މިސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރި ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ރަށްރަށާއި މާލޭގެ ގޭބެސީތަކުން ޔުނިޓަކުން ނަގާ އަގު އެއް ހަމަކުރުމެވެ. ގޭބެސީތަކުން ނަގަމުން އައި އަގު އެއް ހަމަކުރިނަމަވެސް އަދިވެސް ވިޔަފާރިތަކުން ނަގާ އަގުތަކުގައި ބޮޑެތި ފަރަގުތަކެއް އެބަހުއްޓެވެ. އެފަރަގުތައް ނައްތާލާ އެކަން ހައްލުކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ވަނީ ގަރާރެއް ހުށަހަޅާފައެވެ.
ތޮއްޑޫ ދާއިރާގެ މެމްބަރ ހަސަން ޝިޔާން ހުށަހަޅުއްވާފައިވާ މިގަރާރަކީ ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ދެކުންފުނި ކަމުގައިވާ ސްޓެލްކޯ އާއި ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންގެންދާ ރަށްރަށާއި ގްރޭޓަރ މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ބިލު ކުރަމުންގެންދާ ރޭޓާއި ބެންޑުކުރުންތަކުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލާ ބޭންޑާއި ރޭޓް ހަމަހަމަ ކުރުމަށާއި އެކަމުގެ ސަބަބުން ކުދި ވިޔަފާރިވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ހުށަހަޅުއްވާފައިވާ ގަރާރެކެވެ. މިވަގުތު ސްޓެލްކޯއިން ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު ރަށްރަށުގައި 300 ޔުނިޓުން މައްޗަށް 6 ރުފިޔާ ޗާރޖުކުރާއިރު މާލޭގެ ވިޔަފާރިތަންތަނުން 6 ރުފިޔާ ޗާޖުކުރަނީ 1000 ޔުނިޓުން މައްޗަށެވެ.
މިގަރާރު ދިރާސާކުރުގެ މަސައްކަތްކުރަމުންދަނީ ސްޓޭޓް އޯންޑް އެންޓަރޕްރައިސަސް ކޮމިޓީ (އެސްއޯއީ)ން ނެވެ. ކޮމިޓީގެ ބައްދަލުވުމެއް އަންގާރަ ދުވަހު ކުރިޔަށްދިޔައިރު އެބައްދަލުވުމަށް ވަނީ ސްޓެލްކޯ އާއި ފެނަކާއި ޔޫޓިލިޓީ އޮތޯރިޓީ އާއި އެންވަޔަރަންމަންޓް މިނިސްޓްރީގެ ބޭފުޅުން ހާޒިރުކޮށްފައެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ދެކުންފުނި ކަމުގައިވާ ސްޓެލްކޯ އާއި ފެނަކައިންވެސް ފާހަގަކުރި ކަމަކީ ކަރަންޓުގެ ޔުނިޓަކަށް ނަގާ އަގު ކަނޑައެޅުމުގެ ސީދާ ބާރު އެކުންފުނިތަކަށް ނޯންނަކަމަށެވެ. އެކަމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރެވި ޓެރިފް ރޭޓެއްގައި އަގުތައް ނެގެމުންދާއިރު މިހާރު ވިޔަފާރިކުރާ ތަންތަނުން ނަގަމުންދާ އަގު މާލެ އާއި ރަށްރަށުގައި އެއްހަމަކޮށްފިނަމަ ދެކުންފުންޏަށްވެސް އެކަމުގެ ސަބަބުން ގެއްލުންވާނެކަން ވަނީ ފާހަގަކޮށްފައެވެ.
ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ (އެމްޑީ) އަހުމަދު ޝަރީފް ވިދާޅުވީ ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުންދަނީ 31 ރަށެއްގެ އިތުރުން މާލެ ސަރަހައްދަށްކަމަށެވެ. މާލެ އާއި ރަށްރަށުގައި ނެގޭ އަގުތައް ތަފާތުވާއިރު އެކަމާއި ގުޅިގެން މިއަހަރުގެ ތެރޭގައި ދިރާސާއެއް ހަދާފައިވާނެކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ މާލެ އާއި އަތޮޅުތަކުގައި ޚިދުމަތްދޭ އަގު އެއްވަރުކޮށްފިނަމަ އެކުންފުންޏަށް 35 މިލިއަން ރުފިޔާ ގެއްލުންވާނެކަމަށެވެ.
