ކ. މާލެ
|
15 އޭޕްރިލް 2020 | ބުދަ 20:35
ރައީސް ސޯލިހް ޤައުމާއި މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަނީ
ރައީސް ސޯލިހް ޤައުމާއި މުހާތަބުކުރައްވާ ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ރައީސް ޤައުމާ މުހާތަބުކުރެއްވުން
ރައީސް ސޯލިޙުގެ އަސަރުގަދަ ވާހަކަފުޅުން ދިވެހީންގެ ހިތްތައް ކުދިކުދިވެފައި!
 
ރައީސް ސޯލިހްގެ ވާހަކަފުޅުން އެތަށް ބަޔަކަށް ހިތްވަރު ލިބިގެންދިޔަ

"ހާދަ އސަރެއް ކުރުވިޔޭ، ތިޔަ ބަސްފުޅާއި ނަސޭޙަތުން – ހާދަ އިޚުލާސްތެރިކަމެއް، ފެނިގެން ހިނގައްޖޭ ތިޔަ ހިތުން"

ތިޔަ ވިދާޅުވި, ނޫނީ އެއްސެވި ޅެންބައިތަކީ، މިއަދު އަސުރުންދަށްވެފައި ވަނިކޮށް، ރާއްޖޭގެ ރައީސުލލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު، ޤައުމާ މުޚާޠަބު ކުރެއްވި ހިނދު، "ދިވެހި ޅެންވެރިންގެ ބަހާރު"ގެ ވައިބަރު ގްރޫޕުގައި، ހިނގައިގަތް ޝާއިރެއްގެ ޝުޢޫރެވެ.

އެހިނދު، އެ ބައިތަށް ތާއީދުކުރައްވައި، އެހެން ބޭކަނބަލަކު އެ ގްރޫޕުގައި ލިޔުއްވިއެވެ. "ރައީސް ސާލިޙު، ވާހަކަފުޅު ދައްކަވަމުން ގެންދެވީ، ވަރަށް އަސަރާއެކުގައިކަން، ފާހަގަ ކުރެވުނެވެ. އަޅުގަނޑަށްވެސް، އެހައިމެފުން އަސަރުކޮށްފިއެވެ. އެވަގުތު ރޮވުނެވެ".

ދިވެހި ޅެންވެރިންގެ ބަހާރުގެ ވައިބަރު ގްރޫފުގައި، ހިލިގެން އެދާ ކަރުނަޔާ، ފުން އަސަރުތަކަކީ، ރައީސް ސާލިޙުގެ ވާހަކަފުޅަށްފަހު، ދިވެހީންގެ ގިނަ ބައެއްގެ ހިތްތަކުގައިވެސް، ހިނގައިގަތް ހިތާމަތަކެވެ. އިޙުސާސް ތަކެވެ. އަސަރުތަކެވެ. އެ ހިތްތަކުގެ ވޭނީ ޝުޢޫރު ތަކެވެ.

މިއަދު ހެނދުނު، މާލޭން ދިވެއްސަކު ކޯވިޑު19 އަށް، ފައްސިވެގެން ދިޔަ، ހިތާމަވެރި ޚަބަރު، ދިވެހިގައުމާ މުޚާޠަބު ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މސާލިޙު ވިދާޅުވެ ދެއްވިއެވެ.

"ދިވެހިރާއްޖޭގައި ކޯވިޑު19 ފެތުރިގެން ހިނގައިދާނެ ޙާލަތަކަށް، ހިނގައިދާނެއަތީ، ސަރުކާރުން މި އޮތީ ތައްޔާރަށް" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު، މިހެން، ވިދާޅުވަމުން، އެމަނިކުފާނު ޤައުމާ މުޚާތަބު ކުރައްވަން ފެއްޓެވިއެވެ.

އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ، ދައުލަތުގެ މުއައްސަސާތަކުން އައީ މިފަދަ ޙާލަތަކަށް ވަރަށް ބޮޑަށް، ތައްޔާރުވަމުންކަމެވެ. ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ މިބަލި، ރާއްޖޭގައިވެސް ފެތުރުމުގެ ފުރުސަތު އޮތްކަމަށް ބައްލަވައި، ދައުލަތުގެ ހުރިހާ މުއައްސަސާތައް، ހިމެނޭ ގޮތަށް، ޖެނުއަރީމަހުގެ ފުރަތަމަ ހަފްތާއިން ފެށިގެން، ސަރުކާރުން އަންނަނީ މި ޙާލަތަށް ތައްޔާރުވަމުން ކަމެވެ. ވަކިންޚާއްސަކޮށް މާލެތެރެއިން އެންމެ މީހަކުވިޔަސް، މި ބައްޔަށް ފައްސިވެދާނެ ކަމަށް ބަލައި،ސަރުކާރު އޮތީ ތައްޔާރުވެގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ ސާލިޙު، ދައްކަވަމުން އެ ގެންދެވި ވާހަކަފުޅުގެތެރެއިން، އެމަނިކުފާނުގެ އަޑުފުޅު ކުރަކިވާން ފެށީ، މިހައިތަނުންނެވެ. އޭރު ކުރަކިވަމުން އެދިޔަ އަޑުފުޅުން، އެމަނިކުފާނުގެ ހިތްޕުޅުގައި ޤައުމާ ރައްޔިތުންނަށްޓަކައި އޮތް ލޯބީގެ އަސަރު، ފާއްދާލަން ފަށައިފިއެވެ. ހިތްތައް ރޮއްވަން ފަށައިފިއެވެ. އެހެންކަމުން އެ ޖުމްލަ މިތާނގައި ނަކަލު ކޮށްލަމެވެ.

" މާލޭގައި ދިރިއުޅޭ ދިވެހިރައްޔިތެއް ކޯވިޑު19އަށް، ޕޮޒިޓިވްވި ޚަބަރު، އަޅުގަނޑަށް ލިބުނީ މިއަދު ހެނދުނު". މި ޖުމްލަ ރައީސް ސާލިޙު، ވިދާޅުވަމުން ގެންދެވީ، ހިތްޕުޅަށް ކުރެއްވެމުންއެދާ އަސަރުން، ކީރިތި ކުރެއްވޭފަދަ ހާލުކޮޅެއްގައި އިންނަވައިގެންނެވެ. ދެން ހުރި ޖުމްލަތައް، އެ ވިދާޅުވަނީ، ވަރަށް ހިތްވަރުފުޅާއެކުގައިކަން، މިހައިތަނުން ޔަޤީންވާންފެށިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތްޕުޅުގައި ބަރުވެފައިވާ ހިތާމައިގެ އަސަރާއެކު، މި ވާހަކަފުޅު، އަޑުއަހަމުން ގެންދިޔަ ރައްޔިތުންނަށް، އެހައިތަނުން ދެން ފެނިގެން ދިޔައީ، އެމަނިކުފާނުގެ ލޯފުޅުން ހިލެންފެށި ކަރުނައިގެ އަސަރެވެ. ލޭ ހިލެމުންދާފަދަ ކުލައަކުން ލޯފުޅުގެ ކުލަ ބަދަލުވަމުންދާތީ، ރައްޔިތުންނަށް، ފެންނާން ފެށީ މިހައިތަނުންނެވެ.

މިއީ، މި ރިޕޯޓު ފަށަމުން، އަޅުގަނޑު ނަކަލު ކޮށްފައި އެވާ ބައިތުން، އެ ހިލެނީވެސް، ޒުވާން ޝާއިރެއްގެ ހިތްޕުޅުގެ ހިލުމެވެ. އެއީ ރައީސްގެ ވާހަކަފުޅުން، މިއަދު ގައުމަށްކުރި އަސަރެވެ. އެހެންކަމުން އެ ބައިތު، އަދިވެސް އެއްފަހަރު، މިތާނގައި ނަކަލު ކޮށްލަމެވެ.

ޝާޢިރު، އެ ވިދާޅުވީ، ވަރަށް ބޮޑު ޙަގީގަތެކެވެ. ޗައިނާގައި ކޮރޯނާ ވައިރަސް ފެށުމާއެކު، އޭގެ އަސަރު ދިވެހިރާއްޖެއަށް ކުރާނެ ކަމުގެ އިޙުސާސް، ފުރަތަމަ ކުރެއްވުނު ބޭފުޅަކީވެސް، ރައީސުލްޖުމްހޫރިއްޔާއެވެ.

އެމަނިކުފާނު ވަނީ، ރައްޔިތުންގެ މަޖިލީސް، މިއަހަރަށް ހުޅުއްވައިދެއްވި، ޖަލްސާގައިވެސް، މިކަން ތިލަކޮށްދެއްވައި، މަޖިލީހުގެ ސަމާލުކަމަށް، އެކަން ވަނީ ގެންނަވައިފައެވެ. އަދި އެފަދަ ނުރައްކާތެރި ރޯގާއަކާ، ދިވެހިރާއްޖެ ކުރިމަތިލާން ޖެހިއްޖެ ހިނދެއްގައި، ގައުމީ އުފެއްދުންތެރިކަމަށް ކޮށްފާނެ، ނުރަނގަޅު އަސަރުގެ ވާހަކަވެސް، ޙިއްސާކުރައްވައިފައެވެ.

