ރަޙިމުގެ ގުޅުން ކެނޑިފައިވާ އެންމެންގެ މެދުގައި އެގުޅުން އައުކުރުމަށް އީދުގެ ޚުތުބާގައި ގޮވާލައިފި
24 މެއި 2020 | އާދީއްތަ 05:27ރަޙްމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހި ކުރަން ޖެހޭ


ކުރީގެ އަހަރެއްގައި މާލޭގައި ބޮޑު ޖަމާއަތުގައި ބޭއްވި އީދު ނަމާދުގެ ތެރެއިން
އުފާވެރި ފިތުރު އީދުގައި ހަސަދަވެރިކަމާއި ބައިބައިވުމާއި އަރާރުންތަކާ ދުރުހެލިވެ، ރަޙިމުގެ ގުޅުން ކެނޑިފައިވާ އެންމެންގެ މެދުގައި އެ ގުޅުން އައުކުރުމަށް އީދު ޚުތުބާގައި ގޮވާލައިފި އެވެ.
އެންމެ ފުރަތަމަ އަދާކުރަންވީ ﷲ ގެ ހައްޤުތައްކަން ހަނދުމަކޮށް ދެއްވާ ފިތުރު އީދުގެ ޚުތުބާގައި ބުނެފައިވަނީ ކޮންމެ މީހަކު ވެސް އަނެކާގެ ހައްގުތައް އަދާކުރަން ޖެހޭ ކަމަށެވެ. ޚުތުބާގައި ބުނީ އީދު ދުވަހު އަރަމުންދާ އިރުގެ އުޖާލާކަމާ އެކު ތިބާގެ މޫނުމަތިން ވެސް ޣުފާވެރިކަން ފާޅުކުރަން ޖެހޭ ކަމަށާއި، ލޯތްބާއި ކުލުނާއި އަޚުވަންތަކަމުގެ ޝުޢޫރުތަކުން އެކަކު އަނެކަކަށް ހަދިޔާކުރަން ޖެހޭ ކަމަށެވެ.
ޚުތުބާގައި ބުނީ ރަޙިމުގެ ގުޅުން ކެނޑިފައިވާ އެންމެންގެ މެދުގައި އެ ގުޅުން އައުކުރާންޖެހޭ ކަމަށާއި، ރަޙްމަތްތެރިންގެ މެދުގައި އެކުވެރިކަން ބަދަހި ކުރަން ޖެހޭ ކަމަށެވެ.
އިސްލާމީ ޢީދުތަކުގައި އެންމެން ބައިވެރިކުރުވަން ޖެހޭކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ ދުވަސްތަކުގައި އުފާ ފާޅުކުރަންވީ ހަމަ އެކަނި ތަނަވަސްކަން ލިބިގެންވާ މީހުންނެއް ނޫން ކަމަށެވެ. ތަނަވަސްކަމުގެ އަހުލުވެރިން ފަޤީރުންނަށާއި މިސްކީނުންނަށް އެހީތެރިކަން ފޯރުކޮށްދީ، ޢީދުގެ އުފަލުގައި އެ މީހުން ބައިވެރި ކުރުވަން ޖެހޭ ކަމަށެވެ.
އިސްލާމީ އީދުތަކަކީ ޒީނަތްތެރިވުމުގެ މުނާސަބަތުތަކެއް ކަމަށާއި، އީދު ދުވަހަށްޓަކައި ހިނައިގަތުން ސުންނަތް ވެގެންވާ ކަމަށެވެ. އަދި އެމީހެއްގެ އަތުގައި އޮތް އެންމެ ފޭރާމެއް ލުން ސުންނަތް ވެގެންވާއިރު، ހުވަނދުލުމާއި ރީތި ފޭރާން ލުމަކީ އިސްލާމީ އަދަބެއް ކަމަށް ޚުތުބާގައިވެ އެވެ.
އިސްލާމް ދީނުގައި ޢީދުތައް ޝަރްޢު ކުރައްވާފައި ވަނީ ހަމަ އެކަނި އުފާފާޅުކޮށް މަޖާކުރާކަށް ނޫންކަން ފާހަގަކޮށް، ޚުތުބާގައި ބުނީ އެކަން ޝަރްޢު ކުރެއްވީ އިސްލާމީ މުޖްތަމައުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓެވުމަށް ކަމަށެވެ.





