ކޮވިޑް-19: ގައުމުގެ މިހާރު ހާލަތާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފި
10 މާރިޗު 2020 | އަންގާރަ 17:29ސަރުކާރުގެ ޚަރަދުތައް ވަރަށް ބޮޑަށް ކުޑަ ކުރަންޖެހޭ


ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ސަރުކާރުގެ ވުޒާރާތަކުން މިހާރު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި، ޤައުމުގެ މިހާރުގެ ޙާލަތާބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވައިފިއެވެ.
އަންގާރަ ދުވަހު ވަޒީރުންގެ މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޮވިޑް-19 އަށް ޕޮޒިޓިވް 6 މީހަކު ރާއްޖެއިން ފެނުމާ ގުޅިގެން، މިހާރުން މިހާރަށް އިތުރަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މި ބަލި ކޮންޓްރޯލް ކުރެއްވުމަށްޓަކައި ޙާލަތައް ބައްލަވާ، އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅއްވަމުން ގެންދަވާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
ރައީސް ޞާލިޙުގެ ވާހަކަފުޅުގައި، މިއީ، ވީހާވެސް ތެދު މަޢުލޫމާތު ރައްޔިތުންނަށް އޮޅުންފިލުވައިދީ، ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެދޭ ގޮތަކަށް ކަންކަން ދިޔަ ނުދިނުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ވަގުތު ކަމަށް ވެސް ވިދާޅުވިއެވެ.
މިޖަލްސާގައި، ކޮވިޑް-19 އާ ގުޅިގެން މިހާރު ޔެލޯ އެލަރޓް ނެރެފައިވުމާއެކު، ސަރުކާރުގެ ޚަރަދުތައް ވީހާވެސް ބޮޑަށް ކުޑަކުރެއްވުމުގެ މުހިއްމު ކަމުގެ މައްޗަށާއި، ހުރިހާ އިދާރާއަކުންވެސް ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތައް މިވަގުތު ނުކުރެއްވުމަށް ބާރު އަޅުއްވައި މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. ހަމައެއާއެކު، ސަރުކާރުގެ ހުރިހާ ވުޒާރާތައް ގުޅިގެން މަސައްކަތްކޮށް އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމުގެ މުހިއްމު ކަމުގެ މައްޗަށްވެސް މެންބަރުން ބައްލަވާލެއްވިއެވެ.






