ސީއެސްސީގެ މަސައްކަތްތައް ލަސްވުމުން މިނިސްޓަރު ޝާހިދުގެ ހިތްހަމަ ނުޖެހުން!
20 ޖެނުއަރީ 2020 | ހޯމަ 07:15މުޅި ދައުލަތަށް އެކަމުގެ ނޭދެވޭ އަސަރު ކުރޭ


ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުން
ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ)ގެ މަސައްކަތްތައް މާބޮޑަށް ލަސްވާތީ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ނުރުހުން ފާޅުކުރައްވައިފިއެވެ.
ހޯމަ ދުވަހު ފޮރިން މިނިސްޓްރީއަށް ޕަރމަނަންޓް ސެކްރެޓަރީ ޢައްޔަނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ ސީއެސްސީގެ މަސައްކަތްތައް ވަރަށް ބޮޑަށް ލަސްކަން ފާހަގަކުރެވިފައިވާ ކަމަށާއި، މުޅި ދައުލަތަށް އެކަމުގެ ނޭދެވޭ އަސަރުކުރާ ކަމަށެވެ. އަދި ކަންކަން ލަސްވެގެން ދާދިއުމާ ދޭތެރޭގައި މިނިސްޓަރު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރައްވާފައެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ޕަރމަނަންޓް ސެކްރެޓަރީ މަޤާމު ހުސްވުމަށްފަހު އަލުން އައު ބޭފުޅަކު ޢައްޔަނު ކުރުމަށް ތިން މަހާ ބާރަ ދުވަސްވެފައިވާ ކަމަށާއި، މިއީ ކަންވެގެންވާނެ ގޮތް ނޫން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސީއެސްސީ ނަމޫނާ ކޮމިޝަނަކަށް ވާންޖެހޭކަމަށާއި، މުއައްޒަފުންނަށް ނަމޫނާ ދައްކާ ބައެއްކަމުގައިވާން ޖެހޭ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި ފެނިގެންދަނީ ކަންކަން ލަސްވެ ކަންކަން ދިގުލައި ޤަބޫލުކުރަން ދަތި މިންވަރަށް ގޮސްފައިވާ މަންޒަރުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ޝާހިދު ވިދާޅުވީ ސީއެސްސީ އާއި ފޮރިން މިނިސްޓްރީއާ ދޭތެރޭގައި މަޝްވަރާކުރެވި، މިނިސްޓްރީގެ މުއައްޒަފުންނަށް ބޭނުންވާ މަޤާމުގެ ކުރިއެރުމާއި ކަންތައްތައް ހަމަޖެއްސުމަށް އިޢުލާން ކުރެވި އެއިޢުލާން ބާޠިލުވެ، އަލުން އިއުލާން ކުރުމަށް ވާހަކަ ދެކެވެމުންދާތާ ޖުމުލަ މިހާރު 28 ދުވަސްވެފައިވާ ކަމަށެވެ. އަދި މިއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސަރުކާރެއް އަންނަނީ ރައްޔިތުންނަށް ވަޢުދުތަކެއް ވެގެންކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ ސީއެސްސީގެ މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރަން ޖެހޭކަމަށެވެ.
މިނިސްޓަރު ޝާހިދު ވިދާޅުވީ ދައުލަތަށް ލަސްކަން އައުމަށް ސީއެސްސީއަށް އޭގެ ބަދުނާމު ނުދާނެ ފަދަ ގޮތަކަށް މަސައްކަތްތައް ރާވާ ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ކުރިއަށް އޮތްތާގައި މަސައްކަތްތައް ރަނގަޅުކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.