އެހެންކަމުން މިހާރަށް ވިސްނާއިރު އެއީ އެހާ ފީސިބަލް ކަމެއް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.
އެހެންވީމާ ދިރާސާ ހެދުމަށްފަހު އެކަން ވާނެ ކަމާބެހޭ ފަރާތްތަކަށް އެމައުލޫމާތު ދީފައި. ޓެރިފް ރޭޓަށް ބަދަލުގެނައުމަކީ މިހާރު އެހާ ފީސިބަލް ކަމަކަށްނުވެދާނެ ކަމެއް. ސަބަބަކީ މިހާރުވެސް ކުންފުނިން ކަރަންޓު ދޭ ރަށްތަކުގެ ތެރެއިން 10 ރަށުން ފިޔަވައި ބާކީ ހުރި ރަށްތަކުން ވަނީ ގެއްލުން. އެހެންވީމާ މާލެއިން ލިބޭ ފައިދާ އާއި އެހެން ރަށްރަށުން ލިބޭ ފައިދާ ސަބްސިޑައިޒް ކޮށްގެން ގެއްލުންތައް ފޫބައްދަމުންދަނީ. އަދި އިތުރު އިންވެސްޓްމަންޓްތައްވެސް ކުރަމުން އަދި އިތުރު ރަށްރަށުގައި ހިދުމަތް ހަރުދަނާކުރުމަށް ފުޅާކުރުމަށް ކުރެވޭ ހަރަދުތައް ކުރަމުންދަނީ މާލެ އާއި އެހެން ރަށްތަކުން ލިބޭ ފައިދާއަށް ބިނާކޮށް.އަހުމަދު ޝަރީފް / ސްޓެލްކޯގެ އެމްޑީ
ފެނަކައިން އަންނަނީ ރާއްޖޭގެ 155 ރަށަށް ކަރަންޓްގެ ޚިދުމަތް ދެމުންނެވެ. ވިޔަފާރި ތަންތަނުގެ ރޭޓް އެއް ހަމަކޮށްފިނަމަ ފެނަކައަށް 41.2 މިލިއަން ރުފިޔާގެ ގެއްލުންވާނެކަމަށް އެކުންފުނީގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދު އަލީ ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ. ޓެރިފަށް ބަދަލު ގެނައުމަށް މަޝްވަރާތަކެއް ކުރެވިފައިވީނަމަވެސް އެކަމާއި ގުޅޭގޮތުން އަދި ގޮތެއް ނިންމާފައިނުވާކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.
އަދި އަގުތައް އެއް ހަމަކޮށްފިނަމަ އެކަމުގެ ގެއްލުން ކުންފުންޏަށްވާނެކަމަށާއި މިހާރު ކުރަމުން އަންނަ މަސައްކަތްތަކަށް ބުރުއަރާނެކަމަށެވެ.
ރަށްރަށުގެ ނެޓް ވޯކް ބަދަލުކުރުމާއި ނެޓް ވޯކްތައް އައުކުރުމާއި އިންޖީނުގެތައް އާބަދީ އާ ދުރަށް ގެންދިޔުމާއި ލިބޭ ރިވިނެޔުއަކުން ހިންގާ ޕްރޮޖެކްޓްތައް މިއީ. އެހެންވީމާ މިވަގުތަށް އެއް ހަމަކޮށްދިންނަމަވެސް ކޮންމެސް އެހެން ގޮތަށް ރޭވިގެން ބަދަލު ގެނައުން ރަނގަޅުވާނީއަހުމަދު އަލީ/ ފެނަކައިގެ އެސިސްޓެންޓް ޑިރެކްޓަރ
މިކަމާއި ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ އަލީ މާޖިދު ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވީ މިހާރުން މިހާރަށް މާލެ އާއި އަތޮޅުތަކުގެ އަގު އެއް ހަމަކޮށްފިނަމަ ކުންފުނިތަކަށް ގެއްލުންވާނެކަމަށާއި އެގެއްލުން ފޫބުއްދެމަށް ކުންފުނިތަކަށް ސަރުކާރުން ސަބްސިޑީ ދޭންޖެހޭ މިންވަރު އިތުރުވެގެންދާނެކަމަށެވެ. އެކަމުގެ ސަބަބުން ޔޫޓިލިޓީ ދާއިރާ ފުޅާކޮށް ތަރައްގީކުރުމަށް ކުރަމުންދާ މަސައްކަތަށް ބުރުއަރާނެކަމަށް މާޖިދު ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޔޫޓިލިޓީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޔަޒީދު އަހުމަދުވެސް ވިދާޅުވީ ވިޔަފާރިކުރާ ތަންތަނުން ނަގާ އަގު މާލެ އާއި އަތޮޅުތަކުގައި އެއް ހަމަކޮށްފިނަމަ ކުންފުނިތަކަށް ގެއްލުންވާނެކަމަށެވެ. ރަށްރަށާއި މާލޭގައި ވިޔަފާރިތައް ހިންގާ ގޮތް ތަފާތުވާއިރު ކުންފުނިތަކުން ބޭނުންވާ ހަރަދުތައް ކުރަމުންދަނީ ލިބޭ ފައިދާއިންކަމަށެވެ.
