ކޮންމެ ދުވަހަކީ ކޮވިޑް-19ގެ އައު ކަންތައްތަކެއް ދަސްކުރާ ދުވަހެއް: ޑރ.ނިޔާފް
22 އެޕްރީލު 2020 | ބުދަ 09:40ޚާއްސަ ތަމްރީން ފްރޮގްރާމްތައް ކުރިއަށް ގެންދެވޭ


ޑރ.އަބްދުﷲ ނިޔާފް/ ކޮވިޑް-19ގެ މަސައްކަތްތަކުގައި ސިއްހީ ދާއިރާގެ ބޭފުޅުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ދުނިޔޭގެ އެކިކަންކޮޅުތަކުގައި މަސައްކަތްކުރާ ގޮތަށް ރާއްޖޭގެ ޑޮކްޓަރުން ވެސް ކޮންމެ ދުވަހަކު ކޮވިޑް-19ގެ އައު ކަންތައްތަކެއް ދަސްކުރަމުން ދާކަމަށް ޑރ.އަބްދުﷲ ނިޔާފު ވިދާޅުވެއްޖެއެވެ.
ކޮވިޑް-19ގެ ވައިރަސް ދެނެގަނެވުނު ގޮތާ ގުޅޭގޮތުން ރޭޑިއޮލޮޖިސްޓުން ދެއްވި ޚާއްސަ އިންޓަވިއު ޕެނަލް ޑިސްކަޝަންގައި ޑރ.ނިޔާފް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް މިބަލި ދަސްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
ޑރ. ނިޔާފު ވިދާޅުވީ ރާއްޖޭގައި ވެސް ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން މިކުރެވޭ މަސައްކަތްތައް ވަރަށް ފުރިހަމައަށް ކުރެވެމުންދާ ކަމަށެވެ. ގިނަ އަދަދެއްގެ ބަޔަކަށް ތަމްރީން ދެމުންދާކަން ޑރ. ނިޔާފު ފާހަގަކުރެއްވިއެވެ.
އެގޮތުން ބޭސްކުރުމުގައި ބޭނުންވާ ވަސީލަތް ތައާރަފް ކުރުމާއި ވަސީލަތްތައް ފުރިހަމަ ކުރުމާއި ބަލި ހޯދައި ގަތުމާއި، ބައްޔަށް ފަރުވާ ކުރުމާއި، ބައްޔަށް ފަރުވާ ދެމުންދާއިރުގަ ފަރުވާ ރަނގަޅުވާ މިންވަރު ނުވަތަ ފަރުވާ ދިން ނަމަވެސް ރަނގަޅުނުވެ ހާލަތު ގޯސްވަމުންދާ މިންވަރު ދެނެގަތުމުގެ މަސައްކަތް ވަރަށް ފުރިހަމަކޮށް ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ޑރ.ނިޔާފު ވިދާޅުވިއެވެ.
ޑރ. ނިޔާފު ވިދާޅުވީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ބޭފުޅުންނަކީ، މިބައްޔާ އެންމެ ގާތުން ބައްދަލުވާނެ ފަރާތްކަމަށްވާތީ ޑޮކްޓަރުން، ނަރުހުން، އޭގެ އިތުރުން ޓެކްނީޝަނުން އަދި އެތަނުގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް ވެސް މިބަލިން ސަލާމަތްވެވޭ ހާލަތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ތަމްރީންތައް ދެވިފައިވާ ކަމަށެވެ. އަދި އެތަމްރީންތަކުގެ ބޭނުން ހިފަމުން ޓްރޭނިންގ ތައް ހެދި ފަރިތަވަމުންދާކަން ޑރ. ނިޔާފު ފާހަގަކުރެއްވިއެވެ.






