އިންޓަރނެޓްގެ ޚިދުމަތް ރަނގަޅަށް ފޯރުކޮށްދިނުމަށް ކޮމިޔުނިކޭޝަން އޮތޯރިޓީގެ ދައުރު ފުޅާކުރަންޖެހޭ: މަލީހު
ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުނިތަކަށްސަރުކާރުގެ ވިސްނުމާއި ދެކޮޅަށް ކަންކަން ކުރުމުގެ ފުރުސަތު ނޯންނާނެ


ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ހަފްލާއެއްގައި ބައިވެރިވެ ވަޑައިގަން ވާހަކަ ދައްކަވަނީ
އިންޓަރނެޓްގެ ޚިދުމަތް ރައްޔިތުންނަށް މިހާރަށްވުރެ ރަނގަޅަށް ފޯރުކޮށްދިނުމަށް ކޮމިޔުނިކޭޝަން އޮތޯރިޓީގެ ދައުރު ފުޅާކުރަންޖެހޭ ކަމަށް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ އިންޓަރނެޓްގެ އަގު ހެޔޮ ކުރުމުގެ ކަންކަން ކުރިޔަށްދަނީ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ކަމަށާއި އެޕްލޭންގައިވާ ތާރީޚުތަކާއި އެއްގޮތަށް ކަންކަން ހިނގަމުންދާ ކަމަށެވެ. އަދި އިންޓަރނެޓް އަގުހެޔޮކުރެވި އަސާސީ ޚިދުމަތެއްގެ ގޮތުގައި މިކަން ހަމަޖެހިގެންދާއިރު އަގުތައް ކަނޑައެޅުމުގެ ކަންކަން ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ކުރެވިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ރައްޔިތުންނަށް މި ޚިދުމަތް ދިނުމުގައި އުޅޭ ކުންފުނިތަކަށް ސަރުކާރުގެ ވިސްނުމާއި ޚިލާފަށް މިކަމުގައި ކުރިޔަށް ދިޔުމުގެ ފުރުސަތެއް ނޯންނާނެކަމަށެވެ. އަދި މިޚިދުމަތް ރައްޔިތުންނާ ހަމައަށް މިހާރަށްވުރެ ރަނގަޅަށް ފޯރުކޮށްދިނުމަށް ކޮމިޔުނިކޭޝަން އޮތޯރިޓީގެ ދައުރު މިހާރަށްވުރެ ފުޅާކުރެވެންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި އެކަމަށްޓަކައި ޤާނޫނުތަކަށް ބަދަލު އަންނަންޖެހޭކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިކަންކަން ދުނިޔޭގެ ތަހުޒީބުވެފައިވާ ގައުމުތަކާ އެއްގޮތަށް ބަދަލުތައް ގެނެވެމުން މިހާރު މިހުރި މައްސަލަތަކަށް ހައްލު އަންނާނެކަމަށެވެ.








