ބެލްކަނީއާއި، ސައިޓްތަކުގައި މަގު މައްޗަށް ވެއްޓޭ ގޮތަށް އެއްޗެހި ބަހައްޓައިގެން ނުވާނެ: ސިޓީ ކައުންސިލް
17 މެއި 2020 | އާދީއްތަ 12:38މިދުވަސްވަރު ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނޭ


ހަދަމުންދާ އިމާރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އެދިފައިވޭ
މާލެ ސިޓީ ގެތަކުގެ ބެލްކަނިތަކާއި، ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަގުމައްޗަށް ވެއްޓިދާނެ ފަދަގޮތަކަށް ގަސްމުއްޓާއި އެބާވަތުގެ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
ސިޓީ ކައުންސިލުން ބުނީ ރާއްޖޭގެ މޫސު މާބެހޭ ޤައުމީ އިދާރާއިން، ގްރޭޓަރ މާލޭ ޞަރަޙައްދު ހިމެނޭ ގޮތަށް ރާއްޖޭގެ ބޮޑުބަޔަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވާނެކަމަށް ލަފާކޮށް ޢާންމު ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައިވާ ކަމަށެވެ.
ސިޓީ ކައުންސިލުން ބުނީ މި ދުވަސްވަރު މާލެއަށް ވައިގަދަވެ ގިނަ ޢަދަދެއްގެ ގެއްލުން ލިބެމުން ދާތީ، ރައްޔިތުންނަށް ދިމާވެދާނެ ނުރައްކާތެރި ޙާދިސާއަކުން ރައްކާތެރިވުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
އެގޮތުން މާލޭ ސަރަޙައްދުގެ ކޮންސްޓްރަކްޝަން ސައިޓުތަކާއި ގޭގޭގެ ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނެ ފަދަގޮތަކަށް ގަސްމުއްޓާއި މިބާވަތުގެ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 151 ވަނަ މާއްދާގެ (ޖ) ދަށުން، ހަދާފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލުކުރަމަށް މާލޭގެ ގޭގެ ވެރިންނަށާއި، މާލޭގައި އިމާރާތް ކުރަމުންދާ ސައިޓުތަކުގައި މަސައްކަތް ކުރަމުންދާ ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ވެރިންނަށް އިލްތިމާސް ކުރާ ކަމަށެވެ.
މިކަމަށް އިލްތިމާސްކޮށް ސިޓީ ކައުންސިލުން ޢާންމު ކުރި ސިޓީގައި ވަނީ މަތިން އެއްޗެހި ވެއްޓޭ ފަދަ ގޮތަކަށް ބެހެއްޓިފައި ހުރި ކޮންސްޓްރަކްޝަން ސައިޓު ފަދަ ތަންތަން ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުމަށް އެދިފައެވެ.