ކޮންމެއަކަސް، މިދެންނެވި ހިސާބުން، ރައީސް ސޯލިޙުގެ ސަރުކާރުން، ދިވެހި ގައުމާ ރައްޔިތުންގެ ޙައްގުގައި، ބުރައް މަސައްކަތްތަކެއް ފެއްޓެވިއެވެ. ކަމާބެހޭ ޓާސްކްފޯހެއް އުފައްދަވައި، ތައްޔާރީތަކާ، ކުރިމަތިލެއްވިއެވެ. ކޮރަންޓީންކުރާ މީހުން ބައިތިއްބާނެ ތަންތަން ތައްޔާރުކުރާން ފެއްޓެވިއެވެ. ހަމައެހެންމެ އެކަހެރިކޮށްފައި މީހުން ބައިތިއްބާނެ ތަންތަން ތައްޔާރުކުރާންވެސް ފެށިއެވެ. މި ބައްޔަށް ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިމަތިލާއިރު، ރައްކާތެރިކަމުގެ ހެދުމާ، މާސްކާ، " ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓްސް" ހޯއްދަވަން ފެށިއެވެ.

ރައީސް ސޯލިހް ޑަބްލިޔުއެޗްއޯގެ ވެރިޔާއާއި ފޯނުން ގުޅުއްވާ މަޝްވަރާކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ އަސާސީ ޚިދުމަތްތަކަށް ސަމާލުކަން ދެއްވުމުންގެ އިތުރުން، ހަމަ އެހެންމެ މިފަދަ ޙާލަތެއްގައި، ވިޔަފާރިއާ އިގްތިސާފަށާއި ފަރުދުންގެ ފެންވަރުގައި ކުރިމަތިވާނެ ދަތިތަކަށް އެދެވޭ ހައްލެއް، ރައީސް ވަނީ ހޯއްދަވައި ދެއްވައިފައެވެ. މިކަންކަމަށް ރިޢާޔަތް ކުރެވެމުން ދިޔައިރު، މިފަދަ ބައްޔަކަށް ފަރުވާދޭނެ ނިޒާމު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި،ގާއިމުކޮށް، އޭގެ އިންތިޒާމުތައް ރޭއްވެވިއެވެ. މިބަލީގެ އެންމެ ނުރައްކާވައި ޙާލަތުގައި ނޭވާލާ ނިޒާމާ ޕުއްޕާމެއަށް ލިބިދޭންޖެހޭ ޚާއްސަފަރުވާއަށް، ޑޮކްޓަރުން ތަމްރީނު ކުރެއްވިއެވެ. ކަމާބެހޭ ބޭހާ، ކަމާބެހޭ ސާމާނު ހޯއްދެވިއެވެ.

ދިވެހިރާއްޖޭގެ ނާޒުކުކަމާ، ތޮއްޖެހިފައިވާ މާލޭގެ ޙާލަތަށް ރިޢާޔަތްކޮށް، އެންމެ ދަތި އުނދަގޫ މަރުޙަލާގައި ކަންކުރާނޭގޮތާއި، އަޅަންފަށާނެ ފިޔަވަޅު ތަކުގެ މަރުޙަލާތަކުގެ މަގުޗާޓެއް އެކުލަވާލައިފާ އޮތްވާ، ކުއްލިއަކަށް އޮޑިދަށުން ބޯހިއްލާލީ، ކޯވިޑް19ގެ ފުރަތަމަ ރާޅެވެ.

އެހައިތަނުން، ދިވެހި ސިއްޙީ ޚިދުމަތްތެރިން، މި ނުރައްކާތެރި ސިއްޙީ ހަނގުރާމައަށް ނިކުތީ، ފުރިހަމައަށް ތައްޔާރު ވެގެންނެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި، ސިއްޙީ ޚިދުމަތްތެރިން ހުސްއަތާ، ހަތިޔާރަކާނުލައި، މި ހަނގުރާމައާ ކުރިމަތިލާން ޖެހުނު ފަދަ އަކުންނެއް ނޫނެވެ.

