ކ. މާލެ
|
27 މާރޗް 2020 | ހުކުރު 15:58
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް
އީޕީއޭ
ކޮވިޑް-19
އެންމެ ގިނަ ކޭސް ފެނުނު ޤައުމަކަށް އެމެރިކާ ވެގެންދިއުމާއެކު، ވައިރަސްއާ ގުޅިގެން ޓްރަމްޕްގެ ރާގު ބަދަލުވަނީ؟!
 
އޭރު ޓްރަމްޕް މި ވައިރަސްއަށް މުޚާތަބުކޮށް އުޅުއްވީވެސް "ޗައިނާ ވައިރަސް" ގެ ނަމުން
 
އެމެރިކާގައި ތިބީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ކުޅަދާނަ ޑޮކްޓަރުން ކަމަށް ވިދާޅުވި
 
އެމެރިކާއިން މި ވައިރަސް ފެތުރުނު މީހުންގެ އަދަދު ވަނީ ޗައިނާއަށްވުރެވެސް އިތުރުވެފައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ގޮތް ދޫނުކުރައްވާ، ބޮޑާ ބޭފުޅެއް ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެއެވެ. ދިމާވާ އެކި ކަންކަމުގައި ގޮތުގައި ހުންނަވާ ޓްރަމްޕަކީ ބޭނުންފުޅުވާ ކަމެއް ހާސިލު ކުރުމަށްޓަކައި ކޮންމެ ބަޔަކަށްވެސް ގޮންޖައްސަވަން ޖެހިލުންވެވަޑައިނުގަންނަވާ ބޭފުޅެއް ކަމަށް ބުނާ ގިނަ މީހުންވެސް ބުނާ އެއް ވާހަކައެއް އޮވެއެވެ. އެއީ ޙާލަތުގެ ގޮތުން ބައެއް ފަހަރު ގޮތް ދޫކުރައްވަން ޖެހިވަޑައިގަތަސް ޓްރަމްޕަކީ ވަރަށް ވާހަކަ މޮޅު، ނުވަތަ "ބަހުން މެޓާ ކަމުން ރެކޭ" ބޭފުޅެއްކަމަށެވެ.

މިހާރު ދުނިޔޭގައި ފެތުރެމުންމިދާ ކޮވިޑް-19 އާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދައްކަވަމުން އައި ވާހަކަފުޅާއި، އެމަނިކުފާނުގެ ރާގުކޮޅު ބަދަލުވަމުން އައި ގޮތަކީ އޭގެ މިސާލެއްކަމަށް މީހުން ބުނެއެވެ. އެގޮތުން ޗައިނާއިން ފެނުނު މި ވައިރަސް ދުނިޔޭގެ 200 އަށްވުރެވެސް ގިނަ ޓެރިޓަރީން ފެނިގެންދިޔައިރުވެސް މިހާތަނަށް ވައިރަސްއަށް ޕޮޒިޓިވްވި މީހުންގެ އަދަދު އެންމެ ގިނަ ޤައުމަކަށް އޮތީ ޗައިނާއެވެ. ނަމަވެސް ބުރާސްފަތި ދުވަހު އެމެރިކާއިން މި ވައިރަސް ފެތުރުނު މީހުންގެ އަދަދު ވަނީ ޗައިނާއަށްވުރެވެސް އިތުރުވެ މުޅި ދުނިޔޭގެ ސަމާލުކަން އެކަމަށް ލިބިފައެވެ. އެހިސާބުން ޓްރަމްޕް ވައިރަސްއާއި ގުޅިގެން ދައްކަވާފައިވާ ބައެއް ވާހަކަފުޅާއި، ރާގު ބަދަލުވެގެން ދިޔަ ގޮތް ބަލާލުމުގެ ޝައުޤުވެރިކަން އިތުރުވެގެން ދިޔައެވެ.

ޓައިމްލައިން: ފުރަތަމަ ވިދާޅުވީ އެއީ އާދައިގެ ރޯގާއެއް ކަމަށް

މިދިޔަ އަހަރު ފަހުކޮޅު ޗައިނާގެ ހޫބޭ ޕްރޮވިންސް ގެ ވުހާން ސިޓީން ފެނުނު މި ވައިރަސް މިއަހަރު ޖެނުއަރީ މަހުގެ ފަހުކޮޅު ހަލުވި މިނެއްގައި ފެތުރެން ފެށުމާއެކު ޤައުމުތަކުން އެކަމަށް ތައްޔާރުވުމުގެ މަޝްވަރާތައް ފެށިއެވެ. އެގޮތުން އެމެރިކާއިންވެސް ވައިރަސްއަށް ޕޮޒިޓިވްވި 5 ކޭސްއެއް ފެނިގެން ދިއުމާއެކު މާރޗު މަހުގެ ތެރޭގައި ޓްރަމްޕް އެމެރިކާގެ ރައްޔިތުންނާ މުޚާތަބު ކުރައްވައި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ކަންބޮޑުވާން ޖެހޭ ކަމެއް ނެތް ކަމަށާއި، ވައިރަސްގެ ނުރައްކާ އެމެރިކާއަށް އޮތީ ވަރަށް ކުޑަކޮށް ކަމަށެވެ.

