Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މާލެ ފުރަބަންދު ކުރުން

މައިމީހާ ގާތަށް އައުމަށް 8 އަަހަރުގެ ދަރިއަކަށް މާލެ ނާދެވުނުއިރު، މެންބަރު ރިޔާޒް ވަޑައިގެންނެވީ ކިހިނެއް؟

ހުއްދައަށް އެދި ތިބި އަދި ހުއްދަ ނުލިބިފައިވާ އެތައް ރައްޔިތުންނެއް އެބަތިބި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 26 އެޕްރީލު 2020 | އާދީއްތަ 12:40
މެމްބަރު ރިޔާޒް މާލެ ވަޑައިގަންނަވަމުން ޓްވިޓަރގައި ހިއްސާކުރެއްވި ފޮޓޯ

މެމްބަރު ރިޔާޒް މާލެ ވަޑައިގަންނަވަމުން ޓްވިޓަރގައި ހިއްސާކުރެއްވި ފޮޓޯ

ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް މާލެއިން ފެނުމާއެކު، ދުވަހުން ދުވަހަށް މާލެ ޞަރަޙައްދު ފުރަބަންދުކޮށް، އެއްވެސް އުޅަނދެއް ލަފާ ފުރުން މަނާކުރިއެވެ. ރައްކާތެރިކަމުގެ ގޮތުންނާއި، ވައިރަސް އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުން އެޅި މި ފިޔަވަޅާއެކު އެތައް ރައްޔިތުންނެއް ތިބި ތަނުގައި ތާށިވިއެވެ. ޢާއިލާ ކައިރިއަށް ދާން ބޭނުންވެ ފުރުމަށްޓަކައި އެނދު ތަންމަތި ބަންދުކޮށްގެން ތިބި އެތައް ބަޔަކު އޭރު ތިއްބެވެ. ރަށްރަށަށް ދިއުމަށްޓަކައި ގޮސް އުޅަނދުފަހަރުތަކަށް އަރައި ތިބި އެތައް ރައްޔިތުންނެއް ތިއްބެވެ. ރިސޯޓުތަކުންނާއި ރަށްރަށުން ކުރު މުއްދަތަކަށް މާލެ އައިސް، ތަންތަން ކުއްޔަށް ނަގައިގެން ތިބި މީހުންވެސް ވަކި މަދެއް ނޫނެވެ.

އެހިސާބުން މާލޭގައި ތާށިވެފައި ތިބި މީހުންނާއި، ރަށްރަށުން ކޮންމެހެން މާލެ އަންނަން ބޭނުންވާ މީހުންނާ ގުޅިގެން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ސުވާލުތައް ޢަމާޒު ކުރެވުނު މަންޒަރު ފެނިގެންދިޔައެވެ. އެއާއެކު، ރިސޯޓުތަކުން ކަރަންޓީން މުއްދަތު ފުރިހަމަކޮށްފައިވާ ފަރާތްތަކާއި، ޞިައްޙީ ޒަރޫރީ ސަބަބުތަކަށްޓަކައި ރަށްރަށަށް ޒިޔާރަތް ކުރާ ފަރާތްތަކާމެދު ޚާއްޞަ އުޞޫލުތަކެއް ކަނޑައެޅި، އެއަށް ޢަމަލުކުރަން ފެށުނެވެ. އަދި އެކި ސަބަބުތަކާހުރެ މާލޭގައި ތާށިވެފައިތިބޭ މީހުންނަށްވެސް ޖެންޑަރ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިއެވެ.

ނަމަވެސް ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރެމުންދާ މި ނުރައްކާތެރި ދަނޑިވަޅުގައި ހަދާނެ ގޮތް ހުސްވެ، އެހީތެރިކަމަށް އެދި ދާނެ ކޮޅެއް ނޭނގިފައިތިބި އެތައް ރައްޔިތުންނެއްވެސް އެބަތިއްބެވެ.

ދެކުނުގެ އަތޮޅަކަށް ނިޞްބަތްވާ ޢާއިޝަތު ޢަލީ (އަސްލުނަމެއް ނޫން) މިވަގުތު ހުރީ މާލޭގައެވެ. އޭނާގެ 8 އަހަރުގެ ދަރިފުޅާ ދުރުގައެވެ. ފުރަބަންދު ކުރުމުން ދަރިފުޅު މައިމީހާ ގާތަށް ނުގެނެވި ނުހަނު ހިތްދަތިކަމުގައި އުޅެމުންދާއިރު، އޭނާ ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން އޭނާގެ ދަރިފުޅު މާލެ ގެނައުމުގެ ހުއްދައަކަށް އެދިފައެވެ.

" އަޅުގަނޑުގެ ދަރިފުޅު އަޅުގަނޑަށް ލިބޭނެ ގޮތް ހައްދަވައިދެއްވާ" ޢާއިޝަތު އާދޭހާއެކު މިހެން އެދިފައިވާއިރު، މިފަދަ އެތައް ބަޔަކު މާލޭގައިވެސް އުޅެމުންދެއެވެ. ވަގުތާއި ޙާލަތަށް ބަލައި އެންމެންވެސް ކެތްތެރިވެގެން ތިބީ ވިހާވެސް އަވަހަށް ރަނގަޅު މަގެއް ފެންނާނެ ކަމުގެ އުއްމީދުގައެވެ. މިފަދަ ދަނޑިވަޅެއްގައި ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް މާލެ ވަޑައިގެންނެވުމުން އެތައް ރައްޔިތުންނެއް ރުޅިއައީ ސަބަބުތަކެއް ނެތިއެއް ނޫނެވެ.