ރައީސް ސާލިޙު، މިހައިތަނުން، ސަރުކާރުގެ އޮފީސްތަކާ ސްކޫލްތަކާ، ކޮލެޖްތަކާ، ޔުނިވަރސިޓީތައް ބަންދު ކުރެއްވިއެވެ. ރާއްޖެއަށް، ފަތުރުވެރިން ނާދެވޭނެ ގައުމުތައް، ޙާލަތަށް ރިޢާޔަތްކޮށް އިޢުލާނު ކުރައްވަންފެއްޓެވިއެވެ. އެންމެ ފަހުން، ރާއްޖޭގެ އެއަރޕޯޓުތައް ތަޅުލެއްވިއެވެ. އެހިސާބުން، ރާއްޖެ އެ ސިފަވާން އެ އޮތީ، އިގްތިސާދީ ފިޔަ ބިނދިފައި އިން ދޫންޏެއް ފަދައިންނެވެ. އެހެން ނަމަވެސް، މިއީ ރައްޔިތުންގެ ފުރާނައިގެ ޙައްގުގައި، ސާލިޙުގެ ސަރުކާރުން ނިންމި އުނދަގޫ އެހައިމެ ދަތި ނިންމުމެކެވެ.

މި ދެންނެވި ނިންމުމަށްފަހު، މިއަދުގެ ހެނދުނާ ހަމައަށް، މި ހިނގައިދިޔަ ކޮންމެ ދުވަހަކީ، މުޖުތަމަޢުގެ ތެރެއިން، ކޮރޯނާވައިރަސް ހިލިގެންފާނެ ކޮންމެ ގޯޅިއަކާ، ކޮންމެ މަގަކާ، ކޮންމެ ކުޑަދޮރެއް ބަންދުކުރަމުން ދިޔަ ދުވަސްތަކެކެވެ.

ދަރުބާރުގޭގައި ކުރިއަށްދާ މަސައްކަތްތައް ރައީސް ސޯލިހް ބައްލަވާލައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ފެންނަމުން ދިޔައީ ސަރުކާރުން ދުރާލާ އަޅަންފެށި ހަރުދަނާ ފިޔަވަޅު ތަކުގެ ކާމިޔާބީތަކެވެ. ޑަބްލިޔޫ.އެޗް.އޯއިން ލިބެމުންދިޔަ ތަޢުރީފެވެ. އެހެން އޮތްވާ، ދިވެހީންގެ އެ އުފާވެރި ހިތް، ފަޅައިގެންދިޔަ ދުވަހަކީ މިއަދެވެ. ހެނދުނުގެ އެންމެ މާއިރާ ހިނގަމުން އެ ދި ހިނދެވެ. ދިވެހި ރާއްޖޭގެ ހިތް ކުދިކުދިކޮށްލި ޚަބަރަކީ، މިހާތަނަށް ޓްރެވަލް ހިސްޓްރީއެއްނެތް ދިވެއްސަކު، މާލޭން ކޯވިޑު19އަށް ފައްސިވި ކުއްލި ޚަބަރެވެ.

ރައީސް ސޯލިޙު، މި ޚަބަރު، ދިވެހި ރައްޔިތުންނާ ޙިއްސާ ކުރައްވަމުން ގެންދެވި ހިނދު، ފެންނަމުން ދިޔައީ، އެމަނިކުފާނުގެ ހިތްޕުޅުވެސް ކުދިކުދިވެފައިވާތީއެވެ. އަޑުފުޅުބެދި، ކުރިއަށް ވިދާޅުވާން އޮތް ކޮންމެ ޖުމްލައަކަށް، ހުރަސްވަމުން އެދިޔައީ، މިދެންނެވި ހިތްދަތި އަސަރުތަކެވެ. ލޯފުޅުގައި ހިނގަމުން އެދިޔައީ، މިދެންނެވި ހިތާމައިގެ ކަރުނައެވެ.

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ފެންކަޅިވެފައި އިންނަވައިގެން، ދިވެހި ރައްޔިތުންނަށް، ފަޅިފަޅިވެފައިވާ ހިތްޕުޅަކުން، އަނެއްކައިވެސް، މިއަދު ރޯކޮށްދެއްވީ، އުންމީދުގެ ހުޅުކޮޅެވެ. އެއީ މާތް ﷲގެ ރަޙުމަތްފުޅާއެކު، ދިވެހިސަރުކާރުން މިކުރާ މަސައްކަތުން، މި ޙާލަތުން އަރައިގަނެވިދާނެ ކަމުގެ، އަލިކަން ފާއްދާލި ހުޅުކޮޅެވެ. މިފަދަ ހުޅުކޮޅެއް، މީގެ ދެތިން ހަފްތާކުރީންވެސް އެމަނިކުފާނު އޮތީ ރޯކޮށް ދެއްވައިފައެވެ. އަދާ ހަމައަށް، ދިވެހީން ހިނގަމުން އައީވެސް އެ އަލިކަމުގައެވެ.