އަދި ޤައުމުތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، އެމެރިކާއަށް މިކަމުގައި އޮތީ ރަނގަޅު ނިމުމެއްކަމަށް އޭރު ޓްރަމްޕް ވިދާޅުވިއެވެ.

އެއަށްފަހު ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، އެމެރިކާގައި ތިބީ ދުނިޔޭގެ ފެންވަރުގައި ގުނާލެވޭ ކުޅަދާނަ ޑޮކްޓަރުން ކަމަށާއި، އޭޕްރީލް މަހުގެ ނިޔަލަށް ހުރިހާކަމެއް ހަމައަކަށް އެޅިގެންދާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެމެރިކާއިން ބޯޑަރުތައްވެސް އޭރު ބަންދުކޮށްފައިވުމާއެކު ހުރިހާކަމެއް އޮތީ "ކޮންޓްރޯލް ކުރެވިފައި" ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އޭގެ ފަހުން ފެބްރުއަރީ މަހުގެ ފަހުކޮޅު ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، މިއީ އާދައިގެ ރޯގާއެއް ކަމަށާއި، އާދައިގެ މަތިން މި ރޯގާއަށްވެސް ވެކްސިންއެއް ހޯދިދާނެ ކަމަށެވެ. އަދި އަވަސް މުއްދަތެއްގައި އެކަންކަން ހަމަޖެހިގެންދާނެ ކަމަށާއި، ރައްޔިތުން ހާސް ނުވުމަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

އެއަށްފަހު ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވީ، ވައިރަސްގެ ސަބަބުން އެމެރިކާގައި އެހާތަނަށް މީހަކު މަރުވެފައި ނުވާ ކަމަށާއި، އެއީ ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ކަމަށެވެ. އަދި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާއި، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވަމުންދާ ކަންކަން ސިޔާސީ ކުރުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވެ ޓްރަމްޕް ނުރުހުން ފާޅުކުރެއްވިއެވެ. އޭރު މަލާމާތުގެ ރާގަކަށް ޓްރަމްޕް ވަނީ ފާޑުކިޔާ މީހުންނަށް ރައްދު ދެއްވައި އަމިއްލަފުޅަށް އެމަނިކުފާނަށް ތައުރީފު ކުރައްވައި ވާހަކަދައްކަވާފައެވެ.

ޖެހިގެން އައި ދުވަހު ދެއްކެވި ވާހަކަ ކޮންމެސް ވަރަކަށް ތަފާތުވެގެން ދިޔައެވެ. އެގޮތުން ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހު ވައިޓްހައުސްގައި ބޭއްވި ބައްދަލުވުމެއްގައި ވިދާޅުވީ، އެމެރިކާ އޮތީ ކޮންމެ ޙާލަތަކަށްވެސް ފުރިހަމައަށް ތައްޔާރުވެ ކަމަށާއި، ހާލަތު އިތުރަށް ގޯސްވެގެން ނުދާނެ ކަމަށެވެ.

މާރޗު މަހުގެ 2 ވަނަ ދުވަހު ދެއްކެވި ވާހަކަފުޅަކަށް ބަލާއިރު، އެ ދުވަހު ވިދާޅުވީ، އެމެރިކާއިން އެހެނިހެން ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، ބައެއް ޤައުމުތައް އަދި ތައްޔާރު ނުވާ ކަމަށެވެ. އޭރު ޓްރަމްޕް މި ވައިރަސްއަށް މުޚާތަބުކޮށް އުޅުއްވީވެސް "ޗައިނާ ވައިރަސް" ގެ ނަމުންނެވެ. އަދި ޒަމާނީ ތާރިޚުގައިވެސް އެމެރިކާއިން ވެފައިވާފަދަ ތައްޔާރީއެއް އެހެން ޤައުމަކަށް ނުވެވޭކަމަށް ޓްރަމްޕް ވިދާޅުވިއިރު، އޭރުވެސް ޓްރަމްޕްގެ ބޮޑާކަމަށް ވަރަށް ގިނަ ފަރާތްތަކުން ދިޔައީ ފާޑުކިޔަމުންނެވެ.

