ބޭނުންވާ ވަރަށް އޮކްސިޖަން އެބަހުރި: ޑރ.ނަޒީމް
2 މެއި 2020 | ހޮނިހިރު 13:57ދަރުމަވަންތަ ހޮސްޕިޓަލްގައި ޑައިރެކްޓްލީ ޕްލާންޓެއް ހުރޭ


އައިޖީއެމްއެޗުގެ މެޑިކަލް ޑައިރެކްޓަރ ޑރ. އަލީ ނަޒީމް
ކޮވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި މިހާރަށް ބޭނުންވާ މިންވަރަށް އޮކްސިޖަން އެބަހުރި ކަމަށް، އައިޖީއެމްއެޗުގެ މެޑިކަލް ޑައިރެކްޓަރ ޑރ. އަލީ ނަޒީމް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޑރ. ނަޒީމް ވިދާޅުވީ އޮކްސިޖަން އުފެއްދުމުގެ ކެޕޭސިޓީއަށް ބަލާއިރު، ދަރުމަވަންތަ ހޮސްޕިޓަލްގައި ޑައިރެކްޓްލީ ޕްލާންޓެއް އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ޓްރީޓޮޕް ހޮސްޕިޓަލުން އޮކްސިޖަން ފޯރުކޮށްދެނީ އޮކްސިޖަން ބޭންކެއް ހަދާ، ޖަމްބޯ ސިލިންޑަރުގައި ފީޑްކޮށްގެން ކަމަށެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގައި ހުރި އޮކްސިޖެންގެ ތެރެއިން މިހާރު ބަލިމީހުންގެ ލޯޑަށް ބޭނުންކޮށްފައި ވަނީ ވަރަށް ކުޑަ މިންވަރެއްކަން ވެސް ޑރ. ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރަށް އިޝާރާތްކުރައްވައި ޑރ. ނަޒީމް ވިދާޅުވީ އެންމެ ޕީކަށް ދާއިރު ވެސް ބޭނުންވާނީ 4130 ވަރަކަށް އޮކްސިޖަން ފުޅި ކަމަށެވެ. އެއީ ގާތްގަނޑަކަށް 1000 ފުޅި އޮޕަރޭޝަނަލްކޮށް، ފިލިންގައި 1000 ސިލިންޑަރު އަދި ޓްރެވަލްގައި 1000 ސިލިންޑަރުގެ ރޭޓުން ބަލައިގެން ކަމަށް ޑރ. ވިދާޅުވިއެެވެ. އަދި އެގޮތަށް ބަލައި ސަޕްލައިތައް ބަލަހައްޓަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޑރ. ނަޒީމް ވިދާޅުވީ ކޮވިޑް-19ގެ ޓްރީޓްމެންޓަށް އެންމެ މުހިންމު އެކަައްޗަކީ އޮކްސިޖަން ކަމަށެވެ. އަދި ކެޕޭސިޓީ އިތުރު ކުރުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށާއި، ޖަންބޯ ސިލިންޑަރުތައް ގެނައުމުގެ މަސައްކަތްތައްވެސް ކުރަމުންދާ ކަމަށް ޑރ. ނަޒީމް ވިދާޅުވިއެވެ.








