަ ބާރު ހިނގާ ކަންތައްތަކަށް ސަމާލުކަންދިނުން:

ޑރ. އާފިޔާ ވިދާޅުވީ މި ކަންކަމުން ލިބޭ ހާސްކަން ކުޑަކުރުމަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ އަމިއްލަ ބާރު ހިނގާ ކަންތައްތަކަށް ސަމާލުކަންދިނުން ކަމަށެވެ. ބަލި ޖެހިދާނެތީ އޮންނަ ހާސްކަން ކުޑަކުރުމަށްޓަކައި އިޖުތިމާޢީ ގައިދުރުކަމާއި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަކީ ކުރެވޭނެ އެންމެ ރަނގަޅު ކަންތައް ކަަމަށް ވިދާޅުވި އެވެ.

މީގެ އިތުރުން އަވަސް އަވަހަށް އަތް ދޮވުމާއި ބޭރަށް ދާއިރު މާސްކު އެޅުމާއި ކޮންމެހެން ބައްދަލުކުރަން ޖެހޭ މީހުންނާ ބައްދަލުކުރުމާއި ވީހާވެސް ބޮޑަށް ކޮންޓެކްޓް ބަބްލް ކުޑަކޮށްގެން އުޅުން އެއީ ވަރަށް މުހިންމު ކަމެއް ކަމަށް ޑރ. އާފިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ނަފްސާނީ ސިއްހަތު ދެމިހުންނަނިވި ގޮތަކަށް ގެންގުޅުމަށްޓަކައި ކުރެވިދާނެ އާދައިގެ ކަންތައްތައް އެބަހުރި ކަމަށް ޑރ. އާފިޔާ ވިދާޅުވި އެވެ. އެގޮތުން އިޖުތިމާޢީ ގުޅުން ގައިދުރުކޮށްގެން ވިޔަސްވެސް ދެމެހެއްޓުން މުހިންމު ކަމަށް ވިދާޅުވި އެވެ. އެގޮތުން ލޮކްޑައުންގައި ތިބެގެން ފޯނުން ވެސް އަދި ވީޑިއޯ ކޯލްގެ ޒަރީޢާއިން ނަމަވެސް ގުޅުންތައް ވީވަރަކުން ދެމެހެއްޓުން މުހިންމު ކަމަށް ޑރ. އާފިޔާ ވިދާޅުވި އެވެ.

ސިއްހީ ރަނގަޅު އާދަތައް ހަރުލެއްވުން:

ލޮކްޑައުންގައި އަބަދު އެއްތާކު ތިބެން ޖެހިފައިވާއިރު ގިނަ ބަޔަކަށް ވަނީ ސިއްހީ ގޮތުން ބަރުދަން އިތުރުވުމާއި ކަސްރަތުކުރުމުގައި ދަތިތަކެއް ދިމާވެފަ އެވެ. ޑރ. އާފިޔާ ވިދާޅުވީ ކިތަންމެ ކުޑަ ތަންތަންކޮޅުގައި އުޅެންޖެހުނު ކަމުގައިވިޔަސް ތެދުވެލާ ގޭތެރޭގައި ކުރެވެން ހުރި ކަސްރަތު ކުރުން މުހިންމު ކަމަށެވެ. އަދި ވީވަރަކުން ސިއްހަތަށް ފައިދާ ހުރި ކާނާ ބޭނުންކުރުމަށް އިސްކަން ދިނުން މުހިންމު ކަމަށް ޑރ. އާފިޔާ ވިދާޅުވި އެވެ.

މީގެއިތުރުން މުހިންމު މައުލޫމާތުތައް އެއްކުރުން މުހިންމު ކަމަށް ޑރ އާފިޔާ ވިދާޅުވި އެވެ. އެގޮތަށް މައުލޫމާތު ހޯދާއިރު ސޯޝަލް މީޑިޔާ އަދި އެނޫންވެސް ތަކެތީގެ ޒަރީޢާއިން މައުލޫމާތު ހޯދާއިރު އެހާބޮޑަށް މިކަމުގެ ތެރޭގައި ވަގުތު ހޭދަ ނުކުރުން މުހިންމު ކަމަށް ޑރ. އާފިޔާ ވިދާޅުވި އެވެ.

އެކަކު އަނެކަކަށް އަޅާލުން:

ޑރ. އާފިޔާ ވިދާޅުވީ މިހާލަތުގައި އެކަކު އަނެކެއްގެ ހާލު ބަލާ އެކަކު އަނެކަކަށް ހިތްވަރު ދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން އެކަކު އަނެކަކަށް ހިތްވަރުދީ އެކަކު އަނެކަކުގެ ފަރާތުން އެހިތްވަރު ލިބިގަންނަން މަސައްކަތްކުރުން މުހިންމު ކަމަށް ވިދާޅުވި އެވެ.

މިގޮތަށް މިކަން ކުރާއިރުވެސް ދިމާވާ މީހާގެ ކުލަ އާއި ނަސްލަށް ނުބަލާ މިކަން ކުރުން މުހިންމު ކަމަށް ޑރ. އާފިޔާ ވިދާޅުވި އެވެ. އަދި ދީނީ ނަޒަރަކުން ވިސްނާ މިކަމުން އަރައިގަނެވޭނެ ގޮތްގޮތަށް ހެޔޮ ދުއާކޮށް ކެތްތެރިކަން ހޯދުން މުހިންމު ކަމަށް ޑރ އާފިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން ނަފްސާނީ ގޮތުން އެންމެ އާދައިގެ ކަންބޮޑުވުންތަކަށް އެހީއެއް ބޭނުން ކަމުގައި ވާނަމަ ޕީއެސްއެސް ހޮޓްލައިން 1425 ށް ގުޅުމަށް ޑރ. އާފިޔާ އެދިވަޑައިގެންނެވި އެވެ. އަދި ޚާއްސަ ފަރުވާ ބޭނުންވާ ނަމަ އަދި މިހާރުވެސް ބޭނުންކުރަމުންދާ ސިޓީ އައު ކުރުމަށް ބޭނުންވާނަމަ އަދި އެއްވެސް މައުލޫމާތެއް ސާފުކުރުމަށް ބޭނުންނަމަ އައިޖީއެމްއެޗްގެ ސެންޓަރ ފޮރ މެންޓަލް ހެލްތު 7942403 ށް މެސެޖް ކުރުމުން އެޕޮއިންޓްމަންޓް ލިބިގެންދާނެ ކަމަށް ޑރ. އާފިޔާ ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.