މައްސަލައެއް ދިމާނުވާނެކަމުގެ ޔަގީންކަން ދިނުމަކީ ޒިންމާދާރު ގޮތެއް ނޫން: މަބްރޫކް
26 މެއި 2020 | އަންގާރަ 23:27އެކި ދުވަހު އެކި މައްސަލަތައް ދިމާވޭ


ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް - ކޮވިޑް-19އާ ގުޅިގެން ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ކޮވިޑް-19އާ ގުޅިގެން ސަރުކާރުން ހިންގަމުންދާ ބޮޑު އޮޕްރޭޝަންގައި މައްސަލައެއް ދިމާނުވާނެ ކަމުގެ ޔަގީންކަން ދިނުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކު ޢަޒީޒް ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެރޭ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ކޮވިޑް-19ގެ މިމަސައްކަތުގައި އެކި ދުވަސްދުވަހު އެކި ކަންކަން ދިމާވާ ކަމަށާއި، މައްސަލަތައް ފާހަގަކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ ބައެއް މަސައްކަތުގައި ލަސްތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަނީ ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ދިނުމަށް ކަމަށާއި، ދިމާވާ މައްސަލަތައް ހައްލު ކުރަމުންދާ ކަމަށެވެ. އެގޮތުން ބައެއް ކަންތައްތައް ކުރިން މެނޭޖްކުރެވިފައި ހުރި ވަރަށްވުރެ ރަނގަޅަށް މެނޭޖްކުރެވިފައިވާ ކަމަށާއި، ގިނަ މައްސަލަތަކަށް މިހާރު ބޮޑެތި ހައްލުތަކެއް ގެނެވިފައި ހުންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާއިރު އިތުރު ކަންތައްތައް ފާހަގަ ކުރެވޭނެކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ މިފަދަ ބޮޑު އޮޕަރޭޝަނެއް ކުރިއަށްދާއިރު މައްސަލައެއް ދިމާނުވެދާނެ ކަމުގެ ޔަގީންކަަން ދިނުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ.
މަބްރޫކް ވިދާޅުވީ މުހިންމުކަމަކީ ދިމާވާ މައްސަލަތައް ހައްލު ކުރުން ކަމަށާއި، އެކަންކަމަށް ވީހާ ވެސް އަވަހަށް އެޓެންޑްވުން ކަމަށެވެ. އަދި ވިދާޅުވީ ކޮވިޑް-19ގެ ކަންތައްތަކުގައި ރައްޔިތުންނަށް އެޗްޕީއޭއާ ކޮމިއުނިކޭޓް ކުރުމަށް ދަތިތައް ކުރިމަތިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިމައްސަލަ ހައްލު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށެވެ.
އެގޮތުން އެޗްޕީއޭގެ ތެރޭގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ވެސް ގިނަ ބަދަލުތަކެއް ގެނެވިފައިވާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.







