ރައްޔިތުންނަށް ރައްކާތެރިކަމާއެކު ޚިދުމަތް ފޯރުކޮށް ދިނުމުގައި ދެމި އޮންނާނެ ކަމުގެ ޔަޤީންކަން ދެން: އޭޑީކޭ
11 މެއި 2020 | ހޯމަ 10:30ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް މިހާރު ވަނީ އަޅާފައި


މިދަނޑިވަޅުގައި މުއައްޒަފުން ކުރާ ބުރަ މަސައްކަތް އޭޑީކޭ ހޮސްޕިޓަލުން ފާހަގަކޮށްފައިވޭ
ރައްޔިތުންނަށް ރައްކާތެރިކަމާއެކު ޚިދުމަތް ފޯރުކޮށް ދިނުމުގައި ދެމި އޮންނާނެ ކަމުގެ ޔަޤީންކަން އޭޑީކޭ ހޮސްޕިޓަލުން ދީފިއެވެ.
އޭޑީކޭގެ މުއައްޒަފުންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ހޮސްޕިޓަލުން ނެރުނު ބަޔާނުގައި ބުނީ ހޮސްޕިޓަލުގެ ހުޅުމާލެ އެކޮމޮޑޭޝަނަށް ކޮވިޑް-19 ގެ އަސަރު ފޯރާ، އެތަނުގައި ދިރިއުޅޭ 12 ބިދޭސީ މަސައްކަތު މީހުން ޕޮޒިޓިވްވި ނަމަވެސް އެންމެންގެ ޙާލު ރަނގަޅު ކަމަށެވެ.
އޭޑީކޭއިން ބުނީ ކޮވިޑް-19ށް ޕޮޒިޓިވް ވި މުވައްޒަފުންނާ ކޮންޓެކްޓްވި ފަރާތްތަކުގެ ތަފުޞީލު ހޯދާ އެފަރާތްތައް ޓެސްޓު ކުރުމުގެ މަސައްކަތް އެޗްޕީއޭއިން ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އޭޑީކޭއިން ބުނެއެވެ.
އޭޑީކޭއިން ބުނީ ހޮސްޕިޓަލުގެ އެތެރޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ރައްޔިތުންނަށް ރައްކާތެރިކަމާއެކު ޚިދުމަތް ފޯރުކޮށްދެވޭނެ ކަަމަށެވެ.
މުވައްޒަފުންގެ ހީވާގިކަމާއި ހިތްވަރު ފާހަގަކޮށް އޭޑިކޭއިން ބުނެފައިވަނީ އެންމެން ގުޅިގެން މަސައްކަތް ކޮށްފި ކަމުގައި ވާނަމަ ކޮވިޑް-19އިން އަރާގަނެވޭނެ ކަމަށެވެ.