އެހެން އޮތްވާ، ދިވެހީންގެ ހިތް ފަޅައިގެން ދިޔަހިނދުވެސް، އެމަނިކުފާނު، އެ ދިއްލަވައިދެއްވީ، އުންމީދީ ވޮށެކެވެ.

މި ވޮށުން، ވޮށް އަލިވާހިސާބުގައި އޮތް ގައުމުގެ ކިބައިން، އަނެއްކައިވެސް އެމަނިކުފާނު، އެދިވަޑައިގަތީ، ސިއްޙީ އާދަތައް ރައްޔިތުން ކުރިއަށް ނެރުއްވުމަށެވެ. ރައްޔިތުން ގޭގައި މަޑުކުރައްވައިގެން ތިއްބެވުމަށެވެ.

އޭރުވެސް އެމަނިކުފާނު ހިތްވަރުޅާއެކު އުއްމީދީ ހުޅުކޮޅަކުން ގައުމަށް އެ އަލިކަން ދެއްވަނީ، ހިތާމައިގެ މޮޅި ސާލުކޮޅެއްގައި އިންނަވައިގެންނެވެ. ނިހާއީ އަސަރާ، ހިތްދަތިކަމުގައި، އިންނަވައިގެންނެވެ. މި ހުރިހާދުވަހު، އެފަދަ ޙާލަތަކަށް ގައުމު ދިޔަނުދޭން، އެމަނިކުފާނުގެ ސަރުކާރުން ކުރެއްވި ބުރަ މަސައްކަތް، ބިއްލޫރި އުނބުގަނޑެއް، ވެއްޓި ތެޅުމުން، އެ ލިބޭފަދަ ހިތާމައެއްގެ ތެރެއަސް ގެނބިގެން ދިޔައީތީއެވެ.

އެހެން ނަމަވެސް، މިއީ އަދި އެންމެ ފަރުދެކެވެ. ދުނިޔޭގެ ގައުމުތައް، މިކަންކަމުގައި އެޅި ކަރުނަޔާ، އުފުލިތަކުލީފާ، ކުރިމަތިލީ ޙާލަތަށް ބަލާއިރު، ރާއްޖެއަށް، މިހާތަނަށް ހޯދިފައިވަނީ، މަތިވެރި ކާމިޔާބީ ތަކެކެވެ. ރައީސް މި ޙާލަތުގައިވެސް އެ އާކުރައްވަނީ އެ ހިތްވަރެވެ.

ރައީސް ސާލިޙުގެ ވާހަކަފުޅުން ދިވެހީންގެ ހިތްތައް ކުދިކުދިވެގެން އެދަނީ، ސަރުކާރުން ކުރަމުން އައި ގަދަ ހިތްވަރާ ބުރަ މަސައްކަތްތަކުގެ ކާމިޔާބީ ތަކުގެ ހިތްހަމަ ޖެހުމުގެ ތެރެއަށް، ތަދައްޚުލްވި، މި ހިތާމަވެރި ޚަބަރުންނެވެ. ޚުދު އެކަމުން ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވުނު ފުން އަސަރުންނެވެ. ރައީސްގެ އަޑުފުޅާއި ލޯފުޅުން ފެނިގެން އެދިޔަ،މިދެންނެވި ހާމަވީ މަންޒަރުންނެވެ. އެމަނިކުފާނަށް ފޮރުވެންނެތް ލޯފުޅުގެ ތެރެއިން، ދިވެހީން ދުއް، އެ އަސަރުގަދަ މަންޒަރުންނެވެ. މިއީ، ގައުމުދެކެ އިންތިހާއަށް ލޯބިފުޅުވާ، ރައީސެއްގެ ހިތްޕުޅެއްގެ އިޙުސާސްކަން، ރައްޔިތުން ވަމުން އެދަނީ މިހައިތަނުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
78%
17%
0%
4%
ކޮމެންޓް
17 އޭޕްރިލް 2020 | ހުކުރު 11:18
ާމީނަ
މިއޮއްކޮމެންޓްކުރާމީހުންނެއްދޯ☹️
16 އޭޕްރިލް 2020 | ބުރާސްފަތި 16:08
ނާާނު
،ގޮތް ދެއްކުން ޝުކުރިއްޔާ
15 އޭޕްރިލް 2020 | ބުދަ 22:03
އަންތަރީސް
އެއީ ގޮތްދެއްކެންވެގެން
15 އޭޕްރިލް 2020 | ބުދަ 20:43
އަހަރެން
އަސްލުވެސް .. ވަރަށް ސަޅި ޑްރާމާ އެއް