ނުރައްކާތެރި ހަމަލާއެއް ދޭން އުޅުނު ބަޔަކު ހުއްޓުވައފި
11 މެއި 2020 | ހޯމަ 17:26މިނާޒުކު ވަގުތުގައި ގައުމު އެތެރެ ހަލަބޮލި ކޮށްލުމަށް ބައެއް މީހުން މަސައްކަތް ކުރޭ


ނުރައްކާތެރި ބަޔަކު ހައްޔަރުކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ނުރައްކާތެރި ހަމަލާއެއް ދިނުމަށް މަސައްކަތް ކުރަމުން ދިޔަ ބަޔަކު މިދިޔަ ހަފުތާގައިި ފުލުހުން ހުއްޓުވާފައިވާ ކަމަށް ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިމްރާން ވިދާޅުވީ ކޮވިޑް-19ގެ މިނާޒުކު ވަގުތުގައި ގައުމު އެތެރެ ހަލަބޮލި ކޮށްލުމަށް ބައެއް މީހުން ތަފާތު ވިސްނުމުގައި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ހަރުކަށި ވިސްނުމުގެ ތެރެއިން ވެސް މިކަމުގައި ބައެއް ފަރާތްތަކުން މިވަގުތުގެ ނާޖާއިޒް ފައިދާ ނަގާ ރައްޔިތުންނަށް ބިރުވެރިކަމާ ނާމާންކަން ގެނައުމަށްޓަކައި ބައެއް ކަހަލަ ކަންކަން ކުރާކަމަށެވެ. އެގޮތުން ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެދޭ ގޮތަށާއި ރައްޔިތުންނާއި ދައުލަތުގެ މުދަލަށް ގެއްލުން ލިބޭ ގޮތަށް އަމަލުތައް ހިންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޚާއްސަ އޮޕަރޭޝަންތައް ހިންގަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސިފައިންނާ، ފުލުހުން ގުޅިގެން ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މި ދަނޑިވަޅުގައި ދައުލަތުގެ ކްރިޓިކަލް އިންފްރާސްޓްރަކްޗާ ރައްކާތެރިކުރަން ވަރަށް ގިނަ ކަންކަން ރާވާފައިވާ ކަމަށާއި ސެކިއުރިޓީ އަށް ސަމާލުކަން ދީފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ނުރައްކާތެރި ހަމަލާއެއް ހުއްޓުވިފައިވާކަން މިނިސްޓަރު އިމްރާން ފާހަގަކުރައްވާފައިވާއިރު، ހަރުކަށި ފިކުރުގެ މީހުންގެ ތެރެއިން 8 މީހަކު މޮނިޓަރކޮށް, ކޮންޓްރޯލް ކުރުމުގެ އަމުރެއް ހައިކޯޓުން ނެރިފައި ވެއެވެ. އަދި ކ. މާފުށީ ޖަލުގައި ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ ބައެއް ފަރާތްތަކުން ނުރައްކާތެރި ކަންތައްތަކެއް ހިންގަން އުޅެނިކޮށް ފުލުހުން އެކަން ވެސް އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ހުއްޓުވާފައި ވެއެވެ.







