މުދާ ބަލައި އަންނަ އުޅަނދު ފަހަރު ރަށަށް ފުރަން އެމްޕީއެލްގެ ލިޔުން ހޯދަންޖެހޭ!
21 އެޕްރީލު 2020 | އަންގާރަ 10:11މާލެއަށް އައުމަށް ކައުންސިލްގެ ހުއްދަ ނަގަންޖެހޭ


ބޯޓަކަށް މުދާއެރުވުމުގެ މަސައްކަތް ކުރަނީ
އަސާސީ މުދާ ބަލައި މާލެއަށް އަންނަ އުޅަނދުތައް، އަނބުރާ ރަށަށް ފުރުމަށް މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް(އެމްޕީއެލް) ލިޔުމެއް ހޯދަންޖެހޭ ކަމަށް، މޯލްޑިވްސް ޕޮލިސް ސަރވިސުން ބުނެފިއެވެ.
މުދާ ބަލައި އައުމުގެ އިންތިޒާމްތަކާ ބެހޭ ގޮތުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވިދާޅުވީ، އަސާސީ މުދާ ބަލައި މާލެއަށް އައުމަށް ފުރަންވާނީ ކައުންސިލްގެ ހުއްދަ ނަގައިގެން ނެވެ.
ފައިރޫޝް ވިދާޅުވީ މާލެއިންއަރުވަން ބޭނުންވާ މުދާ އެރުވޭނީ ދެކުނު ބަނދަރުންނެވެ. އެ ޙާލަތުގައިވެސް އެއްވެސް އޮޑިއެއްގެ ފަޅުވެރިއަކު ނޫނީ ކައްޕިއަށްވެސް މާލެއަށް ނޭރޭނެއެވެ. އަދި މުދާ ބަރުކުރެވުމުން ރަށަށް ދިއުމަށް ފުރާންވާނީ އެމްޕީއެލްގެ ލިޔުމެއް ހޯދައިގެންކަމަށް ފައިރޫޝް، ވިދާޅުވެފައި ވެއެވެ.
ކޮވިޑް-19 މާލެ ސިޓީގައި ދިރިއުޅޭ ރައްޔިތެއްގެ ގައިން ފެނުމާއެކު މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި ހުކުރު ދުވަހުން ފެށިގެން މާލެ ސިޓީ ދެ ހަފްތާގެ މުއްދަތަށް ލޮކްޑައުން ކޮށްފައިވާއިރު، ރާއްޖޭގެ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.