އެއަށްފަހު ހާލަތު ބަދަލުވަމުންގޮސް އެމެރިކާގައި ކުއްލި ޙާލަތު އިއުލާނު ކުރާ ހިސާބަށްވެސް ދިޔައެވެ. އެގޮތުން މާރޗު މަހުގެ 13 ވަަނަ ދުވަހު އެމެރިކާގައި ކުއްލި ޙާލަތު އިއުލާނު ކުރައްވާފަައިވާއިރު، އޭރުވެސް އެމެރިކާގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ވައިރަސް ދިޔައީ ފެތުރެމުންނެވެ.

އެންމެ ފަހުން މާރޗު މަހުގެ 17 ވަނަ ދުވަހު ދެއްކެވި ވާހަކަފުޅުން ހަމަ ހައިރާންވެ އަންތަރީސްވިއެވެ. އެމަނިކުފާނު ވިދާޅުވީ، މި ވައިރަސް ދުނިޔެއަށް ކުރިމަތިވެފައިވާ "ޕެންޑެމިކް"އެއް ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ނިންމުމުގެ ކުރިންވެސް އެމަނިކުފާނަށް މިއީ އެފަދަ ބޮޑު "ޕެންޑެމިކް"އެއްކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މިއީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައިވާ ރޯގާއެއްކަން އަމިއްލަފުޅަށް އަބަދުވެސް އިހުސާސް ކުރެވުނުކަމަށް ވިދާޅުވީ މޫނުފުޅަށް ރުލެއްވެސް އަރުވާނުލައެވެ.

އެންމެ ފަހުން މާރޗު މަހުގެ 26 ވަނަ ދުވަހު އެމެރިކާއިން މި ވަނީ މި ވައިރަސްއަށް އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ޤައުމު ތަކުގެ ލިސްޓުގެ ކުރިއަށް އަރާފައެވެ. އެގޮތުން ޖެހިގެން އައި ދުވަހު އިވިގެން މި ދިޔަ ޚަބަރަކީ އެމަނިކުފާނު ޗައިނާގެ ރައީސްއަށް ގުޅުއްވައި ވައިރަސްއާ ގުޅޭ މަޝްވަރާތައް ކުރެއްވި ޚަބަރެވެ. ޗައިނާއަށް ތައުރީފު ކުރެއްވި ޚަބަރެވެ. ގުޅިގެން މަސައްކަތް ކުރުމަށް އަތުގުޅާލެއްވި ޚަބަރެވެ. އެންމެ ފަހުން "ޗައިނާ ވައިރަސް" ކޮރޯނާވައިރަސްއަށް ބަދަލުވެގެން މިދިޔައީ ލަވައެއްގެ ރާގުވެސް ބަދަލު ނުވާނެހާ އޮމާންކޮށް އަމާންކޮށެވެ. މިއީ ހައްތަހާވެސް ދުނިޔެ ދައްކާ މަންޒަރުތަކެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
66%
3%
2%
14%
7%
8%
ކޮމެންޓް
29 މާރޗް 2020 | އާދީއްތަ 11:46
ހޖޔ6
މަންޖެގެ ރިޕޯރޓް ހަމަ ވަރަށް ތެދު...
29 މާރޗް 2020 | އާދީއްތަ 10:34
حسين
ވަރަށް ފުރިހަމަ
28 މާރޗް 2020 | ހޮނިހިރު 22:57
ޙުސްނީ
ދުނިޔެއަށް ދިމާވެފއިވާ އެއްމެ ބޮޑު މުޞީބާތަކީ އެރިކާ، މުޅިދުނިޔޭގެ ހަމަޖެ ހުން ގެއްލުވާލާ އެތައްބަޔަކަށް ބޮޑެތި ބަލާވެރިކަން ޖައްސަމުން އަންނަނީ އެމެރިކާގެ ވެރިން...... އެމެރިކާ ކޮންމެ ކަމެއް ކުރިޔަސް ދުނިޔޭގެ އެއްވެސް ގައުމަކަށް ކަމެއްނުކުތެވޭ، މިފަދަގޮތަކަށްނަމަވެސް އެމެރިކާގެ ވެރިން ސައިޒް ކުރެވިގެން މެނުވީ ދުނިޔެއަކަށް ހަމަޖެހުމެއް ނެތެއެވެ..... ޔާﷲ މިވަބާއިން މުސްލިމް އުއްމަތް ސަލާމަތްކުރައްވާ ރައްކާކުރައްވާށި... އާމީން