އާދިއްތަ ދުވަހު މެންބަރު ރިޔާޒް ޓްވިޓަރގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ތިމަރަފުށިން ފުރައިގެން އެނބުރި މާލެ ވަޑައިގަތް ވާހަކަ ހިއްސާކުރައްވާފައެވެ. އަދި މާލެ ވަޑައިގެންނެވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި ފުލުހުންގެ ހުއްދަ ލިއުމުން ލިބިގެންކަންވެސް ރިޔާޒް ފާހަގަކުރެއްވިއެވެ. އެހިސާބުން އެ ހުއްދައަށް އެދި ތިބި އަދި ހުއްދަ ނުލިބިފައިވާ އެތައް ރައްޔިތުންނެއް ސުވާލު އުފެއްދީ މެންބަރު ރިޔާޒަށް އެހާ ފަސޭހައިން ހުއްދަ ލިބިވަޑައިގަތީ ކިހިނެއްތޯއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން މެންބަރު ރިޔާޒް ވިދާޅުވީ، އެޗްޕީއޭއަށް މެއިލް ކުރުމުން ހުއްދަ ދީފައިވާކަމުގެ މެއިލް ލިބުނު ކަމަށެވެ. އެގޮތުން ތިމަރަފުށިން އިތުރު 7 މީހަކުވެސް އެބީދައިން މާލެ އައިކަން މެންބަރު ރިޔާޒް ފާހަގަކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން މީސްމީޑިއާގައި ޢާންމުންގެ ރުޅިގަނޑު ގުގުމާލާފައިވާއިރު، އެތައް ބަޔަކު ވަނީ ފުރަބަންދުގައި ދަތުރުފަތުރު ކުރުމުގައި އޮތް ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އެތައް ފަހަރަކު މަސައްކަތް ކޮށްގެންވެސް ހުއްދަ ނުލިބުނުއިރު، މެންބަރު ރިޔާޒަށް އެހާ ފަސޭހައިން ހުއްދަ ލިބެންވީ ސަބަބަކީ ކޮބައިތޯ ބައެއް މީހުންވަނީ ސުވާލު އުފައްދާފައެވެ. 8 އަހަރުގެ ދަރިފުޅު މައިމީހާ ގާތަށް އައުމަށް ހުއްދައަށް އެދިފައިވާއިރު، މި 2 ޙާލަތުގައި ތަފާތު ކުރުން ގެންގުޅެފައިވަނީ ކީއްވެތޯ ސުވާލު އުފައްދާ މީހުންވެސް މަދެއް ނޫނެވެ.

އެހެން ޙާދިސާއަކަށް ބަލާއިރު، މާލޭގައި ދެ ދަރިންނާއެކު އުޅެމުންދާ ހައްވާ ރަމީޒާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާއަކީ މާލޭގައި ދިރިއުޅޭ 30 ވަނަ ހަފުތާ ގުނަމުންދާ މާބަނޑު އަންހެނެއް ކަމަށާއި، އޭނާގެ ފިރިމީހާއާ ވަކިވެ މާބަނޑު ދުވަސްވަރު ހޭދަކުރަން ޖެހިފައިވާއިރުވެސް، ހުއްދަ ނުލިބި ލަސްވެގެން ދިޔަކަމަށެވެ.

އެހިސާބުން ގިނަ ބަޔަކު އުފެއްދި ސުވާލަކީ ދަތި ޙާލުގައި ޢާއިލާތަކާ ދުރުގައި ނުހަނު ތަކުލީފާއެކު އުޅެމުންދާ ޢާންމު ރައްޔިތުންނަށް ހުއްދަތައް ނުލިބިދާއިރު، މެންބަރު ރިޔާޒަށް ހުއްދަ ދޫކޮށްފައިވަނީ ކިހައި އިމަރޖެންސީ ޙާލަތެއް މެދުވެރިވެގެންބާއެވެ.