ހައްލަކީ އިޔާދަކުރަނިވި ހަކަތަ:
ކޮމިޓީގައި ވާހަކަދެއްކެވި ހުރިހާ ބޭފުޅުންވެސް ވަނީ އިޔާދަކުރަނިވި ހަކަތައަށް ގޮސްގެން ކަރަންޓުގެ އަގު ކުޑަކުރެވޭނެކަން ފާހަގަކުރައްވާފައެވެ.
ކަރަންޓު އުފައްދަން ކުރަންޖެހޭ ހަރަދުގެ ބޮޑު ބަޔެއް ދަނީ ތެލަށެވެ. އެހެންކަމުން ބޭނުންކުރާ ތެލުގެ މިންވަރު މަދުވާނަމަ ރައްޔިތުން އަތުން ނަގަންޖެހޭ އަގު ކުޑަކުރެވިގެންދާނެއެވެ.
ސްޓެލްކޯގެ އެމްޑީ ޝަރީފް ވިދާޅުވީ ސްޓެލްކޯއަށް ލިބޭ އާމްދަނީ 65 އިންސައްތަ އެކުންފުނިން ހޭދަކުރަމުން އަންނަނީ ތެލަށްކަމަށެވެ. އެހެންކަމުން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢެއް ރާވަމުންދާ ކަމަށާއި އެގޮތުން 100 މެގަވޮޓްގެ ސޯލާ އެނާޖީ މަޝްރޫޢެއް ރާވަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ. އެމަޝްރޫޢުގެ ދަށުން ޔުނިޓަކަށް ޖެހޭވަރު 2.5 ރުފިޔާއަށްވުރެ ކުޑަކުރެވިގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
ފެނަކައިން ވެސް ފާހަގަކުރި ކަމަކީ އިޔާދަކުރަނިވި ހަކަތައާ ދިމާލަށް ދިޔުމެވެ. ފެނަކައިގެ ފަރާތުން ވާހަކަދައްކަވަމުން އަހުމަދު އަލީ ވިދާޅުވީ 155 ރަށުގައި ހޯމް ސޯލަރ އެނަރޖީ ޕްރޮގްރާމް ކުރިޔަށްގެންދާކަމަށެވެ. ސޯލަރ އެނާޖީއަށް އިންވެސްޓްކުރާ ފަރާތްތަކަށް 75-92 އިންސައްތަ ކަރަންޓް ބިލުން ކުޑަކުރެވިގެންދާނެކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ.
ޑެޕިޔުޓީ މިނިސްޓަރ އަލީ މާޖިދުވެސް ފާހަގަކުރެއްވީ މިހާރު ކުރިޔަށްދާ އިޔާދަކުރިނިވި ހަކަތައިގެ މަޝްރޫޢުތަކާއެކު ކަރަންޓުގެ އަގު ކުޑަކުރެވިގެންދާނެކަމަށެވެ. މިސަރުކާރުގެ ހަތަރު އަހަރު ތެރޭގައި 36 މެގަވޮޓްގެ ސޯލާ ޖެހިފައިވާއިރު އަދިވެސް މުޅި ރާއްޖޭގެ ކަރަންޓް ޓެރިފަށް ބަދަލު ގެނެވޭވަރަށް އެކަން ނުކުރެވޭކަމަށް މާޖިދު ވިދާޅުވިއެވެ. އެހިސާބަށް ދެވޭނީ އުފައްދާ ކަރަންޓުގެ 30 އިންސައްތަ އަށް ވާވަރު އިޔާދަކުރަނިވި ހަކަތައިން އުފެއްދިގެންކަމަށް މާޖިދު ވިދާޅުވިއެވެ.