އެކަމާ ގުޅޭގޮތުން އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ، ފުލުހުން މާލެއައުމަށްޓަކައި ހުއްދަތައް ދޫކުރަނީ އެޗްޕީއޭގެ ރިލީސް ލެޓަރ (އެޗްޕީއޭގެ ޚާއްސަ ހުއްދަ)އެއް ދިނުމުން ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް ފެނި، މާލެ ފުރަބަންދުކޮށް އެއްރަށުން އަނެއް ރަށަށް ދިއުންވެސް މަނާކޮށްފައިވާއިރު، މި ވައިރަސް ފެތުރުމުގެ ނުރައްކާ އޮތީ ހަމައެކަނި މާލެއިން ރަށްރަށަށް ދާ މީހުންގެ ފަރާތުންނެއް ނޫނެވެ. ނުވަތަ ރިސޯޓުތަކުން މާލެ ދާ މީހުންގެ ފަރާތުންނެއްވެސް ނޫނެވެ. ހަޤީޤަތަކީ މިއަދު ރާއްޖޭގެ އެއްވެސް ހިސާބެއް ރައްކާތެެރި ނޫންކަމެވެ. ވީއިރު، ޚާއްޞަ ޙާލަތްތަކަށް ރިޢާޔަތްކޮށް މި ހުއްދަތައް ދޫކުރެވޭ ގޮތްތައް ރައްޔިތުންނަށް އިތުރަށް އޮޅުން ފިލުވައިދޭން އެބަ ޖެހެއެވެ. ހުއްދަ ލިބޭ ޙާލަތްތަކާއި ނުލިބޭ ޙާލަތްތައް ރައްޔިތުންނަށް އިތުރަށް ސާފުވާން އެބަ ޖެހެއެވެ.

އޭގެ އިތުރުން، އެތައް ރައްޔިތުންނެއް މާލޭގައި ތާށިވެ، ބޮޑެތި ޚަރަދުތައް ކުރަން މަޖުބޫރުވެފައިވާއިރު، ޚާއްޞަ ޙާލަތްތަކުގައި އެންމެންނަށް ހަމަހަމައަށް ހުއްދަ ދޫކުރަން ޖެހެއެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ޢާންމު ރައްޔިތުމީހާގެ ދިރިއުޅުމުގެ ޙާލަތަށްވެސް ރިޢުޔަތް ކުރަން ޖެހެއެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުއްލިއަކަށް މާލެ ފުރަބަންދު ކުރިއިރު، ކުރު މުއްދަތަށް މާލެ އައިސް ތާށިވެފައި ތިބި ހުރިހާ ފަރާތްތައް ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންގޮސް އެންމެން ތޮއްޖެހުމުގެ ބަދަލުގައި ވަކި އިންތިޒާމުތަކެއްގެ ދަށުން، އެނބުރި ރަށަށް ދެވޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަން ޖެހެއެވެ. ރަށްރަށުގެ ޓާސްކްފޯސްތަކާއި ގުޅިގެން އެ ފަރާތްތައް ވަކިން އައިސޮލޭޓް ކުރެވޭގޮތް ހަމަޖެހިފައިވާ ރަށްރަށަށް އެނބުރި ދިއުމަށް ހުއްދަ ދޫކުރެވިދާނެ ނޫންތޯއެވެ؟ ޙަޤީޤަތަކީ މިފަދަ ބިރުވެރި ދަނޑިވަޅެއްގައިވެސް މާލެއިން އެނބުރި ރަށްރަށަށް ދާން ބޭނުންވާ އަދި ރަށްރަށުން މާލެ އަންނަން ބޭނުންވެފައި ތިބި ފަރާތްތައް ތިބީ ނުހަނު މަޖުބޫރީ ޙާލަތެއްގައި ކަމެވެ. އެ ފަރާތްތަކަށް އަވަސް ޙައްލެއް ސަރުކާރުން ހޯދައިދޭން ޖެހޭކަމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

މަރާއި ހަނގުރާމަކުރަމުންދިޔަ މައިމީހާ، ދަރިފުޅު ވިހާފައި ވަނީ ސުންނާފަތިވެފައިވާ ގެތަކުގެ ދަށުގައި

08 ފެބުރުއަރީ 2023
އިންޑިޔާއާއި ޕާކިސްތާނުން ނިއުކްލިއަރ ހަނގުރާމައެއް ކުރުމާ ވަރަށް ގާތަށް ދިޔަ - ޕޮމްޕެއޯ

އިންޑިޔާއާއި ޕާކިސްތާނުން ނިއުކްލިއަރ ހަނގުރާމައެއް ކުރުމާ ވަރަށް ގާތަށް ދިޔަ - ޕޮމްޕެއޯ

25 ޖެނުއަރީ 2023
ފްރާންސް ނުކުންނާނީ ތަށި ދިފާއުކުރުމުގެ ފިޔަވަޅާ ގާތަށް ޖެހިލަން

ފްރާންސް ނުކުންނާނީ ތަށި ދިފާއުކުރުމުގެ ފިޔަވަޅާ ގާތަށް ޖެހިލަން

14 ޑިސެމްބަރު 2022
ރަށްރަށާއި މާލޭގެ ކަރަންޓުގެ އަގު އެއް ހަމަކުރާނަމަ ދެ ކުންފުންޏަށް 80 މިލިއަނާ ގާތަށް ގެއްލުން

ރަށްރަށާއި މާލޭގެ ކަރަންޓުގެ އަގު އެއް ހަމަކުރާނަމަ ދެ ކުންފުންޏަށް 80 މިލިއަނާ ގާތަށް ގެއްލުން

04 އޮކްޓޯބަރު 2022
"އެނބުރި އައުމަށް" ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު ފެންނަ ވީޑިއޯއެއް

"އެނބުރި އައުމަށް" ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު ފެންނަ ވީޑިއޯއެއް

09 އޮކްޓޯބަރު 2021

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު